ޢުމްރާވެރިންނާއިގެން ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ 20 މީހުން މަރުވެއްޖެ

ޢަޤަބަތު ޝަޢާރުގައި އެކްސިޑެންޓުވި ބަސް ނެގުމުގެ މަސައްކަތްކުރަނީ

ޢުމްރާގެ އަޅުކަން އަދާކުރަން ދިޔަ ބަޔަކާއިގެން މައްކާއަށް ދަތުރުކުރި ބަހެއް އެކްސިޑެންޓުވެ، އެ ބަހުން ދަތުރުކުރި 20 މީހަކު މަރުވެ 30 މީހަކު ޒަޚަމްވެއްޖެއެވެ. ސަޢޫދީ ރަސްމީ ޓީވީ އަލްއިޚްބާރިއްޔާއިން ބުނި ގޮތުގައި ބަސް ކޮންޓުރޯލުނުވު ގޮސް ބުރިޖެއްގައި ޖެހި ބަހުގައި ރޯވީއެވެ. އެ ޓީވީން ބުނީ ބަސް ކޮންޓުރޯލުން ނެއްޓީ ބަހުގެ ބުރަކި ފޭލްވުމުގެ ސަބަބުންނެވެ

އިއްޔެ ހަވީރު 4 ޖެހިއިރު (ރާއްޖޭ ގަޑިން އިރުއޮއްސި 6 ޖެހިއިރު) ބަސް އެކްސިޑެންޓުވެފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގު ދެކުނުގައި އޮންނަ ޢަސީރު ޕްރޮވިންސުގެ ޢަޤަބަތު ޝަޢާރުގައެވެ. އެކްސިޑެންޓުވި ބަހުގައި ސަޢޫދީ ޢަރަބިއްޔާގައި މަސައްކަތްކުރާ އެކި ޤައުމުތަކުގެ މީހުން ތިބިކަމަށް ވެއެވެ.

ސިވިލް ޑިފެންސާއި، ރެޑް ކްރޮސްގެ އުޅަނދުތަކަށް އެ ހިސާބަށް ދިއުން ފަސޭހަކުރުމުގެ ގޮތުން ހާދިސާ ހިނގި ހައިވޭ މިހާރު ވަނީ ބަންދުކޮށްފައެވެ. އެކްސިޑެންޓުގައި މަރުވި މީހުންގެ ހަށިތައް ޢަސީރުގެ މަޙާޔިލް ހޮސްޕިޓަލަށް އަދި ޒަޚަމްވި މީހުން ޢަސީރުގެ މަޙާޔިލް ހޮސްޕިޓަލް ހޮސްޕިޓަލާއި، ސެންޓްރަލް ހޮސްޕިޓަލަށް އަދި އަބްހާގެ ސްޕެޝަލިޓީ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.

ޢަޤަބަތު ޝަޢާރުގެ ހައިވޭއަކީ މީގެ 40 އަހަރުކުރިން ހަދާފައިވާ ހައިވޭއެކެވެ. ފަރުބަދަތައް ގިނަ އެސަރަހައްދުގައި ހައިވޭ ހެދުމަށް ފަރުބަދަ ކަނޑައިގެން 11 ޓަނެލާއި، 32 ބުރިޖު ހަދާފައި ވެއެވެ.

ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާގެ މުޤައްދަސް ބިމަށް އެއްގަމު މަގުން ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު ދަތުރުކުރާއިރު، ދޭތެރެ ދޭތެރޭން ނުރައްކާތެރި އެކްސިޑެންޓުގައި ހިނގައި ގިނަ ބަޔަކު މަރުވެފައި ވެއެވެ. އޭޝީޔާގެ ގައުމުތަކަކަށް ނިސްބަތްވާ ބަޔަކާއިގެން 2019 ވަނަ އަހަރު ދަތުރުކުރި ބަހެއް މަދީނާގައި އެކްސިޑެންޓުވުމުގެ ސަބަބުން 35 މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.