ކީރިތި ޤުރްއާން - އަޖައިބުކުރުވަނިވި ފޮތެއް (1)

(މިއީ ގެރީ މިލަރ ލިޔުއްވައިފައިވާ "ދި އެމޭޒިންގ ޤުރްއާން" ގެ ދިވެހި ތަރުޖަމާއެކެވެ. އަޅުގަނޑު ބަލައިފައިވާނީ އަސްލު ލިޔުމުގެ މަފުހޫމަށް އިސްކަން ދީގެން ތަރުޖަމާ ކުރެވޭތޯއެވެ. ލަފުޒުން ލަފުޒަށް ތަރުޖަމާ ކުރާކަށް ނޫނެވެ.)

ކީރިތި ޤުރްއާނަކީ އަޖައިބު ކުރުވަނިވި ފޮތެއް ކަމަށް ބުނަނީ އެ ފޮތަށް ކުލުނު ޖެހި، އީމާން ވެގެން ތިބޭ މުސްލިމުން އެކަންޏެއް ނޫނެވެ. ކާފަރުންވެސް ބުނަމުން ގެންދަނީ އެއީ އަޖައިބު ކުރުވަނިވި ފޮތެއް ކަމުގައެވެ. އަދި ކިއެއްތަ، އިސްލާމް ދީނަށް އިންތިހާއަށް ރުޅި އަރާ މީސްމީހުންވެސް އެއީ އަޖައިބު ކުރުވަނިވި ފޮތެއް ކަމަށް ބުނެއެވެ.

ކީރިތި ޤުރްއާން ފަރުވާތެރި ކަމާއެކު، ރަނގަޅަށް ދިރާސާ ކުރާ މީހުން އެންމެ އަޖައިބު ވަނީ އެބައި މީހުން ލަފާ ކުރާ ގޮތާއި، އެ ފޮތް އެކުލެވިފައިވާ ގޮތާ ތަފާތު ކަމުންނެވެ. އެ މީހުން ފުރަތަމަ ލަފާ ކުރާ ގޮތުގައި މީގެ ސާދަ ގަރުނު ކުރީން އަރަބި ކަރައިގެ ހަނަފަސް ސަހަރާއަށް ބާވައިލެއްވި ފޮތެއް ކަމަށް ވާތީ، އެ ފޮތް އޮންނާން ވާނީ އެ މާހައުލާ ގުޅޭ ފަދަ ގޮތަކަށެވެ. ސަހަރާގެ ގަދީމީ ފޮތެއްގެ ގޮތުގައެވެ. އެކަމަކު އެ ފޮތް ބަލައިލީމާ ފެންނަނީ އެ މީހުން ލަފާ ކޮށްފައިވާ ގޮތާ މުޅީން ތަފާތު ގޮތަކަށެވެ. ސަހަރާއަށް ބާވައިލެއްވި ފޮތަކަށް ވާތީ އެ ފޮތުގައި ސަހަރާގެ ވާހަކަ ހުންނާން ވާނެ ކަމަށް އެ މީހުން ލަފާ ކުރެއެވެ. ކީރިތި ޤުރްއާނުގައި ސަހަރާގެ ވާހަކަ އެބަހުރި ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ސަހަރާގެ ބައެއް މަންޒަރުތައް ކީރިތި ޤުރްއާނުގައި ސިފަކޮށް ދީފައި އެބަ ހުއްޓެވެ. ހަމަ އެހެންމެ ކަނޑުގެ ވާހަކަވެސް އެބަހުއްޓެވެ. ތޫފާނެއް އައުމުން ކަނޑަށް ވާ ގޮތް ވަރަށް ރީތިކޮށް ސިފަ ކޮށް ދީފައި ވެއެވެ.

