އިސްކުރު ފެން ބޯންފަށައިފިނަމަ މައިގަނޑު ދެ ފައިދާއެއް ލިބޭނެ: ރައީސް

ފުޅީގައި ބަންދުކުރި ފެން، ބޮޑު އަގުގައި ގަނެގެން ބުއިމުގެ ބަދަލުގައި، އެމް.ޑަބްލިޔޫ.އެސް.ސީގެ އިސްކުރުތަކުން ލިބޭ އަގުހެޔޮ ރައްކާތެރި ސާފު ފެން ބޯން ފަށައިފި ކަމަށްވާނަމަ މައިގަނޑު ދެ ފައިދާއެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެ ދެކަމަކީ ވަރަށް ބޮޑަށް ޚަރަދު ކުޑަވުމާއި، ޕްލާސްޓިކް ބޭނުންކުރުން މަދުވެގެން ދިޔުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވީ ހުޅުމާލެ 2 ވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑުމެންގެ ފެން ކުންފުނިން މިހާރު ގޭބިސީތަކަށް ދޫކޮށްފައި އެ ހުންނަނީ، ޑަބްލިޔޫ.އެޗް.އޯގެ މިންގަނޑަށް ވުރެ ތިން ގުނަ ފެންވަރު ރަނގަޅު ބޯފެނެއް. އެއީ ކޮންޑަކްޓިވިޓީ ލެވެލް ހަތަރުސަތޭކައާއި، ފަސް ސަތޭކައާ ދެމެދުގައި ހުންނަ ފެނެއް،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމް.ޑަބްލިޔޫ.އެސް.ސީ އިން ގޭބިސީތަކަށް ގުޅައިދީފައިވާ ފެނަކީ، މުޅި މި ސަރަޙައްދުން ވެސް ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އެންމެ ސާފު ބޯފެން ކަމަށެވެ.

ރައީސް މިއަދު ވިދާޅުވީ އަސާސީ ޚިދުމަތެއް ފުރިހަމަކޮށްދިނުމުގެ އިތުރުން، ސާފުބޯފެން ފޯރުކޮށްދިނުންފަދަ މަޝްރޫޢުތައް ހިންގުމުގައި ސަރުކާރުން ޙާޞިލްކުރަން ބޭނުންވާ ކަމަކީ، ބޯފެނަށް ކުރަންޖެހޭ ހޭދައާއި އުފުލަންޖެހޭ ތަކުލީފް ކުޑަކޮށް ޕްލާސްޓިކް ފުޅި ބޭނުންކުރުން ވީހާވެސް މަދުކުރުން ކަމަށެވެ.

ހުޅުމާލެ ދެވަނަ ފޭސްގައި މީހުން ވަޒަންވެރިވާން ވާއިރަށް އެތަނަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށް މިއަދު ފެށި މަޝްރޫޢު އެމް.ޑަބްލިޔޫ.އެސް.ސީ އިން ހިންގަނީ، ދައުލަތުގެ ބަޖެޓުން އިތުރު ތަކުލީފެއް އުފުލަން ނުޖެހޭ ގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ފަހުކޮޅު، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މީހުން ވަޒަންވެރިވާން ފަށާއިރު، މި ބިމުގައި ހުންނަ ކޮންމެ ގޭބިސީއަކަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ،" ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށުގައި މިހާރުހުރި މަދު ފެންފޮދުވެސް ހުރީ، ނަޖިސް ފެން ރަށުތެރެއަށް ހިންދުމުގެ ސަބަބުންނާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ވަރަށް ބޮޑަށް ތަޣައްޔަރުވެފައި ކަމަށެވެ. މުސްތަގުބަލުގައި މި މައްސަލަ ދާނީ ވެސް އިތުރަށް ގޯސްވަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ގިނަ ރަށްރަށުގެ މީހުން ދިރިއުޅެމުން ދަނީ، އަސާސީ ޚިދުމަތްތައް ކަމަށްވާ، ސާފު ބޯފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ވެސް ނުލިބި. ރިޔާސީ ބަޔާނުގައި ވެސް ދެންނެވި ފަދައިން، މި ވެރިކަމުގެ 5 އަހަރުގެ ތެރޭގައި، އެއް އުޞޫލަކުން، ހުރިހާ ރަށެއްގައި އެ ޚިދުމަތްތައް ޤާއިމުކުރެވިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންސާނުންގެ ދިރިތިބުމާ ސީދާ ގޮތުން ގުޅިފައިވާ ކަންކަމުގެ ތެރެއިން، ރާއްޖެއަށް އޮތް އެންމެ ނާޒުކު މައްސަލައަކީ ވެސް ސާފު ބޯފެނުގެ މައްސަލަ ކަމަށެވެ. ބިމު އަޑިން ފެން ނަގާ މިންވަރު އިތުރުވުމުން، ގިނަ ރަށްރަށުގެ ފެން ފަށަލަ ވަނީ ވަރަށް ބޮޑަށް ތުނިވެފައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ޖިއޮގްރަފީ ސަރަޙައްދުގެ ތެރެއިން ހިކިފަސް ބިމުގެ ނިސްބަތަކީ ގާތްގަނޑަކަށް 1 ޕަސެންޓެވެ. އަނެއް 99 ޕަސެންޓަކީ ފެން ނުވަތަ ކަނޑެވެ. މި ސަބަބުތަކާހެދި  ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށްޓަކައި، ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.