ރިސޯޓެއްގެގޮތުގައި ދައްޕަރު ތަރައްޤީކުރުން، ފިއްލަދޫ ރައްޔިތުންގެ އުއްމީދު

ދައްޕަރަކީ ހއ.ފިއްލަދޫގެ އުތުރުން އެރަށާގުޅިފައި އޮތް ވަރަށް ރީތި ފަޅުރަށެކެވެ. ދައްޕަރާމެދު ފިއްލަދޫ ރައްޔިތުންގެ އުއްމީދެއް އަބަދުވެސް އޮންނަކަން އެރަށުގެ މީހުންނާ ވާހަކަ ދައްކާލުމުން އެނގުނެވެ. އެއީ ދައްޕަރު ރިސޯރޓެއްގެ ގޮތުގައި ތަރައްޤީވެ ފަތުރުވެރިކަން ތަޢާރަފުވުމެވެ. އަދި ފަތުރުވެރިކަމުން ރަށުގެ ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނަފާ ލިބިގެން ދިއުމެވެ. ފަތުރުވެރިކަމަށް ޢަލަށްނެރޭ ރަށްތަކުގެ ތެރޭގައި ފިއްލަދޫގެ ދައްޕަރު ސަރަޙައްދު ވެސް ވަނީ އިޢުލާން ކޮށްފައެވެ. ރިސޯރޓް ތަރައްޤީ ކުރުމަށް ދައްޕަރުގެ 60 ހެކްޓަރ ބިން ވަނީ ކަނޑައަޅައިފައެވެ.

ޖިއޮގްރަފީގޮތުން ފިއްލަދުއާއި ދައްޕަރު އޮންނަނީ އެއްފަސްގަނޑަކަށް އެއްރަށެއްގެ ގޮތުގައެވެ. ފިއްލަދޫ އާބާދުވުމުގެ ކުރިން ފުރަތަމަ މީހުން އާބާދޫވީ ދައްޕަރުގައި ކަމަށް ރަށުގެ ބައެއް މީހުން ކިޔައި އުޅެއެވެ. އޭރު ފިއްލަދޫ އޮތީ ފިނޮޅެއްގެ ގޮތުގައި ކަމަށްވެސް ބުނެވެއެވެ. ދައްޕަރުގައި އުޅުނު މީހުން ފަހުން ފިއްލަދުއަށް ބަދަލުވެ އެރަށް އާބާދުވީކަމަށް ވެސް ވާހަކަ ދެކެވެއެވެ. ނަމަވެސް އެއީ ކިހާ ވަރެއްގެ ޙަޤީޤަތެއް ކަމެއް ނޭނގެއެވެ.

ދައްޕަރު ފިއްލަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅިފައި ވަނީ ރައީސް އިބްރާހީމް ނާސިރު ވެރިކަމުގައެވެ. ނަމަވެސް އިދާރީގޮތުން މިހާރު ދައްޕަރު ވަނީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ދައްޕަރަކީ ވަރަށްގިނަ ރުއްގަހާއި ބޮޑު ކުޅިއެއް އޮތް ނަލަ ރަށެކެވެ. ދައްޕަރު ޓޫރިސްޓް ރިސޯރޓެއްގެ ގޮތުގައި ތަރައްޤީ ކުރުވޭނީ އެރަށުގެ ކުޅިއާ އެނޫން ވެސް ޤުދުރަތީ ގޮތުން ލިބިފައިވާ ވަޞީލަތްތަކަށް ގެލުންނުވާގޮތަށްކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

"ޤުދުރަތީގޮތުން ދައްޕަރަށް ލިބިފައި އޮތް އެންޔަރަމަންޓް ރިޒާވެއް، ހަލާކުނުވާ ގޮތަކަށް ނޫން ގޮތަކަށް، އެރަށުގައި ޓޫރިޒަމް ތަރައްޤީއެއް ނުކުރާނަން" ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވިއެވެ.

