ޗައިނާގެ ވޫހާން ސިޓީން ފެނި މިއަދު މުޅި ދުނިޔެއަށް ފެތުރިފައިވާ ނޮވެލް ކޮރޯނާ ވައިރަސް، ނުވަތަ އެ ވައިރަހުން ޖައްސާ ކޮވިޑް-19 ބައްޔަކީ މިއަދު ދުނިޔޭގައި އުޅެމުން މިދާ ޖީލަށް ކުރިމަތިވި އެންމެ ބޮޑު މުޞީބާތެވެ. މި މުޞީބާތް ކުރިމަތި ވެފައި ވަނީ ދުނިޔޭގައި ތިބި އެންމެންނަށެވެ. ކާފަރުންނާއި، މުސްލިމުންނަށެވެ. ރަނގަޅު މީހުންނަށާއި، ނުބައިމީހުންނަށެވެ. އެހެންކަމުން، ފަސް އެނބުރި ބަލާލައި، މި ފަދަ މުޞީބާތެއް އިންސާނުންނަށް ޖެހުނީ ކީއްވެތޯ ހޯދައި ބަލާލަން ޖެހެއެވެ.
އެންމެ ފުރަތަމަ ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ ކީރިތި ﷲ ގެ މި މަތިވެރި ބަސްފުޅުގައިވާ ހަގީގަތެވެ. ﴿وَمَآ أَصَـٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ﴾ َ (ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ.) (އައްޝޫރާ: 30) ކޮރޯނާ ވައިރެސްގެ މުޞީބާތްވެސް މި ބަސްފުޅުން އިސްތިސްނާ ނުވެއެވެ. މިއީވެސް، އިންސާނުންގެ އަމަލުތަކުގެ ސަބަބުން އެކަލާނގެ އެބައިމީހުންގެ މައްޗަށް ފޮނުއްވި މުޞީބާތެކެވެ.
އިންސާނާ ތަރައްގީގެ މަގުގައި ކުރިއަރައިގޮސް، އޭނާގެ އަމިއްލަ ތަގްދީރު ރާވަނީ އޭނާކަމަށް ގަބޫލުވެ، އޭނާ ނުކުޅައްދައިލެވޭނޭ އެއްވެސް ފަރާތެއް ދެން ނެތް ކަމަށް އޭނާއަށް ހީކުރެވޭ ހިސާބަަށް ދިއުމުން، އޭނާގެ ވެރިރަަސްކަލާނގެ އޭނާއަށް އެކަން ހަނދުމަކޮށްދެއްވުމަކީވެސް މިފަަދަ ވަބާއެެއްގެ ސަބަބު ކަމުގައި ވުމީ ހަމަ އެކަށީގެންވާ ކަމެކެވެ. އިސްވެ ބަޔާންކުރި އާޔަތާއި ވިދިގެން މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅު ކިޔައިލުމުން އެކަން ދޭހަވެއެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿وَمَآ أَنتُم بِمُعْجِزِينَ فِى ٱلْأَرْضِ ۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ﴾ (އަދި ތިޔަބައިމީހުންނީ، ބިމުގައި (اللَّه) ނުކުޅައްދައި، ރެކިގެންދާނޭ ބަޔަކުކަމުގައި ނުވެތެވެ. އަދި ތިޔަބައިމީހުންނަކަށް اللَّه ފިޔަވައި އެއްވެސް އެހީތެރިޔަކު، އަދި نصر ދޭނޭމީހަކުވެސް ނުވެތެވެ.) (އައްޝޫރާ: 31)
އިންސާނުންގެ އަރާމާއި އުފަލަށްޓަަކައި އެބައިމީހުން ވަނީ ބިންމަތި ފަސާދަކޮށްފައެވެ. ފަސާދައޭ ދެންނެވީ ހުރިހާ ބާވަތެއްގެ ފަސާދަ ހިމެނޭހެންނެވެ. އަޚްލާގީ ގޮތުން ފަސާދަކުރުމެވެ. މާތް ﷲ ހަރާމްކުރައްވާފައިވާ ކަންކަމަށް އަރައިގަތުމެވެ. ދުނިޔޭގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން ދުނިޔޭޭގެ ވެށި ހަލާކުވެ ފަސާދަވުމެވެ. އެހެންކަމުން ދުނިޔެ ހަމައަކަށް އެޅުމަށްޓައިި، މިކައުނުގެ ވެރި އިލާހުގެ ޙަޟްރަތުން މިފަދަ ކަމެއް އައުމަކީ ނެތް ކަމެއް ނޫންކަމަށް އަޅުގަނޑުމެން ވިސްނަން ޖެހެއެވެ. މާތް ﷲގެ އަންނަނިވި ވަޙީ ބަސްފުޅުގައިވާ ފަސާދަ އޭގެ އާއްމު މާނައިގައި ވިސްނައިފިއްޔާ މިއީ ރަނގަޅު ވާހަކައެެއްކަން ވިސްނޭނެއެވެ. ﴿ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ﴾ (މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް عمل ގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (توبة ވެ) رجوع ވުމަށްޓަކައެވެ.) (އައްރޫމް: 41)
އެހެންކަމުން، ދެންވެސް އޮތް ކަމަކީ ނުބައި އަމަލުތައް ދޫކޮށް މާތް ﷲގެ ޙަޟްރަތަށް ރުޖޫޢަވުމެވެ. އަދި ދުނިޔޭގެ ވެށި ހަލާކުކޮށް އަހަރުމެން އިސްނާނުން ކުރަމުން ދިޔަ ފަސާދަ ހުއްޓައިލުމެވެ.
