ހަތް ދުވަހުގެ ތެރޭގައި ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ގޮތަށް ލޯކަލްގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑް އެކުކަވާލަން އިދާރީދައިރާތައް ހިންގުމާބެހޭ ޚާއްޞަ ބިލްގައި ފާސްކޮށްފިއެވެ.
ކައުންސިލްތަކުގެ މުއްދަތު ދިގުދަންމާލުމަށް މަޖިލީހުން ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙާގުޅިގެން އިންތިޤާލީ މަރުހަލާގައި އިދާރީ ދާއިރާތައް ހިންގުމަށް އެކުލަވާލެވި ބިލް އިޞްލާޙުތަކާއެކު ފާސްކުރީ ރޭ ދަންވަރު ބޭއްވި ޖަލްސާގައެވެ. ބިލް ފާސްކުރެއްވީ 73 މެމްބަރުންގެ ޢިއްތިފާޤުންނެވެ.
މި ބިލް ލާމަރުކަޒީ ކޮމެޓީން ނިންމި ގޮތަށް ރޭގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ހުޞައިން ވަނީ ފަސް އިޞްލާޙެއް ހުށަހަޅައިފައެވެ. އޭގެތެރެއިން އެންމެ މުހިންމު އެއް އިޞްލާޙަކީ ބިލުގެ ހަވަނަ މާއްދާގެ ފަހަތަށް ހަތްވަނަ މާއްދާއެއް އިތުރުކޮށް އެމާއްދާގެ (ހ) ގެ ގޮތުގައި ބިލްތަސްދީޤުކޮށް ޤާނޫނަކަށްވާތާ ހަތްދުވަހުގެތެރޭގައި ހަތް މެމްބަރުންގެ މައްޗަށް އެލްޖީއޭ ބޯޑް ރައީސުލްޖުމްހޫރިއްޔާ އެކުކަވާލަން ޖެނޭނެކަމަށް ބަޔާންކުރުމެވެ. އެމާއްދާގެ (ށ) ގައި ބުނެފައިވަނީ އެލްޖީއޭ ބޯޑަށް އައްޔަން ކުރައްވާ މެމްބަރަކީ ދައުލަތުގެ ވަޒީފާއެއް އަދާކުރުމުގެ ސަބަބުން ދައުލަތުން މުސާރަލިބޭ މެމްބަރަކަށް ވާނަމަ އެމެމްބަރަކަށް އެވަޒީފާއަކުން ލިބޭ އުޖޫރައިގެ އިތުރަށް އިތުރު އުޖޫރައެއް ލިބިގެން ނުވާނެކަމަށެވެ. (ނ) ގައި ވަނީ ލާމަރުކަޒީ ޚާއްޞަ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެލްޖީއޭ ބޯޑް އެކުލަވާކުމާއެކު މިހާރު ހިނގަމުންދާ އެލްޖީއޭގެ ބޯރޑް އުވޭނެކަމަށެވެ. އަދި އެމާއްދާގެ (ރ) ގައި ބުނަނަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ އެލްޖީއޭ ބޯރޑްގެ މަސްއޫލިއްޔަތުތަކާއި ޒިންމާ ތަކަކީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މަސްޢޫލިއްޔަތުތަކާއި ޒިންމާތައްކަމަށެވެ.
ޤާނޫނީ ޢަދަދު ހަމަވާ ވަރަށް ކައުންސިލުގައި މެމްބަރަކު ނެތުން، ޚާއްޞަ ޤާނޫނުގައި މާނަކޮށްފައިވަނީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން މެމްބަރަކު މަޤާމުން ވަކިވުމުގެ ސަބަބުން ނުވަތަ ރޭ ފާސްކުރި ޚާއްޞަ ޤާނޫނުގެ ދަށުން ކައުންސެލަރަކު ސަސްޕެންޑް ކުރުމުގެ ސަބަބުން ކައުންސިލެއްގެ ޤާނޫނީ ޢަދަދު ހަމަނުވުމަށެވެ. މިމައްސަލައަށް ޙައްލެއްގެނެސްފައި ވަނީ ތުޅާދޫ ދާއިރާގެ މެމްބަރ، ޚާއްޞަޤާނޫނުގެ ބިލްގެ މާނަކުރުމުގެ ބަޔަށް އިޞްލާހެއްގެ ގޮތުގައި ހުށަހެޅި މާއްދާއެއް ފާސްކުރައްވައިގެންނެވެ.
ރޭ މަޖިލީހުން ފާސްކުރެއްވި ލާމަރުކަޒީ ޚާއްޞަ ބިލަކީ ހެންވޭރު ހުޅަނގުދާއިރާގެ މެމްބަރ ޙަޞަންލަތީފް މަޖިލީހަށް ހުށަހެޅުއްވީ ސަންސެޓް ނުވަތަ ވަގުތީ ބިލެކެވެ. ބިލް މަޖިލީހަށް ހުށަހެޅުއްވީ ޤާނޫނުއަސާސީ އިޞްލާޙު ނުކޮށް ކައުންސިލްތަކުގެ ދައުރުހަމަވުމުގެ މައްސަލައަށް ޤާނޫނުން ޙައްލެއް ހޯއްދެވުމަށެވެ. ނަމަވެސް އެމްޑީޕީ މެމްބަރުންގެ ޚިޔާލު ބަދަލުވެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް ބަންޑާރަ ނާއިބް ފޮނުވި ބިލް ބަލައިގަތުމަށް އެމްޑިޕީ ޕާލަމަންޓްރީ ގްރޫޕުން ނެރުނު ވިޕްލައިނާ ގުޅިގެން، މެމްބަރ ޙަޞަންގެ ބިލްގައި ޤާނުނޫއަސާސީ އިޞްލާހު ނުކޮށް ކައުސިންސިލްތައް ދެމި އޮތުމާ ގުޅޭގޮތުން ހިމަނައިފައިވާ ބައިތައް ވަނީ އުނިކޮށްފައެވެ.