ރިސޯރޓްގެ ގޮތުގައި ތަރައްޤީކުރާ ރަށްތަކުގެ ތެރޭގައި ދައްޕަރު ހިމެނިގެން މިދިޔައީ، ރަށުފަތުރުވެރިކަމަށް ބީލަމުގެ އުޞޫލުން މީހުން ދިރިއުޅޭ ބޮޑެތި ރަށްރަށުން ބިން ދޫކުރައްވަން ހަމަޖައްސަވައިފައިވަނިކޮށެވެ. ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭންގެ ދަށުންރަށުފަތުރުވެރިކަމަށް 11 ރަށަކުން ބިން ދޫކުރަން ސަރުކާރުން ކުރިން އިޢުލާންކުރެއްވިއެވެ. ދައްޕަރުގެ އިތުރުން ހއ ކެލަޔާއި އުލިގަން ވެސް މިރަށްތަކުގެ ތެރޭގައި އޭރު އިޢުލާންކުރެއްވި އެވެ. ނަމަވެސް މިހާރު އެ 11 ރަށްވެސް ވަނީ ފަތުރުވެރިކަން ތަރައްޤީކުރަން އަލަށް އިޢުލާންކުރި ރަށްތަކުގެ ތެރޭގައި ހިމަނައިފައެވެ. ރަށުފަތުރުވެރިކަމަށް ބިންދޫކުރުމަށް ކުރިން ކަނޑައެޅިފައި އޮތްގޮތުން ފިއްލަދޫ އާންމު ރައްޔިތުންނާއި ކައުން ސިލަށް ވެސް ހީކުރެވިފައި އޮތީ ދައްޕަރު ތަރައްޤީ ކުރެވޭނީ ގެސްޓްހައުސް ކޮންސެޕްޓަށްކަމަށެވެ. އަލަށް ރިސޯރޓް ހަދަން ކަނޑައެޅި ރަށްތަކުގެ ތެރޭގައި ދައްޕަރު ހިމެނިގެން ދިޔައީ ރިސޯރޓް ކޮންސެޕްޓަށް ދައްޕަރު ތަރައްޤީކުރުމަށް ކައުންސިލުން ފަތުވެރިކަމާބެހޭ ވުޒާރާގައި އެދިފައިވަނިކޮށެވެ.

 

ދައްޕަރުން 1000 އެނދާއެކު 2000 ވަޒީފާ!

ފަތުރުވެރިކަމަށް އަލަށް ތަޢާރަފުކުރި ރަށްތަކުގެ ތެރެއި ށ. ނަލަންދޫ ފިޔަވައި އެންމެގިނަ އެނދު ތަރައްޤީކޮށް އަދި އެންމެ ގިނަ ވަޒިފާ އުފެދިގެންދާނީ ދައްޕަރު ގައެވެ. ޖުމަލަ 1000 އެދާއެކު 2000 ވަޒީފާގެ ފުރުޞަތު ދައްޕަރުން އުފެދިގެން ދާނެއެވެ. ސީދާ ގޮތުން ރިސޯރޓުގައި އުފެދިގެންދާ ވަޒީފާގެ އިތުރުން ފަތުރުވެރިކަން ތަޢާރަފް ކުރުމުން އުފެދިގެންދާ މަސައްކަތްތަކުން އެތައް ވަޒީފާގެ ފުރުޞަތު ނުވަތަ އާމްދަނީ ލިބޭނެ މަގުތައް ފިއްލަދޫ އާއި އެދާއިރާގެ އެހެން ރަށްތަކަށް ފަހިވެގެންދާނެއެވެ.

