ކޮންމެ އިންސާނަކީވެސް ކުށް ކުރެވޭނެ މީހެކެވެ. ނަމަވެސް އެންމެ ރަނގަޅު މީހަކީ ކުށެއް ކުރުވުމުން ﷲ ގެ ހަޟްރަތުގައި އެކުށަށް އިޢްތިރާފްވެ ތައުބާވާ މީހާއެވެ. ފަހެ އަހަރުމެން އެންމެންގެ އަސްލު އެބޭކަލެއްގެ ކިބައިން އައިސްފައިވާ އާދަމްގެފާނު އަދި އެކަލޭގެފާނުގެ އަނބިކަބަލުން ޙައްވާގެފާނަކީ ކުރިން ސުވަރުގޭގައި އުޅުއްވި ދެބޭކަނބަލުންނެވެ. އެދެބޭކަނބަލުން ސުވަރުގެއިން ނެރެލައްވައި ދުނިޔޭގެ ބިމަށް ފޮނުންވާ ލެއްވުނީ އިބިލީހުގެ ވަސްވާސް ތަކަށް ހެއްލި ވަޑައިގެން މާތް ﷲ އެދެބޭކަނބަލުން އިމްތިޙާން ކުރެއްވުމަށްޓަކައި، (ފަރިއްކުޅުވުން މަނާކުރެއްވި ގަހަކުން) ފަރިއްކުޅުވުމުން އޭގެ އަދަބެއްގެ ގޮތުންނެވެ. އިބިލީހަކީ ދުރުން ވަސްވާސް ދެވޭގޮތަށް އުފައްދަވާފައިވާ މަޚްލޫޤެކެވެ. އަދި އިބިލީސްވަނީ އާދަމްގެފާނާއި އެކަލޭގެފާނުގެ ދަރިން އޭނާގެ ބަހަށް ހައްލުވައި މާތް ﷲގެ މަގުން އެއްކިބާކޮށް މަގުފުރައްދާނެ ކަމަށް ވަޢުދުވެފައެވެ. އަދި އޭނާއަށް ތަބާވާ މިހުންނާއި އޭނާ ނަރަކައަށް ލައްވާނެ ކަމަށް ﷲ ވަނީ އިންޒާރު ކުރައްވާފައެވެ. އެހެންކަމުން އަހަރުމެން އިންސާނުންގެ ޢަޒުމަކަށް ވާންވާނީ އިބިލީހުގެ މި ވަޢުދު ނާކާމިޔާބުކޮށްލައި، ސުވަރުގެ ހާސިލްވާނެ މަގަކީ ކޮބައިތޯ ބަލާ އެމަގުން ކުރިއަށްދިއުމެވެ.
އަހަރުމެން ހުރިހާ އިންސާނުންނަކީ ދުނިޔެއަށް އަންނައިރު އެއްވެސް ކުށެއްނެތް މަޢުސޫމް ބައެކެވެ. އެކަން އަންގަވައި ކިރިތި ރަސޫލާ ޙަދީސް ކުރެއްވިއެވެ. قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ( كُلُّ مَوْلُوْدٍ يُوْلَدُ عَلَى الْفِطْرَةِ فَأَبَوَاهُ يُوِّدَانِهِ أَوْ يُنَصِّرَانِهِأَوْ يُمَجِسَانِهِ ) މާނައީ ރަސޫލު اللهُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ: " ދުނިޔެ އަށް އަންނަ ކޮންމެ (މީހަކަށް) ދުނިޔެއަށް އާދެވެނީ ފިޠުރަތުގެ (އިސްލާމް ދިނުގެ) ސާފު ކަން މަތީގައެވެ. ފަހެ (އެއަށްފަހު) އޭނާގެ މައިންބަފައިން، އޭނާ ޔަހޫދިއަކަށް ހަދައެވެ. ނުވަތަ ނަޞާރާއަކަށް ހަދައެވެ. ނުވަތަ މަޖޫސީއަކަށް ހަދައެވެ."
މިތާގައި ޢިލްމުވެރިން "މައިންބަފައިން" މާނަކުރައްވަނީ ކުއްޖާގެ އުފަން މައިންބައިން، ނުވަތަ މައިންބަފައިންގެ ބަދަލުގައި ދަރިން ތަރުބިއްޔަތު ކުރުމާ ޙަވާލުވާ މާމައިންނާ ކާފައިން، ބޮޑުބޭބެއިންނާއި ބޮޑުދާތައިން ފަދަ މީހުން، ނުވަތަ އެދުރުންވެސް މީގެތެރޭގައި ޝާމިލް ވާނެއެވެ. އެހެނީ ދަރިންނަކީ އެބައި މީހުންގެ އަތުގައި އޮންނަ ފުއްގަޑެއްފަދަ އެއްޗެކެވެ. އެއިން ބޭނުން ގޮތަކަށް ބައްޓަންކޮށް ބޭނުން އެއްޗެއް ހަދާލުމުގެ ފުރުޞަތު އެމީހުންނަށް އޮންނާނެއެވެ.
އެހެންކަމުން އިންސާނާއަކީ ދުނިޔެއަށްއުފަންވާއިރު ކުށެއްނެތް މީހަކު ކަމުގައި ވީނަމަވެސް ދުނިޔޭގެ މި ބިޔަ މާސިންގާ ހަލަބޮލި ކަނޑަށް ނިކުތުމުން އޭނާ އެބައެއްގެ އަތްމަތީގައި ތަރުބިއްޔަތުވާ ބައެއްގެ ސަބަބުން ނުވަތަ ރަނގަޅު ތަރުބިއްޔަތެއްގައި ބޮޑުކޮށްފައި ވީނަމަވެސް ދުނިޔޭގެ ދަޅަތަކަށް ހެއްލި މަގުފުރެދިގެން ދިއުމުގެ ސަބަބުން އޭނާ އަކީ ކުށްވެރިއެއްކަމުގައި ނުވަތަ ފާފަކުރާ މީހެއްކަމުގައި ވެގެންދެއެވެ.
