ސަރުކާރު މުވައްޒަފުން، ބޭރަށް ނުކުމެ ނޫޅުމަށް ރައީސް އޮފީހުން އަންގަވައިފި

ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވައިފި އެވެ.

ރައީސް އޮފީހުން މިގޮތަށް އެންގެވީ ކޮވިޑް-19 ކޮންޓްރޯލް ކުރެއްވުމުގެ ގޮތުން މާދަމާއިން ފެށިގެން އެއް ހަފްތާ ސަރުކާރު ބަންދުރަން ނިންމަވާފައިވަނިކޮށްނެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ އެގޮތަށް ނިންމެވީ އިޖުތިމާޢީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިންގ ތަންފީޒުކުރުމަށްޓަކައި ކަމަށެވެ. އެހެންކަމުން ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސް އޮފީހުން އެންމެވީ ކަމަށް އެއޮފީހުން ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައި ވެސް ފެތުރެމުންދާތީ، އެ ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވީނަމަވެސް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރެއްވުމަށްވެސް ދައުލަތުގެ މުއައްސަސާތަކަށް ވަނީ އަންގަވާފައެވެ. އެޚިދުމަތްތަކީ
(ހ) ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތައް؛
(ށ) ފެނާއި، ކަރަންޓާއި، ނަރުދަމާގެ ޚިދުމަތް؛
(ނ) ބްރޯޑްކާސްޓިންގގެ ޚިދުމަތް؛
(ރ) ފޯނާއި އިންޓަރނެޓްގެ ޚިދުމަތް؛
(ބ) ބޭންކުތަކުން ދޭ ޚިދުމަތް؛
(ޅ) ކައްކާ ގޭހާއި ފިޔުލްގެ ޚިދުމަތް؛
(ކ) ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް؛
(އ) ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތް؛
(ވ) ސިފައިންނާއި ފުލުހުންގެ ޚިދުމަތް؛
(މ) ފަޔަރ އެންޑް ރެސްކިއުގެ ޚިދުމަތް؛
(ފ) ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތް؛
(ދ) ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތް؛
(ތ) އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛
(ލ) ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތް؛

(ގ) ޖަލުތަކުގެ ޚިދުމަތް؛
(ޏ) ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކާލުމުގެ ޚިދުމަތް؛
(ސ) މޫސުމާބެހޭ ޚިދުމަތް.

މި ޚިދުމަތްތައް ދިނުމުގެ އިންތިޒާމު ހަމަޖެއްސެވުމަށްޓަކައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން މަސައްކަތަށް ނެރުއްވާ މުވައްޒަފުންނާއި، ޤާނޫނު ނަންބަރު 2012/7 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ ދަށުން 2020 މާރިޗު 12 ވަނަ ދުވަހު އިޢުލާނުކުރައްވާފައިވާ "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު" ގައި، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ކަނޑައަޅުއްވާ ފިޔަވަޅުތައް އެޅުއްވުމަށްޓަކައި ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރުއްވާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުއްވުމަށްވެސް ރައީސް އޮފީހުންވަނީ އަންގަވާފައެވެ.

ސަރުކާރު ބަންދުކުރައްވާ މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތެއް ދެއްވުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކުން ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމަށްވެސް މި ދެންނެވުމުން ވަނީ އަންގަވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން، ސަރުކާރުން އަޅުއްވާ ފިޔަވަޅުތައް އެޅުއްވުމަށް ދައުލަތުގެ އިދާރާތަކުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރައްވަމުން ގެންދެވުމަށްވެސް ދައުލަތުގެ މުއައްސަސާތަކަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ވަނީ އަންގަވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.