މީގެ އަހަރުތަކެއް ކުރީން ޓޮރޮންޓޯ (ކެނެޑާ) އަށް ފޯރި ޚަބަރެއް ދަންނަވައިލާނަމެވެ. މިއީ ކަނޑުމަތީގައި ދިރިއުޅޭ ބޯޓު ދަތުރު ކުރާ މީހެއްގެ ވާހަކައެވެ. މުސްލިމަކު އޭނާ ކިޔައިލާން ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރުޖަމާއެއް ދީފިއެވެ. އޭނާ އަކީ އިސްލާމީ ތާރީޚުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ މީހެއް ނޫނެވެ. އެކަމަކު ކީރިތި ޤުރްއާން ކިޔައިލުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި އޮތެވެ. ފޮތް ކިޔައި ނިމިގެން އަނބުރައި ގެނެސް ދީފައި އޭނާ ސުވާލު ކުރިއެވެ. "މި މުހައްމަދުގެފާނަކީ ބޯޓު ދަތުރުކުރާ މީހެއް ހެއްޔެވެ؟" މިއީ ތޫފާނުގެ ތެރޭގައި ކަނޑަށް ވާ ގޮތް ކީރިތި ޤުރްއާނުގައި ސިފަކޮށް ދީފައިވާލެއް ރީތި ކަމުން އޭނާ ކުރި ސުވާލެކެވެ. އޭނާ ގާތު ބުނެވުނެވެ. "ނޫނެކެވެ. މުޙައްމަދުގެފާނު ދިރިއުޅުއްވީ ސަހަރާގައެވެ." މި ޖަވާބުން އޭނާއަށް ފުދިއްޖެއެވެ. ހަމަ އެ ވަގުތު ޝަހާދަތުގެ ދެ ކަލިމަ ކިޔައި، އިސްލާން ވެއްޖެއެވެ. ކީރިތި ޤުރްއާނުގައި ކަނޑު ސިފަކޮށްފައިވާ ގޮތް ރީތިކަމުން އޭނާއަށް އަސްރު ކުރި ސަބަބެއް އޮތެވެ. އެއީ ކަނޑުމަތީގެ ޠޫފާނެއްގެ ތަޖުރިބާ އޭނާއަށް ކުރެވިފައި އޮތުމެވެ. ޤުރްއާން ލިޔުނީ މީހަކު ނަމަ، އެ މީހަކީ ޠޫފާނެއްގެ ތަޖުރިބާ ކޮށްފައިވާ މީހަކަށް ވާނޭ ކަމަށް އޭނާއަށް ގަބޫލު ކުރެވެއެވެ. "ނުވަތަ ފުން ކަނޑެއްގައިވާ އަނދިރިތަކެއްފަދައެވެ. އެ ކަނޑުގައި ފެތުރިފައިވަނީ، މަތިމައްޗަށް ހުންނަ ރާޅުތަކެވެ. އޭގެމަތިން ވިލާތައްވެއެވެ. މަތިމައްޗަށްހުރި އަނދިރިތަކެކެވެ. އެމީހާގެ އަތް ނެރުނަސް، އެ ފެންނާންވެސް ގާތްނުވެއެވެ. ފަހެ، އެމީހަކަށް ﷲ އަލިކަމެއްލައްވާފައި ނުވާމީހާ (ދަންނާށެވެ!) ފަހެ، އެމީހާޔަށް އެއްވެސް އަލިކަމެއް ނުވެއެވެ." (އަންނޫރް ސޫރަތުގެ 40 ވަނަ އާޔަތުގެ ތަރުޖަމާ) މިއީ ކީރިތި ޤުރްއާނުގައި ކަނޑު ސިފަ ކުރައްވައިފައިވާ ގޮތެވެ. މިއީ ކަނޑަށް އަންނަ ޠޫފާނެއް މީހަކު އަމިއްލައަށް ސިފަކޮށްގެން ލިޔެފައިވާ ލިޔުމެއް ކަމަަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. އަދި ކީއްތޯއެވެ؟ އޭނާ ގަބޫލު ކުރި ގޮތުގައި މިއީ ކަނޑުގެ ޠޫފާން ރަނގަޅަށް ދަނެގެން ލިޔެފައިވާ ލިޔުމެކެވެ. މިއީ ކީރިތި ޤުރްއާނަކީ ވަކި މަކާނަކަށް، ވަކި ވަގުތަކަށް މަހުދޫދުވެފައިވާ އެއްޗެއް ނޫންކަން ހާމަވެގެންދާ އެއް މިސާލެވެ. އެ ފޮތުގައި އެކުލެވިފައިވާ ސައިންސީ ހަގީގަތްތަކަކީވެސް މީގެ ސާދަ ގަރުނު ކުރީން ސަހަރާގެ ތެރެއިން އުފަންވީ އެއްޗެއް ނޫނެވެ.

