(28 އޯގަސްޓު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެއީ ސާދަށް ވަރަށް އާދައިގެ ސުވާލެކެވެ. އެކަމަކު އޭނާ ސިހިފައި ސާލާރަށް ބަލައިލިއެވެ. ސާލާރް އޮތީ އަދިވެސް ސީލިންގަށް ބަލަހައްޓައިގެންނެވެ.
"ޞިރާޠަލް މުސްތަޤީމް... އެއީ ސީދާ ވެގެންވާ ތެދު މަގު."
"އަހަންނަށް އެނގޭ. އެކަމަކު ކޮބައިތަ ސީދާވެގެންވާ ތެދު މަގަކީ؟" ސާލާރް އަނެއްކާވެސް އެހިއެވެ.
"ސިދާވެގެންވާ ތެދު މަގަކީ ހެޔޮކަމަށް ވާސިލުވާން އޮންނަ މަގު."
"ހެޔޮކަމަކީ ކޮބާ؟"
"ހެޔޮކަމަކީ ހެޔޮ އަމަލު."
"ހެޔޮ އަމަލަކީ ކޮބާ؟"
"ހެޔޮ އަމަލަކީ ﷲގެ މަގުގައި އެހެން މީހުންނަށް ކޮށްދޭކަންތައް. ދޭ އެހީ. އެއީ ހެޔޮ އަމަލަކީ. ކޮންމެ ހެޔޮ އަމަލަކީ ހެޔޮކަމެއް؟"
"މީގެ އިރުކޮޅެއް ކުރިން މަގުމަތިން ދިމާވި ކަސްބީ އަންހެނަކަށް އަހަރެން ފަންސާސް ޑޮލަރު ދިނިން. އޭނަ ބޭނުންވީ ތިރީސް. އެ ވާނެތަ ހެޔޮ އަމަލަކަށް؟ ހެޔޮ ކަމަކަށް؟"
އޭނާގެ މޫނުމަތީގައި އެތިފަހަރެއް އަޅުވައިލަން ސާދުގެ ހިތަށް އެރިއެވެ. "އަނގަމަޑުން ލަައިގެން އޮވެ ނިދާ، އަހަންނަށްވެސް ނިދިޔަ ދީބަލަ!" ގައިމަތީ ރަޖާ އަޅަމުން އޭނާ ބުންޏެވެ.
"އެއީ ހެޔޮކަމެއް ނޫންތަ؟" ސާދް ކަންތައް ކުރި ގޮތުން އޭނާ ހައިރާން ވެއްޖެއެވެ.
"ނިދާށޭ ބުނެފީމެއްނު. ބޭކާރު އަނގަ ނުތަޅައި ނިދާ." ސާދް އޭނާއާ ދިމާއަށް ހަޅޭއްލިއެވެ.
"ރުޅި އައުމުގެ ބޭނުމެއް ނެތް. އަހަރެން މިކުރަނީ ވަރަށް އާދައިގެ ސުވާލެއް." ސާލާރް ވާހަކަ ދެއްކީ ކެތްތެރިކަމާއެކުއެވެ.
ސާދް ރުޅި އަތުވެއްޖެއެވެ. ބޮކި ދިއްލާލާފައި ތެދުވެ އިށީނދެއްޖެއެވެ. "ތިކަހަލަ މީހަކަށް ޞިރާޠު މަގު ކިޔައިދޭނީ ކިހިނެއް؟ ކިހިނެއްވީތަ؟ މޮޔަވީތަ؟ ނުވަތަ ތީ ކާފަރެއްތަ؟ ކާކުތީ؟ ޞިރާޠު މަގަކީ ކޮބައިކަން ކަލެއަށް އެނގެންވާނެ. އެކަމަކު ނަމާދުގެ މެދުތެރެއިން މިސްކިތުން ފޭބި މީހަކަށް އޭގެ މާނަ އެނގޭނީ ކިހިނެއް؟"
"އަހަރެން ނަމާދުގެ މެދުތެރެއިން މިސްކިތުން ފޭބީ ސާދް ބުނާކަހަލަ ހިތްހަމަޖެހުމެއް އަހަންނަށް ނުލިބުނީމަ. އެވަގުތުކޮޅު އަހަރެންގެ ބޯ ފަޅައިގެން ނުދިޔައީ ކިރިޔާ. އަހަރެން ފޭބީ އެހެންވެ." ސާލާރްގެ ޖަވާބުން ސާދު އިތުރަށް ރުޅި ގަދަވިއެވެ.
