މައްކާ-މަދީނާ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި 35 ޢުމްރާވެރިން މަރުވެއްޖެ

އެކްސިޑެންޓްވި ބަސް ރޯވެ އަނދަނީ

ޢުމްރާވެރިންނާއިގެން  އަލްހިޖްރާ ހައިވޭ (މައްކާ-މަދީނާ ހައިވޭ) ގައި މަދީނާއިން މައްކާއަށް ދަތުރުކުރަމުން ދިޔަ ބަހެއް ލޯޑެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި 35 ޢުމްރާވެރިން މަރުވެ 4 މީހުން ޒަޚަމްވެއްޖެއެވެ.

މަދީނާ ޕްރޮވިންސުގެ ފުލުހުންގެ ތަރުޖަމާނު ބުނި ގޮތުގައި ބަހުގައި ތިބި މީހުންނަކީ ސައޫދީ އަރަބިއްޔާގައި މަސައްކަތްކުރާ އޭޝިޔާ އާއި އަރަބި ބައެއް ގައުމުތަކުގެ މީހުންގެ ތެރެއިން ޢުމްރާގެ އަޅުކަން އަދާކުރަން ދިޔަ މީހުންނެވެ. އެއީ ކޮން ގައުމުތަކެއްކަން އޭނާ ހާމަނުކުރެއެވެ.

https://twitter.com/i/status/1184579755020079104

މި ހާދިސާ ހިނގާފައި ވަނީ ރޭ 7 ޖެހި އިރު (ރާއްޖޭ ގަޑިން ރޭ 9 ޖެހިއިރު) މަދީނާގެ ދެކުނުން 170 ކިލޯމީޓަރު ދުރުގައި އޮންނަ  އަލްއަކްޙަލްގައެވެ. މަރުވި މީހުންނާއި ޒަޚަމްވި މީހުން ވަނީ އަލްއަކްޙަލްގެ ދެކުނު 33 ކިލޯމީޓަރު ދުރުގައި އޮންނަ އަލްޙަމްނާގެ ޖެނެރަލް ހޮސްޕިޓަލަށް ގެންދެވިފައެވެ.

ސައުދީ ރެޑް ކްރެސެންޓް އޮތޯރިޓީއާއި، ކުއްލި ހާލަތުގައި ޚިދުމަތްދޭ އެހެން ފަރާތްތައް ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާއިރު، އެކްސިޑެންޓް ތަހުގީގުކުރަން މިހާރު ވަނީ ފަށާފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.