
އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް އެއްވެސް ހުރަހެއްނެތި ފުލައިޓު ޖެއްސޭވަރަށް މަގުތަނަވަސް ކޮށްފައި ދެން އިތުރު ތަރައްޤީގެންނާނީ އައްޑޫގެ ޓޫރިޒަމް ފުޅާވަމުންދާ ވަރަކުން ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫގެ މަޝްރޫޢެއް ޑިޒައިން ކުރުމަށް ބަޔަކާ ޙަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.
"އަޅުގަނޑުގެ ވިސްނުމުގައިއޮތީ ހުރަހެއްނެތި އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓަށް ފުލައިޓު ޖެއްސޭނެ މަގު ތަނަވަސްކޮށްފައި އައްޑޫގެ ޓޫރިޒަމް ފުޅާވާވަރަކަށް އެއާޕޯޓަށް އިތުރު ތަރައްގީގެނައުން،" މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގަންއިންޓަރ ނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަކީ މިސަރުކާރުން ކުރައްވާނެ ކަމެއް ކަމަށެވެ. އެއީ މުޅި އައްޑޫގެ އިގްތިސާދުގެ ނާރެހަކީ އެއާޕޯޓަށްވުމުން އެއީ ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. "މުޅި އައްޑޫގެ އިގްތިސާދުގެ ނާރެސް ބިނާވެގެންމިދަނީ އައްޑޫ އެއާޕޯޓު ތަރައްގީވެގެން. އަޅުގަނޑުމެން މިދަނީ ވިސްނުންތެރި ކަމާއެކު އެކަންކަން ކުރެވޭނެ ގޮތްތައް ރާވަމުން،" މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އައްޑޫ އެއާޕޯޓަށް މިވަގުތު ބޭނުންވާ އިންފްރާސްޓްރަކްޗަރގެ މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިހާރުވެސް ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް މަތިންދާ ބޯޓުފަހަރު ޖެއްސޭ ކަމަށާއި އެހެންނަމަވެސް އަދިވެސް އިންވެސްޓްކޮށް ޚަރަދުކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.