ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެން އެއްވެސް ޚިދުމަތެއް ނުދިނުމަށް ރެސްޓޯރެންޓް ފަދަ ތަންތަނަށް އަންގާފައިވަނިކޮށް އެއާ ޚިލާފު ތިން ތަނެއް ޖޫރިމަނާ ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އެއިން ކޮންމެ ތަނެއް ޖޫރިމަނާ ކޮށްފައިވަނީ ފަސް ހާސް ރުފިޔާއެވެ. އޭގެ ތެރެއިން އެއް ތަން ޖޫރިމަނާ ކޮށްފައިވަނީ މިމަހު 22 ވަނަ ދުވަހުއެވެ. އެއީ ކެފޭއެކެވެ. އަދި 24 ވަނަ ދުވަހު ވަނީ 2 ކެފޭ ޖޫރިމަނާ ކޮށްފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ޑިރެކްޓަރޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމަކަށް ރެސްޓޯރެންޓް/ކެފޭ ފަދަ ތަންތަނުގައި ތިބެގެން ކެއުންބުއިން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް ޑެލިވެރިއާއި ޓޭކް އަވޭގެ ޚިދުމަތް ވަނީ ހުއްދަ ކޮށްފައެވެ. މިއާ ޚިލާފު ވެގެން ޖޫރިމަނާ ކޮށްފައިވަނީ މާލޭ ސަރަހައްދުގައި ހިންގާ ތަންތެނެވެ. އެހެންނަމަވެސް އެއީ ކޮންތަންތަނެއް ކަމެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. ފުލުހުން ވިދާޅުވީ ޑީޖީގެ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާ މެދު ކުރިއަށްއޮތް ތަނުގައި ވެސް ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވް ވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން 5 މީހަކަށް މިހާރުވަނީ ބަލި ރަނގަޅު ވެފައެވެ. މިހާރު ފަރުވާ ދެމުން ގެންދާ 8 މީހުންގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.