ކޮރޯނާ ވަބާގެ ސަބަބުން މީސްތަކުންނަށް މިއަދު ދަނީ އިޤްތިޞާދީ ތަދުމަޑުކަމެއް ބަރުދާސްތު ކުރަމުންނެވެ.މި ވަބާގެ ސަބަބުން ބައިނަލްއަޤްވާމީ އިޤްތިޞާދީ ދުވެލި ވަނީ ބުރަކި ޖެހިފައެވެ. ހުރިހާ ޤައުމުތަކެއްގެ އުފެއްދުންތެރިކަން ވަނީ ހުއްޓިފައެވެ. އިޤްތިޞާދީ ހެދިބޮޑުވުން ވަނީ ގުރުޑުވެފައެވެ. ގިނަ ޤައުމުތަކެއްގައި ބޭރަށް ނުކުމެ އުޅުން ވަނީ މަނާކުރެވިފައެވެ. ބޭނުމެއް ނެތި މަގުމަތީގައި މީހުން އުޅޭ ތަނެއް ނުފެނެއެވެ. ޞިއްޙީ ޚިދްމަތްތަކާއި ، މީހުންނަށް ބޭނުންވާ ޟަރޫރީ ޚިދްމަތްތައްނޫން އެހެން ހުރިހާ ޚިދްމަތްތަކެއް ވަނީ ހުއްޓިފައެވެ. މި ކަމުގެ ސަބަބުން ވިޔަފާރި ކަސާދަވެއްޖެއެވެ.ޚާއްޞަ ކުންފުނިތަކާއި ޤިޠާޢުތަކުގައި މަސައްކަތްކުރާ ވަރަށް ގިނަ ބައެއްގެ ވަޒީފާތައް ގެއްލިއްޖެއެވެ. ދުވަހު ކުއްޔަށް މަސައްކަތް ކުރާ މީހުންނަށް މަސައްކަތް ނުލިބުމުގެ ސަބަބުން އާމްދަނީ ދަށަށް ހިނގައްޖެއެވެ.
މިފަދަ ޙާލަތްތަކާ ކުރިމަތިލުމަށް ޓަކައި ޒަކާތް ނެރުން އަވަސްކުރެވިދާނެ ހެއްޔެވެ؟
ޒަކާތް ނެރުން އަވަސްކުރުމުގެ މާނައަކީ ނިޞާބު ހަމަވާ ޒަކާތު މުދަލުން އަހަރު ހަމަވުމުގެ ކުރިން ޒަކާތުން ނެރެންޖެހޭ މިންވަރު ނެރުމެވެ. މިސާލަކަށް އަހަރު ހަމަވަނީ ރަމަޟާން މަހުގައި ކަމަށް ވާނަމަ ޝަޢުބާން މަހުގައި ޒަކާތް ނެރުމެވެ.
ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގެންފައިވާ ގޮތުގައި ޢައްޔަންކުރެވިފައިވާ ވަކި ވަގުތެއްގައި ( مؤقت معين ) އަދާކުރަން ޖެހޭ ޢިބާދާތުތައް ( މިސާލަކަށް ނަމާދާއި ރޯދަ ) އޭގެ ވަގުތު ޖެހުމުގެ ކުރިން އަދާކުރުން ޙަރާން ވާނެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمْسِ إِلَىٰ غَسَقِ ٱلَّيْلِ وَقُرْءَانَ ٱلْفَجْر ِ - އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، عصر ނަމާދާއި، مغرب ނަމާދާއި، عشاء ނަމާދު قائم ކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! )) ނަމާދުގެ ވަގުތު ޖެހުމުގެ ކުރިން ކުރާ ނަމާދަކީ ބާޠިލު ނަމާދެކެވެ. މެނދުރުނަމާދުގެ ވަގުތު ވަނުމުގެ ކުރިން މެންދުރު ނަމާދު ކުރިޔަސް އެ ނަމާދު ކުރިކަމަކަށް ނުވާނެއެވެ. އެ ނަމާދު ވަގުތު ވަނުމުން އަލުން ކުރަން ޖެހޭނެއެވެ.
ރަމަޟާން މަހުގެ ރޯދައާ ބެހޭގޮތުން މާތް ﷲ ވަޙީ ކުރެއްވިއެވެ. (( فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ - ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! )) މި ބަސްފުޅުން އެނގެނީ ރަމަޟާން މަސްނޫން މަހެއްގައި ރަމަޟާން މަހުގެ ރޯދަ އަދާއަކަށް ނުހިފޭނެކަމެވެ. އެހެން މަހެއްގައި ހިފައިގެން ފަރްޟު ރޯދަ އަދާކުރިކަމަކަށް ނުވާނެއެވެ.
މިއީ ޢިލްމުވެރީންގެ އިއްތިފާޤު އޮތް ކަމެކެވެ.
