އައްޑޫ ސިޓީގައި ސަރުކާރުން ގާއިމްކުރައްވާފައިވާ "އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް" ގެ ޚިދުމަތް ވީހާ ވެސް އަވަހަކަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.
މެނޭޖަރ ޝަރަފުއްސާދާތު ވިދާޅުވީ ކުރިން މަސައްކަތް ކުރެއްވީ އެތަނުގެ ބައެއް ޚިދުމަތްތައް މާދަމާ ފެށުމަށް ކަމަށެވެ. އެހެންނަމަވެސް ވިއްސާރަވުމާއި އަދިވެސް އެހެން ކުދިކުދި ކަންކަން ދިމާވުވުމުގެ ސަބަބުން އެތަނުގެ ޚިދުމަތް ފެށުން ތަކޮޅެއް ލަސްވެފައިވީ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ވީހާ ވެސް އަވަހަކަށް ޚިދުމަތް ފަށަން. އިރާދަކުރެއްވިއްޔާ މާގިނަ ދުވަސްތަކެއްނުވެ ދެން މިތަނުގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެގޮތަށް ހުރިހާކަމެއް ކުރަމުން މިދަނީ،" އޭނާ ވިދާޅުވިއެވެ.
ޝަރަފް ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އިން މިހާރު ދެމުން އަންނަ ޚިދުމަތް އައު ހޮސްޕިޓަލަށް ބަދަލު ކުރާނީ ޚިދުމަތް ދިނުމުގައި ރައްޔިތުންނަށް އެއްވެސް ބުރުލެއްނާރާނެ ގޮތަށް ކަމަށެވެ. އެގޮތަށް އެކި ޚިދުމަތްތައް މަޑުމަޑުން އައު ހޮސްޕިޓަލަށް ބަދަލު ކުރުމަށްފަހު ކުރު މުއްދަތެއްގައި މުޅި ހޮސްޕިޓަލް ހުޅުވުމުން އޭގެ ފައިދާވެސް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެތަނުގައި އެންމެފުރަތަމަ ފެށުމަށް ނިންމާފައިވަނީ އޯޕީޑީއާއި ޑައިގްނޯސިސް އެންޑް ޓްރީޓްމެން (ލެބޯރަޓަރީގެ ޚިދުމަތާއ ރޭޑިއޯ ލޮޖީ) ގެ ޚިދުމަތް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރަށް ފިޒިއޯތެރަޕީގެ ޚިދުމަތް ވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ހޮސްޕިޓަލްގެ ޚިދުމަތްތައް ދޭން ތައްޔާރުވަމުންދާއިރު އަދި އެތަނުގައި ބޭސް ފިހާރައެއްނެތެވެ. ޚިދުމަތް ނުފެށި ލަސްވުމުގެ ބައިގަނޑު އެއް ސަބަބަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ ކުރީގެ ކޮންވެންޝަން ސެންޓަރުގައި ތަރައްގީކޮށްފައިވާ 100 އެނދުގެ ހޮސްޕިޓަލެކެވެ. އެތަނުން އެންމެ ޒަމާނީ ޚިދުމަތްތައް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ހޮސްޕިޓަލުގެ ފަރާތުން މިއަދުވަނީ އެތަން އާއްމުންނަށް ދައްކާލައިފައެވެ. ހޮސްޕޮޓަލް ބަލާލަން ޢާއްމުންދިޔައީ ދެކުމެއް ހިފައިގެންނެވެ. މި ކަމުގައި އިސްކޮށް އުޅުނީ އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެވެ. ޝަރަފް ވިދާޅުވީ ހޮސްޕިޓަލް ދައްކާލަން ހުޅުވާލި ފުރުސަތުގައި ވަރަށްގިނަ މީހުންވަނީ އެތަނަށް ޒިޔާރަތް ކޮށްފައި ކަމަށެވެ. އަދި އެތަނުގެ މަސައްކަތް ގޮސްފައިވާ ހީސާބުވެސް ފެންނާނެ ކަމަށް ވިދާޅުވިއެވެ.