އައްޑޫސިޓީ ގަންއިންޓަރނޭޝަނަލް އެއާޕޯޓާއި ދެކުނުގެ އެއާޕޯޓުތައް ވައިގެ މަގުން ގުޅުވާލުމުން އައްޑުއާއި ދެކުނުގެ އިގްތިސާދަށް ފައިދާ ކުރާނެ ކަމަށް އައްޑޫސިޓީގެ މޭޔަރު ވިދާޅުވެއްޖެއެވެ.
މޭޔަރ ޢަބްދުﷲ ސާދިގު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ "ގަމާއި ދެކުނުގެ އެއާޕޯޓުތާ ގުޅާލުމުން އައްޑުއާއި ދެކުނުގެ އިގްތިސާދަށް ނުހަނު ބޮޑެތި ކުރިއެރުން ލިބޭނެ،" ކަމަށެވެ.
މިހިނގާ ޑިސެމްބަރ 15 އިން ފެށިގެން ހުވަދު އަތޮޅު އުތުރުބުރީ ކޫއްޑޫއިންވަނީ ހަފްތާއަކު ތިން ފުލައިޓު އައްޑޫ ގަމަށް އޮޕަރޭޓު ކުރަން ފަށައިފައެވެ. އެއަތޮޅު ކާޑޭއްދޫ އެއާޕޯޓުން ވެސް ވަނީ އެދުވަހުން ފެށިގެން ހަފްތާއަކު ތިން ފުލައިޓު ގަމަށް އޮޕަރޭޓު ކުރަން ފަށައިފިއެވެ. މީގެ އިތުރުން ލ. ކައްދޫއިން ކޮންމެ ދުވަހަކު ފުލައިޓެއް އަޑޫ ގަމަށް އޮޕަރޭޓު ކުރާނެއެވެ.
މިޚިދުމަތް ފެށުމުން އައްޑޫ ސިޓީ މޭޔަރު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހަށާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލާއި، އައިލެންޑު އޭވިއޭޝަނަށް ޝުކުރު އަދާ ކުރައްވައިފައެވެ.
މި ތިން އެއާޕޯޓު ގުޅުވާލުމުން ފަތުރުވެރިންނަށާއި އާއްމުންނަށް ދަތުރުފަތުރު ކުރަން ވަރަށްބޮޑަށް ފަސޭހަވެގެންދާނެއެވެ.
"މިގޮތަށް ހެދުމުން ދެންވީ ގަމަށް އަންނަ އިންޓަރނޭޝަނަލް ފުލައިޓުތައް އިތުރު ކުރަން. އޭރުން އެ ފުލައިޓުތަކުން އަންނަ ފަތުރުވެރިން ހުވަދު އަތޮޅަށާއި ލާމު އަތޮޅަށް މިހާރަށްވުރެ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ. މިހާރު އޮންނަ ގޮތުން ހުރިހާ ފުލައިޓެއް އެ ޖައްސަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އެތަނުން އެހެން ތަންތަނަށާއި އައްޑުއަށް ވެސް ފަތުރުވެރިން މިގެންދަނީ. މާލެއިން އައްޑުއަށް ނުވަތަ ހުވަދުއަށް ކުރަންޖެހޭ ހޭދަބޮޑުވާނެ. އެހެންނަމަވެސަ ގަމުން ހުވަދުއަށް އަދި ލާމަށް ކުރަންޖެހޭ ޚަރަދު ކުޑަވާނެ،" އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރ އަލީ ފަހުމީ ވިދާޅިވިއެވެ. އެހެންނަމަވެސް މި އޮޕަރޭޝަން މިގޮތަށް ހިނގައިގަންނަން ދުވަސްކޮޅެއް ހޭދަވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢިލް ވިދާޅުވެފައިވަނީ މި ދަތުރުތަކުން ވަރަށްބޮޑު ގެއްލުމެއް އައިލެންޑްއޭވިއޭޝަނަށް ވާނެ ކަމަށެވެ. އެހެންނަމަވެސް މި އޮޕަރޭޝަންތައް ފެށީ އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.