އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕް ހުވާކުރެއްވުމަށް ހުކުރުދުވަހު ބޭއްވި ރަސްމިޔާތަށް ހާޒިރުވި މީހުންގެ އަދަދު ރިޕޯޓްކުރުމުގައި މީޑިޔާއިން ހަގީގީ މަންޒަރު އޮޅުވާލާފައިވާ ކަމުގައި ޓްރަމްޕް ތުހުމަތު ކުރައްވައިފިއެވެ. ވެރިކަމުގެ ފުރަތަމަ ދުވަހު ސީއައިއޭގެ އިދާރާއަށް ކުރެއްވި ޒިޔާރަތެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިންޓެލިޖެންސް ކޮމިއުނިޓީ އާއި އޭނާއާއި ދެމެދު މަސްއަލަތަކެއްއުޅޭ ކަމަށް އަޑުފަތުރަނީވެސް މީޑިޔާގެ ފަރާތްތަކުންކަމުގައެވެ. އަދި ނޫސްވެރިންނަކީ ދުނިޔޭގައި ލެއްވި އެންމެ ތެދުވެރިކަމެއްނެތް އިންސާނުންކަމަށް ޓްރަމްޕް ސިފަ ކުރައްވާފައި ވެއެވެ.
ޓްރަމްޕް އެމެރިކާގެ ރައީސްކަމާހަވާލުވެ ވަޑައިގެންނެވިދުވަހުގެ ފަހު ދުވަހު އޭނާގެ ވެރިކަމާ ދެކޮޅުހެދުމަށާ އަންހެނުންގެ ހައްގުތައްހޯދުމަށް އަޑުއުފުލުމަށް އެތައްލައްކަބަޔަކު މަގުތަކުމައްޗަށް ނިކުމެ މުޒާހަރާކޮށްފައި ވެއެވެ. އަދި މިގޮތުން ނިކުތް މީހުންގެ އަދަދު ، ހުކުރު ދުވަހު ބޭއްވުނު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ނިކުތް މީހުންނަށްވުރެ އިތުރު ކަމަށް މިޑިޔާ ރިޕޯޓްތައް ބުނެފައިވެއެވެ. ނަމަވެސް ޓްރަމްޕް ސީއައިއޭގެ އިދާރާޔަށް ކުރެއްވި ޒިޔާތަތުގައި އިދިކޮޅު މުޒާހަރާތަކަށް އެއްގޮތަކަށްވެސް އިޝާރާތް ކުރައްވާފައެއް ނުވެއެވެ.
ފަހުން ވައިޓްހައުސްގެ ތަރުޖަމާންވެސް ވަނީ ޓްރަމްޕް ހުވާކުރެއްވި ރަސްމިއްޔާތަކީ މިހާތަނަށް އެންމެ ގިނަމީހުން ހަޒިރުވި ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކަމަށް ވިދާޅުވެފައެވެ. އަދި ހަގީގަތް އޮޅުވާލުމަށް މީޑިޔާއިން ކުރަމުންދާމަސައްކަތަކީ ލަދުވެތިކަމެއްކަމަށާ އަދި އެކަންކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. ތަރުޖަމާންވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމެއްނެތި އެތެރެއަށް ވަންނަވާފައެވެ.
މަތިންނަގާފައިވާ ފޮތޯތަކުން ހެކިދައްކަމުން އެކި މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕް ހުވާލކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ދެލައްކަފަންސާސް ހާހެއްހާ މީހުންނެވެ. ނަމަވެސް އެކި ސްތޭޓްތަކުގެ އިތުރުން ބޭރުބަޔެއް ގައުމުތަކުގައި ކުރިޔަށްދިޔަ މުޒާހަރާތަކުގައި ފަސްލައްކައެއްހާ މީހުން ބައިވެރިވެފައި ވެއެވެ.