ދެ އުޅަނދެއްޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ގެއްލިއްޖެ

ލޯންޗަކާއި ޑީންގީއެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ގެއްލިއްޖެއެވެ. މި އެކްސިޑެންޓުގައި ގެއްލިފައިވަނީ ބ. އޭދަފުށީ، މުޝްތަރީގޭ، ނަސްރުﷲ ޢަބްދުﷲ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބ. ދޮންފަނާއި ހަނިފަރާ ދެމެދުން އެ ދެ އުޅަނދު ދަތުރު ކުރަނިކޮށްނެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 7:06 އެހައިކަންހާއިރު ކަމަށެވެ. ފުލުހުން ވިދާޅުވީ ފުލުހުންނާއި ޢާއްމުން ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުލުހުން ޙަރަކާތްތެރި ވަނީ ފުލުހުންގެ ލޯންޗުގައެވެ. ޢާއްމުން މަސައްކަތްކުރަމުން ގެންދަނީ ދޯންޏެއްގައެވެ. މީގެ އިތުރަށް އެމްއެންޑީއެފްގެ ޑައިވަރުންނާއި އެސަރަޙައްދުގެ ރިސޯޓުތަކުގެ ޑައިވަރުން ވެސް ގެންދަނީ އެމީހާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒިމް ވިދާޅުވީ އެމްއެންޑީއެފުގެ ހުރިހާ ވަސީލަތެއް އެމީހާ ހޯދުމަށް ބޭނުންކުރައްވާނެ ކަމަށެވެ. "މީހާ ހޯދުމުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާނެ. މީނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސް ނުކުރައްވައި ކޯސްޓުގާޑުގެ ހިލޭ ގުޅޭ ނަމްބަރ 191 އަށް ގުޅުއްވައި ދެއްވުން އެދެން. އަދި އެސަރަހައްދު ދަތުރުކާ އުޅަނދުފަހަރުން ވެސް ބަލައިދެއްވުމަށް އެދެން،" ޢާޒިމް ވިދާޅުވިއެވެ.

މި ހާދިސާ ހިނގިއިރު ޑިންގީގައި ތިބީ 3 މީހުންނެވެ. އެއީ 42 އަހަރުގެ ދިވެއްސަކާއި 38 އަހަރުގެ ދިވެއްސަކާއި 41 އަހަރުގެ ދިވެއްސެކެވެ. އޭގެ ތެރެއިން ގެއްލިގެން ހޯދަމުންދަނީ 41 އަހަރުގެ ނަސްރުﷲ އެވެ. އޭނާ ފިޔަވައި ދެންތިބި ދެ މީހުން ވަނީ އެކްސިޑެންޓުވި އަނެއް އުޅަނދަށް ނަގައިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ޑިންގީއަކީ ދަރަވަންދޫ ފުރައިގެން ދަތުރު ކުރަމުންދިޔަ އުޅަނދެއް ކަމަށެވެ. އެނެއް އުޅަނދަކީ އޭދަފުށީ ފޭރީ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.