ހޯމަދުވަހުގެ ވާހަކަ: ކީރިތި ޤުރުއާނުން ފިލާވަޅެއް - އަނިޔާވެރި އުއްމަތްތަކާއި އަދި އަނިޔާވެރި ފަރުދުންގެ ނިމުން

އުއްމަތްތައް އުފަންވެ، ކުރިއަރައި ބާރުގަދަވެދެއެވެ. އިރުއަރާއި އިރުމެދުޖެހޭ ފަދައިންނެވެ. ދެން، އެއަށްފަހު، އެ އުއްމަތްތަކުގެ ހަށިގަނޑަށް ބަލިކަށިކަން އައިސް، އެންމެފަހުން، އެއުމަތްތަކަށް ނިމުން އައިސް، ނެތިދެއެވެ. އިރު މެދުޖެހުމަށް ފަހު، ހުޅަގާ ދިމާއަށް ދަތުރުކޮށް އޮއްސޭފަދައިންނެވެ. އެ އުއްމަތްތަކަށް ބާރުދީ، ދިރުންދިން އަޚުލާގީ އަގުތައް ގެއްލުވާލުމުގެ ސަބަބުންނެވެ. މިފަދަ އުއްމަތްތަކުގެ ވާހަކައާއި އެ އުއްމަތްތަކުގެ ނިމުން އައި ގޮތާއި އެކަމުގެ ތަފްސީލު ވާހަކަތައް، މުއައްރިޚުން، އެބޭކަލުންގެ ލިޔުއްވުންތަކުގައި ބަޔާންކުރެވިފައިވެއެވެ.

މިގޮތުން ލިޔެވުނު، އިހުގެ ބައެއް މުހިއްމު ލިޔުންތަކަށް ބަލާލާއިރު، އެންމެ އިހުގެ ލިޔުންތަކުގެ ތެރޭގައި، މީލާދީ ސަނަތުން ސާދަވަނަ ގަރުނުގައި، އިބްނު ޚަލްދޫނު، ލިޔުއްވި އޭނާގެ ތާރީޚުގެ މުގައްދިމާ ހިމެނެއެވެ. މީގެ އިތުރުން، އިނގިރޭސި މުއައްރިޚު، ގިބަންސްގެ 'ރޫމީންގެ އެމްޕަޔަރގެ ކުރިއެރުމާއި ވެއްޓުން' ވެސް، ހިމެނެއެވެ. މިފޮތުގެ ފުރަތަމަ ޖިލްދު ޝާއިއުކުރެވުނީ 1776 ގައެވެ. އަދި އޭގެ އެންމެ ފަހު ޖިލްދު ޝާއިއުކުރެވުނީ 1789 ގައެވެ. މީގެ އިތުރުން، 1947ގައި، 'އުއްމަތްތައް އެރުމާއި ވެއްޓުމުގެ ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟'، މި ސުރުޚީގެ ދަށުގައި ދެއްވި ތަގުރީރެއްގައި، ވޭތުވެ ދިޔަ ގަރުނުގެ ތެރޭގައި ހިމެނުނު މުހިއްމު އިސްލާމީ ލިޔުންތެރިއެއް ކަމަށްވާ މައުދޫދީ ވެސް، އުއްމަތްތައް ވެއްޓި، ނެތިދާގޮތުގެ މައްޗަށް، ޚުލާސާ ގޮތެއްގައި ބައްލަވާލައްވާލައްވާފައި ވެއެވެ. އަދި ހަމަ އެހެންމެ، 1994 ގައި، ޖިމް ނެލްސަން ބްލެކް، އޭނާގެ 'އުއްމަތްތަކުގެ މަރު އަންނަ ހިނދު: ސަގާފަތެއް ބޮޑު ނުރައްކަލެއްގެ ކުރިމަތީގައިވާ ކަމުގެ ދިހަ އަލާމަތް'، މިފޮތުގައި ވެސް މި މައުލޫގެ މައްޗަށް އަލި އަޅުވާލައްވާފައި ވެއެވެ.

އުއްމަތްތައް ވެއްޓިދާ ގޮތުގެ މައްޗަށް ބަލައިލައިފާ މި ހަތަރު ލިޔުމުގައި ވެސް، އިއްތިފާގުވެފައިވާ ކަމެއް ފާހަގަވެއެވެ. އުއްމަތްތައް ނެތި ދަނީ، އެއުއްމަތުގެ އަޚުލާގީ އަގުތައް ނެތި ދިޔުމުން ކަމެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަން، ލަފާކަމާއި ސާލިހުވަންތަކަން، ހަމަހަމަކަމާއި އަދުލުވެރިކަން، މިފަދަ އަޚުލާގީ މާތް ސިފަތައް ނެތުމުންނެވެ.

