ފައްޔާޒްގެ ތަޖުރިބާއާއެކު، އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރެވޭނެ: ރައީސް ސާލިހު

ފައްޔާޒްގެ ތަޖުރިބާއާއެކު އެމްޑީޕީއަށް އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕަރސަންގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލު އިންތިޚާބުވެވަޑައިގަތުމުން، ފައްޔާޒަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައި ރައީސް ވިދާޅުވީ ފައްޔާޒާއެކު 2023 ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

" ފަޔާގެ ހިންގުމުގެ ތަޖުރިބާއާ އެކު ޕާޓީއާއެކު ކުރިއަށްގޮސް، 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަށް ދަތުރުކުރާނެ ކަމުގެ ޔަޤީންކަން އެބައޮތް . ކުރިއަށް ކުރިއަށް، ބާރަށްކުރިއަށް." ރައީސް ސާލިހު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން އިންތިޚާބުގައި އެ ޕާޓީތެރޭގައި ދެ ފެކްޝަނެއް އުފެދި، ފައްޔާޒު  ނުކުންނެވީ ރައީސް ސާލިހުގެ ފެކްޝަނުގެ ފަރާތުންނެވެ. އިދިކޮޅުން ނުކުމެވަޑައިގެންނެވީ މާފަންނު އުތުރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. އިންތި ވާދަކުރެއްވީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ.

އެ އިންތިޚާބުގައި އިންތިގެ މައްޗަށް ފައްޔާޒު ކުރި ހޯއްދެވީ ތަފާތު ނަތީޖާއަކުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކުރިއަށްދަނިކޮށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސާލިހު 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ނުބެލެވޭކަމަށެވެ.

އެހެންނަމަވެސް ރައީސް އޮފީހުން ވިދާޅުވެފައިވަނީ 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހު ޕްރައިމަރީގައި ވާދަނުކުރެއްވުމާއި ގުޅޭގޮތުން އެއްވެސް ބޭފުޅަކާ މަޝްވަރާ ނުކުރައްވާ ކަމަށެވެ.

ޗެއަރޕަރސަންގެ ކެމްޕޭނުގައި ވެސް އަދި ބަހުޘްގައި ވެސް ފައްޔާޒް ވިދާޅުވެފައިވަނީ ދެވަނަ ދައުރަކަށް ރައީސް ސާލިހު، އިންތިޚާބު ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.