"ހިތަށް ހަމަޖެހުން ނުލިބުނީ މިސްކިތަކީ ކަލޭ ދާންޖެހޭ ތަނަތަކަށް ނުވާތީ. ކަލެއަށް ހިތްހަމަ ޖެހުން ލިބޭނީ ސިނަމާ ހޯލުން، ތިއޭޓަރުން، ބާރ އިން، ނައިޓްކްލަބުން. މިސްކިތަކީ ތިކަހަލަ މީހުންނަށް ހުންނަ ތަނެއް ނޫން. އެހެންވީމަ މިސްކިތުން ހިތް ހަމަޖެހުން ލިބޭނީ ކިހިނެއް؟ އެވަރު މީހަކަށް ޞިރާޠު މަގު ކިޔައިދޭނީ ކިހިނެއް؟"
ސާލާރް ކަޅިޖަހައިނުލައި ސާދަށް ބަލަން އިނެވެ.
"ރާ ބޮއިގެން ޒިނޭކުރާ، މިސްކިތަށް އަރާފަ ނަމާދުގެ މެދުތެރެއިން ފިލާ މީހަކަށް ޞިރާޠު މަގެއް ނޭނގޭނެ. އެ މަގު ނުވެސް ފެންނާނެ."
"ތިބުނަނީ ރާ ބޮއި، ޒިނޭކޮށް، ނަމާދަށް ފިލައިގެން ނުދާ، ގަވައިދުން ނަމާދުކުރާ މީހުންނަށް ޞިރާޠަލް މުސްތަޤީމްގެ މާނަ އެނގޭނެއޭތަ؟ އެ ކަހަލަ މީހުން ތިބެނީ ތެދުމަގުގައޭތަ؟"
އެއީ އޭނާއަށް އެއްލި ގާބުރިއެއްކަން ސާދަށް އެނގުނެވެ. އޭނާ އަނގައިން ނުބުނެ އިނެވެ. ސާލާރް އިނީ އަދިވެސް ސާދަށް ބަލަހައްޓައިގެންނެވެ.
"މިކަހަލަ ވާހަކަ ސާލާރަކަށް ނުވިސްނޭނެ." ސާދް ބުންޏެވެ.
އެވަގުތު އޭނާގެ ކަންފަތް ދޮށުން އެހެން އަޑެއް އިވުނެވެ. "އާނ، ރަނގަޅު ވާހަކައެއް. އަހަންނަކަށް ނުވިސްނޭނެ. ބޮކި ނިއްވާލާ، ނިދި އަތުވެއްޖެ." އިތުރު އެއްޗެއް ނުބުނެ އޭނާ ލޯމެރިއެވެ.
***
"އަހަންނަށް އެނގޭ މިތާކަން އިންނާނީ. ކީއްވެ އަހަރެމެންގެއިން އައީ؟" ސާދު އެހިއެވެ. އޭނާ ހެނދުނު ސާލާރްގެ އެޕާޓްމަންޓަށް އައުމުން ސާލާރް ދޮރު ހުޅުވިއެވެ.
"އަހަރެން ނުފިލަން. ކަލޭ އޮތީ ނިދާފަ. އުނދަގޫ ނުކުރަން ވެގެން ނުގޮވީ." ދެލޯ ފޮހެލަމުން ސާލާރް ބުންޏެވެ.
"ކިހާއރަކު އައީ؟"
"ހަތަރެއް ނުވަތަ ފަހެއް ޖަހާ އެހާއިރު."
"އެއީ ކޮން ގަޑިއެއް؟ ކީއްވެ އައީ؟"
އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ސާލާރް ސޯފާގައި ބަންޑުން އޮށޯވެއްޖެއެވެ.
"އަހަރެން ބުނި އެއްޗަކުން ހިތް ހަމަ ނުޖެހުނީދޯ؟" އަނެއް ސޯފާގައި އިށީންނަމުން ސާދް އެހިއެވެ.
""އެއްޗެކޭ ބުނިންތަ؟" ސާލާރް އެހިއެވެ.
"ރުޅި އައިސްފައި ބުނީމެއްނު. އަހަންނަށް މާފު ކުރޭ." ސާދް ބުންޏެވެ.
"މާފަށް އެދެންޖެހޭ ވަރު ވާހަކަައެއް ނުބުނަމެއްނު؟" ސާލާރް ބުންޏެވެ.
