ވަބާއިން ސަލާމަތްވުމަށް ސާފު ތާހިރުކަން

މިއަދު ދުނިޔެއަށް ބަވަނަވެފައިވާ ކޮރޯނާ ވަބާއިން ޝިކާރަވަމުންދާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

މި ވަބާއިން ރައްކައުތެރިވުމަށް ޓަކައި ސިޔާސީންނާއި ، ސައެންސީންނާއި،  ދާރިސީންނާއި ބާޙިސީން ، މީސްތަކުންނަށް ގޮވައިލަނީ ދެ އަތާއި ބޭނުންކުރާ ކަންވާރުތަކާއި ޢާއްމުތަންތަން ސާފުކޮށް ތާޤީމުކުރުމަށެވެ. އެ ހުރިހާ ބޭފުޅުން ވެސް ކަށަވަރުކޮށް ދެއްވާގޮތުގައި ވައިރަލް ބަލިތައް  ޙިޞާރުކޮށް އެ ބަލިތަކުގެ ނުރައްކާތެރިކަން މަތަކޮށް ފެތުރުން މަނާކުރުމަށް ލިބިގެންވާ އެންމެ ރަނގަޅު އެންމެ އަގު ހެޔޮ  އެންމެ ފަސޭހަ  ވަސީލަތަކީ ސާފު ތާހިރުކަމެވެ.

މިއީ ފަސޭހަ ކަމެއްކަމުގައި ވިޔަސް ދިރާސާތައް އިޝާރަތް ކުރާގޮތުގައި އަތް ދޮވުމަށް އޮންނަ ރަނގަޅު ޤަވާޢިދާ އެއްގޮތަށް ގިނަ ބަޔަކު އަތެއް ނުދޮވެއެވެ. އަތް ދޮންނަން ޖެހޭނީ ބަލި ނަޤްލުކުރާ ބެކްޓީރިޔާއައި ވައިރަސް މަރައިލައި ނައްތައިލާނެފަދަ ގޮތަކަށެވެ.

ސާފު ތާހިރުކަމަކީ އިންސާނާގެ ޙަޔާތަށް ވަރަށް މުހިއްމު އަދި ވަރަށް އަސާސީ ކަމެކެވެ. މިކަމުގެ ބޭނުމަކީ ހަށިގަނޑުގައި ހުންނަ ނުވަތަ ހަށިގަނޑުން އުފައްދާ  ދަގުއިތައް ، ނުވަތަ ހަށިގަނޑުގައި ޖެހޭ ކިލަޔާއި، ހިރަފުހާއި، ކުނިމިލައާއި، ދާތައް ފިލުވުމެވެ.   އޭނާގެ ގައިގެ ވަސް ސާފުކޮށް،  މީރުކޮށް ،ތާޒާ ކުރުމެވެ.ސާފު ތާހިރުކަމަކީ ހަމައެކަނި ނުބައި ވަސް ފިލުވައިލުމެއް ނޫނެވެ. އެހެނެއްކަމަކު އެ ކަމުގެ އަސާސީ ބޭނުމަކީ  ހަށިގަނޑުން ބެކްޓީރޔާތަކާއި ވައިރަސްތައް ފިލުވައިލުމެވެ. ޞިއްޙަތު ރައްކައުތެރިކުރުމުގެ ދަތުރު ފެށެނީ ސާފު ތާހިރުކަމުންނެވެ.

ސާފު ތާހިރުކަމަކީ އިސްލާމީ މުހިއްމު އަގުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިސްލާމްދީން ދެކޭގޮތުގައި ސާފުތާހިރުކަމަކީ އީމާންކަމާ ގުޅިފައިވާ އެއާ ވަކި ނުކުރެވޭނެ ކަމެކެވެ. އިސްލާމްދީން ދެކޭގޮތުގައި އެއީ އިސްލާމީ ޢަޤީދާއާ ގުޅިފައިވާ އެކަމަށް ސަވާބު ވެސް ލިބޭނެ ކަމެކެވެ.

