އެންމެފަހުން ގެނެވުނު ކީރިތި ރަސޫލާގެ ސިޔަރަތުން ލިބިދޭ ބައެއް ފިލާވަޅުގެ ވާހަކަތައް ބާއްވާފައި މި ހަފްތާގައި މި ހުށަހަޅާލަނީ ޅެމަކާއި ޅެމެއްގެ ތަރުޖަމާއެކެވެ. ޢައްލާމާ މުހައްމަދު އިޤްބާލުގެ 'އިންސާނާ' މިޅެމާއި މިޅެމުގެ ދިވެހި ތަރުޖަމާއެކެވެ. އައްލާމާ އިޤުބާލަކީ ޕާކިސްތާނުގެ ފަލްސަފާވެރި ޝާއިރެކެވެ. އުފަންވެވަޑައިގަތީ 1877ގައި ސިއަލްކޯޓުގައެވެ. އަވަހާރަވީ 1938ގައި ލާހޯރުގައެވެ. ކިޔަވާވިދާޅުވީ އިންޑިއާއާއި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުގައެވެ. އައްލާމާ އިގުބާލުގެ ޅެމާއިގެން ކުރިއަށް ދިޔުމުގެ ކުރިން، ޅެމުގެ އިސްބަހެއްގެ ގޮތުން، އޭނާގެ ލިޔުންތަކާއި އެ ލިޔުންތަކުގެ ރިސާލަތާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ގަސްދުކުރަމެވެ.
އައްލާމާ އިޤްބާލުގެ ލިއުންތައް ދެބައަކަށް ބަހާލެވެއެވެ. ޅެން ބަހުރުވައިން ލިޔެވިފައިވާ ލިޔުމާއި ނަސްރުން ލިޔެވިފައިވާ ލިޔުމެވެ. އޭނާގެ ގިނަ ޅެންތައް ލިޔެވިފައިވަނީ ފާރިސީ ބަހުންނެވެ. މީގެ އިތުރުން، އުރުދޫ ބަހުންވެސް، އޭނާގެ ބައެއް ޅެންތައް، ލިޔެވިފައި ވެއެވެ.
އޭނާގެ ޅެންތައް، އެކިއެކި ދީވާނުތަކުގައި، ޅެންފޮތްތަކުގައި، އެއްކުރެވި ޝާއިއު ކުރެވިފައި ވެއެވެ. ފާރިސީބަހުގެ ޅެންތަކުގެ ދީވާނުތަކުގެ ތެރޭގައި 'އަސްރާރޭ ޚުދީ' (ނަފްސުގެ ސިއްރުތައް)، 'ރުމޫޒޭ ބޭޚުދީ (ނަފްސު އިންކާރު ކުރުމުގެ ރަމްޒުތައް) 'ޕަޔާމޭ މަޝްރިޤް' (އިރުމަތީގެ މެސެޖު) 'ޒަބޫރޭ އަޖަމް' (ފާރިސީ މުގައްދަސް ލަވަތައް)، އަދި "ޖާވީދު ނާމާ" (ޖާވީދުގެ ފޮތް) މި ދީވާނުތައް ހިމެނެ އެވެ. އަދި، އުރުދޫ ބަހުގެ ޅެންތަކުގެ ދީވާނުތަކުގެ ތެރޭގައި 'ބާންގޭ ދަރާ' (ރަނގަބީލުގެ ގޮވުން)، ބާލޭ ޖިބްރީލް' (ޖިބްރީލުގެ ފިޔަފުޅު) އާއި 'ޕަސް ޗޭހ ބާޔަދް ކަރްދޭ އަޤްވާމޭ ޝަރްޤް (އިރުމަތީ ގައުމުތަކުގެ މީހުންނޭވެ، ދެން ކުރަން އޮތީ ކޮންކަމެއް ހެއްޔެވެ؟)، 'ޟަރްބޭ ކަލީމް' (މޫސާގެފާނުގެ [އަސާކޮޅުގެ] ޖެއްސެވުން) 'އަރްމުޣާނޭ ޙިޖާޒް' (ޙިޖާޒުކަރައިގެ ހަދިޔާ)، މިދީވާނުތައް ހިމެނެއެވެ. އަރްމުޣާނޭ ޙިޖާޒުގައި ފާރިސީޅެން ވެސް ހިމެނެއެވެ.