ފިއްލަދޫ އަކީ ބިން ބޮޑު ރަށަކަށް ވުމުން ރާއްޖޭގެ ބައެއް ސަރަޙައްދު ތަކުގައި ފަތުރުވެރިކަމާއެކު ދަނޑުވެރިކަން ވައިގައިހިފި ފަދައިން ފިއްލަދޫގައިވެސް ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރިއެރުވިދާނެއެވެ. ނަމަވެސް މިދުވަސްވަރު ފިއްލަދޫގައި ފަތްކޭލުގެ ބާވަތްތައް ފިޔަވައި އެހެން ބާވަތަކެއް ދަނޑުވެރިކަމުގެ ގޮތުގައި ފުޅާ ދާއިރާގައި ހައްދައެއް ނޫޅެއެވެ.

ކައުންސިލްގެ ރައީސް މުޙައްމަދު ފަލާޙު ވިދާޅުވީ ދައްޕަރުގައި އުފެދިގެންދާ ވަޒީފާތަކުގެ ތެރެއިން ފަންނީ ވަޒީފާތައް ފިޔަވައި އެހެން ވަޒީފާތަކަށް ފުރުޞަތު ބޮޑީ ފިއްލަދޫ މީހުންނަށް ކަމަށެވެ. ދައްޕަރު ރިސޯރޓެއްގެ ގޮތުގައި ތަރައްޤީ ވުމުން ދުރު ރިސޯރޓް ތަކުގައި މަސައްކަތްކުރާ ރަށުގެ ޒުވާނުން ވެސް ވަޒީފާތަކަށް އައުމުގެ ފުރުޞަތު އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުވެސް ފިއްލަދޫގެ ވަރަށް ގިނަ ޒުވާނުން ރިސޯރޓްތަކުގައި ދަނީ މަސައްކަތް ކުރަމުންނެވެ.

ހއ. އަތޮޅުގައި މިހާރު އޮތް ހަމައެކަނި ދެރިސޯރޓް އޮންނަނީ އަތޮޅުގެ އަނެއް ބިތުގައެވެ. ކުރިން ހިންގަމުން އައި އަލިދޫ ރިސޯރޓް ބަންދު ކުރިފަހުން، ފިއްލަދޫ ސަރަޙައްދުގައި އެއްވެސް ރިސޯރޓެއް ނެތެވެ. އެހެންކަމުން އެސަރަޙައްދަށް ރިސޯރޓެއް ލިބުމަކީ ފިއްލަދޫގެ އިތުރުން ދާއިރާގެ އެހެން ރަށްރަށަށް ވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފައިދާކުރާނެ ކަމަކަށް ނޫނީ ނުވާނެއެވެ.

އަލަށް އިޢުލާން ކުރި ރަށްތަކުގެ ތެރޭގައި ދައްޕަރާއެކު ހއ. ގެ ހަތަރު ރަށެއް ރިސޯޓްގެ ގޮތުގައި ތަރައްޤީ ކުރުމަށް ވަނީ އިޢުލާން ކުރައްވައިފައެވެ. ހއ ގައި އަލަށް ރިސޯރޓް ތަރައްޤީކުރާ ހަތަރު ރަށުން ޖުމުލަ 2158 އެނދު ފަތުރުވެރިކަމަށް ނެރުމަށް ވަނީ ނިންމައިފައެވެ. ރިސޯރޓް ތަރައްޤީކުރާ ރަށްތަކުގެ އިތުރުން އުލިގަމާއި ކެލައިން ވެސް ފަތުރުވެރިކަމަށް ބިންދޫކުރުމަށް ވަނީ ކަނޑައަޅައިފައެވެ. އެހެންކަމުން ހއ. ގައި އަލަށް ހުޅުވޭ ރިސޯރޓްތަކާއި ގެސްޓްހައުސްތަކުން ގިނަ ވަޒީފާތައް އުފެދި އަތޮޅުން ނުވަތަ ރަށުން ވަޒީފާ ލިބޭނެކަމުގެ ޔަޤީންކަން އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

 

ފިއަލްދޫގައި ގެސްޓްހައުސް ހިންގުމަށް އިންވެސްޓަރުންގެ ޝައުޤު!

ފިއްލަދޫއަކީ ބިންބޮޑު. ރީތި ގޮނޑު ދޮށެއް ލިބިފައިވާ ރަށުފަތުރުވެރިކަމަށް ފައްކާވެފައިވާ ރަށެކެވެ. ހަނިމާދޫ އިން ސްޕީޑް ލޯންޗްގައި 20 މިނެޓުން ފިއްލަދޫއަށް އާދެވޭނެއެވެ. ރަށުގެ އާބާދީއާ އަޅާ ބަލާއިރު ފިއްލަދޫގައި އެކަށީގެންވާ ޢަދަދަކަށް ސްޕީޑް ލޯންޗްތައް އޮވެއެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް މުޙަމަދު ފަލާޙު ވިދާޅުވީ ފިއްލަދޫގައި ރަށު ފަތުރުވެރިކަން ނުވަތަ ގެސްޓްހައުސް ހިންގުމުގެ ޝައުޤުވެރިކަން ރަށުން ބޭރުގެ އިންވެސްޓަރުން ފާޅުކުރަމުންދާކަމަށެވެ. އަދި ރަށުގެ ރައްޔިތުންގެ ތެރޭގައި ވެސް އެކަމުގެ ޝަޢުޤުވެރިކަން ހުރި މީހުން ތިބިކަން ފަލާޙު ފާހަގަކުރެއްވިއެވެ.

ގެސްޓް ހައުސް ހިންގަން އިންވެސްޓަރުން ބޭނުންވަނީ ގޮޑުދޮށާ ކައިރިންނެވެ. ފިއްލަދޫގެ ގޮޑުދޮށާ ކަރިން ހުރި ހުރިހާ ބިންތައް ވަނީ އެކި ކަންކަމަށް ބޭނުން ކުރެވިފައެވެ. ފިއްލަދޫގެ ކައުންސިލް އިދާރާއާއި ރަށު ކޯޓާއި ސްކޫލާއި މިސްކިތާއި ޞިއްޙީ މަރުކަޒާއި ބޭސްފިހާރަފަދަ ތަންތަން ހުރި ގޮޑުދޮށާއި ކައިރީ ބިންތަކުގައެވެ. ދެންހުރީ އާންމުރައްޔިތުން ދިރިއުޅޭ ތަންތަނެވެ. އެތަންތަން ގެސްޓް ހައުސް ހެދުމަށް ދޫކޮށްލަން އެމީހުން ބޭނުމެއް ނުވެއެވެ. އެހެން ކަމުން ރަށުން އަލަށް ބިންތަކެއް ކަނޑައެޅިގެން ނޫނީ ރަށު ފަތުރުވެރިކަން ތަރައްޤީ ކުރެވޭކަށް ނެތްކަމަށް ކައުންސިލްގެ ރައީސް ފަލާޙު ވިދާޅުވިއެވެ.

ބ. އަތޮޅު ފުޅަދޫގައި ގެސްޓް ހައުސް ވިޔަފާރި ހިންގާ ބަޔަކު މިއަދުވެސް ވަނީ ފިއްލަދުއަށް ގޮސް އެރަށުގައި ގެސްޓްހައުސް ހިންގުމަށް ބިމެއް ހޯދުމުގެ މަސައްކަތް ކައުންސިލާއެކު ކޮށްފައެވެ.

"އެމީހުން ބޭނުންވީ ގެސްޓްހައުސް ހެދުމަށް ގޮޑުދޮށާ ގާތުން މީހުން ދިރިނޫޅޭ ގޯއްޗެއް ގަންނަން، އެކަމަކު ވިއްކަންވީމާ ވެރި ފަރާތުން އެއްބަސް ނުވެވިގެން އުޅެނީ" ކައުންސިލްގެ ރައީސް ވިދާޅުވިއެ އެވެ.