މިލިޔުންތަކުގެ ތެރެއިން އެންމެ އިހުގެ ލިޔުން ކަމުގައިވާ އިބްނު ޚަލްދޫނު، އޭނާގެ މުގައްދިމާގައި، އުއްމަތްތަކާއި ޙަޟާރާތްތައް ވެއްޓި ނެތިދިޔުމުގެ ސަބަބުތައް ބަޔާންކޮށްދެއްވަމުން ލިޔުއްވައިފައި ވެއެވެ. އެކަން މެދުވެރިވަނީ، އެ އުއްމަތްތައް ކުރިއަރައި، އެ އުއްމަތްތަކަށް މަތިވެރިކަން ގެނެސް، އެއުއްމަތްތަކުގެ އިއްޒަތާއި ގަދަރު އުފުލެން މެދުވެރިކުރުވި މަތިވެރި ސިފަތައް ނެތިދިޔުމުންނެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި އުއްމަތްތައް ކުރިއަރައިދާން މެދުވެރިވާ މުހިއްމު ސިފަތަކުގެ ތެރޭގައި ހަރުދަނާ އަދުލު އިންސާފުގެ ނިޒާމެއް އޮތުމާއި ގާނޫތުތަކާއި ގަވާއިދުތައް ހިންގާލުން ހިމެނެއެވެ. ވިޔަފާރިކުރުމާއި ސިނާއަތުގެ ހަރަކާތްތަކުގައި ސަރުކާރުގެ އިސްވެރިން ބައިވެރިނުވުމެވެ. ފަސާދައަށް މަގުފައިވެ ނުދިޔުމައްޓަކައެވެ. ގަވާއިދުތަކާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ފަސޭހައިން ކަންކަން ކުރެވިދިޔުމުގެ ހަރުދަނާ އިދާރީ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. ދައުލަތައް ދައްކަން ޖެހޭ ވާރުތައް ކުޑަކޮށް ނެގޭ އިގުތިސާދީ ނިޒާމެއް ގާއިމުވެފައި އޮތުމެވެ. މީގެ އިތުރުން، އިބްދާޢީ ތައުލީމީ ނިޒާމެއް ވެސް އޮތުމެވެ. މީގެ މާނައަކީ އާ ހޯދުންތަކާއި އީޖާދުތަކަށް މަގުފަހިކޮށްދޭނޭ ފިކުރީ ޚިޔާލުތައް އުފެއްދުމުގެ ކުޅަދާނަކަށް ކިޔަވާ ސިކުނޑިތަކަށް ލިބިދޭ ފަދަ ތައުލީމީ ނިޒާމެއް އޮތުމެވެ. އިބްނު ޚަލްދޫނު ބަޔާންކުރައްވާ ގޮތުގައި، އުއްމަތްތަކާއި ޙަޟާރަތްތައް ވެއްޓި ނެތި ދަނީ މިސިފަތައް ނެތި ދިޔުމުންނެވެ. އަދި، މިއާ ވިދިގެން އުއްމަތްތަކުގެ މީހުން "އެމީހުންގެ ކިބައިގައިވާ ހައިވާނީ ސިފަތައް ކުރިއަށް ނެރެ، ހައިވާނުން އުޅޭ ގޮތަށް އުޅެން ފެށުމުންނެވެ." އާދެ، އެމީހުން އިންސާނުންނަށް ހެދި، މާތް އަޚުލާގީ ސިފަތަކާއި ހަމަތައް ނެތުމުންނެވެ. އަރަބި ޅެންވެރިކަމުގެ ދުނިޔޭގައި ޅެންވެރިންގެ އަމީރުގެ ނަމުން ނަންދެވިފައިވާ ޅެންވެރިޔާ، އަހްމަދު ޝައުގީ އޭނާގެ ޅެން ބައިތެއްގައި ޚުލާސާކޮށްލާފައިވާ ފަދައިންނެވެ.