އަދި ނަސްރުން ލިޔުއްވި 'އިގުތިސާދީ އިލްމު' އޭނާ ލިޔުއްވީ އުރުދޫ ބަހުންނެވެ. މީގެ އިތުރުން، އޭނާ ލިޔުއްވި ދެފޮތް ލިޔުއްވީ އިނގިރޭސި ބަހުންނެވެ. އެއީ އޭނާގެ ދުކްތޫރާ ފާހުގެ (ޕީ.އެޗް.ޑީ ގެ) ރިސާލަތް (ތީސިސް) ކަމަށްވާ 'ފާރިސްކަރައި ގައި މާވަރާއީ ފިކުރު ތަރައްގީވަމުން އައިގޮތް' މިފޮތާއި 'އިސްލާމީ ދީނީ ފިކުރު އަލުން ބިނާކުރުން' މި ފޮތެވެ.
އައްލާމާ އިޤްބާލުގެ ލިޔުންތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެވިފައިވަނީ މުސްލިމުންނަށެވެ. އެލިޔުންތަކުގައި ގޮވާލެވިފައިވަނީ އެމީހުން އަލުން ކުރިއަރައި ދިޔުމަށްޓަކައި މަސައްކަތް ކުރުމަށެވެ. އެމީހުންގެ ދީނީ އަގީދާތަކާއި އުސޫލުތަކުގެ މަތީ ތިބެއެވެ. އޭނާގެ ޅެންތަކުގެ މަގުސަދަކަށްވެފައި އޮތީ މިމަސައްކަތް ކުރުމުގެ އެދުމާއި އަޒުމް، ހިތްވަރާއި ކެރުން، އެމީހުންގެ ހިތްތަކުގައި އުފެއްދުމެވެ. އަދި މިކަމުން، އެމީހުންގެ ނަފްސުތައް ހޭލައްވައިލުމެވެ. މިކަން ކުރުމުގެ ވަރުގަދަ ރޫހެއް އެމީހުންގެ ކިބައިގައި އުފެއްދުމެވެ. އެހެންވެ، އޭނާގެ ޅެންތައް އަމާޒުކުރެވެނީ އެމީހުންގެ ހިތުގެ އިހުސާސުތަކަށެވެ. އެމީހުންގެ ވުޖްދާނަށެވެ. ޖަޒުބާތުތަކަށެވެ. ޢައްލާމާ އިޤްބާލުގެ މިރިސާލަތު އޭނާގެ 'އަސްރާރޭ ޚުދީ' (ނަފްސުގެ ސިއްރުތައް) މިޅެމުން ފެނިގެންދެއެވެ. މިކަން އިތުރަށް ސާފުކޮށްލުމުގެ ގޮތުން، މިދީވާނުގެ މައްޗަށް އަވަސް ކަޅިއެއް އެއްލަމާތޯއެވެ.
'އަސްރާރޭ ޚުދީ' (ނަފްސުގެ ސިއްރުތައް) އެއްމެ ފުރަތަމަ ޝާއިއު ކުރެވުނީ 1915ވަނަ އަހަރު އެވެ. ބައެއް ނާގިދުން ދެކޭގޮތުގައި ޢައްލާމާ އިޤްބާލުގެ އެންމެ ރީތި ޅެންބައިތުތައް ހިމެނެނީ މި ދީވާނުގައެވެ. މިދީވާނުގައި ބަލާލެވިފައިވަނީ 'ނަފްސު' ނުވަތަ 'ޒާތު'ގެ މައްޗަށެވެ. މިތާގައި 'ނަފްސު' ނުވަތަ 'ޒާތު' ބޭނުން ކުރެވިފައިވަނީ އިންސާނާގެ ޖައުހަރުގެ މާނައިގައެވެ. ކީރިތި ޤުރްއާނުގެ އިބާރާތުން ނަމަ 'ރޫޙު'ގެ މާނައިގައެވެ. އާދެ، އިންސާނާއަށް ދިރުންދޭ އިލާހީ ބާރުގެ މާނައިގައެވެ. ކޮންމެ މީހަކަށްވެސް މި ރޫޙު، އިލާހި މި'އަނގުރުކޮޅު'، ލިބިފައިވެއެވެ. ކޮންމެ މީހެއްގެވެސް ހަޔާތުގެ މައި މަގުސަދަކަށްވާން ޖެހޭނީ އޭނާގެ އިލާހީ 'އަނގުރުކޮޅުގައި' ހުޅު ހިއްޕާލުމެވެ. އެމީހެއްގެ 'ރޫހަށް' ދަތުރުކުރެވެން އޮންނަ އެންމެ މައްޗަށް ދަތުރު ކުރުމަށްޓަކައި މަސައްކަތްކުރުމެވެ. އާދެ، އީމާންކަންމަތީ ހުރެ، އޭނާގެ ކިބައިގައި ފޮރުވިފައިވާ ކުޅަދާނަކަން ބޭރަށް ނެރުމެވެ. އޭނާގެ އަމިއްލަ ހިތްވަރުންނާއި މަސައްކަތުންނެވެ. އިލްމު އުގެނި އެކި އެކި ހުނަރުތައް ހޯދައި ލިބިގަނެގެންނެވެ. ގުދުރަތުން އޭނާއާއި ހަވާލުކުރެވިފައިވާ ވާހޖިބު އެއްމެ ފުރިމަގޮތުގައި އަދާކުރުމަށްޓަކައެވެ.
އިންސާނާގެ ކިބައިގައި ފޮރުވިފައިވާ އިލާހީ 'އަނުގުރު' ކޮޅުގެ މިސާލަކީ އޮށެއްގެ މިސާލެވެ. އެ އޮށުގައި ފޮރުވި ރައްކާކުރެވިފައިވާ މީރުވަސްދުވާ މަލަކާއި އަދި އަގުހުރި މޭވާ ލިބެނީ އެއޮށް އިންދައި އެއިން ގަސް ފަޅުވައި އެގަސް ހައްދައި ބޮޑުކޮށް ގެންނެވެ. އެއޮށް، ފިނިހޫނުގެ ތެރެއަށް އެއްލާލެވި، އަޅާ ނުލެވި އޮވެއްޖެނަމަ، އެއޮށުގައި ފޮރުވިފައި ވި 'ރޫޙު' ނުވަތަ އިލާހީ 'އަނގުރު ކޮޅު' ނިވި، އަޅިއަށްވެ، ހުލިވެދެ އެވެ. އިންސާނާވެސް އޭނާއަށް ލިބިފައި އޮތް އިލާހީ އަނގުރުކޮޅު ރޯކޮށް އޭގައި ހުޅު ހިއްޕަން މަސައްކަތް ނުކޮށްފިނަމަ، އޭނާގެ 'ނަފްސު' ނުވަތަ 'ޒާތް' ހަލާވެ ދެއެވެ. މިހެން، އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލުމަކީ، އައްލާމާ އިޤްބާލު ދެކެވަޑައިގަންނަވާ ގޮތުގައި، ބޮޑު އިސްރާފެކެވެ. އެމީހެއްގެ ކިބައިގައި ފޮރުވިފައިވާ މޮޅުކަމެއްގެ، ނުވަތަ، ހުނަރެއްގެ، މޭވާ ލިބިގަތުމަށްޓަކައި ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރަން ޖެހޭނެއެވެ. އާދެ، 'އަސްރާރޭ ޚުދާ' (ނަފްސުގެ ސިއްރުތައް) މި ޅެންފޮތުގެގައި ދެވިފައިވާ މެސެޖަކީ، ރިސާލަތަކީ، މިއެވެ. އަދި، ޢައްލާމާ އިޤްބާލު މުސްލިމުންނަށް ފޯރުކޮށްދޭ ބޭނުންވާ މެސެޖަކީވެސް މިއެވެ. ކޮންމެ މުސްލިމަކުވެސް ގަދައަޅައި މަސައްކަތްކޮށްގެން އޭނާގެ އަމިއްލަ ޒާތު ފާޅުކޮށްލަންވީ އެވެ. އިލްމާއި ހުނަރު ލިބިގަނެގެން، އިސްލާމީ އާ ޙަޟާރަތެއް ބިނާކުރުމުގެ މަސައްކަތް ކުރަންވީ އެވެ.
