ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
ހައްދުންމަތީގެ ގަން، ފޮނަދޫ އަދި ހިތަދުއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ލ. ގަމަށެވެ. ގަމަށް ވަޑައިގެން އެރަށު ކައުންސިލަރުންނާ އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތާއި ރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ބޭނުންވާ ކަންކަމާ ބެހޭގޮތުން އެމަނިކުފާނު ވަނީ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ދެވަނަ މަންޒިލުކަމުގައިވާ ހިތަދުއަށް ވަޑައިގެން އެރަށުގެ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ހިތަދޫގެ ތަރައްޤީއަށް ރޭވިފައިވާ މުހިންމު މަޝްރޫޢުތަކާ އަދި ރަށުގެ ރައްޔިތުންގެ ހުރި މުހިންމު ކަންބޮޑުވުންތަކާ ބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއަށް މައުލޫމާތު އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ހިތަދުއަށް ކުރެއްވި މި ޒިޔާރަތުގައި، ހިތަދޫ ޞިއްޙީ މަރުކަޒުގައި ޚިދުމަތް ދޭންފެށިތާ 50 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ލ. ފޮނަދުއަށެވެ. ފޮނަދޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ ފޮނަދޫ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ފޮނަދޫގެ ތަރައްޤީއަށް މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ތިން ރަށަކަށް ކުރެއްވި މި ދަތުރުފުޅުގައި ލ އަތޮޅުގެ މަސްވެރިންނާ ބައްދަލުކުރައި އެފަރާތްތަކުގެ ކަންބޮޑުވުންތައް ވެސް ވަނީ އޮޅުންފިލުއްވާފައެވެ.
-ފޮޓޯ އާއި ޚަބަރު ރައީސް އޮފީސް