والصدق أرفع ما اهتز الرجال له * وخير ما عود ابنا في الحياة أب

وإنما الأمم الأخلاق ما بقيت * فإن همُ ذهبت أخلاقهم ذهبوا

(ވާރޭވެހުމުގެ ސަބަބުން، މަރުވެފައިވާ ބިމެއް، ގުޑުވާލެވި، އެ ބިމަށް ދިރުން އަންނަ ފަދައިން) އިންސާނުންނަށް ދިރުން ގެނެސް (ހެޔޮ ގޮތުގައި) ހަރަކާތްތެރިކުރުވުމަށް ބާރުއަޅުވާ އެންމެ މަތިވެރި އެއްޗަކީ ތެދުވެރިކަމެވެ. އަދި އެސިފައަކީ އެ ސިފައިގެ މަތީގައި، ބަފަޔަކު، ދަރިޔެއް ހާނުވާއި ބޮޑުކުރާނޭ ހެޔޮކަން އެންމެ ބޮޑު ސިފައެވެ.

އެހެނީ، އުއްމަތްތައް ބިނާވެގެންވަނީ (މާތް) އަޚުލާގީ ސިފަތަކުގެ މައްޗަށެވެ. އަދި އުއްމަތްތައް ދެމި ހުންނަނީވެސް އެފަދަ ސިފަތައް އެއުއްމަތެއްގެ މީހުންގެ ކިބައިގައި ހުރިހާ ހިނދަކުއެވެ. އެއުއްމަތްތަކުގެ މީހުން، އެމީހުންގެ އަޚުލާގީ މާތް ސިފަތައް ނެތި ހިންގައްޖެ ނަމަ، އެމީހުން ވެސް ނެތި ދެއެވެ.

ކީރިތި ޤުރުއާނުގައިވެސް އުއްމަތްތަކުގެ ވާހަކައާއި އުއްމަތްތައް ނެތިދިޔަ ވާހަކަ އައިސްފައިވެއެވެ. ޘަމޫދު ބާގައިގެ މީހުންނާއި ޢާދު ބާގައިގެ މީހުންގެ ވާހަކައެވެ. ލޫތުގެފާނުންގެ ގައުމުގެ މީހުންގެ ވާހަކައެވެ. ފިރުއައުނާއި ގިބްތީންގެ ވާހަކައެވެ. މިއެންމެން ވެސް ނެތިދިޔުމުގެ ސަބަބަކަށްވީ މަތީގައި ބަޔާންކުރެވިދިޔަ އިލާހީ ގާނޫނެވެ. އެމީހުންނަށް ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި އޮޅި، އެމީހުންގެ މުޖުތަމައުތަކުން އަޚުލާގީ މާތް ސިފަތައް ނެތި ދިޔުމެވެ. އެމީހުންގެ ތެރޭގައި، އަދުލު އިންސާފުގެ ކަންތައް ހަމަހަމަ ގޮތެއްގައި ހިންގާ ނުލެވުމެވެ. ސަލާމާއި ސަލަވާތްލެއްވި އިތުރު ރަސޫލާގެ ހަދީސްފުޅެއްގައި އިޝާރަތްކުރެވިފައިވާ ފަދައިންނެވެ. 'ބޮޑު' ބޭކަލަކު ކުށަކަށް އަރައި ގަތުމުން، އޭނާގެ މައްޗަށް ގާނޫނުތައް ނުހިންގެއެވެ. ނަމަވެސް އާދައިގެ މީހަކު ހަމަ އެކުށް ކޮށްފި ނަމަ، އޭނާގެ މައްޗަށް ގާނޫނުތައް ހިންގާލެވެއެވެ.

ދެންމެ މި އިޝާރަތްކޮށްލި، ކުރިއަރައި ބާރުގަދަވި އުއްމަތްތައް ނެތިދަނީ ކިހިނެއްކަން، ކީރިތި ގުރުއާނުގައި ބަޔާންކުރެވިފައި ވެއެވެ. މިފަދަ ބަޔާންކުރުމެއް އަލްއަންޢާމު ސޫރަތުގެ 42ވަނަ އާޔަތުން ފެށިގެން 45ވަނ އާޔަތުގެ ނިޔަލަށް ވެއެވެ. މަތީގައި ނަންގަނެވިދިޔަ، އަޚުލާގީ އިންތައް ހުރަސްކޮށް، އެއިންތައް ފަހަނައަޅާ ދިޔުމުން، އެކިއެކި ގޮތްގޮތުން، އެކަން އުއްމަތްތަކަށް ހަނދާންކޮށްދެވެއެވެ. މި ހަނދާންކޮށް ދިނުމުން، އިބުރަތްލިބި ނުގަތުމުން، ދެން، އެމީހުން ނެތިކުރައްވައި، އެމީހުންގެ ނިމުން ގެންނަވައެވެ. މިއާޔަތްކޮޅުގެ މައްޗަށް ބަލާލާނަމެވެ.