ޢައްލާމާ އިޤްބާލުގެ ނަސްރުން ލިޔެވުނު ލިޔުންތަކުގައި މިކަން ކުރެވޭނޭ ގޮތުގެ މައްޗަށް، އަލި އަޅުވާލެވިފައި ވެއެވެ. މިއަދު އެކަން ކުރެވޭނީ ކިހިނެތްކަމާ މެދުގެ މައްޗަށް، އޭނާގެ 'ރީކޮންސްޓްރަކްޝަން' އާދެ 'އިސްލާމީ ދީނީ ފިކުރު އަލުން ބިނާކުރުން' މިފޮތުގައި އަލިއަޅުވާލެވިފައި ވެއެވެ. (މި ފޮތުގައިވާ މި ޚިޔާލު، ތަފްސީލީ ގޮތެއްގައި އެމެރިކާގެ ޗިކާގޯ ޔުނިވަރސިޓީގައި 1968އިން ފެށިގެން 1988ވަނައަހަރާއި ހަމައަށް، އިސްލާމީ ދިރާސާތުގެ ޕޮރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޕާކިސްތާނުގެ އިސްލާމީ އިލުމުވެރިއެއްކަމަށްވާ ފަޟްލުއްރަޙްމާނު، އޭނާގެ 'އިސްލާމް އެންޑް މޮޑާރނިޓީ – ޓްރާންސްފޯރމޭޝަން އޮފް އެން އިންޓަލެކްޗުއަލް ޓްރެޑިޝަން' (އިސްލާމް ދީނާއި ޙަދާޘަތު [މިޒަމާން] – ޢަގްލަނީ ތަރިކައަކަށް އާ ސޫރައެއް ގެނައުން)، މިފޮތުގައި އިތުރަށް ތަރައްގީކޮށް، އޭގެ ތަފްސީލެއް ދެއްވައިފައި ވެއެވެ.)
އަޅުގަނޑު ތަރުޖަމާ ކުރާ 'އިންސާނާ'، މިޅެން، ނެގި ފައިވަނީ އޭނާގެ 'ބާނގޭ ދަރާ' މި ދީވާނުންނެވެ. މި ދީވާނު ލިޔެވިފައިވަނީ، ކުރިންވެސް ނަންގަނެވިދިޔަ ފަދައިން އުރުދޫ ބަހުންނެވެ. އަޅުގަނޑަށް، އުރުދޫ ބަސް، ސީދާ އެބަހުން، އެހެންބަހަކަށް، ތަރުޖަމާ ކުރެވޭ ފެންވަރަކަށް ނޭނގެ އެވެ. އެހެންވެ، މިޅެމާއި އަޅުގަނޑު ތަރުޖަމާ ކުރަމުން އަންނަ އައްލާމާ އިޤްބާލުގެ ހޮވާލެވިފައިވާ އެހެން ޅެންތައްވެސް ތަރުޖަމާ ކުރެވެނީ، މިޅެންތަކުގެ އިނގިރޭސި އަދި އަރަބި ތަރުޖަމާގެ އެހީއާވެސް އެކުގައެވެ.
އެއްމެ ފުރަތަމަ 'އިންސާނާ'، މި ޅެމުގެ ޚުލާސާއެއް، ލިޔެލާނަމެވެ. މިޅެމުގައި ބަލާލެވިފައިވަނީ އިންސާނާގެ ހާލަތުގެ މައްޗަށެވެ. އިންސާނާއަށް، ގުދުރަތުން، ވިސްނުމާއި ފިކުރު ކުރުމުގެ އެކަށޭނަކަށް ދީފައިވެއެވެ. ނަމަވެސް، އޭނާއާއި ގުދުރަތުން ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު، މާތްﷲގެ ޚަލީފާއެއްކަމުގައި ބިމުގައި ވުން، އަދާކުރުމުން އިންސާނާ ދުރަށް ދިއުމުގެ ސަބަބުން، އޭނާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާގެ ހަޔާތްވަނީ ހިތި ވެފައެވެ.