"އެހެންވެއްޖެއްޔާ ކީއްވެ ކުއްލިއަކަށް އައީ؟" ސާދް އެހިއެވެ.
"އަހަރެން މާބޮޑަށް މާޔޫސްވާތީ އައީ. ފޯނު އާންސަރިން މެޝިނަށްލީ ނިދަން ބޭނުންވާތީ." ސާލާރް އޮޅުންފިލުވައިދިނެވެ.
"އެހެންވިޔަސް އަހަރެން ވާހަކަ ދެއްކީ ރަނގަޅަކަށް ނޫން. ހޭލިގޮތަށް އެހެން ހިތަށް އަރާވަރުން މިއައީ."
"އަޅާނުލާ." ސާލާރް ބުންޏެވެ. އަދިވެސް އޭނާ އޮތީ މޫނުވަތަށް ޖަހައިގެންނެވެ.
"ކިހިނެއް ވެގެން ތިއުޅެނީ މިހާރު؟"
"ކަމެއް ނުވޭ؟"
"ނޫން. ކޮންމެވެސް ކަމެއްވެއްޖެ. ތީ ކުރިން އުޅޭ ގޮތެއް ނޫން."
ސާލާރް ކުއްލިއަކަށް ތެދުވެ އިށީނެވެ. "ކޮންހެނެއް މިއުޅެނީ؟ ކިޔާބަލަ؟"
"ބައިވަރު ކަންތައް... މިހާރަކަށް އައިސް ތިހުންނަނީ ނެގިމަޑުވެފައި. ކުދިކުދި ކަންތައްތަކާ ވެސް ރުޅި ގަަދަކުރޭ. ޔުނިވަރސިޓީއަށް ވެސް މިހާރު ނުދާ ވާހަކަ ޢިބާދު ބުނި. އެންމެ ފާހަގަކުރެވޭ ކަމަކީ މިހާރު ދީނަށް ޝައުގުވެރިވާކަން."
އެވާހަކައިން ސާލާރްގެ ދެ ބުމަ ގޮށް ޖެހުނެވެ.
"ދީނަށް ޝައުގުވެރިވީޔޭ؟ ތީ ކުށް ހީ އެއް؟ ދީނަށް ޝައުގުވެރިވެގެނެއް ނޫޅެން. އަހަރެން މިއުޅެނީ ވަރަށް ބޮޑަށް މަޔޫސް ވެގެން. މަސައްކަތް މި ކުރަނީ ސިކުނޑި ހަމަޖައްސާލެވޭތޯ. މިހައިތަނަށް އަހަރެން ކަމަކާ ފިކުރުބޮޑުވެގެން ނުވެއްޓޭ ދަރަޖައަށް ވެއްޓިފައި މިހިރީ. މިސްކިތަށް ދިޔައީ މާޔޫސް ކަމުން ސަލާމަތްވާން." ސާލާރް ކިޔައިދިނެވެ.
"މާޔޫސްވެގެން ތިއުޅެނީ ކޮންކަމަކާ؟" ސާދް އެހިއެވެ.
"ތިކަން އެނގޭނަމަ މިހާރު ހައްލު ހޯދައިފީމުސް."
"އެކަމަކުވެސް، ކޮންމެވެސް ސަބަބެއް އޮންނާނެ. ސަބަބަކާ ނުލައި މީހަކު އެ ދަރަޖައަށް ނުވެއްޓޭނެ." ސާދް ބުނެލއިެވެ.
ސާދް ދެއްކީ އާރުލާ ވާހަކަކަން ސާލާރަށް އެނގެއެވެ. އެހެންނަމަވެސް މާޔޫސްވެގެން އުޅޭ ސަބަބު ހާމަކޮށް އޭނާއަށް މަލާމާތްކޮށް ހުނުމުގެ ފުރުސަތެއް ސާދަކަށް ނުދޭނެއެވެ.
"އެހެން މީހުންގެ ގޮތެއް ނޭނގޭ. ކަމަކާ ނުލައިވެސް އަހަރެން މާޔޫސް ވޭ."
"އެންޓިޑިޕްރެސެންޓެއް ނަގަންވީނު؟" ސާދް ލަފާ ދިނެވެ.
"ކިހާވަރަކަށް؟ އެއަކުން މިހާރަކު އަސަރެއް ނުކުރޭ."
