މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޙަރަކާތްތައް މ. ދިއްގަރުގައި ފަށައިފި އެވެ. ދުވަހުގެ ޖަލްސާ އޮންނާނީ މިރޭ ދިއްގަރުގައެވެ. ޅެންވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލްތަކުގައި ބައިވެރި ވަޑައިގަންނަވާ ޅެންވެރިންނާއި ޢިއްޒަތްތެރިން މިއަދު ވަނީ އެރަށަށް ވަޑައިގެންފައެވެ.
31ވަނަ ޅެންވެރީންގެ ދުވަހުގެ ރަސްމީ އިހުތިފާލްތަކުގައި ބައިވެރިވެވަޑައިގަންނަވާން މާލެއިން މުލަކަތަޮޅު ދިއްގަރަށް ވަޑައިގެންނެވި ޅެންވެރީންނާއި އިއްޒަތްތެރީންނަށް ދިއްގަރުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފި@ashraf830 pic.twitter.com/156cVJDSES
— Dhivehibahuge Ekedamee (@DhivehiEkedamee) January 24, 2020
ޅެންވެރިންގެ ދުވަހަކީ ޖެނުއަރީ 15 ވަނަ ދުވަހެވެ. މިއަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްޞަ ކުރައްވައިފައިވަނީ ދިވެހި އަދަބިއްޔާތުގައި ފުންނާބު އުސް، ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުޞައިންނަށެވެ. އެހެންކަމުން މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލްތައް ބާއްވަނީ ޢަބްދުއްރަޝީދު ޙުޞައިންގެ އުފަން، ރަށް ކަމުގައިވާ މ. ދިއްގަރުގައެވެ. މިއަހަރުގެ ޅެންވެރިންގެ ދުވަހުގެ ޝިޢާރަކީވެސް ޢަބްދުއްރަޝީދު ހައްދަވައިފައިވާ ޚާއްޞަ ޅެމެއްގައި ހިމެނޭ "ރީތީ ނަލަނަލަ ހަނދެއްކުރި އަލީގާ..." އެވެ.
31ވަނަ ޅެންވެރީންގެ ދުވަހުގެ ރަސްމީ އިހުތިފާލްތަކުގައި ބައިވެރިވެވަޑައިގަންނަވާން މާލެއިން މުލަކަތަޮޅު ދިއްގަރަށް ވަޑައިގަންނަވާ ޅެންވެރީންނާއި އިއްޒަތްތެރީން މާލެއިން ފުރުން@ashraf830 pic.twitter.com/3zywLY6gKx
— Dhivehibahuge Ekedamee (@DhivehiEkedamee) January 24, 2020
ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ ޢަބްދުއްރަޝީދު ޙުޞައިންނަށް މިއަހަރުގެ ޅެންވެރިންގެ ދުވަސް ޚާއްޞަކުރެއްވީ، އެމަނިކުފާނަކީ މޮޅު ޝާޢިރަކަށްވެފައި ޤައުމީ ލަވަތަކާއި ޅެންތަކުން ދިވެހި އަދަބީ އުދަރެސް މުއްސަދި ކޮށްދެއްވާ ޅެންވެރިއަކަށް ވުމުން ކަމަށެވެ. އަދި އެޚިދުމަތުގައި ދެމި ހުންނެވި ޅެންވެރިއަކަށް ވާތީކަމަށެވެ.
މިދިޔަ ދެތިން އަހަރެއްގެ ޅެންވެރިންގެ ދުވަސް ދިވެހި ބަހުގެ އެކަޑަމީން ޚާއްޞަ ކުރެއްވީ ދުނިޔެ ދޫކޮށްގޮސްފައިވާ މަޝްހޫރު ޅެންވެރިންނަށެވެ. ޚިދުމަތުގައި ދެމިހުންނެވި ޅެންވެރިއަކަށް ޅެންވެރިންގެ ދުވަސް ޚާއްޞަ ކުރައްވާ މީ ފުރަތަމަ އަހަރެވެ.
ރަސްމީ ޖަލްސާގެ އިތުރުން ދިއްގަރުގައި ވެސް ޅެންވެރިކަމުގެ ގުންޒަރަކާއި އެނޫންވެސް ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖައްސަވައިފައެވެ. މިހަރަކާތްތަކުގެ ތެރެއިން ވާހަކަ ދެއްކުމުގެ އަސާސީ ހުނަރު ދަސްކޮށް ދިނުމުގެ މަސައްކަތު ބައްދަލުވުމެއްވެސް އިއްޔެ ވަނީ ފަށްޓަވައިފައެވެ.
ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޅެންވެރިންގެ ގުލްޒާރެއް މާލޭގައި ވެސް ވަނީ ބާއްވާފައެވެ. ޅެންވެރިންގެ ދުވަހާ ގުޅިގެން މުޅި ރާއްޖޭގެ ސްކޫލުތަކަށް އަމާޒުކޮށް ޅެންވެރިކަން ދަސްކޮށްދިނުމުގެ ޙަރަކާތެއް ވެސް ވަނީ ފަށްޓަވައިފައެވެ. ދަރިވަރުންގެ އިތުރުން އާއްމުންނަށްވެސް ވަނީ ޅެންހަދަން ދަސްކޮށް ދިނުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.
ޅެންވެރިންގެ ދުވަސް ނިސްބަތްވަނީ ދިވެހި އަދަބީ ޤުލްޝަންގެ ޝާއިރުއްޝަބާބު އަލްއުސްތާޒު އަލްމަރްޙޫމް އިބްރާޙިމް ޝިހާބު އަވަހާރަވި ދުވަހަށެވެ. އެއީ 1988 ވަނަ އަހަރުގެ ޖަނަވަރީ 15 ވަނަ ދުވަހެވެ. އިބްރާޙީމް ޝިހާބަށް ނިސްބަތްކޮށް، އެމަނިކުފާނު އަވަހާރަވި ދުވަސް ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރައްވަން ފެށީ 1989 ވަނަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެންނެވެ. އެހެން ކަމުން މިއަހަރު މިފާހަގަ ކުރަނީ 31 ވަނަ ޅެންވެރިންގެ ދުވަހެވެ.
އިބްރާހީމް ޝިހާބަކީ ދިވެހި އަދަބިއްޔާތުގައި އެފަދަ ދެވަނައެއް ނެތް ފުންނާބު އުސް ޞަޙްޞިއްޔަތެކެވެ. ވާހަކަ ދެއްކުންތެރިކަމުގެ ފަންނުގައި އެފަދަ ދެވަނައެއް ނެތް މަޝްހޫރު ނަމުންނަމަ "ރިހި ދުލުގެ" ވެރިޔާއެވެ. ޅެންވެރިކަމުގެ ފަންނުގައި އަލްމަރުޙޫމް އިބްރާހީމް ޝިހާބަކީ "ޝާޢިރުއް ޝަބާބު" އެވެ.
ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވި ގޮތުގައި ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ ޅެންވެރިކަމަކީ ދިވެހި އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި ފަންނުކަމަށް ވުމުން، އެފަންނު ދިރުވައި އާލާކުރެއްވުމެވެ. އަދި ދިވެހި ޅެންވެރިން ކުރައްވައިފައިވާ އަދި ޅެންވެރިކަން ކުރައްވަމުން ގެންދަވާ، މަސައްކަތްޕުޅުގެ އަގުވަޒަންކޮށް، އެބޭފުޅުންގެ މަސައްކަތްތަކަށް އާއްމުން ހޭލުންތެރި ކުރުވުމެވެ.