މިއާއި ޚިލާފަށް، ދުނިޔޭގެ އެހެނިހެން މަޚްލޫގުތަކުން، އެއެއްޗިއްސާއި ގުދުރަތުން ހަވާލު ކުރި ވާޖިބުތައް އަދާ ކުރުމުގައި އުފަލުގައި ދެމި ތިބެއެވެ. މީގެ މިސާލެއްގެ ގޮތުން އެއްމެ ފުރަތަމަ އިޝާރަތްކޮށްލެވިފައިވަނީ ދެމެމުން ދާ ކޯރުތަކަށެވެ. އެ ކޯރުތަކުގެ ފެންގަނޑު ކަނޑާއި މިލްޖުލްވާ މަންޒަރަށެވެ. ދެން، ޖެހެމުންދާ ނަލަ ރޯޅިއާއި، މިރޯޅި، އުޑުމަތީގައި ހެދިފައިވާ ވިލާތަކަށް ކުރުވާ އަސަރަށެވެ. ރޯޅީގެ ސަބަބުން ވިލާތައް ދުވާތަނަށެވެ. މިދުވުން ސިފަކޮށްދެވިފައިވަނީ ރޯޅީގެ ކޮނޑުމަތީ ބަހައްޓައިގެން ވިލާތައް ގެންދާ ގެންދިޔުމެއްގެ ގޮތުގައެވެ. ދެން ތަރިތަކަށެވެ. ރޭނގަޑު، ފިޔަޖަހާލަ ޖަހާލަ، އުޑުމަތީގައި، ހައްޔަރު ވެފައި އެތަރިތައް ތިބޭ ތަނަށެވެ. ދެން، އިރަށެވެ. އިރު، އަޅުވެރިއެއް ފަދައިން، ދުވާލުގެ އަލިކަމާއިގެން، ހެދުނާ އައިސް އެންމެން ހޭލައްވައެވެ. އަދި، ދުވާލުގެ ވަގުތު ނިމުމަކަށް އައުމުން، ފަރުބަދައި ބިއްދޮށަށްގޮސް ފިލާ ހުރެއެވެ. ދުނިޔޭގެ މައްޗަށް ގަދަ ރަތް ކުލަ އަރުވާލާފަ އެވެ. މިކަން ސިފަކުރެވިފައިވަނީ އިރު ބޮމުން ދާ ރަތްކުލައިގެ ރާތަށްޓެއްގެ ގޮތުގައެވެ.
އާދެ، ޅެންވެރިޔާގެ ނަޒަރުގައި، ގުދުރަތުން މިފެންނަ ހުރިހާ މަންޒަރުތަކެއްމެ ބުނެ އިއްވައިދެނީ، ވުޖޫދުގައިވާ ހުރިހާ އެއްޗެއްމެ، އެއެއްޗިއްސާއި ގުދުރަތުން ހަވާލު ކުރެވިފައިވާ ވާޖިބު އަދާކުރުމުގައި އުފަލުގައި ދެމިތިބި ވާހަކައެވެ. ވިސްނާ ފިކުރުމުގެ އެކަށޭނަކަން އެއެއްޗިއްސަށް ލިބިފައިނެތް ކަމުގައި ވިޔަސް ވެހެވެ. ނަމަވެސް، އިންސާނާއަށް، ގުދުރަތުން އޭނާއާއި ހަވާލު ކުރެވުނު ވާޖިބު އަދާ ނުކުރެވުމުގެ ސަބަބުން، އޭނާއަށް އޮތީ އޭނާގެ ހަޔާތުގެ ދުވަސްތައް ހިތް ހަމަ ނުޖެހުމުގެ ތެރޭގައި ވޭތު ކޮށްލަން ޖެހިފައެވެ. ގުދުރަތުން އޭނާއަށް، ދެއްވާފައިވާ ސިކުނޑިއަކަށް، ހަޔާތުގެ ސިއްރުތައް، މުސްތަގިއްލު ގޮތެއްގައި، ހޯދައިގަތުމުގެ އެކަށޭނަކަން ލިބިފައެއް ނުވެއެވެ. އިންސާނާ ދުނިޔެއަށް އައީ ކިހިނެއްކަމާއި ހަޔާތުގެ މާނައަކީ ކޮބައިކަމާއި އަދި އޭނާ ނިމިދަނީ ކޮންތާކަށްކަމާއި، މިކަންކަން ހޯދައިގަތުމުގެ ކުޅަދާނަކަމެއް އޭނާގެ ސިކުނޑިއަކަށް ލިބިފައެއްނުވެއެވެ. މި ނުކުޅެދުމުގެ ސަބަބުން، އޭނާއަށް ދާއިމީ އުފަލެއް، އަރާމެއް، ނުލިބެއެވެ. އާދެ، މިކަމުގެ ހައްލަކީ، އިންސާނާ، އޭނާ، ހެއްދެވިފަރާތައް ރުޖޫއުވުމެވެ. ހަޔާތުގެ ސިއްރުތައް ދެނެގަތުމުގައި، އެކަލާނގެ ހިދާޔަތު ހޯދުމެވެ. އަދި، އޭނާއާއި ހަވާލު ކުރެވިފައިވާ ވާޖިބު، މާތްﷲގެ ޚަލީފާކަން، ފުރިހަމައަށް އަދާކުރުމެވެ. ދުނިޔެ އިމާރާތްކޮށް، ދުނިޔޭގައި އަދުލު އިންސާފު އެންމެންގެ ތެރޭގައި ހަމަހަމަ ގޮތެއްގައި ހިންގާލުމެވެ. އާދެ، ދެން، އިންސާނާ، މިޅެން، އޭގެ ތަރުޖަމާއަކާ އެކު ހުށަހަޅާލަމެވެ.
ޤުދްރަތު ކާ އަޖީބް ޔޭ ސިތަމް ހޭ
މިއީ ޤުދުރަތުގެ ކިހާ އަނިޔާވެރި އަޖައިބެއް ހެއްޔެވެ.
އިންސާން ކޯ ރާޒް ޖޯ ބަނާޔާ
އިންސާނާއަކީ (އެކި ކަންކަމުގެ) ސިއްރު ހޯދަން މަސައްކަތް ކުރާމީހަކަށް ހެދުމެވެ.
ރާޒް އިސްކީ ނިގާހް މޭން ސޭ ޗުޕާޔާ
އެސިއްރުތައް އޭނާއަށް ފެނިދިއުން ފަރުދާކުރުމަށް ފަހުގަ އެވެ.
ބޭތާބް ހޭ ޛައުޤު އާގީ ކާ
(އުނގެނުމުގެ މަސައްކަތުގެ) އެދުން، އޭނާ ވަނީ ވަރުބަލިކޮށް (ހިތަށް ހަމަ ޖެހުން ލިބުމުން މަހްރޫމުކޮށް)ލާފަ އެވެ.
ކުހލްތާ ނެހީ ބޭހދް ޒިންދަގީ ކާ
ނަމަވެސް ހަޔާތުގެ ސިއްރުތައް (ހަޔާތަކީ ކޮބައިކަމާއި ހަޔާތުގެ މަގުސަދާއި، ފެށުމާއި ނިމުމާއި މިކަންކަމުގެ ސިއްރުތައް)، އޭނާއަށް، ހޯދޭގޮތެއް ނުވެއެވެ.
ޙައިރަތު އާޣާޒް ވަ އިންތިހާ ހޭ
(ހަޔާތުގެ( ފެށުމުގައިވެސް އަދި )ހަޔާތް) ނިމިދިޔުމުގައި ވެސް ވަނީ ހައިރާން ކަމެވެ.