ولقد أرسلنا إلى أمم من قبلك ހަމަކަށަވަރުން، ކަލޭގެފާނުގެ (އެބަހީ މުހައްމަދުގެފާނުގެ އުއްމަތުގެ) ކުރިން ވެސް، އުއްމަތްތަކަށް، ގައުމުތަކަށް، ތިމަން ރަސްކަލާނގެ، ރަސޫލުބޭކަލުން ފޮނުއްވީމެވެ. فأخذناهم بالبأساء والضراء لعلهم يتضرعون އަދި (ދިރިއުޅުމުގެ) ދަތި އުނދަގޫތަކާއި (މިސާލަކަށް، ވާރޭނުވެހުމުގެ ސަބަބުން ދަނޑުގޮވާން ނުކުރެވުން، ނައަމްސޫފިތައް މަރުވެދިޔުން، ނޫނީ މަސްނުބޭނުން، އެއްޗެތީގެ އަގު ބޮޑުވުން، މިފަދަ މަޢީޝީ އުނދަގޫތަކާއި) އަދި ބަލިމަޑުކަން (ބަލިތައް ފެތުރި އާންމުވުން، އަދި އެކަމުގެ ސަބަބުން މީސްތަކުން މަރުވަމުން ދިޔުން، އަދި ދިރިތިބީންނަށް އުނދަގޫތައް ކުރިމަތިވުން) އެ އުއްމަތްތަކާއި  ކުރިމަތިކުރެއްވީމެވެ. އެއީ އެ އުއްމަތްތަކުގެ މީސްތަކުން(ގެ ހިތްތައް) މަޑުމޮޅިވެ، (އެމީހުން ހަމަ މަގަށް އެޅި)ދޭތޯއެވެ. فلولا إذ جاءهم بأسنا تضرعوا ތިމަންރަސްކަލާނގެ މެދުވެރިކުރެއްވި ދަތިތަކާއި ބަލިމަޑުކަމުގެ އިމްތިހާނު އެމީހުންނާ ކުރިމަތިވި ހިނދު، އެބައިމީހުން(ގެ ހިތްތައް) މަޑުމޮޅިވެ، (ހަމަ މަގަށް އެމީހުން އެޅި)ދިޔަނަމައެވެ! ولكن قست قلوبهم وزين لهم الشيطان ما كانوا يعملون ނަމަވެސް، (ހުރި ހިތާމަހުއްޓެވެ! އެމީހުންގެ ކަންތައްތައް ހުރީ މިއާ ދިމާއިދިކޮޅަށެވެ!) އެމީހުންގެ ހިތްތައް (އިތުރަށް) ހަރުކަށިވެ، (އެމީހުން ބޮޑާވެގަނެ، އިތުރަށް ނުބައިވުން ނޫންކަމެއް އެމީހުންގެ ކިބައިން ނުފެނުނެވެ.) އެހެނީ، ޝައިތާނާ، (އެބަހީ، ނުބައި ކަންކަމަށް އަރައިގަތުމަށް، ހިތްވަރުދޭ، އަމިއްލަ އެދުމާއި އަމިއްލަ މަސްލަހަތާއި ދަހިވެތިކަން ފަދަ، ނުބައި ބާރުތައް،) އެމީހުން ކުރަމުން ގެންދިޔަ ކަންތައްތަކަކީ ރީތި، މޮޅު، ކަންތައްތަކެއްގެ ގޮތުގައި އެމީހުންނަށް ދެއްކިއެވެ. فلما نسوا ما ذكروا به فتحنا عليهم أبواب كل شيء ދެން، އެމީހުންނަށް ހަނދާންކޮށްދެވުނު ކަންތައްތައް މަތީން އެމީހުން ހަނދާން ނައްތާލައި (އެކަމުން އިބުރަތްލިބި ނުގަތުމުން، އެމީހުން އެދޭ) ހުރިހާ ކަމެއްގެ ދޮރުތައް އެމީހުންގެ މައްޗަށް ހުޅުވާލެވި (އެމީހުން ބޭނުންވާ ގޮތަށް ކަންތައްތައްވެ، އެމީހުންގެ އެދުންތައް ހާސިލުވިއެވެ.) حتى إذا فرحوا بما أوتوا أخذناهم بغتة فإذاهم مبلسون އަދި މިކަމާމެދު (އެބަހީ އެމީހުންނަށް ލިބުނު މި ނަންގަތް ކާމިޔާބީއާ މެދު، ފަޚުރުވެރިވެ، ބޮޑާވެގަނެ،) އުފާފާޅުކުރުމުގައި ވަނިކޮށް، (އެމީހުންނަށް ނުވެސް ދެނެ ތިއްބާ،) ހަމަ ކުއްލިއަކަށް ތިމަން ރަސްކަލާނގެ އެމީހުން ހިއްޕަވައި ގެންދެވީމުއެވެ. (އެބަހީ، އެމީހުންގެ މައްޗަށް އަޒާބު ފޮނުއްވައި، އެމީހުންގެ ނިމުން ގެންނެވީމުއެވެ.) އެހިނދު، އޮޅުންއަރައި، ހަދާނެ ގޮތެއް، ކުރާނެ ކަމެއް، ނޭނގި، އެމީހުން (މުޅިން މާޔޫސް)ވިއެވެ. فقطع دابر القوم الذين ظلموا ދެން، މިފަދައިން ކަންތައްވެވި، އަނިޔާވެރި(ވެ، ބޮޑާވެގަތް) މީސްތަކުންގެ އެންމެ ފަހު މީހާއަށް ދާންދެން، (އެބަހީ، ހަމަ އެކަކުވެސް ބާކީނުކޮށް، އެ އެންމެން އެއްކޮށް،) ނެތިކުރެވުނެވެ. والحمد لله رب العالمين އަދި (މިކަން މިގޮތަށް ނިމިދިޔުމުގެ) ހުރިހާ ތައުރީފެއްގެ، މޮޅެއްގެ، ހައްގުވެރި ފަރާތަކީ އާލަމްތުގެވެރި މާތް ރަސްކަލާނގެއެވެ.