މިއާޚިލާފަށް އެ އަޅުކަމެއް ވާޖިބުވުމުގެ ސަބަބަކަށް ވަގުތުނުވާ އެހެނަސް އެއީ އެ ކަން ވާޖިބުވުމުގެ ޝަރްޠަކަށް ވާ ކަމެއް ނަމަ ( މިސާލަކަށް މުދަލު ޒަކާތުގައި އަހަރު ހަމަވުން ) ނުވަތަ އެއީ ވަގުތު މުޠުލަޤުކޮށް އޮތް ކަމެއްނަމަ ( މިސާލަކަށް ކައްފަރާތައް ) އެ ކަން އަދާކުރުމުގައި އަވަސްވެގަތުމުގެ މަސްއަލައިގައި ޢިލްމުވެރީންގެ ރައުޔު ތަފާތެވެ.
1- ޙަނަފީންނާއި ޝާފިޢީން ވިދާޅުވާ ގޮތުގައި ފިޠުރި ޒަކާތް ނެރުން އަވަސްކުރުމަކީ ހުއްދަ ކަމެކެވެ.
2- ޢިލްމުވެރީން އިޖްމާޢުވެ ވަޑައިގަންނަވާ ގޮތުގައި ނިޞާބު ހަމަނުވާނަމަ (އެއީ ޒަކާތް ވާޖިބުވުމުގެ ޝަރްޠަކަށް ވާތީ) ޒަކާތް ނެރުން އަވަސްކުރުން ހުއްދަ ނުވާނެތެވެ.
3- މާލިކީންނާއި ޙަންބަލީން ވިދާޅުވާ ގޮތުގައި ފިޠުރި ޒަކާތް ދެދުވަސް ނުވަތަ އެއް ދުވަސް ކުރިން ނެރުން ހުއްދަ ވާނެއެވެ. ފިޠުރި ޒަކާތް ނެރެން ޖެހޭ ވަގުތު ޖެހޭނީ ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ އިރު އޮއްސުމުންނެވެ.
4- ކައްފާރާއާ ބެހޭގޮތުން ޖުމްހޫރު ޢިލްމުވެރީން ( އެބަހީ ގިނަ ޢިލްމުވެރިން ) ވިދާޅުވާ ގޮތުގައި އެ މީހާ ކުރި ހުވަޔާ ޚިލާފުވުމުގެ ކުރިން ކައްފާރާ ދިނުން ހުއްދަނުވާނެއެވެ. ޝަފިޢީން ވިދާޅުވާގޮތުގައި ކައްފާރާ ދިނުން އަވަސްކުރެވޭނީ ރޯދަނޫން ޢަމަލުތަކުގައެވެ.
5- ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވާ ގޮތުގައި ނިޞާބު ހަމަނުވާ މުދަލުން ޒަކާތް ދިނުން އަވަސްކުރުން ހުއްދަވެގެން ނުވެއެވެ.
ވަގުތު ޖެހުމުގެ ކުރިން ޒަކާތް ދިނުން
1- އަބޫޙަނީފާ ވިދާޅުވާ ގޮތުގައި ޒަކާތްނެރުން ހަމަ ވާޖިބުވާ އިރަށް ޒަކާތް ދޭކަށް ނުޖެހޭނެއެވެ. އެކަމަށް އޭނާއަށް އަމުރުނުކުރެވޭ ނަމަ އޭނާއަށް ޒަކާތް ނެރުން ލަސްކުރެވިދާނެއެވެ. އެކަމަކު އަނެއް ތިންއިމާމުން ވިދާޅުވާ ގޮތުގައި ޒަކާތްނެރުން ވާޖިބުވާ އިރަށް ވަގުތުން ޒަކާތްނެރެން ޖެހޭނެއެވެ.
2- އިސްލާމްދީނަކީ ހެޔޮކަންތައް ކުރުމުގައި އަވަސްވެގަތުމަށް ގޮވައިލާ ދީނެކެވެ. އެހެންކަމުން ދީނުގައި ފަރްޟުކުރައްވާފައިވާ އަޅުކަންތައް (ޒަކާތްދިނުން، ޙައްޖުވުން ފަދަ އަޅުކަންތައް) އަދާކުރުމަށް އަވަސްގަތުމަކީ ދީން ގޮވާލައި ކަމެކެވެ.
3- ޒަކާތް ނެރުން ވާޖިބުވާ ވަގުތުޖެހުމުގެ ކުރިން ޒަކާތްނެރުމުގެ މަސްއަލައިގައި ޒަކާތުމުދާ ދެބަޔަކަށް ބެހިގެންވެއެވެ.
