އަންނަ ހަފްތާގައި ވެސް ސަރުކާރު ނުހުޅުވަން ނިންމަވައިފި

އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާ ގޮތަށް މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ފާސްކޮށްފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. އެގޮތަށް ނިންމެވުމުން  ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުންވެސް ބަންދުވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިކަން މިގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމެވީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ފެތުރުން ކުޑަކުރެއްވުމަށްޓަކައި މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާގުޅޭގޮތުން މަޝްވަރާ ކުރައްވައި، ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށްފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.  ކެބިނެޓް ބައްދަލުވުން މިއަދު ބާއްވާފައިވަނީ މިއަދު މެންދުރުފަހު މުލިއާގޭގައެވެ.

އަންނަ ހަފްތާގައިވެސް، ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާގޮތަށް ނިންމެވިކަމުގައިވިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށް ވެސް ކެބިނެޓުން ވަނީ ނިންމަވައިފައެވެ.  ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށް ވެސް މިއަދުގެ ބައްދަލުވުމުން ވަނީ ނިންމަވައިފިައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.