ކޮވިޑް-19: މިހާތަނަށް ހަތަރުސަތޭކައަށްވުރެ ގިނަ ކޮންޓެކްޓެއް ހޯދިފައިވޭ: މަބްރޫކް

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 21 ވަނަ މީހާގެ ހިސާބުން ފެށިގެން މިރޭ 7:00 އާ ހަމައަށް 468 ކޮންޓެކްޓެއް ހޯދިފައިވާ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ އެކޮންޓެކްޓްތަކުގެ ތެރެއިން 242 މީހެއްގެ ސާމްޕަލް މިހާރު ނަގާފައިވާ ކަމަށެވެ.

ރާއްޖެއިން މިއަދު ވަނީ ބަނގްލަދޭޝްގެ 13 މީހަކާއި އިންޑިއާގެ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ އިތުރުން މާލެއިން އުލިގަމަށް ދަތުރުކުރި އެރަށު މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ މިހާތަނަށްވަނީ 132 ތަނެއް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައެވެ. އަދި މީހުން ކަރަންޓީން ކުރުމަށްޓަކައި ކަރަންޓީން ފެސިލިޓީގެ ގޮތުގައި މިހާރު 14 ތަނެއް ގާއިމްކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިރޭގެ ޕްރެސްގައި މަބްރޫކް ވިދާޅުވީ ރާއްޖެއިން މިހާރު މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދަށް ބަލާއިރު އެއީ ލަފާކުރި ޢަދަދަށްވުރެ އިތުރު ޢަދަދެއް ކަމަށެވެ. އެހެންނަމަވެސް މުޅި ރާއްޖެ މިހާރު ލޮކްޑައުންކޮށްފައިވާތީ ކުރިއަށްއޮތް ތަނުގައި ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެކަން އެގޮތަށްވާނީ ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ކިޔަމަންތެރިކަމާއެކު އެންމެންވެސް ބޯލަނބައި އެއަށް ޢަމަލުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.