އިދިކޮޅު މުޒާހަރާގެ ތެރެއިން މިރޭ ހައްޔަރުކުރި ހުރިހާ މީހުން ދޫކޮށްލައިފި

މިރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި ބަޔެއް މީހުން ފުލުހުންގެ އިދާރާއިން ނުކުމެ ތިބި މަންޒަރު. ފޮޓޯ: ފޭސްބުކް

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން މިރޭ ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހުރިހާ މީހުން ދޫކޮށްލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭގެ މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް 11 މީހަކު ގެންގޮސްފައި ވެއެވެ. ފުލުހުން އެމީހުން ހައްޔަރުކުރީ އެ ސަރަހައްދު ދޫކޮށް ދިޔުމަށް ފުލުހުން އެންގުމުންވެސް އެ ސަރަހައްދު ދޫކޮށް ނުދިޔުމުންނެވެ. ފުލުހުން ބުނީ އެމީހުން ހައްޔަރު ކުރަން ޖެހުނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުން ކަމަށެވެ.

މިރޭގެ އެއްވުމުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބަޔެއް މެމްބަރުންވެސް ހިމެނެއެވެ.

ނަސްރުގެ ދުވަހާއި ގުޅުވައިގެން "ބަޑި ބުރާސްފަތި" ނަމުގައި މިރޭ އިދިކޮޅުން އެއްވުމެއް ބާއްވާފައިވާއިރު އެފަދަ އެއްވުމެއް ބާއްވާނަމަ ބޭއްވުމުގެ ކުރިން ފުލުހުންގެ ހުއްދައެއް ހޯދަންޖެހޭ ގޮތަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ އެއްވެ އުޅުމުގެ ޤާނޫނު އިސްލާހު ކޮށްފައެވެ. މިރޭ އެއްވުން ބޭއްވުމުގެ ކުރިންވެސް ފުލުހުން ވަނީ އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފަށް އެއްވުމެއް ބާއްވައިފިނަމަ އެ އެއްވުމެއް ރޫޅާލާނެ ކަމުގައި މިއަދު މެންދުރެއްހާއިރު ބުނެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.