ސާފުތާހިރުކަމަކީ ޝަރްޢީ ފަރީޟާއެއް

އިސްލާމްދީނުގައި މުސްލިމުންނަށް އުނގަންނާ ނުދެއްވާ އެއްވެސް ކަމެއް ނުވެއެވެ. އެ ދީނުގައި އޮތް ސާފުތާހިރުކަމަކީ ހަމައެކަނި ޖިސްމާނީ މާއްދީ ކަމެއްނޫނެވެ. އޭގެއިތުރަށް އެއީ މާނަވީ ރޫޙާނީ ކަމެއް ވެސް މެއެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ކީރިތި ޤުރްއާނުން  ދެވަނައަށް ބާވައިލެއްވި އާޔަތްތަކުގެ ތެރޭގައި ހިމެނޭ އެއް އާޔަތަކީ  އަލްމުދައްޘިރު ސޫރަތުގެ 4 ވަނަ އާޔަތެވެ. މި އާޔަތުގައި އަރަހުށި ﷲ ވަޙީ ކުރެއްވިއެވެ.  ((وَثِيَابَكَ فَطَهِّرْ [1]- އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް طاهر ކުރައްވާށެވެ!)) ކުރިން ވެސް ދެންނެވިފަދައިން ސާފުތާހިރުކަމަކީ އިސްލާމްދީނުގެ އަސާސިއްޔާތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއީ އިންސާނީ ރަށްވެހިކަމަށާއި ޙަޟާރީ އަގުތަކަށާއި،  އިންސާނީ އަދި ޢުމްރާނީ ކުރިއެރުމަށް ބޭނުންވާ ޟަރޫރަތެކެވެ.

ސާފު ތާހިރުކަމުގެ މަޤާމު

އިސްލާމްދީނުގައި ސާފު ތާހިރުކަމަކީ ޠަހާރަތާ ހަމަ އެއްފަދަ ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ޠަހާރަތުގެ ތެރޭގައި ހަށިގަނޑާއި ފޭރާމާއި ތަނުގެ ސާފު ތާހިރުކަން ހިމެނެއެވެ. ކީރިތި ޤުރްއާނުގައި ސާފު ތާހިރުކަމަށް ތިރީހަށްވުރެ ގިނަ ފަހަރު އިޝާރާތް ކުރައްވައިފައިވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( إِنَّ اللَّـهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِ‌ينَ [2]-  ހަމަކަށަވަރުން މާތްﷲ ލޯބިވެވޮޑި ގަންނަވަނީ އެކަލާނގެ ޙަޟްރަތަށް އަބަދާ އަބަދު ތައުބާވާ މީހުން ދެކެއެވެ. އަދި އެބައިމީހުންގެ އަމިއްލަ ނަފްސު ސާފު ތާހިރުކަންމަތީ ދަމަހައްޓާ މީހުން ދެކެއެވެ.))

ކީރިތި ޤުރްއާނުން ދެވަނައަށް ބާވައިލެއްވި އާޔަތްތަކުގައި މާތްﷲ ވަނީ ސާފު ބަހުން ސާފުތާހިރުކަމަށް ގޮވައިލައްވައިފައެވެ. މިއިން އެނގެނީ ސާފުތާހިރުކަމަކީ ޢިލްމު އުނގެނުން ފަދަ އިންސާނާއަށް ޟަރޫރީ ކަމެއް ކަމެވެ. އެ އާޔަތްތަކުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (( يَا أَيُّهَا الْمُدَّثِّرُ‌ ﴿١﴾ قُمْ فَأَنذِرْ‌ ﴿٢﴾ وَرَ‌بَّكَ فَكَبِّرْ‌ ﴿٣﴾ وَثِيَابَكَ فَطَهِّرْ‌ ﴿٤[3]-  އޭ ފޭރާންތައް އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ. ކަލޭގެފާނު ތެދުވެވަޑައި ގަންނަވާށެވެ. ދެން ކަލޭގެފާނު އިންޒާރު ކުރައްވާށެވެ. އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ތަކުބީރު ވިދާޅުވާށެވެ. އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް ސާފު ތާހިރު ކުރައްވާށެވެ.))