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ރަސޫލުކަމާއިގެން ފޮނުއްވުނުމުގެ އެތައް ގަރުނެއް ކުރީން ޔޫނާނީ ފަލްސަފާވެރިއެއް ކަމުގައިވާ ޑިމޮކްރިޓަސްގެ ފަރާތުން އުފަން ވެގެން ހިނގަމުން އައި ނަޒަރިއްޔާއެއް އޮތެވެ. އޭނާއާއި އޭނާގެ ފަހަށް އައި މީހުން ގަބޫލު ކުރި ގޮތުގައި މާއްދާ އެކުލެވިގެން ވަނީ "އެޓޮމް" ނަމަކަށް ކިޔާ ކުދިކުދި އެތިކޮޅުތަކެއްގެ މައްޗަށެވެ. މި އެތިކޮޅުތައް ހަލާާކުވެ، ފަނާވެގެންނެއް ނުދާނެއެވެ. އަރަބީންވެސް މިފަދަ ނަޒަރިއްޔާއެއް ގެންގުޅުނެވެ. އަރަބީން އެމީހުންގެ ބަހުން ޛައްރާއޭ ކިޔަނީ އިންސާނާއަށް ދެނެގަނެވިފައިވާ އެންމެ ކުޑަ ޖަސީމަށެވެ. މިއަދުގެ ސައިންސުން ހޯދައިފައިވާ ގޮތުގައި މި ދެންނެވުނު "އެޓޮމް" ނުވަތަ މާއްދާގެ އެންމެ ކުޑަ ބައި ވަކި ކުދި ބައިތަަކަކަށް ވާގޮތް މެދުވެރި ވެއެވެ. މިއީ މުޅީން އައު ހޯދުމެކެވެ. ފައިބެ ގަރުނުގެ ތަރައްގީގެ ތެރެއިން އުފަންވީ ނަޒަރިއްޔާއެކެވެ. އެކަމަކު ނިކަން ދެކެވަޑައިގެން ބައްލަވާށެވެ. މި ވާހަކަ ކީރިތި ޤުރްއާނުގައި ވަނީ މީގެ ސާދަ ގަރުނު ކުރީން ބަޔާން ކުރައްވައިފައެވެ.

... لَا يَعۡزُبُ عَنۡهُ مِثۡقَالُ ذَرَّةٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِ وَلَآ أَصۡغَرُ مِن ذَٰلِكَ ...

މިއީ އައްސަބާ ސޫރަތުގެ 3 ވަނަ އާޔަތުގެ ބައެކެވެ. މާނައަކީ، "އެކަލާނގެއީ، ޣައިބު ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކާއި، ބިމުގައިވާ ޛައްރާއެއްގެ މިންވަރުވެސް، އަދި އެއަށްވުރެ ކުޑަޔަސް އަދި އެއަށްވުރެ ބޮޑަސް، އެކަލާނގެއަށް ވަންހަނާވެގެންނެއް ނުވެތެވެ."

ކުޑަވެސް ޝައްކެއް ނެތް ގޮތުގައި މީގެ ސާދަ ގަރުނު ކުރީގައި އަރަބީންނަށް ވިޔަސް އަދި އެހެން ބަޔަކަށް ވިޔަސް މި ވާހަކައަކީ އާދަޔާ ޚިލާފު ވާހަކައަކަށް ވާނެއެވެ. އެހެނީ ޛައްރާއަކީ އެ ޒަމާނުގެ މީހުން ދަންނަ އެންމެ ކުޑަ ޖަސީމެވެ.

