އައްޑުއާއި ހުވަދުއަތޮޅާ ދެމެދު ހަފްތާއަކު 6 ފުލައިޓު ބާއްވަނީ

މިހިނގާ ޑިސެމްބަރު މަހު 15 އިން ފެށިގެން އައްޑޫސިޓީއާއި ހުވަދުއަތޮޅާ ދެމެދު ހަފްތާއަކު 6 ފުލައިޓު ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު ވިދާޅުވީ އޭގެއިތުރަށް ލ. އަތޮޅާއި އައްޑޫއާ ދެމެދުވެސް ފުލައިޓް ދަތުރު ބާއްވާނެ ކަމަށެވެ. އެހެންނަމަވެސް ލ. އަތޮޅާއި އައްޑޫއާ ދެމެދު ބާއްވާނީ ކިތައް ފުލައޓު ކަމެއް ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވީ މިއީ އިކޮނޮމިކް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީންވަރަށް ގާތުން މަސައްކަތް ކުރައްވައިގެން ޙާސިލް ކުރެވުނު ކަމެއް ކަމަށެވެ.

މިކަން އަދި ކުރެވެންއޮތީ އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. "އަޅުގަނޑުމެން އެކަން ފެށުމުން އަދި އޮތް ގޮތުން ވަރަށްބޮޑު ގެއްލުން އައިލެންޑުއޭވިއޭޝަން ވާނެ.  އެހެންނަމަވެސް އެއީ އައްޑޫގެ ޓުރިޒަމް ތަރައްގީ ކުރަން ކޮންމެހެން ބޭނުންވާ ކަމެއް ކަމަށް ސަރުކާރަށް ފެންނާތީ އެކަން މިކުރަނީ،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އަންނަ އަހަރު އެޕްރީލް މަހުން ފެށިގެން ސްރީލަންކަން އެއާލައިން އައްޑޫގައި ޖައްސާ ވަގުތާ ދިމާކޮށް ފުލައިޓުތައް ޝެޑިއުލް ކުރެވޭނެ ގޮތަކަށް ރާވަމުންދާ ކަމަށެވެ. އެކަމާ ބެހޭ ގޮތުން ސްރީލަންކަންއާ ވެސް ވާހަކަ ދައްކަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަށައިގަންނައިރު މިކަން އެންމެ ރަނގަޅަށް ނުދިޔަސް ހަފްތާއަކު 6 ފުލައިޓް ސީދާ ހުވަދޫން އައްޑުއަށް ބޭއްވުމަކީ ވަރަށް ބޮޑު ފަސޭހައަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މިއީ ފެށުމެއް ކަމަށާއި މަޑުމަޑުން ކަންކަން ހަމައަކަށް އެޅޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.