އެހެން ސޫރަތެއްގައި ވަޙީކުރެއްވިއެވެ. (( مَا يُرِ‌يدُ اللَّـهُ لِيَجْعَلَ عَلَيْكُم مِّنْ حَرَ‌جٍ وَلَـٰكِن يُرِ‌يدُ لِيُطَهِّرَ‌كُمْ  - [4] މާތްﷲ ތިޔަބައިމީހުންނަށް ދަތިކަމަކަށް އިރާދަ ނުކުރައްވައެވެ. އެކަމަކު އެކަލާނގެ އިރާދަ ކުރައްވަނީ ތިޔަބައިމީހުން ޠާހިރު ކުރެއްވުމަށެވެ.))

އައްޠަބަރާނީ ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ. ((النَظَافَةُ تَدْعُوْ إلَى الإيْمَانِ والإيمَانُ مَعَ صَاحِبِهِ فِى الجَنَّةِ - ސާފު ތާހިރުކަން ގޮވައިލަނީ އީމާންކަމަށެވެ. އަދި އީމާންކަން ވަނީ  އޭގެ ޞާޙިބާއާއެކު ސުވަރުގޭގައެވެ.))

 އެކަލޭގެފާނު ޙަދީޘް ކުރައްވަނީ ((لاتُقْبَلُ صَلَاةٌ بِغَيْرِ طُهُورٍ [5]- ސާފު ތާހިރު ކަމާނުލައި ކުރެވޭ ނަމާދު  ޤަބޫލު ކުރެއްވިގެން ނުވެއެވެ.))

މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ   ޙަދީސް ކުރެއްވިއެވެ. ((مِفْتَاحُ الصَلَاةِ الطُهُوْرُ[6] - ނަމާދުގެ ތަޅުދަނޑިއަކީ ސާފު ތާހިރު ކަމެވެ. ))  ކީރިތި ރަސޫލާ  ގެ އެހެން ބަސްފުޅެއްގައި ވެއެވެ.  ((الطُهُورُ شَطْرُالإيْمَانِ[7] - ސާފު ތާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބަޔެވެ.))

ކީރިތި ރަސޫލާގެ ވަރަށްގިނަ ޙަދީޘްފުޅުތަކުގައި ސާފު ތާހިރުކަމުގެ ވާހަކަ އައިސްފައިވެއެވެ. މާތް ﷲ ރުއްސުންލެއްވި ސަޢުދުގެފާނުގެ ކިބައިން އައްތިރުމިޛީ ރިވާކުރެއްވި ޙަދީޘް ފުޅެއްގައި ވެއެވެ. ((إِنَّ اللَّهَ طَيِّبٌ يُحِبُّ الطِّيبَ ، نَظِيفٌ يُحِبُّ النَّظَافَةَ ، كَرِيمٌ يُحِبُّ الْكَرْمَ ، جَوَّادٌ يُحِبُّ الْجُودَ ، فَنَظِّفُوا أَفْنِيَتَكم، ولا تَشَبَّهُوا باليهودِ؛ تَجْمَعُ الْأَكْباءَ في دُورِها  [8]  - ހަމަކަށަވަރުން ﷲއީ  އެންމެހާ ރިވެތި ސިފަފުޅުތަކެއްގެ ވެރި ރަސްކަލާނގެއެވެ. އެކަލާނގެ ހެޔޮ ޢަމަލުތައް މެނުވީ ޤަބޫލު ނުކުރައްވާނެތެވެ.އެކަލާނގެއީ ހުސް ޠާހިރުވަންތަ ސާފު ތާހިރުކަމަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ދީލަތިވަންތަ ދީލަތިވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ނިޢުމަތް ދެއްވާ ނިޢުމަތަށް ޝުކުރުކުރުމަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެއެވެ. ފަހެ،ތިޔަބައިމީހުންގެ ގޮވެތި ގެދޮރު ސާފުތާހިރުކޮށް ބަލަހައްޓާށެވެ! އަދި ތިޔަބައިމީހުން ޔަހޫދީންނާ އެއްގޮތަށް ނޫޅޭށެވެ! އެބައިމީހުންނަކީ އެބައީމިހުންގެ ގޯތިތެރެއަށް ކުނި ޖަމާކުރާ ބަޔެކެވެ. ))