އާއިނޭ ކޭ ގަހރްމޭ އައުރު ކިޔާ ހޭ؟
ހައިރާން ކުރުވާ ކަންކަން ނޫން ކަމެއް (ހަޔާތުގެ) މިލޯގަނޑުތަކުގެ ގޭގައި ވޭހެއްޔެވެ؟
މިބައިތުގައި ދުނިޔެ ސިފަ ކުރެވިފައިވަނީ 'ލޯގަނޑުގެ ގެއެއް (އާއިނެ ކޭ ގަހރް) ކަމުގަ އެވެ. ހުރިހާ ބިތެއްގައި ލޯގަނޑު ޖެހާފައިވާ ގެއެއްގެ ތެރެއަށް ވަދެބަލައިލުމުން ފެންނަ މަންޒަރު ހިތަށް ގެންނަވާށެވެ! ފެށޭ ހިސާބެއް ނިމޭ ހިސާބެއް ކަނޑައަޅާލަކަށް ނޭނގެއެވެ. މަތީގައި ނަންގަނެވުނު ހަޔާތުގެ ސިއްރުތައް ސިފަކޮށްދެވިފައިވަނީ މި މިސާލުން ނެވެ. އިންސާނާގެ ސިކުނޑިއަށް އޭގެ ހަގީގަތް ހޯދައި ނުގެނޭވޭނޭ ކަންކަމުގެ ގޮތުގައެވެ.
ހޭ ގަރްމޭ ޚަރާމް މަވްޖޭ ދަރްޔާ
ކޯރުގެ ރާޅުތައް ދެމެމުން ދެމެމުން ދެއެވެ.
ދަރްޔާ ސޫޔޭ ބެހެރް ޖަދާ ޕޭމާ
އަދި، އޭގެ މަގުގައި، ކޯރު، ކަނޑާއި (މިލްޖުލް ވުމަށް)، ދެއެވެ.
ބާދަލް ކޯ ހަވާ އުޅާ ރަހީ ހޭ
ވައިރޯޅި އުޑުގެ ވިލާތައް ކަހައިލައިގެން ގެންދެއެވެ.
ޝާނޯނ ޕޭ އުޅާހތޭ ލާ ރަހީ ހޭ
ވައިރޯޅީގެ ކޮނޑު މައްޗަށް ލައިގެންނެވެ.
ތާރޭ މަސްތޭ ޝަރާބޭ ތަޤްދީރް
ތަރިތައްވަނީ ތަޤްދީރުގެ ރަލުން މުޅީން މަސްތުވެފަ އެވެ.
ޒިންދާނޭ ފަލަކް މޭނ ޕާ ބާ ޒަންޖީރް
އަދި އެ(ތަރިތައް) ވަނީ، އުޑުގެ ޖަލުގައި ކަސްތަޅުއެޅި، ހައްޔަރުވެފަ އެވެ.
ޚޫރްޝީދް، ވޯ ޢާބިދް، ސެޙެރް ޚޭޒް
އިރު، ކޮންމެ ހެނދުނަކު ހޭލާ، އެ އަޅުވެރިޔާ،
ލާނޭ ވާލާ ޕިޔާމޭ ބަރްޚޭޒް
އަދި، "ހޭލާށެވެ"، މިގޮވުން ގޮވާ (އަޅުވެރިޔާ)
މަޣްރިބް ކީ ޕަހާރިޔޫންމޭނ ޗުޕް ކަރް
އެހެރީ ހުޅަނގު ފަރާތުގެ ފަރުބަދަތަކުގެ ބިއްދޮށުގައި (ނިވާވެގެން) ފިލައެވެ.
ޕީތާ ހޭ މަޔޭ ޝަފަޤް ކާ ސާޣަރް
ރަތްވިލާގެ ރާ ތަށްޓެއް ބުއިމުގަ އެވެ.
ލައްޒަތު ގީރޭ ވުޖޫދު ހަރްޝޭ
ކޮންމެ އެއްޗެއްމެ ވުޖޫދުގައި ވިޔަތީވެ އުފާ ފާޅުކުރަމުން ދަނީ އެވެ.
ސަރް މަސްތޭ މަޔޭ މަޔޫދް ހަރްޝޭ
ކޮންމެ އެއްޗެއްމެ ވަނީ ވުޖޫދުގެ ރަލުން (ރާ ބޮއި) މަސްތުވެފަ އެވެ.
ކޮއީ ނަހީނ، ޣަމް ގުސާރޭ އިންސާނ
(ނަމަވެސް) އިންސާނާގެ ހިތާމަތައް ފިލުވާލަދޭނެ އެއްވެސް މީހަކު ނެތެވެ.
ކިޔާ ތަލްޚް ހޭ ރޯޒްގާރޭ އިންސާނ!
އިންސާނާގެ ދުވަސްތައް ހާދަހާވާ ހިތްޗެވެ.