ރަށު ފަތުރިވެރިކަން ތަރައްޤީ ކުރުމަށް ފިއްލަދޫން މިހާރު ވަނީ ސަރަޙައްދެއް ކަނޑައޅައި ފައެވެ. އެއީ ރަށުގެ ޞިއްހީ މަރިކަޒާ ދިމާލުން އުތުރަށް "ތިނޯސް ހުއިގަޑާ " ދިމާލުން އޮތް ބިމެވެ. ބިން ކަނޑައެޅި ނަމަވެސް އެކަމަށް ސަރުކާރުން ލިބެންޖެހޭ ހުއްދައެއް ލިބިގެން ނޫނީ ބިންދޫކުރެވެން ނެތުމުން މިހާތަނަށް ބިން ދޫނުކުރެވި އޮތީކަމަށް ފަލާޙު ވިދާޅުވިއެވެ. ނަމަވެސް ލާމާރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުން ކައުންސިލަށް ފަސޭހަކަމާއެކު ރަށުގެ ބިން، އެކި ކަންކަމަށް ކަނޑައެޅުމުގެ ފުރުޞަތު ލިބިގެންދާނެކަން ފަލާޙް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެމަސައްކަތް ކުރިއަށް ގެންދެވޭނީ އާކައުންސިލް އިންތިޚާބަށް ފަހުކަމަށް އޭނާ ލަފާކުރައްވައެވެ. ހަތަރު ވަނަ ދައުރަކަށް ވެސް ރަށު ކައުންސިލުގެ ގޮޑިއެއް ދިފާޢުކުރުމަށް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ ޔަޤީންކަން ފަލާޙު ދެއްވިއެވެ.

ރަށު ފަތުރުވެރިކަމަށް ބިންކަނޑައެޅޭއިރު، އިންވެސްޓަރުން ބޭނުންވާ ގޮތަށް ބަލަންޖެހޭއިރު ރައްޔިތުންނާ އެކަހެރިކޮށް ގޮނޑުދޮށާއި މޫދު ބޭނުން ކުރެވޭނެ ގޮތަކަށް ވެސް ވިސްނުން ބަހަށްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބެއްކަމަށް ފާހަގަކުރެއްވީ، ފަތުރުވެރިކަން އަލަށް ތަޢާރަފް ވެގެންދާއިރު އިޖްތުމާޢީ އަޚްލާޤީ މިންގަނޑުން ރަށްޔިތުންނަށް ބަލައި ނުގަނެވޭފަދަ ކަންކަން ދިމާވެދާނެތީކަމަށެވެ.

ދައްޕަރު ރިސޯރޓެއްގެ ގޮތުގައި ތަރައްޤީ ކުރެވޭއިރު ރަށުފަތުރިވެރިކަމަށް ގެސްޓްހައުސް ވިޔަފާރީ ތަޢާރަފް ވެގެންދިއުމަކީ ވަރަށް ހެޔޮފާލަކަށް ނޫނީ ނުވާނެއެވެ. ފަލާހު ވިދާޅުވީ، ރިސޯރޓާއި ގެސްޓް ހައުސް ފަތުރުވެރިކަމަށް ހުޅުވާލުމުން ގެސްޓްހައުސްގައި ތިބޭ ފަތުވެރިން ރިސޯޓްގެ ޚިދުމަތް ތަޖްރިބާ ކޮށްލަން ބޭނުމިއްޔާ އެފުރުޞަތު ލިބޭނެކަމަށެވެ. ހަމަ އެގޮތަށް ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ރަށުގެ ދިރިއުޅުން ތަޖްރިބާކޮށްލުމުގެ ފުރުޞަތު ވެސް ލިބިގެންދާނެކަމަށެވެ. އެހެންކަމުން ރަށުގެ ވިޔަފާރި ކުރިއަރައި އިތުރު ވިޔަފާރީތައް ފުޅާވުމުގެ ފުރުޞަތު ވެސް ލިބިގެންދާނެކަމަށެވެ.