މިއީ ކީރިތި ޤުރްއާނަކީ ޒަމާނާއެކު އުވިގެން ނުދާނޭ ފޮތެއްކަމުގެ ސާފު ދަލީލެކެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ބަޔަކު ބަލާނޭ ކަމަށް ގަބޫލު ކުރެވެނީ ސިއްހީ ބައެއް މައުލޫމާތު ހުންނަ ފޮތެއްގައި ނަމަ، އުވިފައިވާ ނުވަތަ ޒަމާނާއެކު ބަދަލު އައިސްފައިވާ ބައެއް ކަހަލަ ފަރުވާއާއި ބޭހުގެ ވާހަކަ ހުންނާނޭ ކަމުގައެވެ. ތާރީޚީ ލިޔުންތަކުންނާއި ސިޔަރަތުގެ ވާހަކަތަކުން އެނގޭ ގޮތުގައި ސިއްހީ ލަފާފުޅާއި ސާފުތާހިރުކަމުގެ ލަފާފުޅު ދެއްވުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަރަށް ގިނައިން ކުރައްވައިފައިވާ ކަމެކެވެ. އެކަމަކު މީގެ ތެރެއިން ގިނަ ލަފާފުޅުތަކުގެ ވާހަކަ ކީރިތި ޤުރްއާނުގައި އައިސްފައެއް ނެތެވެ. ފުރަތަމަ ބަލައިލުމުގައި ޣައިރު މުސްލިމަކު ނަަމަ ދެކޭނީ މިއީ އޮޅިގެން ވެފައިވާ ކަމެއް ކަމުގައެވެ. އެފަދަ ފައިދާ ކުރުވަނިވި ވާހަކަތައް ﷲ އެކަލާނގެ ފޮތުގައި ބަޔާން ކުރައްވައިފައި ނެތީ ކީއްވެގެންކަން ވިސްނައިގަތުމަކީ އެމީހުންނަކަށް ކުރެވޭ ކަމެއް ކަމަކަށެއް ނުވެއެވެ. މިފަދަ ވާހަކަތައް ކީރިތި ޤުރްއާނުގައި ނެތް ސަބަބު ބަޔާން ކޮށްދޭން ބައެއް މުސްލިމުން މަސައްކަތް ކޮށްފައި ވަނީ ތިރީގައި މިވާ ފަދަ ވާހަކަތަކުންނެވެ.

"ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ (ސިއްހީ) ލަފާފުޅުތަކަކީ އެ ޒަމާނަށް ފެތޭ ފުރިހަމަ ލަފާފުޅުތަކެއް ކަމުގައި ވީނަމަވެސް، ފަހުގެ ޒަމާނެއްގައި ސައިންސުގެ ކުރިއެރުންތަކާއެކު އެކަލޭގެފާނުގެ ލަފާފުޅުތަކަކީ ބައުވެ، އުވިގެން ގޮސްފައިވާ ލަފާފުޅުތަކެއް ކަމުގައި ފެންނަ ގޮތް ވެދާނޭކަން ﷲ މޮޅަށް ދެނެވޮޑިގެން ވެއެވެ. ފަހުގެ ހޯދުންތަކުގެ މައުލޫމާތު ލިބުނީމާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ވާހަކަފުޅުތަކާއި އެ ހޯދުންތަކާ ފުށުއަރާ ކަމުގައި ބަޔަކު ކިޔާން ފެށުމަކީ އެކަށީގެންވާ ކަމެކެވެ. ވުމާއެކު ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައި ވަނީ ޒަމާނާއެކު ބަދަލު ވެގެން ނުދާނޭ ފަދަ މައުލޫމާތެވެ."

