އަޅުގަނޑު ޓޫރިޒަމާ ޙަވާލުވިއިރު އެތަންއޮތީ ޚުދުމުޚުތާރު ވިސްނުމެއްގެ ތެރޭގައި: ޒަކީ

ޓޫރިޒަމް މިނިސްޓަރުކަން ލިބިވަޑައިގެން އެމަސައްކަތާ ޙަވާލުވެ ވަޑައިގެންނެވިއިރު އެތަންއޮތީ ޚުދުމުޚުތާރު ވިސްނުމެއްގެ ތެރޭގައި ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީއަށް އެއްތިރީސް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އޭރު އެގޮތަށް އޮތުމުން ބައިނަލްއަގުވާމީ މުޖުތަމައުގައި އެކަން ދިފާއެއް ނުކުރެވުނު ކަމަށެވެ.

"ޓޫރިޒަމް ވަރަށްބޮޑު އިންގިލާބެއްގެ ތެރެއަށް ދިޔަ. އަޅުގަނޑު ޓޫރިޒަމް މިނިސްޓްރީއާ ޙަވާލުވިއިރު ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތް އޮތީ ވަރަށް ޚުދުމުޚުތާރު ވިސްނުމެއްގެ ފްރޭމްވޯކް ތެރޭގައި. ނަތީޖާއެއްގެ ގޮތުން ބައިނަލް އަގުވާމީ މުޖުތަމައުގައި އެއްގޮތަކަށްވެސް މީތި އަޅުގަނޑުމެންނަށް ދިފާއެއް ނުކުރެވުނު،" ޒަކީ ވިދާޅުވިއެވެ.

އެހިސާބުން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުއްލްގައްޔޫމަށް އެވާހަކަ ދަންނަވައިގެން އެކަމަށް ޙައްލު ހޯއްދެވި ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންވީމާ އަޅުގަނޑު ރައީސް މައުމޫނަށް ދެންނެވިން އަޅުގަނޑު ތިޔަ މަޤާމާ ޙާވާލުވާނީ އަޅުގަނޑަށް ފުރިހަމަ އިޚްތިޔާރާ އެކީގައި މި އިންގިލާބެއް މިތަނަށް ގެނައުމުގެ ފުރުސަތު ދެއްވިއްޔާއޭ. އެހެން ނޫނިއްޔާ އަޅުގަނޑުގެ ނަން ޚަރާބުކުރާކަށް ބޭނުމެއްނޫނޭ. ވިދާޅުވި ތިމަންނަގެ ފުލް ސަޕޯޓު އެބައޮތޭ ޒަކީ ތިޔަ ބޭނުންފުޅުވާ ގޮތަކަށް އަނބުރާލައްވާށޭ،" ޒަކީ ވިދާޅުވިއެވެ.

ރައީސް މައުމޫން އެހެން ވިދާޅުވުމުން އެމަނިކުފާނު ކުރެއްވީ އެންމެ ދެތިން ކަމެއް ކަމަށް ވިދާޅުވިއެވެ. އޭރު އޮންނަނީ ކުރީގެ ވިޔަފާރިވެރިންނާއި ސަރުކާރާ ޖެހިފައި ކަމަށް ވެސް ޒަކީވިދާޅުވިއެވެ. އެހެންދިމާވި ސަބަބުތަކެއް ޒަކީ ވިދާޅެއް ނުވެއެވެ. އޭރު އިންޑަސްޓްރީގެ ތާއީދެއް ލިބޭނެ ކަމަށް ސަރުކާރުން ގަބޫލު ނުކުރައްވާ ކަމަށާއި އެހެން ކަމުން ޖެހުނީ އެކަން އަނބުރާލަން ކަމަށް ޒަކީ ވިދާޅުވިއެވެ.

"ބަދަލު ކުރަން އަޅުގަނޑު ނެގި ޑިޒިޝަނަކީ ޓޫރިޒަމް ދާއިރާގައި ނެގޭ ކޮންމެ ޕޮލިސީ ޑިޒިޝަނަކީ ފަންސާސް ޕަސެންޓް އިންޑަސްޓްރީ ހިއްސާވާންޖެހޭނެ އެއްޗެއް ކަމަށް. އެހެންވީމާ އެއްވެސް ބޭފުޅެއްގެ ޝަކުވާއެއްނެތް. ޑިޒިޝަންނެގީ ދެފަރާތް ވާހަކަ ދައްކައިގެން. ނަތީޖާއަކީ ކުރުމުއްދަތެއްގެ ތެރޭގައި އިންޑަސްޓްރީގެ ސަތޭކައިން ސަތޭކަ ތާއިދު ސަރުކާރަށް ލިބިގެން ދިޔުން،" ޒަކީ ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ބިޑް އިވެލުއޭޝަން މައްސަލައެވެ. އެކަން ކުރުމަށް އެޒަމާނުގައި ގެންގުޅުނީ އެއްގޮތަކަށް ގައުމެއްގައި އެކަންކުރަންޖެހޭ ސިފައެއް ނުވަތަ އުސޫލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަން ކުރަމުން އައީ ޝައްކާއި ވަހުމް އުފެދޭ ގޮތަށް އެކަކު އަނެކަމަށް އިނގިލި ދިމާކޮށް ޝަރީއަތަށްދާ ހިސާބަށް އޭރުއެކަން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑު ނިންމީ ދިވެހިރާއްޖޭގައި ތިބި އިވެލުއޭޓަރުންގެ ޓީމެއް ފުރަތަމަ ބުރުގައި އިވެލުއޭޓުކޮށް ނިންމާލަން. ނިންމާލީމާ އެބަފެނޭ މުޅި ޕިކްޗަރ،" އޭނާ ވިދާޅުވިއެވެ. ދެން ބެއްލެވީ ރާއްޖެއިން ބޭރުން ބިޑް ޑޮކިއުމެންޓެއް ތައްޔާރުކޮށްދޭނެ ބަޔަކު ވޭތޯ ކަމަށް ވެސް ވިދާޅުވިއެވެ. އަގުދީގެން ދުނިޔޭގެ ފެންވަރުގެ ބިޑްޑޮކިއުމެންޓެއް ތައްޔާރު ކުރެއްވި ހިސާބުން އިވެލުއޭޓު ކުރުމުގައި ދިވެހީން އުޅޭތީ މައްސަލަ ޖެހޭ ކަން އެނގިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ. އެންމެފަހުން ދިވެހިން ހަދާ އިލުއޭޝަން ބޭރުމީހުންނަށް އަގުދީގެ ރީކޮމްފޯމް ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝައްކާއި ވަހުމް ފިލައިގެންދިޔައީ އެހިސާބުން ކަމަށް ޒަކީ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.