ލައިލަތުލްޤަދްރި ވިލޭރޭ ހޯދުމަށް ގަދައަޅައިމަސައްކަތްކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ. މިއަދުގެ ހުކުރު ޚުތުބާ ދެއްވީ އިސްލާމީ މަރުކަޒުގެ އިމާމް ނަސްރުﷲ ޢަލީ އެވެ.
ރަމަޟާންމަހުގައި ލައްވައިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ ލައިލަތުލް ޤަދުރި ވިލޭރޭ، އެމައްސަރުގައި ލައްވައިފައި ވުން ކަމަށް ޚުތުބާގައި ފާހަގަ ކުރެއްވިއެވެ. އެރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ މާތް ރެއެއްކަން ވެސް ފާހަގަ ކުރެއްވިއެވެ. ތަފްޞީރު ޢިލުމު ވެރިންނާ ޚަވާލާ ދެއްވައި ޚުތުބާގައި ވިދާޅުވީ އެރެޔައަކީ ކުރިއަށް އޮންނަ އަހަރަށް މާތްﷲ ދުނިޔޭގެ ކަންކަން ކަނޑައަޅުއްވައި ނިންމަވާ ރޭކަމަށެވެ. އެހެންކަމުން އެރެއަށް "ލައިލަތުލްޤަދްރި" މިނަން ދެވިގެންވާކަމަށެވެ. ހަމަ އެހެންމެ އެރެއަކީ ޤުރުއާން ބާވައި ލެވުނު މަތިވެރި ރޭކަންވެސް ފާހަގަ ކުރެއްވިއެވެ. މާތް ﷲ އެރެޔާ ބެހޭގޮތުން ކީރިތި ޤުރުއާންގައި ސޫރަތެއް ބާވައިލައްވައިފައިވާ ކަމަށް ވިދާޅުވެ އެސޫރަތާއި ސޫރަތުގެ މާނަވެސް ވަނީ ޚުތުބާގައި ވިދާޅުވެފައެވެ.
"ލައިލަތުލްޤަދްރި ވިލޭރެއަކީ ކަނޑައެޅިގެން މިވެނި ރެއެއްކަން ދެންނެވޭކަށް ނެތް. ބައެއް ޢިލްމުވެރިން ބަޔާންކުރައްވައިފައިވާ ގޮތުން އެއީ 27 ވިލޭރޭކަމަށްވޭ. ނަމަވެސް މާތްﷲ އެރޭ ވަނީ ސިއްރުކުރައްވައިފައި އެއީ ވަރަށް ގިނަ ޙިކުމަތްތަކަށްޓަކައިކަންކަށަވަރު. އޭގެތެރޭގައި އަޅުތަކުން ގިނަގިނައިން ﷲގެ ޙަޒުރަތަށް ދުޢާކުރުމާއި ގިނަގިނައިން އަޅުކަން ކުރުމަށް ހިތްވަރު ދިނުމާއި އެކަމަށް ޝަޢުޤުވެރިކުރުވުން ހިމެނޭ. އޭގެ ސަބަބުން އެބައި މީހުންގެ ފާފަތައް ފުހެވި ދަރަޖަ މަތިވެރިވުން ހިމެނިގެންވޭ. މިހެން މިކަން އޮތް ހިނދުވެސް ދަންނަ ބޭކަލުން ބުރަވެވަޑައި ގަންނަވާ ކަމެއްވޭ އެއީ ލައިލަތުން ޤަދުރި ވިލޭރޭ ލައްވަވައިފައި ވަނީ ރަމަޟާން މަހުގެ ފަހު ދިހައިގައިކަން" ޚުޠުބާގައި ވިދާޅުވިއެވެ.
ރަމަޞާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލް ޤަދުރި ލިބޭތޯ މުސްލިމުން މަސައްކަތް ކުރެވުމަށް ކީރީރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގޮވާލައްވައިފައިވާ ޙަދީޘެއްގައި ވާކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މިކަމުން އެނގެނީ ފަހު ދިހައިގެ އެންމެހާ ރޭތަކުގައި ވެސް އަޅުކަމާއިގެން ޤާއިމްވެ އުޅުމަކީ މުހިންމު ކަމެއްކަން ކަމަކަށް ޚުތުބާގައި ވިދާޅުވިއެވެ.
