އިންސާނާއީ މާތް ﷲގެ މަޚްލޫޤުންގެ ތެރެއިން އެކަލާނގެ އެންމެ މާތްކުރެއްވި އެއް މަޚްލޫޤުކަމާމެދު ދެބަސް ނުވެވޭނެއެވެ. އެކަލާނގެ އެކަން ބަޔާންކުރައްވައި މިފަދައިން ވަޙީކުރައްވާފައި ވާތީއެވެ. ﴿وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَـٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا﴾ (ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒްޤުދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.) (އަލްއިސްރާއު: 70)
ގަދަ ކީރިތިވަންތަ ﷲ އިންސާނާ މާތްކުރެއްވީ އެކަންޏެއް ނޫނެވެ. އެކަލާނގެ ޚަލްޤުތަކުންގެ ތެރެއިން އެންމެ ރިވެތި ސޫރައިގައި ހެއްދެވި މަޚްލޫޤުކަމުގައިވެސް އޭނާ ލެއްވީއެވެ. މިކަން ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿لَقَدْ خَلَقْنَا ٱلْإِنسَـٰنَ فِىٓ أَحْسَنِ تَقْوِيمٍ﴾ (ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި ސޫރައިގައި އިންސާނާ ހެއްދެވީމެވެ.) (އައްތީން: 4)
އެންމެ ރިވެތި ސޫރައިގައި ހައްދަވައި، އެންެމެ މާތް މަޚްލޫޤުންގެ ތެރޭގައި ލައްވައި މާތް ﷲ މި ބިންމައްޗަށް އިންސާނާ ފޮނުއްވިޔަސް އޭނާ އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ ޙަޤީޤަތެއް ވެެއެވެ. އެއީ އޭނާއަކީ ޖައްބާރުވަންތަ އިލާހުގެ ބިޔަ ކައުނުގައި އޭނާއަކީ ނިކަމެތި މަޚްލޫޤެއް ކަމެވެ. މާތް ﷲ އޭނާގެ މައްޗަށް އޭނާއަށްވުރެ ނިކަމެތި މަޚްލޫޤެއް ފާކުރައްވައިފިޔަސް އެނާއަށް އެއިން ސަލާމަތްވާ ކުރެވޭނެ ކަމެއް ނެތް ކަމެވެ.
މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މުޞީބާތް، ނޮވެލް ކޮރޯނާ ވައިރަސްގެ ބަލިމަޑުކަން، އެއީ މިކަމުގެ ފުރިހަމަ މިސާލެކެވެ. މާތް ﷲގެ އެންމެ ކުޑަކުޑަ މަޚްްލޫންޤުންގެ ތެރޭގައި ހިމެނޭ ކުޑަކުޑަ ވައިރަހެއް އޭނާގެ މައްޗަށް ފާކުރެއްވުމުން މިއަދު އިންސާނާ މިވަނީ އެވައިރަހުގެ ކުރިމަތީގައި ނިކަމެތިވެ ހަދާނެގޮތް ހުސްވެފައެވެ. އިންސާނާގެ ދިިރިއުޅުން އެކޮޅުކޮޅުން ޖެހި، އޭނާ ކުރަމުން އައި ހުރިހާ މަސައްކަތެއް ހުއްޓި ބޮޑެތި ގެއްލުން ވަމުންދާއިރުވެސް، އަދި މިވަނީ އެ ބަލިމަޑުކަމުން އަަރައިނުގަނެވިފައެވެ.