މިހުރިހާ ޙަދީޘްފުޅުތަކެއް ވެސް އަންގާދެނީ ސާފު ތާހިރު ކަމަށް އިސްލާމްދީން ދޭ މަތިވެރި މަޤާމެވެ. އެކަމަށް އަމުރުކުރައްވާ މިންވަރެވެ. އެހެނީ ރީތިކަމާއި ރަނގަޅުކަމުގެ އަސާސަކީ ސާފުތާހިރު ކަމެވެ. މީގައި ޞިއްޙަތާއި ސާފު ތާހިރުކަމާއި، މީހަކު ފެންނައިރު ރީތި ސިފައެއްގައި ހުރުން ހިމެނެއެވެ. އިސްލާމްދީން ގޮވާލަނީ މިފަދަ ކަންތައްތަކަށެވެ. އަދި މީއީ އިސްލާމީ ރިސާލަތުގެ ނާރެހެވެ. އޭނާގެ ހަށިގަނޑު ސާފު ތާހިރުކޮށް ނުބަލަހައްޓާނަމަ އެމީހަކީ ޙަޤީޤީ މުސްލިމެއްނޫނެވެ. އެމީހާގެ ކާބޯތަކެއްޗާއި ފޭރާން ކިލަޔާއި ނަޖިހުން ސާފުތާހިރުކޮށް ނުބަލަހައްޓާނަމަ އެއީ ތެދުވެރި މުސްލިމެއް ނޫނެވެ. އެމީހާއަކީ ހަޑިމުޑުދާރު މީހެއްނަމަ އެއީ ރަނގަޅު މުސްލިމެއްނޫނެވެ. ޞިއްޙަތާއި ސާފު ތާހިރުކަމަކީ ހަމައެކަނި މާއްދީ އަގެއް ލިބިގެންވާ ކަމެއްނޫނެވެ. މީގެ އިތުރަށް އެއީ އޭނާގެ ނަފްސުގެ ޠަހާރަތަށްވެސް ވަރަށް ފުން އަސަރުތަކެއް ފޯރުވާނެ ކަމެކެވެ. އޭނާގެ ޙަޔާތުގައި ރަނގަޅު ދިރިއުޅުމެއް އުޅުމަށްޓަކައި ވެސް ވަރަށް ބޭނުންތެރި ކަމެކެވެ.

އަތުގެ ސާފު ތާހިރުކަން

އެއްޗެހީގައި ހިފުމަށްޓަކައި ނުވަތަ އެއްޗެހީގައި އަތްލުމަށް ޓަކައި އަޅުގަނޑުމެން ގިނަގިނައިން ބޭނުންކުރަނީ އަޅުގަނޑުމެންގެ ދެއަތް ކަމުގައިވާތީ، އިސްލާމްދީނުގައި އަޅުގަނޑުމެން ކެއުން ބުއިމުގެ ކުރިންނާއި ފަހުން ރަނގަޅަށް އަތްދޮވުމަށް ބާރު އަޅުއްވައިފައިވެއެވެ. އަދި އަތްދޮވުމަކީ، ވުޟޫގެ ތެރޭގައި ހިމެނޭ ކަމެކެވެ. ދެއަތާއި ދެއަތްތިލަ ސާފު ތާހިރުކޮށް ބެހެއްޓުމަށްޓަކައި ކީރިތި ރަސޫލާ ދެއްވާފައިވާ އިރުޝާދުތަކުގެ ތެރޭގައި މިދަންނަވާ ޙަދީޘްތައްވެއެވެ.