މިއަދު ކޮރޯނާ ވައިރަސްގެ ސަަބަބުން މަޖުބޫރުވެގެން އިންސާނުން ކުރަމުުން އައި ގިނަ ކަންތައްތަކެއް ހުއްޓައިލުުމުން، ދުނިޔޭގެ ވަށި ވަރަށް ބޮޑުތައް ރަނގަޅުވެ، ކުރިން ވެފައިވާ ގެއްލުންތައް ރަނގަޅުވަމުން އަންނަ ކަމަށް އެކަމުގެ މާހިރުން ދަނީ ބުނަމުންނެވެ.
ނޮވެލް ކޮރޯނާ ވައިރަސް އަކީ މާތް ﷲ ޢަޛާބަކަށްވުމަށް ވުރެ ބޮޑަށް ބަލަން ޖެހެނީ އެއީ އެކަލާނގެ ކުރެއްވި ބޮޑު އިމްތިހާނެއް ކަމުގައެެވެ. އިންސާނާ ހަމަމަގަށް އެޅެން ދެއްެވި އިންޒާރެއް ކަމުގައެވެ. އެހެނީ، މިއަދު އިންސާނުންގެ އަމަލުތައް ގޮސްފައިވާ ހިސާބުން އެކަލާނގެ އެޢަމަލުތަކަށް އެބައިމީހުންނަށް އަދަބު ދެއްވާނަމަ މިދުނިޔެމަތީގައި އެކަކުވެސް ނުހުރީހެވެ. އެހެނަސް، އެކަން އެކަލާނގެ ވަނީ ވަކި ދުވަހަކަށް ފަސްކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَآبَّةٍ وَلَـٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍ مُّسَمًّى﴾ (އަދި އެއުރެންގެ އަނިޔާގެ ސަބަބުން اللَّه މީސްތަކުންނަށް (ވަގުތުން) عقوبات ދެއްވާނަމަ، ހިނގާބިނގާ އުޅޭ އެއްވެސް ދިރޭއެއްޗެއް، އެ ބިންމަތީގައި (އުޅުމަށް) ދޫނުކުރެއްވީހެވެ. އެހެނެއްކަމަކު، ކަނޑައެޅިގެންވާ މުއްދަތަކަށް، އެކަލާނގެ އެއުރެން ފަސްކުރައްވަނީއެވެ.) (އައްނަޙްލު: 61)
ނިންމުން: މި ބަރަކާތްތެރި ރަަމަޟާން މަހުގެ ކޮންމެ ދުވަހަކު މުޞީބާތާ ބެހޭގޮތުން ލިޔަމުން އައި މަޒުމޫނުގެ ސިލްސިލާ މިހާ ހިސާބަށް ނިމުނީއެވެ. ހުރިހައި ވެސް ޙަމްދެއް ހުރީ އެކަމަށް ތައުފީޤުދެއްވި ގަދަކީރިތިވަންތަ ﷲއަށެވެ. 30 މަޒުމޫނުގެ މި ސިލްސިލާގައި މުޞީބާތަކީ ކޮބައިކަމާ، މުޞީބާތް ފޮނުއްވަނީ ކީއްވެގެންކަމާ، މުޞީބާތް ޖެހުމުން މުއުމިނުންްގެ ސުލޫކު ބަހައްޓަންވީ ގޮތާއި، މުޞީބާތުން ލިބިގަންނަންވީ ފިލާވަޅުތަކާއި، އިންސާނުންނަށް ކުރިމަތިވެފައިވާ ތަފާތު ބާވަތްތަކުގެ މުޞީބާތް ބަޔާންކޮށްދެވޭތޯ ބެލީމެވެ.
އުއްމީދަކީ މި މަޒުމޫނުތަކަކީ ކިއުންތެރިން ބަަލައިގަންނަ އެއްޗެއްކަމުގައިވެ އެއިން ފައިދާކުރުމެވެ.