ނަމަވެސް އިންސާނާއަކީ ކުށްކުރެވޭ މީހަކަށް ވީހިނދު އޭގެތެރެއިން އެންމެ ރަނގަނޅުމީހާއަކީ އެކުށަށް ތައުބާވާ މީހާއެވެ. ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ: (كلُّ بني آدم خَطَّاءٌ، وخيرُ الخَطَّائِينَ التوابون) حديث حسن، رواه الترمذي وابن ماجه والدارمي وأحمد. މާނައީ " ކޮންމެ އާދަމުގެ ދަރިއަކީ ކުށް ކުރާމީހެކެވެ. ކުށް ކުރާމީހުންގެ ތެރެއިން އެންމެ ރަގަޅު މީހުންނަކީ ގިނަގިނައިން ތައުބާވާމީހުންނެވެ."
ނަމަވެސް މިޙަދީސްފުޅުން ދޭހަވަނީ، ފަހުން ތައުބާވުމުގެ ނިޔަތުގައި ގަސްތުގައި ތަކުރާރުކޮށް ކުށަށް އަރައިގަތުމަށް އޮތްފުރުޞަތަކަށް އެކަން ހެދުމެއްނޫނެވެ. އަދި ފާފަކުރުމަށް އިސްލާމީޝަރީޢަތް އެއްވެސް ޙާލެއްގައި ތަނެއް ނުދެއެވެ. އެހެންކަމުން ތިމާއަށް ތިމާގެ އަޖަލު ނޭގޭ ހިނދު އޮތީ އަވަހަށް ތައުބާވެ ތައުބާގެ މަތީގައި އަބަދުވެސް ދެމި ހުރުމެވެ. މިގޮތުން ތައުބާވުމުގައި 4 ޝަރުތެއް ވެއެވެ. އެއީ: 1- ފާފައެއް ކުރަމުން ދާނަމަ އެފާފައެއް ކުރުން ވަގުތުން ހުއްޓާލުން. 2- އެފާފައެއް ކުރެވުނީތީ އެކަމާ ދެރަވެ ހިތާމަކުރުން . 3- އެފަދަ ފާފައަކަށް އަރައިނުގަތުމަށް ހިތުގެ އަޑިން ޢަޒުމް ކަނޑައެޅުން. 4- ހަތަރުވަނަ ޝަރުތަކީ އެފާފައެއް ކުރުމުގައި އިންސާނެއްގެ ޙައްޤެއް ވާނަމަ އެ ޙައްޤު އަދާކުރުން ނުވަތަ އެމީހެއްގެ ކިބައިން މަޢާފަށް އެދުމެވެ. އެގޮތުން ތައުބާވެ ރަނަގަޅު މީހެއްގެ ގޮތުގައި ދެމިހުރުމަށްޓަކައި ދީނުގައި އަންގަވާފައިވާ ރިވެތި އުސޫލުތަކާއި އަޅުކަންތައް މަތީދެމިހުރުން އެމީހެއްގެ މައްޗަށް ވާޖިބު ވެގެންވެއެވެ .
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ: (اتَّقِ اللَّهَ حَيْثُمَا كُنْتَ وأَتْبِعِ السَّيِّئَةَ الْحَسَنَةَ تَمْحُهَا، وَخَالِقِ النَّاسَ بِخُلُقٍ حَسَنٍ) رواهُ التِّرْمذيُّ وقال: حديثٌ حسنٌ. މާނައީ " ތިބާވީ ކޮންމެ ތަނެއްގައި الله އަށް ބިރުވެތި ވާށެވެ. އަދި ކޮންމެނުބައިކަމަކާ(ކުރެވުމާ) ވިދިގެން ހެޔޮކަމެއް ކުރާށެވެ. އޭރުން އެހެޔޮކަމެއްގެ ސަބަބުން އެކުރެވުނު ނުބައި ކަމެއް ފޮހެލާނެއެވެ. އަދި މީސްތަކުންނާމެދު ރިވެތި ޚުލްޤުން އަޚުލާޤު ބަހައްޓާށެވެ.
މި ޙަދީސްތަކުން އެނގިގެންދަނީ މާތްﷲ އެކަލާނގެ އަޅުތަކުންނަށް އޯގާވަންތަ ކަމާއި ދީލަތިވެ ވޮޑިގެންވާ ކަމާއި އެބައިމީހުން ދެކެ ލޯބިވެ ވޮޑިގެންވާ މިންވަރެވެ. މި ރަމަޟާންމަހަކީ ވެސް މާތްﷲ ގެ އެއިލާހުގެ އަޅުތަކުންނަށް ދީލަތިވެ ވޮޑިގެން އެބައިމީހުންގެ ތެރޭން އެކަމަށް އެދި މަސައްކަތް ކުރާ މީހުންގެ ފާފަތައް ފުއްސެވުމަށާއި ރަޙުމަތް ލެއްވުމަށާއި ނަރަކައިން މުއްތިކުރެއްވުމަށް ދެއްވާފައިވާ ވަރަށް މުހިއްމު ފުރުޞަތެކެވެ. އެހެންކަމުން ވެހޭއިރު ފެންނަގާށޭ މުސްކުޅިން ބުނާ ފަދައިން ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ލިބިގަންނަމާހިގާށެވެ.