 (( مَنْ نَامَ وَفِى يَدِهِ غَمَرٌ وَلَمْ يَغْسِلْهُ فَأَصَابَهُ شَىْءٌ فَلاَ يَلُومَنَّ إِلاَّ نَفْسَهُ [9]- އަތުގައި މަސް ވަސް ހުއްޓައި ، އަތް ނުދޮވެ ނިދިމީހާއަށް ކަމެއް ދިމާ ވިޔަސް އޭނާގެ އަމިއްލަ ނަފްސަށް މެނުވީ ފަހެ މަލާމާތް ނުކުރާހުށިކަމެވެ!))

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (( إِذَا اسْتَيْقَظَ أَحَدُكُمْ مِنْ نَوْمِهِ فَلْيَغْسِلْ يَدَهُ قَبْلَ أَنْ يُدْخِلَهَا فِى وَضُوئِهِ[10] –ތިޔަބައިމީހުންގެ ތެރެއިން މީހަކު ނިދާފައި ތެދުވެ ވުޟޫކުރާ ކަންވާރުގެ ތެރެއަށް  އޭނާގެ އަތް ގެންބުމުގެ ކުރިން އެ އަތް ދޮންނަ ހުށިކަމެވެ.))

އަތްނުދޮވެ ކައި ހެދުމަކީ ބަލިތައް އަޅުގަނޑުމެންގެ ހަށިގަނޑުގެ ތެރެއަށް ވަރަށް ފަސޭހައިން ވަންނާނެ ކަމެކެވެ. އަދި އެއީ ހަމަކަށަވަރުންވެސް ބަލިތައް ހަށިގަނޑު ތެރެއަށް ވަދެ ގަންނާނެ މަގެކެވެ.

ކީރިތި ރަސޫލާ އަމުރު ކުރައްވާފައިވަނީ ހަމައެކަނި އަތް ދޮންނާކަށް ނޫނެވެ. އަޅުގަނޑުމެންގެ ނިޔަފަތި ކެނޑުމަށްވެސް ކީރިތި ރަސޫލާ އަމުރު ކުރައްވާފައިވެއެވެ. ނިޔަފަތި ކެނޑުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އެއީ ނިޔަފަތިތަކުގެ އެތެރޭގައި ޖަމާވަމުންދާ މިލަޔާއި ހިރަފުހާއި ކިލަޔާއި ހަޑިމުޑުދާރު އެއްޗެހިން ސާފު ތާހިރު ކުރުމަށްޓަކައެވެ. މި އެއްޗެހި އޭނާގެ ނިޔަފަތިތަކުގެ ތެރޭގައި ޖަމާވަން ދޫކޮށްލެވިއްޖެނަމަ އޭގެ ނަތީޖާ ވަރަށް ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. ((قُصُّوْا أَظَافِرَكُمْ -[11] ތިޔަބައިމީހުންގެ ނިޔަފަތިތައް ކަނޑާށެވެ.))މި ޙަދީސުގައި އެ ނިޔަފަތިތައް ކެނޑުމަށްފަހު އެ ނިޔަފަތިކޮޅުތައް ބިންމަތީގައި ވަޅުލުމަށް ވެސް އަންގަވައިފައިވެއެވެ.

ނޭފަތުގެ ސާފު ތާހިރުކަން

ނޭފަތުގެ ސާފު ތާހިރުކަމަކީ އިސްލާމްދީނުގައި ވަރަށް އިސްކަން ދީފައިވާ ކަމެކެވެ. އަދި އެއީ ވުޟޫގެ ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ގުނަވަނެކެވެ. ވުޟޫކުރާއިރު އެންމެ ރަނގަޅުގޮތަކީ ނޯށުގެ އެތެރެއަށް ފެން ދަމާލައިފާ ބޭރުކޮށްލުމެވެ. މިކަންތައް ތިންފަހަރު ނުވަތަ ތިންތިން ފަށްކުޅައުމަކީ ސުންނަތް ކަމެކެވެ. އެހެނީ މިކަމަކީ ނޭފަތުގެ އެތެރެ ސާފުކޮށް ބެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.