"ދެން ސައިކޭޓްރިސްޓަކަށް ދައްކަންވީނު؟"
"ތީ އަހަރެން ނުކުރާނެ ކަމެއް. ސައިކޭޓްރިސްޓުންނަށް ދައްކަ ދައްކާ ވަރުބަލިވެއްޖެ މިހާރު." ސާލާރަށް ބުނެވުނެވެ.
އެވާހަކަ އަޑުއަހާފައި ސާދް ހައިރާންވެއްޖެއެވެ. އޭނާގެ ޝައުގުވެރިކަން އިހުނަށްވުރެ އިތުރުވިއެވެ. "ކުރިން ކީއްކުރަން ސައިކޭޓްރިސްޓުންނަށް ދެއްކީ؟"
"ވަރަށް ގިނަކަންތައްތަކާ ގުޅިގެން. އެ ވާހަކަ އިހަށް ބާއްވަމާ." އޭނާ އޮތީ އެނދުމަތީގައި އުއްޑުން އޮށޯވެ ފަންގިފިލައަށް ބަލަހައްޓައިގެންނެވެ.
"އެހެންވެއްޖެއްޔާ ނަމާދުކުރަން އާދަކުރޭ."
"އެކަމަށް ވެސް މަސައްކަތް ކުރެވިއްޖެ. އަހަންނަކަށް ހިތްހަމަޖެހުމެއް ނުލިބުނު. އެހެންނޫނަސް ނަމާދުގައި ކިޔާ ތަކެތި ފަހުމެއްނުވި. އަދި އަހަރެން ނަމާދުކުރަނީ ކީއްކުރަންކަމެއް ވެސް ފަހުމެއް ނުވި."
"ނަމާދުގައި ކިޔާތަކެތީގެ މާނަ ހޯދަން މަސައްކަތްކުރޭ..."
ސާލާރް އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ސީދާ ވެގެންވާ ތެދުމަގާ ބެހޭ ގޮތުން ރޭގަ ކުރި ބަހުސް އަލުން ނުފަށަމާ. އަނެއްކާ ސާދް ރުޅި އަތުވެދާނެ."
"ނޫން، އަހަރެން ރުޅިއެއް ނާންނާނެ."
"ސީދާ ވެގެންވާ ތެދުމަގަކީ ކޮބައިކަން ނޭނގި އަހަރެން ނަމާދުުކުރާނީ ކިހިނެއް؟"
"ނަމާދުކުރަން ފަށާބަލަ. އޭރުން އެނގޭނެ."
"ކިހިނެއް؟"
"މުންކަރާތްތަކުން ދުރުވެ، އަމިއްލައަށް ހެޔޮ އަމަލާއި ދިމާއަށް އެނބުރޭނެ." ސާލާރަށް އޮޅުންފިލުވައިދެވޭތޯ ސާދް ބެލިއެވެ.
"އެކަމަކު އަހަރެން އެއްވެސް ގޯސްކަމެއް ނުކުރަން، އަދި ރަނގަޅު ކަމެއް ކުރުމުގެ ފިކުރެއް ވެސް ނެތް. މިއީ ހެޔޮ އަމަލާ ގުޅުން ހުރި ކަމެއް ނޫން. މިދުވަސްކޮޅު އުނދަގޫ ވެފައި ހުރީ."
"މީހަކު ހާސްކަމެއްގެ ތެރެއަށް ވެއްޓޭނެ ހުރިހާ ކަމެއް ކުރޭ."
"މިސާލަކަށް؟" ސާލާރްގެ އަޑުގައި ހުރީ މަލާމާތުގެ އަސަރެވެ.
"އޫރު މަސް ކެއުން."
"އޫރު މަހާ މިކަމާ ހުރީ ކޮން ގުޅުމެއް؟" ސާލާރް ތެދުވެ ސާދް ގާތުގައި އިށީނނެވެ. "ބުނެބަލަ، އެންމެ ނަމާދެއްވެސް ދޫކޮށްނުލަމެއްނު؟ ގަވާއިދުން ނަމާދުކުރުމުން އައި ބަދަލެއް ބުނެބަލަ."
"އަހަރެން ތިހެން ބޯ ހާސްވެގެން ނޫޅެން ގައިމު."
"ތިބުނާ ފޯމިއުލާ ރަނގަޅު ނަމަ ބޯ ހާސްވާނެއެއްނު؟ ހަރާމް ކަންތައް ކުރަމެއްނު؟" ސާލާރް ބުނެލިއެވެ.