އާދެ، ހެޔޮ މަގުން ފައިކައްސާލި ހިނދު، އެމީހުންނަށް ހަނދާންކޮށްދީ، ހެޔޮ މަގަށް އައުމަށް ގޮވާލެވުމުން ވެސް، ބީރު ކަންފަތެއް ދެވުމުން އެމީހުން ނިމިދިޔައީއެވެ. ނިންމާލަމުން، މަރްހޫމު މުހައްމަދު އަބްދުއްލަތީފުގެ 'ހަގީގަތަކީ މިއީއެވެ' މިޅެމުން ނެގިފައިވާ ހިކަމުގެ މިއިބުރަތްތެރި ބަސްކޮޅު ލިޔެލާނަމެވެ.

"ކާކުތޯ ނުދާނެނީ މި ގުލްޝަނުން ވަކިވެ ހިނގާ

ކާކުތޯއެ ހަރުލަނީ ނުދާނެހެން މިތާކުގައި

އިއްޔެ ދުށް އެރީތިހައި މަނާޒިރާ އުފާތަކާ

ދާނުދާ ތަނެއް ނުއެނގި ހިނގައިދެޔޭ ފަނާވެގެން

ދާރަޔާ ސިކަންދަރާ ސީޒަރާ ނެޕޯލިޔަން

މާ ދުރަށް ވިދާލި ނަން އޮބައިފިޔޭ އެ ފަނޑުވެގެން

ހެދިޔަކަސް ބޮޑެތި ވިހައި އިމާރަތާއި ގުއްބުތައް

އެކަނި ތިންފިލާގައޭ ދަނީ ތިމާ އެ މަރުވެގެން

ހެޔޮކަމުގެ އަމަލުތަކުން ލިބެވިދާ އެ ޝުހުރަތުން

ފެހިކަމާއެކީ އަބަދު ދެމިހުރޭ މި ދުނިޔެއިން

ހީނ އުފާ އަބަދުކުރާ މީހުނޭ، މި ދާރުގައި!

ބީވެގެން ހިނގައިދެއޭ ހަށިގަނޑާ ފުރާނަ، ދެން

އިއްޔެގައި އެކީ އުޅުނު މިތުރުނާ އަޒީޒުނާ

ވިއްޔެ ވަކި، މިފާލަމުން، ކުރި ދަތުރު އެ ނިންމަމުން

ކުރިކަމެއްގެ ނަންވަނީ ހެޔޮކަމޭ، އެ ދިރިވަނީ!

ބުނި ލަތީފު ބަސްތަކުން އެނގިދެއޭ އެ ވިސްނުމުން

ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ތަފާތު މަވްޟޫޢުތަކަށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ އަލްމަރްޙޫމް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދުގެ ދަރިކަލެކެވެ. މާލޭގައި ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު އޭނާ ފުރަތަމަ ޑިގްރީ ނެންގެވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލު ކުރެއްވުމަށް ފަހު ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ ދިރި އުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތް ކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.