ތަރައްޤީއަށްޓަކައި ކުރަން އޮތް އެންމެ ބޮޑު އިންވެސްޓަކީ ޒަމާނީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުން: ރައީސުލްޖުމްހޫރިއްޔާ

ކިތަންމެ ގިނަ ވަސީލަތްތަކާއި، ކިތަންމެ ބޮޑު މުއްސަނދިކަމެއް ލިބިފައި އޮތަސް، ޢިލްމު ހޯދުމަށް އިސްކަން ނުދޭ ނަމަ، ތަރައްޤީއަކީ ލޮލުކޮޅަށް ވެސް ފެންނާނެ ކަމެއް ނޫންކަމަށާއި، މިޖަޒީރާތަކުގެ ތަރައްޤީއަށްޓަކައި ކުރަން އޮތް އެންމެ ބޮޑު އިންވެސްޓަކީ، މިރާއްޖޭގެ ދަރީންނަށް ޒަމާނީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނ. މިލަދޫ ހިދާޔާ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެރަށު ސްކޫލްގައި މިއަދު ހެނދުނު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިމަދަރުސާގެ ތާރީޚު އަންގައިދެނީ، މިލަދުއަކީ ތަޢުލީމަށް ވަރަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެއްކަން. ޢިލްމު އުނގެނި ތަންދޮރު ފިލައިގެން އުޅުމަށް، މިލަދޫ ރައްޔިތުން އަބަދުވެސް ބޭނުންވާކަން. ރަށުގެ ކުރިއެރުމާއި ތަރައްޤީއަކީ، އަޅުގަނޑުމެން މި ބުނެއުޅޭ ގޮތަށް، ކޮންމެ މީހެއްގެ އަމިއްލަ ނަފްސާ ގުޅިފައިވާ އެއްޗެއް ކަމަށް، މި ރަށުގެ ރައްޔިތުން އަބަދުވެސް ޤަބޫލުކުރޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އިންސާނުން ބޭނުންވާ ހުރިހާ ކަމެއްގެ ފެށުމަކީ، ތަޢުލީމު ކަމަށާއި، އެހެން ހުރިހާ ކަމަކަށްވުރެ، ތަޢުލީމް ދިނުން މުހިންމު ވަނީ ހުރިހާ ފަންނުތަކެއްގެ މީހުން އުފެއްދެނީ، އެފަންނެއްގެ ޢިލްމު ޙާޞިލްކޮށްދީގެންކަމަށް ވާތީ ކަމުގައެވެ. އެހެންކަމުން، ތަރައްޤީވާން ބޭނުންނަމަ އަދި ތަހުޒީބީ ބަޔަކަށްވާން އެދޭ ނަމަ، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އުނގެނި ދަސްކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ސަރުކާރުން ޤަބޫލުކުރާ ގޮތުގައި، އުނގަންނައިދިނުމަކީ ބެލެނިވެރިންގެ ބޮލުގައި އަޅުވަންޖެހޭ ދަރަންޏެއް ނޫންކަމުގައެވެ. އެޒަމާނެއްގައި ލިބެން ހުރި، އެންމެ ފެންވަރު ރަނގަޅު ތަޢުލީމެއް، ރައްޔިތުންނަށް ހޯދައިދިނުމަކީ، ސަރުކާރުން ކޮށްދޭންޖެހޭނެ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވީ، އެކަން ކޮށްދޭން ވަޢުދުވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގައިދޭން ތިބީ، ތިޔަ ދަރިވަރުން. މިއަތޮޅާއި މިރަށް ތަރައްޤީކުރަން ތިބީވެސް، ހަމަ ތިޔަ ދަރިވަރުން. ޙަޤީޤަތުގައި ތިޔަ ދަރިވަރުން މިއަދު ތިކުރާކަމަކީ، މާދަމާ މިޤައުމު ތަރައްޤީކުރުމަށް ބޭނުންވާ ވިސްނުން، ތިޔަ ކުދިންގެ ސިކުނޑިތަކުގައި އުފެއްދުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ހަށިހެޔޮ، ދުޅަހެޔޮ، އުފެއްދުންތެރި ހެޔޮލަފާ ޒުވާން ޖީލެއް ބިނާކުރުމަކީ، ސަރުކާރުގެ އެންމެ މުހިންމު މަޤްޞަދުކަމަށްވާއިރު، އެކަން ޙާޞިލްކުރެވޭނީ، ޒިންމާދާރުކަމާއެކު، އަމިއްލަ ދިރިއުޅުމެއް ބައްޓަންކުރަން އެނގޭ މިންވަރަށް، ތަޢުލީމާއި ތަމްރީނު ފޯރުކޮށްދީގެންކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އުނގަންނައިދިނުމުގެ ވައްޓަފާޅި މިއަދު ވަރަށް ބޮޑަށް ބަދަލުވެފައިކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިއަދުގެ ކިޔަވައިދިނުމުގެ ވަށްޓަފާޅި ބިނާވެފައިވަނީ ޒިންމާ އުފުލުމުގެ ޤާބިލްކަން ކުދިންގެ ކިބައިގައި އަށަގަންނަވައި، ޙަޔާތުގެ ޢަމަލީ މައިދާނަށް ކުދިންގެ ލޯ ހުޅުވައިދީ، ޤައުމީ ވާޖިބާއި އިޖްތިމާޢީ ޒިންމާއަށް އަހުލުވެރިކުރުވުމުގެ މައްޗަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

(ޚަބަރާއި ފޮޓޯ: ރައީސް އޮފީސް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.