އިސްލާމްދީނުގެ ޚާއްޞަ މަލަތަކުގެ ތެރެއިން އެއްބަނޑު އެއްބަފާކަމާއި ހަމަހަމަކަމާއި މިނިވަންކަން (3)

(15 ނޮވެމްބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިސްލާމީ ޝަޢީރާތައް ހަމަހަމަކަން ކަށަވަރުކޮށްދޭ

އިސްލާމްދީނުގައި ހަމަހަމަކަމުގެ އުސޫލަކީ ހަމައެކަނި ނަޡަރީކަމެއް ނޫނެވެ. މީގެ އިތުރަށް އެދީނުގައި ކަނޑައަޅުއްވާފައިވާ އަޅުކަންތަކުގެ ޝަޢީރާތަކުގެ ތެރެއިން މި އުޞޫލު ޢަމަލީގޮތުން ހާމަކޮށްދެއްވާފައި ވެއެވެ. މިސްކިތަށް ބަލާއިރު ޖަމާޢަތުގެ ނަމާދަށް ފުރަތަމަ ދާމީހާއަށް ކުރީ ސަފުން ޖާގަލިބެއެވެ. ނަމާދުގެ ސަފަކަށް ބަލާލާއިރު މިސަފުން ފަޤީރުންނާއި މުއްސަނދީން، ބޭފުޅުންނާއި އާދައިގެ މީހުން ފެނެއެވެ. ވެރިމީހާ ގާތުގައި ރައްޔިތުން... ވެރިންގެ ގާތުގައި ޚާދިމުން ޢާލިމުންގެ ގާތުގައި ޖާހިލުން ތިބޭ ތަން ފެނެއެވެ. މިއެންމެން ގެ ޙަޟްރަތުގައި ހަމަހަމަކަން ދައްކާދެއެވެ. މި މީހުންގެ ޤިބްލައަކީ އެއްތަނެކެވެ. ކަލާނގެއަކީ ހަމަ އެވެ. ފޮތަކީ ހަމައެއްފޮތެވެ. ރުކޫއު ސުޖޫދު ޤިޔާމްފަދަ ކަންތައް ތަކުގައި ހަމައެއްގޮތެވެ. އެންމެންވެސް ތަބާވަނީ އެނަމާދުގެ އިމާމަށެވެ. ތިބެނީ އޭނާގެ ފަހަތުގައެވެ.

މާތްވެގެންވާ ބިމުގައި ޙައްޖަށްގޮސް ތިބޭއިރު މިހަމަހަމަކަން އަދި މާބޮޑަށް ފާޅުވެގެން ދެއެވެ. މިސްކިތުގައި ނަމާދުކުރާއިރު އެކިމީހުން އެކި ކުލަކުލައިގެ އެކިބާވަތުގެ ހެދުމުގައި އެކި ބާވަތުގެ ސެންޓްލައިގެން ތިބޭތަން ފެނެއެވެ. ނަމަވެސް ޙައްޖާއި ޢުމްރާގައި އިޙްރާމުގެ ހެދުމުގެ ސަބަބުން މިހަމަހަމަކަން މާބޮޑަށް ފާޅުވެގެން ދެއެވެ. ނަމާދުގައި އެއްސަފުގައި ގާތްގާތުގައި ތިބިނަމަވެސް މުއްސަނދީންނާ ފަޤީރުން، ދެރަ މީހުންނާ މޮޅު މީހުން ލައިގެން ތިބޭ ހެދުމުގެ ސަބަބުން ފާހަގަ ކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ޙައްޖާއި ޢުމްރާގައި އިޙްރާމުގެ ސަބަބުން އާދައިގެ ހެދުމާ އެކަހެރިވާން ޖެހެއެވެ. އެންމެންވެސް ލާނީ ވަރަށް އާދައިގެ ހުދު ހެދުމެކެވެ. މައްޔިތުންގެ ކަފުނާ އެއްކަހަލަ ހެދުމެކެވެ. އެންމެންވެސް އުފުލާ އަޑަކީ  ތަލްބިޔާގެ އަޑެވެ. لبيك اللهم لبيك  އެވެ.

ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން

އިސްލާމްދީނުގައި އައިސްފައިވާ ހަމަހަމަކަމުގެ އުޞޫލަކީ ބަހާއި ޢަމަލުން ތަންފީޒު ކުރެވޭ އުޞޫލެކެވެ. މިގޮތުން ބަލާއިރު އެންމެންނަކީ އިސްލާމްދީނުގެ ޙުކްމުގެ ކުރިމަތީގައި ހަމަހަމަ ބަޔެކެވެ. ޙަލާލު ކަންތައްތަކާއި ޙަލާލު އެއްޗެއްސަކީ އެންމެންނަށްވެސް ޙަލާލު ކަންތައްތަކެކެވެ. ޙަލާލު އެއްޗެހި ތަކެކެވެ. ހަމަ މިމޭރުމުން ޙަރާމް ކަންތައްތަކަކީ އަދި ޙަރާމް އެއްޗެއްސަކީ އެންމެންނަށްވެސް ޙަރާމް ކަންތައްތަކެކެވެ. ޙަރާމު އެއްޗެހިތަކެކެވެ. ހުރިހާ ފަރްޟުތަކަކީ އެންމެންނަށްވެސް އަދާކުރަން ޖެހިފައިވާ ކަންތައްތަކެކެވެ. ހުރިހާ އަދަބުތަކަކީ އެންމެންނަށްވެސް ހަމަހަމަކޮށް ތަންފީޒު ކުރެވޭ އަދަބުތަކެކެވެ. ޤުރައިޝު ވަންހައިގެ މާތް އަންހެނަކު (މަޚްޒޫމުވަންހައިގެ އަންހެނަކު )  ވައްކަމެއް ކުރުމުން އޭނާގެ އަތް ނުކަނޑުއްވާތޯ ރަސޫލުގެފާނަށް ދެންނެވުމަށް އުސާމަތު ބްނު ޒައިދު މެދުވެރިއެއްގެ ގޮތުގައި ރަސޫލާގެ އަރިހަށް ފޮނުވިއެވެ.ރަސޫލުގެފާނު މިކަމާ ކޯފާވެ ވަގުތުން މީސްތަކުންނާ މުޚާޠަބު ކުރައްވާ އިސްލާމްދީނުގައި އެކަން އޮންނަގޮތް ހާމަކޮށްދެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.  (( إِنَّمَا هَلَكَ الَّذِينَ مَنْ قَبْلِكُمْ أَنَّهُمْ كَانُوا إِذَا سَرَقَ فِيهِمْ الشَّرِيفُ تَرَكُوهُ وَإِذَا سَرَقَ فِيهِمْ الضَّعِيفُ أَقَامُوا عَلَيْهِ الْحَدَّ وَايْمُ اللَّهِ لَوْ سَرَقَتْ فَاطِمَةُ بِنْتُ مُحَمَّدٍ لَقَطَعْتُ يَدَهَا – ހަމަކަށަވަރުން، ތިޔަބައިމީހުންގެ ކުރީގެ މީހުން ހަލާކުވެގެން ދިޔައީ އެބައިމީހުންގެތެރެއިން  މާތް މީހަކު ވައްކަމެއް ކޮށްފިނަމަ އޭނާ ދޫކޮށްލައިފައި،  ނިކަމެތި މީހަކު ވައްކަމެއް ކޮށްފިނަމަ އޭނާގެ މައްޗަށް ޙައްދު ޤާއިމު ކުރީތީއެވެ. ﷲ ގަންދީ ވިދާޅުވަމެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަމެއް ކުރެއްވިޔަސް  ތިމަންކަލޭގެފާނު އެކަމަނާގެ އަތްޕުޅު ބުރިކުރައްވާ ހުށީމެވެ. "

ޚުލަފާއުއްރާޝިދޫންގެ ޒަމާނުގައި މިކަހަލަ އެތައް ހާދިސާތަކެއް ހިނގައިފައިވެއެވެ. އޭގެ ތެރޭގައި ޣައްސާނީ އަމީރެއް ކަމުގައިވާ ޖަބަލަތު ބްނުލް އައިހަމްގެ ވާހަކަ ފާހަގަ ކުރެވެއެވެ. އޭނާ އަޢުރާބީއެއްގެ ގައިގައި އެއްވެސް ޙައްޤަކާ ނުލައި ޖެހުމުން، އަދި މި މަސްއަލަ ޢުމަރުގެފާނާ ހަމައަށް ދިއުމުން ޖަބަލާގެ ގައިގައި ޖަހަން އޭނާގެ ގައިން ތަން ދިނުމަށް ޢުމަރުގެފާނު އެންގެވިއެވެ. ޖަބަލާ މިކަމާ ޙައިރާންވެ އަމީރަކާ އާދައިގެ މީހަކު އެއްވަރުނުވާނެ ކަމަށް ބުންޏެވެ. އެހިނދު ޢުމަރުގެފާނު ޖަވާބުގައި ވިދާޅުވިއެވެ. އިސްލާމްދީންވަނީ ތިޔަ ދެމީހުން ހަމަހަމަ ކުރައްވައިފައެވެ. މިކަމާ އޭނާ ރުޅި އައިސް އިސްލާމްދީނުން ބޭރުވެ މުރްތައްދުވިއެވެ. ޢުމަރުގެފާނުވެސް އަދި ޞަޙާބީންވެސް މި ނަތީޖާއަށް އަޅުއްވައެއް ނުލައްވައެވެ. މި މީހާ މުރްތައްދުވުމަށްވުރެ އިސްލާމީ އުޞޫލަކާ ޚިލާފުވުމަކީ  މާ ބޮޑުކަމެއް ކަމުގައި ދެކެވަޑައި ގަތެވެ.

ޢަލީގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނުގެ އައްޑަނަކޮޅެއް ވަގަށް ނެގި ނަޞްރާނީއަކު އޭނާގެ އެއްޗެއްކަމަށް ދަޢުވާ ކުރިއެވެ. އެހިނދު ޢަލީގެފާނު އޭނާ ގޮވައިގެން ޝަރީޢަތަށް ވަޑައިގެންނެވިއެވެ. ދެފަރާތުގެ ދަޢުވާ އަޑު އެއްސެވުމަށްފަހު ޝުރައިޙު ޢަލީގެފާނަށް ހެކި ދެއްކެވުމަށް ދެންނެވިއެވެ. ޢަލީގެފާނަށް ހެއްކެއް ނުދެއްކެވުމުން އެއީ އޭތި ނެގިމީހާގެ އެއްޗެއް ކަމަށް ގާޟީ ޙުކުން ކުރެއްވިއެވެ. މިއީ އެ ނަޞްރާނީ ހީކުރި ޙުކްމެއް ނޫނެވެ. ޢަލީގެފާނު އިތުރުފުޅު ނަހައްދަވާނެކަން އެނގޭއިރުގައިވެސް ގާޟީ މި މައްސަލައިގައި ނަޞްރާނީއާ އެއްކޮޅަށް ހުކުން ކުރެއްވީތީއެވެ. މިހިނދު އެ ނަޞާރާ މީހާ އިސްލާމްވެ، އެއީ ޢަލީގެފާނުގެ އެއްޗެއް ކަމަށް އިޢުތިރާފުވެ އެ އައްޑަނަކޮޅު ޢަލީގެފާނަށް އެރުވިއެވެ.

އެހެން ޙަޟާރަތްތަކުގައި ހަމަހަމަކަން އޮތްގޮތް

ފާރިސްކަރައިގައި ކިސްރާ ދަޢުވާކުރާ ގޮތުގައި އެމީހުންގެ ހަށިގަނޑުގައި ހިނގަނީ އިލާހީ ލެއެވެ. ފާރިސީން އެމީހުންގެ ރަސްގެފާނާމެދު ދެކެނީ އެއީ ކަލާނގެއާ އެއްފަދަ ބޭފުޅެއް ކަމަށެވެ. އެމީހުންގެ ޠަބީޢަތުގައި މަތިވެރި މުޤައްދަސް ކަންތައްތަކެއް ވާކަމަށް އެމީހުން ޤަބޫލު ކުރިއެވެ. އެހެންކަމުން އެއީ ޤާނޫނަށްވުރެ މަތީގައިވާ، އިންސާނުންނަށްވުރެ މަތީގައިވާ ބަޔެކެވެ. އެމީހުންނާ ދެކޮޅަށް ފާޑުކިއިގެން ނުވާނެއެވެ.

ސާސާނީ ޒަމާނުގެ އީރާނާ ބެހޭގޮތުން ލިޔުއްވާފައިވާ ޖަރްމަނުގެ ޕްރޮފެސަރެއް (އާރތަރ ސީން) ވިދާޅުވާ ގޮތުގައި އެ މުޖްތަމަޢަކީ އެ މީހާގެ ނަސަބާއި އެމީހަކު ކުރާ މަސައްކަތުގެ މަތީގައި އޮތް މުޖްތަމަޢެކެވެ. މުޖްމަތަޢުގެ ތަފާތު ގިންތިތަކުގެ މެދުގައިވާ ތަފާތު ވަރަށްބޮޑެވެ. އެމީހަކަށް މާތް ﷲ ދެއްވި މަސައްކަތެއްނޫން އެހެން މަސައްކަތެއް ކުރުމަކީ މަނާ ކަމެކެވެ. އެއްވެސް މީހަކަށް އެމީހަކަށް މުޖްތަމަޢުގައި ލިބިފައިވާ ނަސަބުގެ މަޤާމަށްވުރެ މަތީ މަޤާމަކަށް ނުދެވޭނެއެވެ. އީރާނުގެ ރަސްރަސްކަލުންނަކީ އެމީހުންގެ ދަރުބާރުގެ ވަޒީފާތައް ދެރަމީހުންނަށް ދިން ބައެއް ނޫނެވެ. މި އިމްތިޔާޒުތައް ފާރިސްކަރައިގެ މަޖްލިސްތަކުން ސާފުކޮށް ފެނެއެވެ.

