މޯލްޑިވިއަން ޑިމޮކްރަސީ ނެޓުވޯކު (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލަ ތަޙުގީގު މަރުހަލާގައި މިހާރުގެ ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދާ ކޮންމެހެން ސުވާލު ކުރެވެންޖެހޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ސީޕީ އަކީ ކުރިން އެޖަމިއްޔާގެ މެމްބަރެއް ކަމަށެވެ. އެ ޖަމިއްޔާގެ ކުރީގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު ޕޮލިސް ކޮމިޝަނަރަކަށް ހުންނަވައިގެން އެޖަމިއްޔާގެ މައްސަލައެއް ބެއްލެވުމަށް ޙަމީދު ހުންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށެވެ. މިހާރުގެ ޕޮލިސް ކޮމިޝަނަރު ވަނީ ރާއްޖެއިން ބޭރުގައި ވެސް އެޖަމިއްޔާ ތަމްސީލް ކޮށްފައެވެ.
ޢުމަރު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަންވާނީ ސީޕީ ސަސްޕެންޑު ކުރުމަށްފަހު ކަމަށެވެ. "މިމައްސަލަ ތަހުގީގުކޮށް ނިމެންދެން ސީޕީ ޙަމީދު ހުންނަވާނީ ސަސްޕެންޝަނުގައި. އެ ތަޙުގީގު ނިމެންދެން ޙަމީދަށް ފުލުސް އޮފީހުގެ ދޮރުން ވެސް ވަދެވިގެން ނުވާނެ. މިތަޙުގީގެއް ފުރިހަމައެއް ނުވާނެ ސީޕީއާ ސުވާލު ނުކޮށެއް. ކޮންމެހެންވެސް އޭނާއާ ސުވާލު ކުރެވޭނެ ރަނގަޅު ތަޙުޤީޤެއް ކޮށްފިއްޔާ،" ޢުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިނިސްޓަރ މަހުލޫފު ފަދަ ބޭފުޅުންގެ މައްޗަށް ވެސް ކަމެއް ތުހުމަތު ކުރެވުމުން އެ މައްސަލައިގެ ތަޙުޤީގު ނިމެންދެން ތިއްބެވީ ސަސްޕެންޑް ކޮށްފައި ކަމަށެވެ. އެހެންކަމުން މިފަހަރުވެސް ޢަމަލު ކުރެވެންވާނީ އެ އުސޫލުން ކަމަށް ވިދާޅުވިއެވެ.