ދިވެހީން ކުރަމުން އަންނަ ޒަމާންވީ ކަނޑުމަހުގެ މަސްވެރިކަން ފަހަތަށް ޖައްސާލައި ފަތުރުވެރިކަން ކުރިއަރައިގެންދިޔައީ މަސްވެރިކަމުގެ ޞިނާޢަތުގެ ތެރެއަށް ވަނުމަށް، ޢާންމު ވިޔަފާރިވެރިންނަށް އެކަށީގެންވާ ފުރުޞަތުތައް ފަހިކޮށްނުދީ، ސަރުކާރުން ކޮންޓްރޯލް ކުރަމުން ދިޔުމުން ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އޭރުގެ ސަރުކާރުތަކުން ގެންގުޅުއްވި އެސިޔާސަތުގެ ނުރަގަނޅު ނަތީޖާއާ މިހާރުވަނީ ކުރިމަތިލާން ޖެހިފައިކަމަށެވެ. އެގޮތަށް ހެދުމުގެ ބަދަލުގައި ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި އިންވެސްޓު ކުރުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ދެއްވިގޮތަށް މަސްވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ދިންނަމަ މަސްވެރިކަމުގެ ދާއިރާވެސް އޮންނާނީ ތަރައްގީވެފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިޤްތިޞާދީ ޞިނާޢަތްތަކުގައި އިންވެސްޓް ކުރަން އަމިއްލަ ވިޔަފާރިވެރިންނަށް ފުރުޞަތު ދިނުމުގެ ފައިދާ، އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް މިހާރު އެބަ ފެނޭ. އެންސިސް ގުރޫޕްގެ ފަރާތުން، ހުޅުމާލޭގައި ހުޅުވި، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއަކީ، އެކަމުގެ ވަރަށް ރަނގަޅު ހެއްކެއް،" ރައީސް ވިދާޅުވިއެވެ. މަސްދޯނި ފަހަރުގައި އިންޖީނު އަޅަން ފެށި ހިސާބުން ފެށިގެން އެދާއިރާގައި އިންވެސްޓް ކުރުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލިނަމަ އެންސިސްއިން އެކުރިވަރުގެ ނުވަތަ އެއަށްވުރެ ބޮޑެތި އިންވެސްޓްމަންޓުތައް ރާއްޖޭގެ އެކިސަރަހައްދުތަކުން ފެނިގެން ދިޔައީސް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ މަސްވެރިކަމުގެ ދާއިރާގައި އިންވެސްޓް ކުރުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލުން ކަމަށެވެ. އަދި އެމީހުންނަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ވެރިކަން ފެށުނުއިރު، މަސްވެރިކަމުގެ ޞިނާޢަތު އޮތީ މާ ރަނގަޅު ޙާލަތެއްގައެއް ނޫން. އުތުރުގެ އަތޮޅުތަކުގައި، ދޮށީގެ މަސްވެރިކަން ދިޔައީ ވަޅުޖެހެމުން. މަސްވެރިކަން ތިޔާގި މޫސުމުގައި، މަސް ގަތުމުގެ ޤާބިލުކަން، މަސް ކުންފުނިތަކަކު ނެތް. ފެނާއި ތެލާއި، އައިސް ލިބޭނެ ފަސޭހަ އިންތިޒާމުތަކެއް ނެތް،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިން ފެށިގެން އައިރުވެސް އެކަށީގެންވާ އެހީތެރިކަމެއް އެފަރާތްތަކަށް ވެސް ދެވިފައިނުވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މަސްވެރިކަން ރަނގަޅުވާން ފެށުމުން ސަރުކާރުން ކުރެއްވި ކަމަމީ ރާއްޖެ 4 ސަރަޙައްދަކަށް ބަހާލައި އެ ސަރަހައްދުތަކުން މަސްގަތުމުގެ ހުއްދަ ކުންފުނިތަކަށް ދެއްވުން ކަމަށެވެ. އެހެންނަމަވެސް މަސްގަންނަ ކުންފުނިތަކުގެ ކެޕޭސިޓީ އިތުރެއް ނުވިކަމަށާއި ބައެއް ސަރަޙައްދުތަކަށް ހުއްދަ ދިން ކުންފުނިތަކުން، އެކަށީގެންވާވަރާ ގާތަށްވެސް، މަސައްކަތެއް ނުކުރި ކަމަށް ރައީސް ވިދާޅުވިއެވެ. ނަތީޖާއަކަށްވީ އުތުރުގެ ދޮށީގެ މަސްވެރިކަން ވަޅުޖެހި، މަސްވެރިންގެ ޝަކުވާތައް ފުނިޖެހުން ކަމަށް އެމަނިކުފާނުވިދާޅުވިއެވެ.
"މަސްވެރިކަމުގެ ސިޔާސަތަށް އަޅުގަނޑުމެން ގެންނަ އެންމެ ބޮޑު އެއް ބަދަލަކީ، މަސް ގަތުމަށް ކުންފުނިތަކަށް ދީފައި އޮތް އެކްސްކްލޫސިވިޓީ އުވާލުން. އެކަން ފުރިހަމަކުރުމުގެ ކަންކަން އެ ދަނީ ކުރެވެމުން. މިބަދަލުގެ ސަބަބުން މަސްގަތުމުގެ ފުރުޞަތު އިތުރު ކުންފުނިތަކަށް ހުޅުވި، މަސްވެރިން ބާނާ މަސް، ކަނޑަށް އުކާލަން ނުޖެހި، އާމްދަނީ އިރާދަކުރެއްވިއްޔާ އިތުރުކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.