"ކޮން ގޯސްކަމެއް އަހަރެން ކުރަނީ؟ އެއް ކަމެއް ދައްކަބަލަ."
"އަހަރެން މިބުނަނީ ކޮން ވާހަކައެއްކަން ރަނގަޅަށް އެނގޭނެ. މަގޭ އަނގައިން ބުނުވަން އުޅޭނެ ކަމެއް ނެތް."
"ނޫން، ނުކުރަން، ބުނެބަލަ އެއްކަމެއް، އެންމެ ކަމެއް." ސާދް ޗެލެންޖުކުރިއެވެ.
ސާލާރް އިރުކޮޅަކު ސާދަށް ބަލަން އިނދެފައި ބުންޏެވެ. "ނަމާދުން އެކަނި ދިރިއުޅުމަށް މާ ބޮޑު ބަދަލެއް އަންނާނެ އެކޭ އަހަރެންގެ ހިތެއް ނުބުނޭ. ހެޔޮ އަމަލު ކުރުމާއި ރިވެތި ރަނގަޅު ޝަޚްސިއްޔަތަކީ ހަމައެކަނި ނާމުދުން ލިބޭ އެއްޗެއް ނޫން."
"އެހެންވެގެން މި ބުުނަނީ ދީނަށް ކޮންމެވެސް ވަރެއްގެ ޝައުގުވެރިކަމެއް ބަހައްޓާށޭ. އިސްލާމް ދީނާ ބެހޭގޮތުން މައުލޫމާތު ހޯދައި ދިރާސާކުރޭ. އޭރުން ތިގެންގުޅޭ ފަލްސަފާ ބަދަލުވާނެ." ސާދް ބުންޏެވެ.
"އަހަރެން ދެކޭ ގޮތް ގޯހެއް ނޫން. ދީންވެރިންނަށް ވުރެ މަކަރުވެރި، ދޮގު ހަދާ މުނާފިގު ބަޔަކު އަހަންނާ ދިމައެއް ނުވޭ. އެކަހަލަ ތިން މީހުންނާ ދިމާވެއްޖެ. ފަތުވާ ދީ ބަރާބަރަށް ނަމާދުކޮށް ހަދާނެ. އެކަމަކު ތިން މީހުންނަކީ ވެސް ފުލޯކު މީހުން."
"ފުރަަތަމަ ދިމާވީ ވަރަށް ދީންވެރި، ބުރުގާ އަޅަައިގެން ހުންނަ އަންހެން ކުއްޖަކާ. ދީނުގެ ވާހަކަ އަބަދު ދައްކާނެ. އެކަމަކު މީހަކާ އެންގޭޖުވެގެން ހުރެ އެހެން މީހަކާ ހިތާވެގެން ފިލީ. ނުވިތާކަށް ފިލަން އެހީ ހޯދީ އޭނާ އެހަައި ރުޅި އަންނަ މީހެއްގެ ކިބައިން. އަމިއްލަ އެދުން ހާސިލްކުރަން އެމީހާގެ ނާޖާއިޒު ފައިދާ ނެގި."
"ދެން ދިމާވީ ތުނބުޅިއެއް ލާފައި ހުރި ބަލާ ބެލުމަށް ވަރަށް ދީންވެރި މީހަކާ. އޭނަގެ އެހީއަށް އެދި އަންހެން ކުއްްޖަކު އާދޭސްކުރުމުން އިނިގިއްޔެއްވެސް ހިއްލައިނުލި. އެ އަންހެން ކުއްޖާއަށް ލޯބީގެ ދަޅަ ދައްކާފައި އޭނާ އިނީ އެހެން މީހަކާ. ދާދި ފަހުން މި ރަށުން އޭނާޔާ ދިމާވި. އޭނަގެ އަގީދާއާއެކު ތުނބުޅިވެސް ގެއްލިއްޖެ މިހާރު."
ސާލާރް ކަކަކަކަ އަޅާފައި ހީނގަތެވެ. "ތިންވަނަ މީހާއަކީ ތީ. ކަލޭ އޫރުމަހެއް ނުކައި. އެއީ ކަލެއަށް ހަރާމް އެއްޗެކޯ. އެހެން ހުރިހައި ކަމެއް ހުއްދަ. ދޮގުހެދުމާއި، ރާ ބުއިމާއި ޒިނޭކުރުމާއި، ނައިