ކޮވިޑް- 19: ނަތީޖާ ނެގެޓިވް ވުމުން ތިނަދޫ އަށް އަރައިފޭބުން ހުއްދަ ކޮށްފި

 ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް- 19 އަށް ޝައްކުރެވުނު ފަތުރުވެރިޔާގެ ނަތީޖާ ނެގެޓިވްވުމުން ވ.ތިނަދުއަށް އަރައިފޭބުން ހުއްދަކުރައްވައިފިއެވެ. ތިނަދޫ ފަތުރުވެރިޔާ ކޮރޯނާ ވައިރަހަށް ކުރި ޓެސްޓްގެ ނަތީޖާ ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ ޓެސްޓްތައް ނެގެޓިވްކޮށް އައި ނަމަވެސް އޭނާގެ ގައިން އަދިވެސް އަލާމާތްތައް ފެންނާތީ 24 ގަޑިއިރު ފަހުން އަދިވެސް ޓެސްޓް ކުރެވޭނެ ކަމަށެވެ. އެހެންކަމުން އޭނާ އަދިވެސް ހުރީ ކަރަންޓީނުކޮށްފައެވެ.

ކޮވިޑް -19 އާ ގުޅިގެން މިހާރު އަރައި ފޭބުން ވަގުތީ ގޮތުން މަނާ ކުރެވިފައި ވަނީ ހަމައެކަނި ދެ ރިސޯޓްގައެވެ. އެއީ ސަމާ އައިލެންޑް ރިސޯޓާއި ޅ. ކުރެއްދޫ އައިލެންޑް ރިސޯޓެވެ. ކުރެއްދުއަށް އަރައި ފޭބުން މަނާ ކުރެވިފައި ވަނީ އެ ރިސޯރޓްގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެންދިޔަ އިޓަލީގެ ފަތުރުވެރިޔަކު ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވުމާ ގުޅިގެން ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މުވައްޒަފަކު އެ ރިސޯޓުން އެކަހެރި ކޮށްފައިވާތީއެވެ. އެ ރިސޯރޓުން އެކަހެރި ކޮށްފައިވަނީ އިޓަލީ މީހާއަށް ފަރުވާ ދިން ޑޮކްޓަރެވެ. އެޑޮކްޓަރުގެ ޓެސްޓްގެ ނަތީޖާ މިއަދުގެ ވަގުތެއްގައި ލިބޭ ގޮތަކުން އެ ރިސޯޓަށް ވެސް އަރާފެމުން މަނާކޮށްފައިވުމާ މެދު ވަކި ގޮތެއް ނިންމަވާނެއެވެ.

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވުމާ ގުޅިގެން މިއަދު ހެދުނުގެ ވެގުތެއްގައި ކަރަންޓީން ކުރެވިފައި ވަނީ ސަމާ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަރަންސޭސި ވިލާތުގެ ދެ ފަތުރުވެރިންނެވެ. މީގެ ތުރުން އެރިސޯޓުން ޑޮކްޓަރަކާއި އެކު ހަތަރު މުވައްޒަފަކުވެސް ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭތީ ރިސޯޓްގައި އެކަހެރިކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް އެކަމުގައި އެޗްޕީއޭއިން ވަކި އެއްޗެސް އަދި ހާމައެއް ނުކުރައްވައެވެ.  ކޮވިޑް- 19 އަށް ރާއްޖެއިން މިހާރު ޓެސްޓްތައް ކުރެވެއެވެ. އެހެންކަމުން 24 ގަޑީއިރު ތެރޭގައި ޓެސްޓްގެ ނަތީޖާ ވެސް ލިބެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.