ޑައިރެކްޓް ކޮންޓެކްޓްވެ ބައެއް ވަޒީރުން އައިސޮލޭޝަންގައި ތިއްބެވިކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވި ވިދާޅުވުން އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް ޢަބްދުލް ޢަޒީޒު ނޫސްވެރިންނަށް ސާފުކޮށް ދެއްވައިފިއެވެ.
އެންއީއޯސީގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި މަބްރޫކް ވިދާޅުވީ ތިން ވަޒީރަކާ ގުޅިގެން ފާހަގަ ކޮށްލެވޭ ކަންތައްތަކެއް އުޅޭ ކަމަށެވެ. އޭގެ ތެރެއިން ހޯމް އައިސޮލޭޝަންގައި އެއް ވަޒީރަކު ހުންނެވި ކަމަށެވެ. އެއީ ކޮން ވަޒީރެއް ކަމެއްވިދާޅެއް ނުވެއެވެ.
ތަފްޞީލް ދެއްވަމުން މަބްރޫކް ވިދާޅުވީ އެއްވަޒީރަކު ސެކަންޑްރީ ކޮންޓެކްވެފައިވާ ކަމަށެވެ. އެއީ ޕޮޒިިޓިވް ކޭސް އަކާ ބައްދަލުވެ ބަލީގެ އަލާމާތް ހުރި މީހަކާ ބައްދަލުވި މީހަކާ އެ ވަޒީރާ ބައްދަލުވުމުން ކަމަށެވެ. އެދުވަހުން ފެށިގެން އެމީހާގެ ނަތީޖާ ލިބެންދެން އެ ވަޒީރު ހުންނެވީ ހޯމް ކަރަންޓީންގައި ކަމަށް ވިދާޅުވިއެވެ. ބަލީގެ އަލާމާތްތައް ފެނުނު މީހާ ވަނީ ނެގެޓިވް ވެފައި ކަމަށް މަބަރޫކް ވިދާޅުވިއެވެ. ދެވަނަ ކޭހަކީ ވަޒީރަކު އުޅުއްވާ އެޕާޓްމަންޓް ހުންނަ ޢިމާރާތް އެއްކޮށް މޮނިޓަރިނަށް ގެނެވުމުން ވަޒީރަކު ގޭގައި ހުންނެވުން ކަމަށެވެ.
ތިންވަނަ ކޭހަކީ އިހްސާން ފިހާރައަށް ވަޑައިގެނެންވި ވަޒީރަކަށް އައިސޮލޭޓް ވުމަށް އެންގެވުން ކަމަށެވެ. އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދަން ޖެހިއްޖެނަމަ އެކަން ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ. އެ ވަޒިރު މިހާރު ހުންނެވީ ހޯމް އައިސޮލޭޝަންގައިކަމަށް ވިދާޅުވިއެވެ.
އިހުސާން ފިހާރައިގެ ޑެލިވަރީގައި ޙަރަކާތްތެރި ވެވަޑައިގެންނަވަމުން ދަނިކޮށް އެތަނުގައި ޑެލިވަރީގެ މަސައްކަތުގައި އުޅޭ ބިދޭސީންތަކެއް ޕޮޒިޓިވްވުމާ ގުޅިގެން ޔޫތު މިނިސްޓަރ އަޙަމަދު މަޙްލޫފު ވަނީ އަމިއްލަ ފުޅަށް ހޯމް އައިސޮލޭޝަނަށް ވަޑައިގެން އެކަން ހާމަވެސް ކުރައްވައިފައެވެ.