މީރާގެ އޮކްޓޯބަރު އާމްދަނީ 927 މިލިއަން ރުފިޔާ

މި އަހަރު އޮކްޓޯބަރު މަހު މީރާއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 927.61 މިލިއަން ރުފިޔާއެވެ.

މީރާއިން ވިދާޅުވީ އެއީ މިދިޔަ އަހަރު އޮކްޓޯބަރުގައި ލިބުނު އަދަދަށްވުރެ 10.01 އިންސައްތަ މަދު ޢަދަދެއް ކަމަށެވެ. އެހެންނަމަވެސް އެއީ މިއަހަރު އެމުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރިވަރަށްވުރެ 6.8 އިންސައްތަ އިތުރު ޢަދަދެއް ކަމަށް ވެސް މީރާއިން ވިދާޅުވިއެވެ.

މީރާއިން ވިދާޅުވީ މިދިޔައަހަރުގެ އޮކްޓޯބަރު މަހާއަޅާ ބަލާއިރު މިއަހަރުގެ އޮކްޓޯބަރުގައި ޖީއެސްޓީއާއި، ޓީޖީއެސްޓީއާއި، ބީޕީޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާވަނީ މަދުވެފައިކަމަށެވެ.

މިކަން މިހެންވެފައިވަނީ 2018 ވަނަ އަހަރު އޮކްޓޯބަރުގައި ލޭންޑު އެކިއުޒިޝަން ފީ އަދި ކޮންވާޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ ހަމައެކަނި އެމުއްދަތުގައި ދައްކަންޖެހޭ ފައިސާއެއް ކަމަށް މީރާއިން ވިދާޅުވިއެވެ. މިއަހަރުގެ އޮކްޓޯބަރުގައި ލިބޭނެ ކަމަށް އަންދާޒާކުރިވަރަށްވުރެ އާމްދަނީ އިތުރުވީ ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެފައިސާ ދައްކަންޖެހޭ ސުންގަޑީގެ ފަހުން ދައްކައިފައިވާތީ ކަމަށް މީރާއިން ވިދާޅުވިއެވެ. އެފައިސާއަކީ އޮކޯޓޮބަރުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ފައިސާގެތެރޭގައި ހިމެނޭ އެއްޗެއް ނޫންނެވެ.

ހުސްވިމަހު ޖީއެސްޓީގެ ގޮތުގައި 554.88 މިލިއަން ރުފިޔާ ލިބިފައެވެ. ޓޫރިޒަމް ލޭންޑު ރެންޓު ނުވަތަ ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި 79.7 މިލިއަން ރުފިޔާ ލިބިފައެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 53.3 މިލިއަން ރުފިޔާއެވެ. އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި 51.12 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއާޕޯޓު ސާވިސްޗާޖުގެ ގޮތުގައި ލިބިފައިވަނީ 50.37 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 139.14 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ މަހު މީރާއަށް ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 35.4 މިލިއަން ޑޮލަރު ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.