އަނގައިގެ ސާފު ތާހިރުކަން

ވުޟޫކުރުމުގެ ތެރޭގައި އަނގަޔަށް ފެންލައި އަނގަ ތެރޭގައި މިފެން ހިންގާލުމަށްފަހު ބޭރަށް ނެރުމަށް އަޅުގަނޑުމެންނަށް އިސްލާމްދީނުގައި އިރުޝާދު ދެއްވާފައިވެއެވެ. އަދި ދަތްއުނގުޅުމަކީ އިސްލާމްދީން ވަރަށް ބާރުއަޅުއްވާކަމެކެވެ. މިކަމަކީ އަޅުގަނޑުމެންގެ ދަތްތައް ސާފު ތާހިރުކަމާއި ރަނގަޅު ޞިއްޙަތެއްގައި ބެހެއްޓުމަށް ޓަކައި ކަނޑައަޅުއްވާ އުޞޫލު ތަކެކެވެ.

ކީރިތި ރަސޫލާ ދަތް އުނގުޅުމަށް އަމުރު ކުރައްވާފައިވަނީ ހުރިހާ ވަގުތެއްގައެވެ. ވުޟޫކުރުމުގެ ތެރޭގައްޔާއި އެހެނިހެން ވަގުތު ތަކުގައެވެ. އަބޫ ހުރައިރަތުގެފާނު ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ. ((لَوْلاَ أَنْ أَشُقَّ عَلَى أُمَّتِى لأَمَرْتُهُمْ بِالسِّوَاكِ مَعَ كُلِّ صَلاَةٍ [12]- ތިމަންކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ބުރަކަމެއް ކަމުގައި ނުވާނެނަމަ ކޮންމެ ނަމާދަކަށް  ދަތްއުނގުޅުމަށް ތިމަންކަލޭގެފާނު އެބައިމީހުންނަށް އަމުރުކުރެއްވީމުހެވެ.))

އަދިވެސް ޙަދީޘްކުރައްވަނީ (( السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ[13] - ދަތް އުނގުޅުމަކީ އަނގަ ސާފު ތާހިރުކަމެކެވެ. އަދި އެއީ ﷲގެ ރުހިވޮޑިގަތުން ލިބޭނެ ކަމެކެވެ.))

ފޭރާމުގެ ސާފު ތާހިރުކަން

މާތްﷲ ވަޙީކުރައްވަނީ (( وَثِيَابَكَ فَطَهِّرْ‌ - އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް ސާފު ތާހިރު ކުރައްވާށެވެ.))  އެހެން އާޔަތެއްގައި ވަޙީކުރައްވައިފައި ވެއެވެ. ((  خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ [14] - ހުރިހާ ވަގުތެއްގައި ޚާއްޞަކޮށް މިސްކިތަށް ދާއިރު ތިޔަބައިމީހުން ސާފުތާހިރު ފޭރާމުން ޒީނަތްތެރިވާށެވެ.]

ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. (( الْبَسُوا مِنْ ثِيَابِكُمُ الْبَيَاضَ فَإِنَّهَا مِنْ خَيْرِ ثِيَابِكُمْ [15]- ތިޔަބައިމީހުން ފޭރާމުގެތެރެއިން ހުދު ކުލައިގެ ފޭރާންލައި އުޅޭށެވެ! ފަހެ ހަމަކަށަވަރުން އެންމެ ރަނގަޅު ފޭރާމަކީ ހުދު ކުލައިގެ ފޭރާމެވެ. ))

ޖާބިރު ބުނު ޢަބްދުﷲގެފާނު ރިވާކުރައްވާ ގޮތުގައި ހަޑި މުޑުދާރު ފޭރާމެއްގައި ހުރި މީހަކު ކީރިތި ރަސޫލާއަށް ފެނިވަޑައި ގަތުމުން ވިދާޅުވިއެވެ. ((އޭނާގެ ފޭރާން ސާފުތާހިރު ކުރާނެ ފެން ފޮދެއް ވެސް އޭނާއަށް ފަހެ ނުލިބެނީ ބާވައެވެ.))