އިންޑިޔާއަށް ބަލާއިރު އެތާނގެ މުޖްތަމަޢު ބެހިފައިވަނީ ހަތަރު ގިންތިއަކަށެވެ. އެއީ ބްރަހަމީންނާއި ޝިތުރީންނާއި ވިޝްނޫންނާއި ޗޯދަރީންނެވެ. ބްރަހަމީންނަކީ ކާހިނުންނާއި ދީނުގެ ޒަޢީމުންނެވެ. ޝިތުރީންނަކީ ހަނގުރާމަ ވެރީންނެވެ. ވިޝްނޫންނަކީ ދަނޑުވެރިންނާއި ވިޔަފާރި ވެރީންނެވެ. ޗޯދަރީންނަކީ ނޯކަރުންނެވެ.

ކަލާނގެ  ބްރަހަމުން ހެއްދެވީ އެކަލާނގެ އަނގަފުޅުންނެވެ. ޝިތުރީން ހެއްދެވީ މުލައްދަނޑިފުޅުންނެވެ. ވިޝްނޫން ހެއްދެވީ ފަލަމަސްފުޅުންނެވެ. ޗޯދަރުން ހެއްދެވީ ފައިންޕުޅުންނެވެ. މިކަމުގެ ސަބަބުން ބްރަހަމީންނަށް ލިބިފައިވާ އިމްތިޔާޒުތަކަކީ ކަލާނގެއަކާ އެއްފަދަ ކަމެކެވެ. އެމީހުންނަށް ޗޯދަރުންގެ މުދަލުން ބޭނުން އެއްޗެއް ނެގިދާނެއެވެ. ބްރަހަމީންނަކީ ފާފަތައް ފުއްސެވިގެންވާ ބަޔެކެވެ. އެމީހުންގެ އަތުން އެއްވެސް ޓެކްހެއް ނުނެގޭނެއެވެ. ބްރަހަމީއަކަށް މަރުގެ އަދަބެއް ނުދެވޭނެއެވެ. މަރުގެ އަދަބު ދޭންޖެހޭފަދަ ކަމެއްކޮށްފިނަމަ އޭނާގެ ބޯބާލާނީއެވެ.

ހިންދީ ދީން ބުނާގޮތުގައި ޗޯދަރުންނަކީ ޖަނަވާރުންނަށްވުރެ ޤަދަރު ކުޑަ ބަޔެކެވެ. ކުއްތާއަށްވުރެ ނިކަމެތި ބަޔެކެވެ. ޗޯދަރުންގެ ބާއްޖަވެރިކަމަކީ ބްރަހުމަނުންނަށް އަގަކާނުލައި ޚިދުމަތް ކުރުމެވެ. ޗޯދަރަކު ބްރަހަމީއަކާ ދިމާއަށް އަތްމަޅައިގެންފިނަމަ އޭނާގެ އަތް ކަނޑައި ލެވޭނެއެވެ. ޗޯދަރަކު ބްރަހަމީއަކާ ދިމާއަށް އެއްޗެހި ގޮވައިފިނަމަ އޭނާގެ ދޫ ބުރިކޮށްލެވޭނެއެވެ. ބްރަހަމީއެއްގެ ގާތުގައި އިށީނދެއްޖެނަމަ އޭނާގެ ދެފިނދުކިބައިގައި ދޮންދަގަނޑު ޖައްސާ ފިއްސުމަށްފަހު އަރުވާ ލެވޭނެއެވެ.

އަންހެނުންނަކީ އަޅުންނާ އެއްފަދަ ބަޔެކެވެ. ފިރިމީހާ ޖުވާ ކުޅެނިކޮށް ދަރައިފިނަމަ އަނބިމީހާ ވިއްކާ ލެވިދާނެއެވެ. ބައެއް ފަހަރަށް އަންހެނަކަށް އެތައް ފިރިންތަކެއް ތިބެދާނެއެވެ. ފިރިމީހާ މަރުވެއްޖެނަމަ އެހެންމީހަކާ ނީދެވޭނެއެވެ.

(ނުނިމޭ)

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.