ސިޓީ ހޮޓާތަކަށާއި ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުން މަނާކޮށްފި

ރާއްޖޭގައި ހިންގާ ސިޓީހޮޓާތަކާއި ގެސްޓުހައުސްތަކަށް ބިދޭސީ ފަތުރުވެރިން ގެނައުން ހުއްޓާލުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.

ޑީޖީ މައިމޫނާ މިގޮތަށް އެންގެވީ ކޮވިޑް-19 ގެ ސަބަބުން  ރާއްޖޭގައި ސިއްޙީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނުކޮށްފައިވާ ދަނޑިވަޅުގައި އެބަލިން ރައްކާތެރިވުމަށް އަޅުއްވާ އިތުރު ފިޔަވަޅެއްގެ ގޮތުގައެވެ. މީގެ ކުރިން ވެސް މިކަން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް އެފަހަރު އެކަން މަނާކޮށްފައިވާ މުއްދަތު މިއަދު ހަވީރު 6:00 އަށް ވަނީ ހަމަވެފައެވެ. އެހެންނަމަވެސް އެކަން މިއަދުވަނީ އައުކޮށްފައެވެ. މިފަހަރު އެކަން މަނާކުރައްވާފައިވަނީ މުއްދަތެއްނެތް ގޮތަށެވެ. ކުރީން މަނާކުރައްވާ ފައިއޮތީ 14 ދުވަހަށެވެ.

ދިވެހިރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ބިދޭސީ ފަތުރުވެރިން ޗެކިންވުން ހުއްޓަކައިލަން މިއަދު އެންގެވި ނަމަވެސް މިހާރު އެ ފަދަ ތަންތަނުގައި ޗެކިންވެފައި ތިބި ބިދޭސީ ބުކިން ހަދައިފައިވާ މުއްދަތަކަށް ތިބުމަށް އެއްވެސް ހުރަހެއްނެތް ކަމަށް ވެސް ޑީޖީ ވިދާޅުވެފައިވެއެވެ.

ރާއްޖެއިން ފެންނަ ކޮވިޑި-19 ގެ ކޭސްތަކުގެ އަދަދު ވެސް މިހާރު އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ. މިހާތަނަށް ވަނީ 18 ކޭހެއް ފެނި ފައެވެ. އޭގެ ތެރެއިން 15 މީހުންނަކީ ބިދޭސީންނެވެ. އަނެއް ތިން މީހުންނަކީ ދިވެހީންނެވެ. ޕޮޒިޓިވްވި އިޓަލީގެ ދެމީހަކު މިހާރުވަނީ އެމީހުންގެ ގައުމަށް ގޮސްފައެވެ. ފަރުވާގައި މިހާރު ތިބީ 3 ދިވެހީންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.