ހ- އެއްބަޔަކީ އަހަރު ފުރި ނިޞާބު ހަމަވުމުން ޒަކާތްދޭންޖެހޭ ބާވަތްތަކެވެ. އެއީ ރަނާއި ރިއްސާއި ވިޔަފާރި މުދަލާއި ގެރިބަކަރި ފަދަ ޖަނަވާރުތަކެވެ.
ށ- އަނެއްބަޔަކީ އަހަރު ހަމަވޭތޯ ބެލުމެއްނެތި ޒަކާތް ދޭންޖެހޭ ބާވަތްތަކެވެ. އެއީ މޭވާޔާ ގޮވާމެވެ. އެތަކެތި ދޮންވެ ފައްކާވުމުން ނިޞާބު ހަމަވާނަމަ ޒަކާތްދޭން ޖެހޭނެއެވެ. އެއީ ދެތިން މަސްދުވަހުގެ ތެރޭގައިވާ ކަމަކަށް ވިޔަސް ނުވަތަ އަހަރަކަށްވުރެ ގިނަ ދުވަހުން ވާކަމަކަށް ވިޔަސް ޙުކުމުގައި އެއްގޮތެވެ.
4- އަހަރު ހަމަކުރަންޖެހޭ ބާވަތްތަކުން އަހަރު ހަމަނުކޮށް ޒަކާތް ދެވިދާނެމ ހެއްޔެވެ؟ މިސާލަކަށް ވިޔަފާރިވެރިއެއްގެ އަތުގައިހުރި ނިޞާބު ހަމަވެފައިވާ މުދަލަށް އަހަރު ފުރެނީ ޛުލްޙިއްޖާ މަހުގެ އެންމެ ފަހުދުވަހު ކަމުގައިވާއިރު އެމަހުގެ ކުރީކޮޅުގައި ޒަކާތް ދެވިދާނެހެއްޔެވެ؟
5- ޝާފިޢީއާއި އަބޫ ޙަނީފާއާއި އަޙްމަދު ވިދާޅުވާ ގޮތުގައި އެއީ ހުއްދަ ކަމެކެވެ. ނިޞާބު ހަމަވެއްޖެނަމަ އަހަރު ހަމަނުވިޔަސް ޒަކާތް ދެވިދާނެއެވެ. ރަސޫލުﷲގެފާނު އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު ޢައްބާސްގެފާނު އަތްޕުޅުން ދެއަހަރު ދުވަހުގެ ޒަކާތް އެއްފަހަރާ ނެންގެވިއެވެ.
6- ނަމަވެސް މާލިކާއި ސުފްޔާނުއްޘައުރީ ވިދާޅުވާ ގޮތުގައި އަހަރު ހަމަކުރަން ޖެހޭނެއެވެ. އަހަރު ހަމަނުވަނިސް ޒަކާތެއް ނުނެރެވޭނެއެވެ.
7- އަހަރު ހަމަކުރަން ނުޖެހޭ މުދަލުން ޒަކާތް އަވަހަށް ދިނުމުގެ މަސްއަލައިގައި ގިނަ ދަންނަބޭކަލުން ވިދާޅުވާގޮތުގައި މިބާވަތުގެ މުދަލުން (ގޮވާމާއި މޭވާއާއި ރިކާޒާއި މަޢުދަނުން) ޒަކާތް އަވަހަށް ދިނުން ހުއްދަވެގެން ނުވެއެވެ. އެހެނީ ގޮވާމުން ޒަކާތް ދޭންޖެހެނީ އޮށްޓަރު އެރުމުންނެވެ. މޭވާއިން ޒަކާތް ދޭންޖެހެނީ ދޮންވެ ފައްކާވުމުންނެވެ. އޮށްޓަރު އެރުމުގެ ކުރިން ނުވަތަ މޭވާ ދޮންވުމުގެ ކުރިން ޒަކާތް ދިނުމުން އޭގެ މަޤްޞަދު ޙާޞިލެއް ނުވާނެއެވެ.
ޒަކާތް ނެރުން އަވަސް ކުރުން ހުއްދައެއް ނުވާނެ
ޒަކާތް ނެރެން ޖެހޭ އަޞްލު ވަގުތަށްވުރެ އަވަހަށް އެ ނެރުން ހުއްދައެއް ނުވާނެއެވެ. މިއީ އަލްޙަސަނުލް ބަޞްރީއާއި ރަބީޢަތުއްރައުޔުއާއި އިމާމު މާލިކާއި ،ދާވޫދުއްޡާހިރީގެ ރައުޔެވެ. އިބްނުލް މުންޛިރާއި ، އިބްނު ޚުޒައިމާއާއި، މާލިކީ މަޒްހަބުގެ އަޝްހަބު ވިދާޅުވިއެވެ.(( ނަމާދު ފަދައިން އެކަމުގެ ވަގުތު ނުޖެހެނިސް އެ ކަން ކުރުން ޞައްޙަ ނުވާނެތެވެ.))