ދައްޕަރު ރިސޯރޓްގެ ގޮތުގައި ތަރައްޤީ ވެގެންދާއިރު ފަތުރުވެރިންނާއި އެރިސޯރޓް މުވައްޒަފުންނަށް ވެސް ޚިދުމަތް ދެވޭ ގޮތަށް ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް ފުޅާ ކުރުމަކީ ފަލާޙުގެ ވިސްނުމެކެވެ. އެހެންކަމުން އެކަން ސަރުކާރަށް ހުށަހަޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިރަށުގެ ޞިއްޙީ މަރުކަޒަކީ މިހާރުވެސް ޑޮކްޓަރަކާއި ނަރުންނާއި ލެބޯޓްރީވެސް ހުރިތަނެއް. އެކްސްރޭ ޚިދުމަތްފަދަ އިތުރަށް ބޭނުންވާނެ ވަޞީލަތްތައް ޤާއިމްކުރުމުން، އެހެން ރަށަކަށް ޚިދުމަތް ހޯދަން ދިއުމަށްވުރެ ނުވަތަ އެތަނުގައި ޞިއްޙީ ޚިދުމަތްދޭ ތަނެއް ހަދާ މީހުން ބޭތިއްބުމަށްވުރެ ރަނގަޅުވާނެކަމަށް ބެލެވޭ. އެއްފަސް ވެފައި އޮތުމުން ބޭނުމިއްޔާ ދައްޕަރާ ފިއްލަދޫއާދެތޭރޭގައި މަގެއްވެސް ހަދާ ލެވިދާނެ" ފަލާޙު ވިސްނުން ހާމަކުރައްވަމުން ވިދާޅުވިއެވެ.

ދައްޕަރަކީ ކުރިންވެސް ނޫމަޑިން ރިސޯރޓެއް ތަރައްޤީކުރުމުގެ މަސައްކަތް ޢަމަލީ ގޮތުން ފެށި ރަށެކެވެ. 2012 ވަނަ އަހަރު ދައްފަރުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ފެށި ނަމަވެސް އިންވެސްޓަރުންގެ މެދުގައި ޖެހުނު މައްސަލަތަކަކާ ގުޅިގެން މަސައްކަތް ހުއްޓާލަން ޖެހުނެވެ. އޭރު ފެށި ރިސޯރޓްގެ މަސައްކަތް ކުރިއަށް ގެންދެވުނުނަމަ މިއަދު ފިއްލަދޫގެ ރައްޔިތުންނަށް އެ ރިސޯރޓްގެ ނަފާ ލިބެމުންދިޔައީ ހެވެ. ދައްފަރުގެ މަސައްކަތް ކުރިއަށް ނުދިޔަ އެއްސަބަބެއްކަމަށް ރަށު ކައުންސިލްގެ ރައީސް ފަލާޙު ފާހަގަކުރެއްވީ އޭރުގެ ސަރުކާރާއި އޮތް ގުޅުން ކުޑަ ވުމެވެ.

ފަތުރުވެރިކަމަށް އަލަށް ތަޢާރަފްކުރި ރަށްތަކުގެ ޢަމަލީ މަސައްކަތް 2020 ވަނަ އަހަރުގެ މެދުތެރޭގައި ފެށޭނެކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ވަނީ ލަފާކުރައްވައިފައެވެ. އަދި 2023 ގައި އެރަށްތަށް ހުޅުވުމަކީ މިސަރުކާރުގެ އަމާޒެވެ.

ދައްޕަރަކީ ފިއްލަދޫގެ ރައްޔިތުންގެ ފޮނި ހުވަފެންތަކާ ގުޅިފައިވާ މުހިންމު ރަށަކަށްވާއިރު ކުރިން ތަޖްރިބާކުރިފަދަ ގޮތެއްނުވެ ދައްޕަރު ރިސޯރޓެއްގެ ޤޮތުގައި ތަރައްޤީވެ އެކަމުގެ ނަފަޔާއި ފޮނިމީރުކަން ލިބުމަކީ ރައްޔިތުން ކުރާ އެންމެ ބޮޑު އެއް އުއްމީދެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.