ޖަލްސާތަކާއި ބައްދަލުވުންތަކަށް ދާއިރު ތާހިރުކަމާއެކު ރީތި ހެދުންލައިގެން ދިއުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައި ވެއެވެ. ހުކުރު ނަމާދަށާއި ޢީދު ދުވަސް ދުވަހު ޒީނަތްތެރިވުމަށާއި ސާފު ތާހިރުވުމަށް އަންގަވައެވެ. އަބޫ ދާވޫދު ރިވާކުރައްވައިފައިވާ ޙަދީޘްފުޅެއްގައިވެއެވެ. ((مَا عَلَى أَحَدِكُمْ إِنْ وَجَدْتُمْ أَنْ يَتَّخِذَ ثَوْبَيْنِ لِيَوْمِ الْجُمُعَةِ سِوَى ثَوْبَىْ مِهْنَتِهِ - ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ތަނަވަސްކަން ލިބިފައިވާނަމަ މަސައްކަތުގައި އުޅޭއިރު ލާން ގެންގުޅޭ ދެ ހެދުންނޫން އެހެން ދެ ހެދުމެއް  ހުކުރު ދުވަހަށްޓަކައި ހޯދައިފައި ބޭއްވުން ހެޔޮ ރަނގަޅު ވެގެންވެއެވެ.))

ކާނާއާއި ފެނުގެ ސާފު ތާހިރުކަން

އަބޫ ޤަތާދަތުގެފާނުގެ ކިބައިން ރިވާވެގެންވާ ގޮތުގައި ކާންބޯން ގެންގުޅޭ ތަށިތަށްޓަށް، ކައިބޮއިހަދާއިރު ނޭވާ އެޅުމަކީ ރަސޫލާ މަނާކުރައްވާފައިވާ ކަމެކެވެ. މިކަމަކީ ކާނާއާއި ފެނަށް ނޭވާލުމުގެ ސަބަބުން ހަޑިމުޑުދާރު ވެދާނެތީ މަނާކުރައްވާފައިވާ ކަމެކެވެ. އަދި މިކަމަކީ އެތައް ގިނަގުނަ ބަލިތައް ޖައްސަފާނެ ކަމެކެވެ.

މަގުމަތީގެ ސާފު ތާހިރުކަން

އިސްލާމްދީން މަސައްކަތް ކުރަނީ ހުރިހާ ކަންތައްތަކެއްގައި ވެސް މުސްލިމުންނަކީ ސަލާމަތްތެރިކަން ލިބިގެންވާ ބަޔަކަށް ހެއްދެވުމަށެވެ. އިސްލާމްދީން ދެކޭގޮތުގައި ރައްކައުތެރިކަމާއި އަމާންކަމާއި ސަލާމަތަކީ ކޮންމެ އިންސާނެއްގެ ޙައްޤެކެވެ.

މަގުތައް ސާފުތާހިރުކޮށް ބާއްވަން އަމުރުކުރައްވާ އިރުޝާދު ދެއްވާފައިވާ ވަރަށްގިނަ ޙަދީޘްފުޅުތަކާއި ބަސް ތައް އެބަހުއްޓެވެ. މަގުތައް ސާފުކޮށް ބޭއްވުމާއި މަގުމަތީގެ އަދަބުތަކަށް ޙުރުމަތްތެރިކަން ހިތުމަކީ ވަރަށް މުހިންމު ކަމެކެވެ.

ސާފުތާހިރުކަމަކީ މިފަދަ ދުވަސްވަރަކަށް  ވަރަށް މުހިއްމު ކަމެކެވެ. މިހާރު ފެތުރެމުންދާ ކޮރޯނާ ވަބާއިން ރައްކައުތެރިވުމަށް އޮތް އެންމެ ފަސޭހަ ، އެންމެ ލުއި މަގަކީ ސާފުތާހިރުކަން ކަމުގައިވާތީއެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.