އަލްޤަރާފީ ( އައްޛަޚީރާ : 3 / 137 ) ގައި ވިދާޅުވެފައި ވެއެވެ. (( ރަންރިހީގެ ޒަކާތާއި ގެރިބަކަރީގެ ޒަކާތް އަހަރު ހަމަވުމުގެ ކުރިން ނެރެގެން ނުވާނެއެވެ. އެހެނަސް ކުޑަ ތަންކޮޅެއް ކުރިން ކަމުގައިވާނަމަ ހުއްދަ ވާނެތެވެ. މާލިކީ މަޒްހަބުގެ ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި ކުޑަ ތަންކޮޅެއް ކުރީގެ މާނައަކީ ދިހަވަރަކަށް ދުވަހެވެ. އަނެއްބައި ބޭކަލުން ވިދާޅުވާ ގޮތުގައި އެއީ ފޮއި ދުވަހެވެ. އެބޭކަލުން ވިދާޅުވާ ގޮތުގައި މިއީ ރަންރިއްސާއި ގެރިބަކަރީގެ ޒަކާތުގައެވެ. ދަނޑުވެރިކަމުން ލިބޭ އެއްޗެހިން ޒަކާތް ދިނުން ހުއްދަ ނުވާނެއެވެ.
މި ބޭކަލުންގެ ދަލީލުތަކަކީ :-
1- މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި އިބްނު ޢުމަރު ވިދާޅުވިއެވެ. (( އަހަރު ހަމަވުމުގެ ކުރިން މުދަލު ޒަކާތް ވާޖިބު ނުވާނެއެވެ. ))
2- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. ((من استفاد مالًا فلا زكاةَ فيهِ حتّى يحولَ عليه الحَوْلُ – ފައިދާގޮތުގައި ލިބޭ މުދަލުން އަހަރު ހަމަވުމުގެ ކުރިން ޒަކާތެއް ނެތެވެ. ))
3- އަހަރު ފުރުމަކީ ޒަކާތުގެ ޝަރްޠެކެވެ. ނިޞާބު ހަމަވުމުގެ ކުރިން ޒަކާތް ނެރުން ހުއްދަވެގެން ނުވާތީ އަހަރު ހަމަވުމުގެ ކުރިން ޒަކާތް ނެރުން ހުއްދަ ނުވާނެތެވެ.
4- ޒަކާތް ދެއްކުމަށް ކަނޑައެޅިފައިވާ ވަގުތެއް ވެއެވެ. އަޅުކަމެއް އަދާކުރުމަށް ވަގުތެއް ކަނޑައެޅިފައިވާނަމަ އެ ވަގުތު ޖެހުމުގެ ކުރިން އެ އަޅުކަން އަދާއެއް ނުކުރެވޭނެއެވެ.
ޒަކާތް ނެރުން އަވަސް ކުރުން ހުއްދަ ވާނެ
ޒަކާތް ވާޖިބުވުމުގެ ސަބަބަކީ ނިޞާބު ހަމަވުމެވެ. އެހެންކަމުން ނިޞާބު ފުރިހަމައަށް ހަމަވެއްޖެނަމަ ވަގުތު ޖެހުމުގެ ކުރިން ޒަކާތް ނެރުން ހުއްދަވާނެއެވެ.މިއީ އަލްޙަސަނުލް ބަޞްރީއާއި، ސަޢީދު ބުނު ޖުބައިރާއި، އައްޒުހްރީއާއި ، އަލްއައުޒާޢީއާއި، އިމާމު އަބޫ ޙަނީފާއާއި ، އިމާމު އައްޝާފިޢީއާއި، އިސްޙާޤާއި، އަބޫ ޢުބައިދުގެ ރައުޔެވެ. އެހެންކަމުން މިއީ ޖުމްހޫރު ޢިލްމުވެރީންގެ ބަސްފުޅެވެ.