އެހެން ނަމަވެސް އިލާހީ ބަސްފުޅުގެ ގޮތުގައި ކީރިތި ޤުރްއާން ދެމިގެން އައިސްފައިވާ ގޮތާއި އެ ފޮތުގެ ހަގީގަތުގެ މައްޗަށް ފުންކޮށް ބަލައިލީމާ މަތީގައި ބަޔާން ކުރެވުނު ފަދަ ވާހަކަތަކުގައި ކުށް އެބަހުރިކަން ވަރަށް ފަސޭހައިން ފާހަގަ ކުރެވޭނެއެވެ. އެންމެ ފުރަތަމަ ކަމަކަށް ކީރިތި ޤުރްއާނަކީ ﷲ ގެ ވަޙީކަން ވަރަށް ރަނގަޅަށް ދަންނާން ޖެހެއެވެ. ވުމާއެކު އެ ފޮތުގައި ހިމެނޭ ކޮންމެ ވާހަކަ އަކީ ވަޙީކަމުގައި ވާނޭކަން ކަށަވަރުކަމާއެކު ގަބޫލު ކުރުން ލާޒިމެވެ. ﷲ ކީރިތި ޤުރްއާން ބާވައިލެއްވީ ސީދާ އެކަލާނގެ ޙަޟުރަތުންނެވެ. އެއީ ދުނިޔެ ހެއްދެވުމުގެ ކުރީންވެސް އޮތް އެއްޗެކެވެ. ވުމާއެކު އެޔަށް އެއްވެސް ކަހަލަ އުނި އިތުރެއް އައުމަކީ ވާނޭ ކަމެއް ނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުފެއްދެވުމުގެ މާ ކުރީންވެސް ކީރިތި ޤުރްއާން އޭގެ އެންމެ ފުރިހަމަ ހައިސިއްތާއި ސިފައިގައި ދެމި އޮތެވެ. ވުމާއެކު އެ ފޮތުގައި އެކަލޭގެފާނުގެ ބަސްފުޅުތަކާއި އިރުޝާދުފުޅުތައް ހުރުމަކީ މުސްތަހީލު ކަމެކެވެ. އެފަދަ ބަސްފުޅެއް ނުވަތަ އިރުޝާދުފުޅެއް ކީރިތި ޤުރްއާނުގައި ހިމެނިއްޖެ ނަމަ، އެ ފޮތުގެ މަގުސަދާ ފުށުއަރާ ގޮތް ވާނެއެވެ. އެ ފޮތުގެ ހައިސިއްޔަތު އޮޅިގެން ހިނގައިދާނެއެވެ. އިލާހީ ބަސްފުޅުގެ ގޮތުގައި އޮތް އޮތުމަށް ޚަލަލު އައިސްދާނެއެވެ.

ވުމާއެކު ޒަމާނާއެކު އުވިގެން ހިނގައިދާނޭ ފަދަ "ގެވެހި ފަރުވާއެއް" ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައެއް ނެތެވެ. އަދި ސިއްހަތަށް ފައިދާއެއް ކޮށްފާނޭ ކަމަކާމެދު އެއްވެސް އިންސާނަކު ގަބޫލު ކުރާ ކަމެއް، ނުވަތަ ކާން އެންމެ ރަނގަޅު އެއްޗަކީ ކޮބައި ކަމާއި ވަކި ބައްޔަކަށް އެންމެ ރަނގަޅީ މިވެނި ފަރުވާއެއް ކަމާމެދު މީހަކު ދެކޭ ގޮތެއްވެސް އެ ފޮތުގައި ބަޔާން ވެގެންނެއް ނުމެ ވޭމެއެެވެ. ސިއްހީ ފަރުވާއެއްގެ ގޮތުގައި ކީރިތި ޤުރްއާނުގައި ބަޔާން ވެގެން ވަނީ އެންމެ އެއްޗެއްގެ ވާހަކައެވެ. އެއީ މާމުޔެވެ. މާމުއިގައި ފަރުވާއެއް ވެއޭ އަންގަވައިފައި އެބައޮތެވެ. މިއީ އެއްވެސް އާދަމުގެ ދަރިޔަކު ދެކޮޅު ހަދާ ހަގީގަތެއް ނޫނެވެ. މާމުއިގައި ފަރުވާއެއް އެކުލެވިފައިވާ ކަމާމެދު ދެބަސްވާ އެއްވެސް މީހަކު ހުރެދާނޭ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ.

