ލޯކަލް ކައުންސިލް އިންތިޚާބު އެޕްރީލް 18 އަށް ފަސްކޮށްފި

ލޯކަލް ކައުންސިލް އިންތިޚާބު އެޕްރީލް 18 އަށް ފަސްކޮށްފިއެވެ.

މިކަން ހާމަކުރެއްވީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެކިމިޝަންގެ ރައީސް އަޙުމަދު ޝަރީފް އާދަމެވެ.

ޝަރީފް ވިދާޅުވީ އިންތިޚާބު އެޕްރީލް 18 އަށް ފަސްކުރެއްވީ ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދު އިޢުލާން ކުރެއްވުމުން ކަމަށެވެ. ރާއްޖޭގައި މިއަދުވަނީ އާއްމު ސިއްޙަތުގެ ނުރައްކާ 30 ދުވަހަށް އިޢުލާން ކުރައްވައިފައެވެ. ޑިރެކްޓަރޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތީން ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި މިއަދު އިޢުލާން ކުރެއްވީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އަމީނެވެ.

ލޯކަލްކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވަން ކުރިން ހަމަޖައްސަވާފައިވަނީ އެޕްރީލް 4 ގައެވެ. އިންތިޚާބު ފަސްކުރުމަށްފަހު އަލުން ރީރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށް ވެސް އީސީގެ ރައީސް ވިދާޅުވިއެވެ.

އިންތިޚާބު ފަސް ކުރެއްވީ އެކަން ފަސްކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ގޮވާލައްވާފައިވަނިކޮށް ވެސް މެއެވެ. ކޮވިޑް 19 ރާއްޖެއިން ފެނުމާއެކު އެހެން ފަރާތްތަކުން ވެސް ވަނީ އިންތިޚާބު ފަސްކުރުމަށް ގޮވާލައިފިއެވެ. އިލެކްޝަންސް ކޮމީޝަނަށް އިންތިޚާބު އެންމެބޮޑަށް ފަސް ކުރެވުނަސް ކުރެވޭނީ މެއި 3 އަށެވެ. އެފަހުން އިންތިޚާބު ފަސްކުރަންޖެހިއްޖެ ކަމަށްވާނަމަ އެކަން ކުރެވޭނީ ކޯޓުއަމުރެއްގެ ދަށުން ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ވިދާޅުވެފައެވެ.

އީސީގެ ރައީސް އަޙުމަދު ޝަރީފް އާދަމް ވިދާޅުވެފައިވަނީ އިންތިޚާބު ފަސްކޮށްފި ކަމަށްވާނަމަ ސަރުކާރުން އިތުރަށް ތިރީހަކަށް މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކުރައްވަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް އެންމެ އިސްކަން ދެއްވާނީ ރައްޔިތުންގެ ސިއްޙަތަށް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.