އަލްކާސާނީ ބަދާއިޢުއް ޞަނާއިޢު ( 2 / 50 ) ގައި ވިދާޅުވެފައި ވެއެވެ. (( އަހަރު ހަމަވުމަކީ ޒަކާތް އަދާކުރުމުގެ ޝަރްޠެއްނޫނެވެ. މާލިކުގެފަނާ ޚިލާފަށް ޒަކާތް ދެއްކުން އަވަސްކުރުން ހުއްދަވެގެން ވެއެވެ. ))
އައްދުއްރުލް މުޚްތާރުގައި ( 2 / 27 ގައި ) ވިދާޅުވެފައިވެއެވެ. (( ނިޞާބު ހަމަވެފައިވާ މުދަލަކުން ދެ އަހަރަށް ކުރިއަށް ޒަކާތް ދެއްކުން ހުއްދަވާނެއެވެ. އެކަމުގެ ސަބަބު ވުޖޫދުގައި ވާތީއެވެ. ))
އަލްޙާވީ އަލްކަބީރުގައި ( 3 / 174 ) އަލްމާވަރްދީ ވިދާޅުވެފައި ވެއެވެ. (( ޒަކާތް ވާޖިބުވުމުގެ ސަބަބު ކަމުގައިވާ ނިޞާބު ހަމަވާނަމަ ޒަކަތް ނެރުން އަވަސްކުރުން ހުއްދަ ވާނެއެވެ. ))
އަލްވަސީޠު ގައި( 2/ 446 ) އަލްޣަޒާލީ ވިދާޅުވިއެވެ. ((އަހަރު ހަމަވުމުގެ ކުރިން ޒަކާތް ދެއްކުން ހުއްދަ ވާނެއެވެ. ))
އަލްމަޖްމޫޢުގައި ( 6 / 144 ) ނަވަވީގެފާނު ވިދާޅުވިއެވެ. (( ނިޞާބު ހަމަވުމަކީ ޒަކާތް ވާޖިބު ވުމުގެ ސަބަބެވެ. ނިޞަބު ހަމަވެއްޖެނަމަ އަހަރު ނުފުރުނަސް ޒަކާތް ނެރުން އިސްކުރުން ހުއްސަވާނެތެވެ. ))
ޖުމްހޫރު ޢިލްމުވެރީންގެ ދަލީލުތަކަކީ :-
1- މާތް ﷲ ރުއްސުންލެއްވި ޢަލީ ބިން އަބީ ޠާލިބުގެފާނު ވިދާޅުވިއެވެ. (( އަހަރު ހަމަވުމުގެ ކުރިން ޒަކާތް ދެއްކެވިދާނެތޯ ޢައްބާސުގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާ ސުވާލު ކުރެއްވިއެވެ. ހެޔޮ ޢަމަލުގައި އިސްވެ ވަޑައިގެންނެވުމަށް ޓަކައެވެ. އެހިނދު ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފަނަށް އެކަމަށް ހުއްދަ ދެއްވިއެވެ. ))
2- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢުމަރުގެފާނަށް ވިދާޅުވިއެވެ. (( ތިމަންކަލޭގެފާނު ޢައްބާސުގެފާނުގެ އަތްޕުޅުން މިއަހަރަށާއި ކުރިއަށް އޮތް އަހަރަށް ޒަކާތް ނަންގަވައިފީމެވެ.))
3- މާތް ﷲ ރުއްސުން ލެއްވި ޢުމަރުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. (( ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޞަދަޤާތް ކުރުމަށް އަމުރު ކުރެއްވިއެވެ. ދެންނެވުނެވެ. އިބްނު ޖަމީލަށާއި ޚާލިދު ބުނުލް ވަލީދަށާއި ޢައްބާސް ބިން ޢަބްދުލް މުއްޠަލިބަށް ޞަދާޤާތް ދިނުން މަނާކުރެވުނެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސްކުރެއްވިއެވެ. އިބްނު ޖަމީލު ފަޤީރަކުކަމުގައި ވިއެވެ. މާތްﷲއާއި އެކަލާނގެ ރަސޫލާ އޭނާ ފުދުންތެރިކޮށްދެއްވިއެވެ.ޚާލިދު ދަންނައެވެ. ތިޔަބައިމީހުން ޚާލިދަށް އަނިޔާވެރިވެއްޖައީމުއެވެ. އެކަލޭގެފާނު ވަނީ އެކަލޭގެފާނުގެ އައްޑަނަކޮޅުތަކާއި ހަނގުރާމަމަތީ ސާމާނުތައް ﷲގެ މަގުގައި ބަންދު ކުރައްވައިފައެވެ. ޢައްބާސް ބިން ޢަބްދުލް މުއްޠަލަބީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ބޮޑުބޭބޭފުޅެވެ. އެކަލޭގެފާނުގެ މައްޗަށް ޒަކާތް ވާޖިބުވެގެން ވެއެވެ. މި އަހަރަށާއި އެފަދަ އެހެން އަހަރަކަށެވެ. )) އެހެން ޙަދީސެއްގައި އައިސްފައިވާ ގޮތުގައި (( ތިމަންކަލޭގެފާނު ޢައްބާސުގެފާނު އަތްޕުޅުން ދެ އަހަރަށް ޞަދަޤާތް ނަންގަވައިފީމެވެ. )) މި ބަސްފުޅުން ޒަކާތް ކުރިއަށް ނެގުން ހުއްދަވާނެކަން އެނގެއެވެ.
4- އެއީ ޒަކާތް ދެއްކުން ވާޖިބުވުމުގެ ކުރިން ޒަކާތް ވާޖިބުވުމުގެ ސަބަބު ވުޖޫދުވެފައިވާ މުދަލެކެވެ. އެހެންވެ އެ ނެރުން ހުއްދަވާނެއެވެ.