ކީރިތި ޤުރްއާނަކީ އިންސާނަކު އަމިއްލައަށް ލިޔުނު އެއްޗެއް ކަމަށް ގަބޫލު ކުރާނަމަ، އެ "ލިޔުނު މީހެއްގެ" ސިކުނޑީގައި ހިނގަމުން ގޮސްފައިވާ ބައެއް ކަންކަމުގެ އަސަރު އެ ފޮތުން ފެންނާން ހުންނާނޭ ކަމަށް ކޮންމެ މީހަކުވެސް ގަބޫލު ކުރާނެއެވެ. ބައެއް އެންސައިކްލޮޕީޑިއާއާއި، ފޮތްފޮތުގައި ޣައިރު މުސްލިމުން ލިޔެފައިވާ ގޮތުގައި ކީރިތި ޤުރްއާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސިކުނޑިފުޅުގައި އުފެދުނު ވާހިޔާތީ ޚިޔާލުފުޅުތަކެއްގެ ނަތީޖާއެކެވެ. މިއީ ތެދެއް ކަމުގައިވެ، ކީރިތި ޤުރްއާނަކީ އެކަލޭގެފާނަށް ކުރިމަތިވެ ވަޑައިގަތް ނަފްސާނީ މައްސަލަތަކެއްގެ ތެރެއިން އުފަންވީ ފޮތެއް ކަމުގައި ވީނަމަ، އެ ފޮތުން އެކަމުގެ އަސަރު ފެންނާން ވާނެއެވެ. އެފަދަ އަސަރެއް ފެންނާން އެބަހުރި ބާވައެވެ؟ މި ސުވާލުގެ ޖަވާބެއް ހޯދުުގެ ކުރީން އެކަލޭގެފާނުގެ ސިކުނޑިފުޅުގައި އެ ދުވަސްވަރު ހިނގަމުން ދިޔަ ކަންތައްތަކަކީ ކޮބައިތޯ ބަލައިލާން ޖެހެއެވެ. އޭގެ ފަހުން އެކަންތައްތަކުގެ އަސަރު ކީރިތި ޤުރްއާނުން ފެންނާން ހުރިތޯ ބަލާނީއެވެ.

(ނުނިމޭ)

7 ޚިޔާލު

  1. ކިޔާލާފަ ވަރަށް ހިތްހަމަ ޖެޖިއްޖެ. ވަރަށް ފުރިހަމަ އުއްމީދުކުރަން ފޮތެއްގެ ސިފައިގައި ޗާޕް ކުރާނެކަމަށް. މާތްالله އަޅަމެން ނުރައްކާތެރި ބަލިތަކުން ސަލާމަތް ކޮށްދެއްވާށި. އާމީން

  2. ތަރުޖަމާކުރައްވާ ނިންމަވާފަ ފޮތަކަށް ހައްދަވާ ބާޒާރަށް ނެރުއްވާނެކަމަށް އުއްމީދުކުރަން. ނަޢީމު ތި ކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވައި ދަރުމަ ގިނަކުރައްވާށި

  3. ވަރަށް ކަމާވެގެން ކިޔާލެވިއްޖެ..މި ލިޔުންތެރިޔާގެ ގަލަމަކީ ވަރަށް ހިނގާ ގަލަމެއް. ތަފާތު ދާއިރާތަކުން ޝައުގުވެރި ލިޔުންތައް ފެނޭ..ކޮންމެ ލިޔުމެއްވެސް ފޫހިނުވެ ކިޔާލެވޭ.މާޝާﷲ.ތިބާގެ މަސައްކަތުގައި ބަރަކާތްލައްވާ އިތުރު ކުރިއެރުން މިންވަރު ކުރައްވާށި..

  4. މިކަހަލަ ލިޔުންތައް ގިނަގިނައިން ލިޔުމުގެ ހެޔޮ ތައުފީގު ނަޢީމަށް މިންވަރުކުރައްވައި، ނަޢީމުގެ މަސައްކަތުގައި ބަރަކާތް ލައްވާށި.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.