ރާއްޖެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ، އދ. ގެ އާއްމު މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ތަފްޞީލް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ރައީސްގެ ދަތުރުފުޅުތަކުގެ ޚަރަދާ ގުޅޭ މައުލޫމާތު އާންމުކުރުމަކީ އަމަލުކުރާ އުސޫލެއް ނޫންކަމަށް ބުނެފައި ވަތީ، ޓްރާންސް ޕޭރަންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާކުކޮށްފައި ވަނިކޮށެވެ. ބައެއް އާންމު ރައްޔިތުންވެސް ދަނީ މިކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މަޢުލޫމާތުގެ މިނިވަން ކަމަކީ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއްކަން ޓްރާންސް ޕޭރަންސީން ވަނީ ހަނދާން ކޮށްދީފައެވެ. އަދި ދައުލަތުގެ އިދާރާއެއްގައިވާ މަޢުލޫމާތެއް ހޯދައި ލިބިގަތުމަކީ އެކަމަށް އެދޭ ކޮންމެ މީހަކަށް ލިބިގެންވާ ޙައްޤެއްކަމަށް ވެސް ޓްރާންސް ޕޭރެންސީން ވަނީ ބުނެފައެވެ.
ކަންބޮޑުވުންތަކަށް، ޓްވިޓާ މެދުވެރިކޮށް ޖަވާބު ދެއްވަމުން ތަރުޖަމާނު ވިދާޅުވެފައި ވަނީ ރައީސްގެ އަރިހުގައި ރާއްޖެ އިން ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންގެ ޚަރަދުތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދެކެވެމުންދަނީ ހަޤީޤަތެއް ނެތް ވާހަކަތަކެއްކަމަށެވެ. ރައީސްގެ ނިއުޔޯކް ދަތުރުފުޅަށް ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަވާނެކަމަށް ބައެއް މީޑިއާ ތަކުން ވަނީ ބުނެފައެވެ. ނަމަވެސް އެ އަދަދުގެ ދެބައި ކުޅަ އެއްބައިވެސް ޚަރަދު ނުވާނެކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ. ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ޢަދަދު 30 އަރާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު ވަފުދުގެ ބޭފުޅުންގެ ޢަދަދު 15 އަށްވެސް ނާރާނެކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ވަފުދުގެ ބޭފުޅުން މަތިންދާބޯޓްގައި ދަތުރުކުރަމުންދާ ފެންވަރާ ބެހޭ ގޮތުން އާއްމު ރައްޔިތަކު ކޮށްފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ދަތުރުފުޅު ކުރައްވަނީ މާލިއްޔަތު ޤާނޫނާއި ކަމާބެހޭ ޤަވާއިދުގެ ތެރެއިން ކަމަށެވެ. އެގޮތުން ސްޓޭޓް މިނިސްޓަރުންނަށްވުރެ މަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ދަތުރު ކުރައްވާނީ ބިޒްނަސް ކްލާސްގައި ކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ ކޮންމެ މުވައްޒަފަކުވެސް އަށް ގަޑީއިރަށްވުރެ ދިގު ދަތުރެއް ކުރާނަމަ ބިޒްނަސް ކްލާހުގައި ދަތުރު ކުރުން ހުއްދަކަމަށްވެސް ހޫދު ވަނީ ވިދާޅުވެފައެވެ.