5- ދަރަނި އަދާކުރަން ޖެހޭ ވަގުތު ޖެހުމުގެ ކުރިން ދަރަނި އަދާކުރުން ހުއްދަވާތީއާއި ، ހުވާކުރުމަށްފަހު އެ ހުވަޔާ ޚިލާފުވުމުގެ ކުރިން އެ ހުވާގެ ކައްފާރާ ދިނުން ހުއްދަވާތީއާއި ، ޒަޚަމުވެފައިވާ މީހާ މަރުވުމުގެ ކުރިން ޤަތުލުގެ ކައްފާރާ ދިނުން ހުއްދަވާތީ އެއަށް ޤިޔާސްކޮށް ޒަކާތް ނެރެން ޖެހޭ ވަގުތު ޖެހުމުގެ ކުރިން ނިޞާބު ހަމަވާނަމަ ޒަކާތް ދެއްކުން ހުއްދަވާނެކަން އެނގެއެވެ.
6- ޒަކާތް ދޭން ޖެހޭ ވަގުތު ޖެހުމުގެ ކުރިން ޒަކާތް ދިނުން ޞައްޙަ ނުވާނެކަމަށް އިމާމު މާލިކު ވިދާޅުވިޔަސް ، ހުވާކުރުމަށް ފަހު އެ ހުވަޔާ ޚިލާފުވުމުގެ ކުރިން ހުވާގެ ކައްފާރާ ދިނުން ހުއްދަވާނެ ކަމަށް އިމާމު މާލިކު ވިދާޅުވެފައި ވެއެވެ.އެއީ ޝަރްޠުގެ މައްޗަށް އަޅުކަން އިސްކުރުމެވެ.
7- އަޅުކަމެއް އަދާކުރުމަށް ވަގުތު ޝަރްޠުވެގެންނުވާ ކޮންމެ އަޅުކަމެއް އަދާކުރުން އިސްކުރުމަކީ މަނާކަމެއް ނޫނެވެ. ފަރްޟު ފަސް ނަމާދާއި ރޯދައަކީ ވަގުތު ޝަރްޠުވާ އަޅުކަންތަކެކެވެ. އެހެންވެ މި ކަންތައްތަކުގައި ވަގުތު ނުވަންނަނީސް އެ ކަންކަން އަދާކުރުން ޞައްޙައެއް ނުވާނެއެވެ.
ޒަކާތްދިނުން އަވަސް ކުރުމުގައި ވަކި މުއްދަތެއް ވޭހެއްޔެވެ؟
މި ކަމުގައި ވެސް ތަފާތު ރައުޔުތަކެއް ވެއެވެ.
1- އަބޫޙަނީފާ ވިދާޅުވާ ގޮތުގައި އޭނާ ބޭނުން ވަރަކަށް ކުރިއަށް އޮތް އަހަރުތަކަށް ޒަކާތް ނެރެވިދާނެއެވެ. މިސާލަކަށް 30000 ރުފިޔާ އޮތްމީހަކު ބޭނުންނަމަ އެއިން ކުރިއަށްއޮތް 20 އަހަރަށް ( ) 15 ހާސް ރުފިޔާ ދެވިދާނެއެވެ. އެކަމަކު ގޮވާމާއި މޭވާއިން މިގޮތަކަށް ޒަކާތެއް ނުދެވޭނެއެވެ.
2- ޒަކާތް ކުރިއަށް ނެގުން ހުއްދަވާނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. އެއަށްވުރެ ގިނަ ކުރުން ހުއްދަ ނުވާނެތެވެ. މިއީ ޙަންބަލީ މަޒްހަބާއި ޝާފިޢީންގެ ރައުޔެވެ. މި ބޭކަލުންގެ ދަލީލަކީ ކީރިތި ރަސޫލާ ޢައްބާސުގެފާނުގެ އަތްޕުޅުން ޒަކާތް ނެންގެވީ ދެ އަހަރަށެވެ. އަބޫ ދާވޫދު ރިވާކުރެއްވިއެވެ. (( ޢައްބާސުގެފާނުގެ އަތްޕުޅުން ރަސޫލާ ދެ އަހަރަށް ޒަކާތް ނެންގެވިއެވެ. ))
3- ޒަކާތް ނެގޭނީ އެއް އަހަރަށެވެ. އެއީ އިތުރު އަހަރަކަށް ނިޞާބު ހަމަވާނެ ކަން ނޭނގޭނެތީއެވެ. މިއީ ޝަފިޢީ މަޒްހަބުގެ ރައުޔުތަކުގެ ތެރޭގައި ހިމެނޭ ރައުޔެކެވެ.