އިންސާނާއަށް އޭނާގެ ބަލިކަށިކަން ހަނދާންކޮށްދެއްވަމުން މާތް ﷲ ވަޙީކުުރައްވާފައިވަނީ ވަރަށް ޝާމިލު ކުރު ބަސްފުޅެކެވެ. ﴿وَخُلِقَ ٱلْإِنسَـٰنُ ضَعِيفًا﴾ (އިންސާނާ ހައްދަވާފައިވަނީ، ނިކަމެތިވެގެންވާ މީހެއް ކަމުގައެވެ.) (އައްނިސާއު: 28)
ބަލިކަށި މަޚްލޫޤެއްގެ ގޮތުގައި ދުނިޔެއަށް ފޮނުއްވި އިންސާާނާއަށް ބާރާއި، އިއްޒަތާއި، ހުނަރާއި، އިލްމު ލިބުމުން އޭނާ ބޮޑާވެގަނެއެވެ. އޭނާ ހެއްދެވި ރަސްކަލާނގެ ހަނދުމަނެތި ބޮޑާވެގަނެއެވެ. އަދި އެކަލާނގެ ދޫކޮށް އޭނާގެ ހިތް އެދޭ ފަރާތްތަކަށް އަޅުކަންކުރަން ފަށައެވެ. މި ހާލުގައި އޭނާ އަޅުކަންކުރާ ތަކެއްޗާއި އޭނާގެ ބަލިކަށިކަން ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. ﴿يَـٰٓأَيُّهَا ٱلنَّاسُ ضُرِبَ مَثَلٌ فَٱسْتَمِعُوا۟ لَهُۥٓ ۚ إِنَّ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ لَن يَخْلُقُوا۟ ذُبَابًا وَلَوِ ٱجْتَمَعُوا۟ لَهُۥ ۖ وَإِن يَسْلُبْهُمُ ٱلذُّبَابُ شَيْـًٔا لَّا يَسْتَنقِذُوهُ مِنْهُ ۚ ضَعُفَ ٱلطَّالِبُ وَٱلْمَطْلُوبُ﴾ (އޭ މީސްތަކުންނޭވެ! (اللَّه) މިސާލެއް ޖައްސަވައިފިއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެތެވެ. (އަލްޙައްޖު: 73) މިއާޔަތުގައި ބަޔާންުކުރައްވާފައި އެވަނީ މާތް ﷲ ފިޔަވައި އިންސާނާ އަަޅުކަންކުރާ ތަކެއްޗާއި، އިންސާނާވެސް ބަލިކަށިވެގެންވާ ކަމެވެ.
ދުނިޔޭގައި ލިބުނު ޖާހާއި، އިއްޒަތާއި، ވަގުތީ ބާރުވެރިކަމާއި، ބަލާބެލުމަށް އެފަދަ ދެވަނައެއް ނެތް މަތީފެންވަރުގެ ޢިލް ލިބުމުން އިންސާނާ އޭނާގެ ހަގީގީ ދަރަޖަ އޮޅިފައިވިޔަސް މުޞީބާތުގެ ވަގުތު އޭނާއަށް ހަމަ ބުއްދި އައިސް، އެކަމުން ސަލާމަތް ވާން އޭނާ އާދޭސް ދަންނަވަނީ ހަމަ އޭނާގެ ޚާލިޤުވަންތަ ރަސްކަލާނގެއަށެވެ. ހަމަ މުޞީބާތް ފިލައިދިއުމާއެކު އޭނާގެ އިހުގެ ގޮތްތަކަށް އެނބުރި ދެއެވެ. މިކަން ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ. ﴿وَإِذَا مَسَّ ٱلْإِنسَـٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوْ قَاعِدًا أَوْ قَآئِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُۥ مَرَّ كَأَن لَّمْ يَدْعُنَآ إِلَىٰ ضُرٍّ مَّسَّهُۥ﴾ (އަދި އިންސާނާއަށް އުނދަގުލެއް ޖެހިއްޖެނަމަ، އޮށޯވެ އޮވެގެން ނުވަތަ އިށީނދެ އިނދެގެން، ނުވަތަ ކޮޅަށް ހުރެގެން، ތިމަންރަސްކަލާނގެ ޙަޟްރަތަށް ދުޢާ ކުރެތެވެ. ފަހެ، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެ އުނދަގޫ ފިއްލަވައިފުމުން، އޭނާ (އެދާ މަގުން) ހިނގައިދެއެވެ.) (ޔޫނުސް: 12)
އެހެންކަމުން، މުޞީބާތުގެ ވަގުތު އިންސާނާ ކުރަންވީ ކަމަކީ، މިފަދަ މުޞީބާތްތަކަކީ އޭނާގެ ނިކަމެތިކަމާއި ބަލިިކަށިކަން އޭނާއަށް ދެއްކެވުމަށް، އޭނާގެ ވެރިރަސްކަލާނގެ ފޮނުއްވާ ކަންތަައްތައްކަން ޤަބޫލުކޮށް އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވުމެވެ. މުޞީބާތުން ސަލާމަތްވުމަށް އޮތް މަގަކީ އެއީއެެވެ.