ލައިލަތުން ޤަދުރިވިލޭރޭ އިޚްލާޞްތެރިކަމައިގެން އަޅުކަމުގައި ޤާއިމުވެ ހުރުމުގެ ނަޞީބު ލިބެއްޖެ މީހަކީ ބާއްޖަވެރިއެއް ކަމަށް ޚުތުނާގައި ވިދާޅުވިއެވެ. ކީރިތި ރަސޫލާޞައްލަﷲ ޢަލައިހި ވަޞައްލަމަ ޙަދީޘް ކުރައްވައިފައިވާ ބަސްފުޅެއްގައި އިމާންވެ ﷲގެ ޙަޒުރަތުން ސަވާބާއި ދަރުމަ އެދިގެން ލައިލަތުލް ޤަދުރި ވިލޭރޭ ރޭ އަޅުކަން ކޮށްފި މީހާގެ އިސްވެ ގޮސްފައިވާ އެންމެހާ ފާފަތައް ފޮހެވޭނެކަން ބަޔާންކޮށްފައިވާ ކަމަށްވެސް ޚުތުބާފައި ފާހަގަ ކުރެއްވިއެވެ.
"ޙާލަތު ނިޔާ ކުރިގޮތުން މި ރަމަޟާންމަސް މިވަނީ މިސްކިތުގައި ނަމާދު ކުރަން ހުރަސް އެޅިފައި، ނަމަވެސް ގޭގައި ފަހު 10ގެ ރޭތަކާއި ދުވަސްތައް ނަމާދުކުރުމާއި ޤުރުއާން ކިޔެވުމާއި އަޅުކަން ކުރެއްވުމުގައި ހޭދަކުރައްވާ. މިފަދަ ބަރަކާތްތެރި ދުވަސްތައް ކުޅިވަރާއި މަޖަލުގައި ނަގާނުލައްވާ، ދިވެހި ރާއްޖެއާއި މުޅި ދުނިޔެއަށް ކުރިމަތި ވެފައިވާ ވަބާއިން މިންޖުކޮށް ދެއްވުން އެދި ނިކަމެތި ކަމާއެކު ދަމުނަމާދުގައި ﷲއަށް ދުޢާ ދެންނެވުން ގިނަ ކުރައްވާ. އަންނަ އަހަރު ރޯދަމަހާ ހަމައަށް ދުނިޔޭގައި ހުންނާނޭ ކަމީ އެކަކަށް ވެސް އެނގޭ ކަމެއް ނޫން" ޚުތުބާގައި ވިދާޅުވިއެވެ.
ރަމަޟާންމަސް އެމީހަކާ ބައްދަލުވުމަށް ފަހު އެމަހުގެ ދުވަސްތަކުގައި އެމީހެއްގެ ފާފަ ނުފުހެވޭ މީހަކީ ގެއްލެނިވި އަބާއްޖަވެރިވެގެންވާ މީހެއްކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ. ރަމަޟާން މަސް އެމީހަކާ ބައްދަލުކޮށްފި މީހެއްގެ ފާފަ ނުފޮހެވޭ މީހާއަށް ހިމާތަޔާއި ގެއްލުން ހުރިކަމަށް ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ޙަދީސް ފުޅެއްގެ މާނައިގައިވާކަމަށް ޚުތުބާގައި ވިދާޅުވިއެވެ. އެހެން ކަމުން އެފަދަ ބަދުނަޞީބުކަމުން ސަލާމަތްވޭތޯ ގަދަ އަޅައި މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރެއްވިއެވެ.
ރަމަޟާންމަހާ އަލްވަދާޢު ކިޔުމުގެ ވަގުތު ކަރިވަމުން އަންނަ އިރު ފިތުރު ޒަކާތް ދެއްކުމަށް އަވަސް ވާންޖެހޭ ކަން ޚުތުބާގައި ވަނީ ހަނދާންކޮށްދެއްވައިފައެވެ.
ރަމަޟާން މަހަކީ ތަޢުބާގެ މައްސަރު ހަނދާން ކޮށްދެއްވައި ތަޢުބާ ވުމަށް އަވަސް ވެގަތުމަށް ވެސް ޚުތުބާގައި ގޮވާލެއްވިއެވެ.
"ﷲ ސުބުޙާނަހޫ ވަޠަޢާލާއީ އެންމެ ދީލަތިވަންތަފާރާތް އެންމެހާ ފާފަތައް ފުއްސަވާ ފަރާތް. ކުރެވިފައިވާ ފާފަތަކުގެ ގިނަކަމުން މާޔޫސްވުމެއް ނެތް. އަމިއްލަ ނަފްސް ހަލާކުގެ ތެރެއަށް އެއްލާ ލުމެއް ވެސް ނެތް. ޚުޠުބާގައި ވިދާޅުވިއެވެ.