4- އެއްމަސް ދުވަހަށްވުރެ ކުރިން އެ އަހަރުގެ ޒަކާތް ނެގުން އަވަސްކުރުން ހުއްދަ ނުވާނެތެވެ. މިއީ މާލިކީ މަޒްހަބުގެ ރައުޔެވެ.
ބުރަވެވޭ ރައުޔު
1- މިތާނގައި ބުރަވެވޭ ރައުޔަކީ ދެވަނަ ރައުޔެވެ. އެއީ ޖުމްހޫރު ޢިލްމުވެރީންގެ ރައުޔެވެ.ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު ޢައްބާސުގެފާނުގެ އަތްޕުޅުން ޒަކާތް ނަންގަވައިފައި ވަނީ ދެ އަހަރަށެވެ. އިބްނު ޢުމަރުގެ އަރިހުން ވާރިދުވެފައިވާ ޙަދީސް (( އަހަރު ހަމަވުމުގެ ކުރިން މުދަލު ޒަކާތް ވާޖިބު ނުވާނެއެވެ. )) މި ޙަދީސަކީ މައުޤޫފު ޙަދީސެކެވެ. މިއީ ޟަޢީފު ޙަދީސެކެވެ.
ކޮރޯނާގެ ޙާލަތުގައި ޒަކާތް އަވަހަށް ދެއްކުން
ޖުމްހޫރު ޢިލްމުވެރީންގެ ރައުޔަށް ބަލާއިރު އާދައިގެ ޙާލަތުގައި ޒަކާތް ދެއްކުން އަވަސްކުރުމަކީ ހުއްދަ ކަމެކެވެ. އެހެންކަމުން މިއަދު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޖާއިޙާއެއްގެ ( ޢާލަމީ ވަބާއެއްގެ ) ޙާލަތުގައި ނުވަތަ ނަވާޒިލެއް ކުރިމަތިވެފައިވާ ޙާލަތުގައި ނުވަތަ ބޮޑު ތަދަކާ ކުރިމަތިވެފައިވާ ޙާލަތުގައި މި ކަން ހުއްދަ ވާނެއެވެ. އެއީ މި ކަން ޟަރޫރަތަކަށް ވާތީއެވެ. އެއީ މީސްތަކުން މި ވަގުތު މި ކަމަށް މުހުތާދުވެފައި ވާތީއެވެ.
މީގެ އިތުރަށް ޒަކާތް ދެއްކުން އަވަސްކުރުމަކީ ހެޔޮ ޢަމަލުތައް ކުރުމުގައި ކުރިއަރައި ދިޔުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَـٰوَٰتُ وَٱلْأَرْضُ أُعِدَّتْ لِلْمُتَّقِينَ ﴿١٣٣﴾ ٱلَّذِينَ يُنفِقُونَ فِى ٱلسَّرَّآءِ وَٱلضَّرَّآءِ وَٱلْكَـٰظِمِينَ ٱلْغَيْظَ وَٱلْعَافِينَ عَنِ ٱلنَّاسِ ۗ وَٱللَّـهُ يُحِبُّ ٱلْمُحْسِنِينَ - އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، تقوى ވެރިންނަށެވެ. (133) އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި حال ގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.)
އެހެންބަސްފުޅެއްގައި ވެއެވެ. (( سَابِقُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ أُعِدَّتْ لِلَّذِينَ ءَامَنُوا۟ بِٱللَّـهِ وَرُسُلِهِۦ ۚ ذَٰلِكَ فَضْلُ ٱللَّـهِ يُؤْتِيهِ مَن يَشَآءُ ۚ وَٱللَّـهُ ذُو ٱلْفَضْلِ ٱلْعَظِيمِ - ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ލިބިގަތުމަށާއި، އެތާނގެ ތަނަވަސްކަން އުޑާއި ބިމުގެ ތަނަވަސްކަންފަދަ ސުވަރުގެޔަށް ތިޔަބައިމީހުން ކުރިއަރައިދާށެވެ! އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ، اللَّه އަށާއި، އެކަލާނގެ رسول ންނަށް إيمان ވި މީހުންނަށްޓަކައެވެ. އެއީ اللَّه ގެ فضل ވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް އެ فضل ވަންތަކަން ދެއްވަތެވެ. اللَّه އީ، ބޮޑުވެގެންވާ فضل ވަންތަކަމުގެ ވެރިރަސްކަލާނގެއެވެ.))
