
ބ. އަތޮޅު ހިތަދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރެވިފައި ނެތުން ކަމަށް ރަށު ކައުންސިލްގެ ފަރާތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ.
ކައުންސިލުން ރައީސަށް މިވާހަކަ ދެންނެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ރައީސް އޮފީގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލު ވުމެއްގައެވެ.
ފެނާއި ނަރުދަމާ ޤާއިމް ކުރެވިފައި ނުވާތީ ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލުން ވަނީ ރައީސަށް ދަންނަވައިފައެވެ. އޭގެ އިތުރަށް ރަށުގެ ބަނދަރު މަރާމާތުކުރުމާއި، ކުނި މެނޭޖްކުރުމާއި، ވަޒީފާގެ ފުރުޞަތު ފަހިކުރުމާ ބެހޭގޮތުން ވެސް ކައުންސިލުން ވަނީ ރައީސާ މަޝްވަރާ ކުރައްވައިފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. .