ބެލެނިވެރިން ރުއްސައިގެން، މަޑުއްވަރީ ތިން ކުއްޖަކަށް ވެކްސިން ދީފި

ރ. މަޑުއްވަރީގެ ޢާއިލާއެއްގައި ހިމެނޭ ތިން ކުއްޖަކަށް ވެކްސިން ދިނުމަށް އިއްޔެ ދެކޮޅު ހެދުމަށްފަހު މިއަދު އެއްބަސްވެ އެއާއިލާގެ ތިން ކުދިންނަށް މިއަދު ވެކްސިން ދީފިއެވެ.

ފުލުހުން ވިދާޅުވީ އިއްޔެ އެކުދިންގެ ބެލެނިވެރިންވަނީ ކުދިންނަށް ވެކްސިން ދިނުމަށް ދެކޮޅުހަދައިފައެވެ. އެހެންނަމަވެސް ފުލުހުންގެ މަޒުރަކަށް އެމީހުންގެނެސް ޖެންޑަރ މިނިސްޓްރީގެ ބޭފުޅުން އެމީހުންނަށް ނަސޭހަތްދެއްވުމުން ވެކްސިން ދިނުމަށް އެއްބަސްވި ކަމަށެވެ.

"ކުޑަކުދިންނަށް ވެކްސިން ދިނުމަށް އިއްޔެ ދެކޮޅު ހަދަމުންދިޔަ ގެއެއްގެ މީހުން ފުލުހުންގެ މަރުކަޒަށް ހާޒިރުކުރުމަށްފަހު ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެމީހުންނަށް ނަސޭހަތްތެރިވުމަށްފަހު މިއަދު އެގޭ ކުޑަކުދިންނަށް ވެކްސިންދޭން އެކުދިންގެ ބެލެނިވެރިން އެއްބަސްވުމުން އެކުދިންނަށް މިހާރުވަނީ ވެކްސިން ދީފައި،" ފުލުހުން ވިދާޅުވިއެވެ.

ވެކްސިން ދީފައިވަނީ އެއް މަހުގެ އަންހެން ކުއްޖަކަށާއި، 2 އަހަރުގެ ފިރިހެން ކުއްޖަކަށާއި 4 އަހަރުގެ ފިރިހެންކުއްޖަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އެރަށުގައި ހިންގަމުން ގެންދާ އޮޕަރޭޝަން އެހެން މީހުންނަށް ބިރުވެރިގޮތަކަށް ސިފަކޮށްދޭން ބައެއް ނޫސްތަކުން މަސައްކަތްކުރާ ކަމަށް ބުނެ އެރަށުގެ ކައުންސިލުން ވަނީ ނުރުހުންފާޅުކޮށްފައެވެ. އެކަން އެގޮތަށް ނުކޮށް ކަންހިނގަމުންދާގޮތް ރަނގަޅަށް ބެލުމަށްފަހު ނުވަތަ އޮޅުންފިލުވުމަށްފަހު ރިޕޯޓު ކުރުމަށް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

ފުލުހުންނާއި ސިފައިން މަޑުއްވަރީގައި އިއްޔެއިން ފެށިގެން ކުރިއަށްގެންދާ އޮޕަރޭޝަނަކީ އެރަށުގައިތިބި ހަރުކަށި ފިކުރަށްތަބާ މީހުން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަނެކެވެ. އެމީހުން ދެކޭގޮތުގައި ކުދިންނަށް ވެކްސިން ދިނުމާއި ކިޔަވައިދިނުމަކީ ކުރަންޖެހޭ ކަމެއްނޫންނެވެ. ފުލުހުންގެ އޮޕަރޭޝަނުގައި މިހާތަނަށް ވަނީ އެރަށުން ތިން މީހުން ބަންދުކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.