ހެޔޮ ކަންތައްތަކުގައި އެކަކު އަނެކަކާ ވާދަކުރުމަށާއި އެކަންކަމުގައި ކުރި ހޯދުމަށް މާތް ﷲ ވަނީ ގޮވައިލައްވައިފައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. (( فَٱسْتَبِقُوا۟ ٱلْخَيْرَٰتِ ۚ إِلَى ٱللَّـهِ مَرْجِعُكُمْ جَمِيعًا - ފަހެ، ހެޔޮކަންތަކަށް ތިޔަބައިމީހުން ވާދަކުރާށެވެ! ތިޔަބައިމީހުން އެންމެން رجوع ވުންއޮތީ، اللّه ގެ حضرة އަށެވެ- . )) މުއުމިނުގެ ސިފަތައް ބަޔާންކުރައްވައި ވަޙީ ކުރެއްވިއެވެ. (( أُو۟لَـٰٓئِكَ يُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَهُمْ لَهَا سَـٰبِقُونَ - އެއުރެން އެންމެންނީ، ހެޔޮކަންތަކުގައި އަވަސްވެގަންނަ މީހުންނެވެ. އަދި އެއުރެންނީ އެކަންތަކުގައި ކުރިއަރައިދާ މީހުންނެވެ. )) މިފަދަ އެހެން ބަސްފުޅެއްގައި ވެއެވެ. (( إِنَّهُمْ كَانُوا۟ يُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا۟ لَنَا خَـٰشِعِينَ - ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ. )) ޞާލިޙުންގެ ސިފަތަކުގެ ތެރޭގައި ހެޔޮ ކަންތައްތައް ކުރުމުގައި އަވސްވެ ގަތުން ވެއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( وَيُسَـٰرِعُونَ فِى ٱلْخَيْرَٰتِ وَأُو۟لَـٰٓئِكَ مِنَ ٱلصَّـٰلِحِينَ - އަދި، ހެޔޮކަންތައް ކުރުމަށް އެއުރެން އަވަސްވެގަނެތެވެ. އެއުރެންވަނީ صالح ންގެ ތެރެއިންނެވެ. ))
ލޮބުވެތި ރަސޫލާ ވަނީ އެކަލޭގެފާނުގެ އުއްމަތަށް ހެޔޮކަންތައް ކުރުމުގައި އަވަސްވެ ގަތުމަށް އިރްޝާދު ދެއްވައިފައެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ.(( بادِرُوا بِالأعمالِ سبعًا، هل تَنظُرُونَ إلّا فَقرًا مُنْسِيًا، أو غِنًى مُطْغِيًا، أو مَرَضًا مُفسِدًا، أو هَرَمًا مُفَنِّدًا، أو مَوتًا مُجْهِزًا، أو الدَّجالُ، فشَرُّ غائِبٍ يَنتَظِرُ، أو الساعةُ، فالساعةُ أدْهى وأمَرَّ –ހަތް ކަމަކުންކުރެ ކަމެއް ކުރިމަތިވުމުގެ ކުރިން ތިޔަބައިމީހުން ހެޔޮ ޢަމަލުތައް ކުރުމަށް އަވަސްވެ ގަންނާށެވެ. ހަނދާން ނައްތުވައިފަނިވި ފަޤީރުކަމެކެވެ. ނުވަތަ ހައްދުފަހަނަޅައިގެންގޮސްފަނިވި މުއްސަނދިކަމެކެވެ. ނުވަތަ ފަސާދަކުރުވަފަނިވި ބަލިމަޑުކަމެކެވެ. ނުވަތަ ބޯ ގޯސްކުރުވާ ނުކުޅެދުންތެރިކުރުވަފަނިވި މުސްކުޅިކަމެކެވެ. ނުވަތަ ކުއްލި މަރެކެވެ. ނުވަތަ ދައްޖާލު ފާޅުވުމެވެ. އެއީ އިންތިޒާރު ކުރަންޖެހޭ ނުބައެކެވެ. ނުވަތަ ޤިޔާމަތްވުމެވެ . ފަހެ ޤިޔާމަތްވުމުގެ ވަގުތު ދަތިކަން މާބޮޑެވެ. އަދި ހިތިކަންވެސް މާބޮޑުމެއެވެ. ))
މުސްލިމުންނަކީ އަބަދުވެސް ( ފާގަތިކަމާއި ތަދުމަޑުކަމުގައި ވެސް ) ހެޔޮވަންތަ ބަޔެކެވެ. އެމީހުންނަކީ އެއްބަޔަކު އަނެއް ބަޔަކާ އަޅައިލާ ބައެކެވެ. މުޞީބާތްތަކުގެ ވަގުތުގައި އެމީހުންގެ ހެޔޮކަން ބޮޑުވާން ޖެހޭނެއެވެ. މުހުތާދުވެރީންނަށް އެހީފޯރުކޮށްދީގެންނެވެ. އެމީހުންގެ ބޮލުގައި އެޅިފައިވާ ޒަކާތް ދިނުން އަވަސްކޮށްގެންނެވެ. މި ކަމުގެ ސަބަބުން މުސްލިމު މުޖްތަމަޢުގެ ބާރު ވަރުގަދަވެ އިޖްތިމާޢީ ތަކާފުލު އިތުރުވެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ހަރުދަނާވެގެން ދާނެއެވެ.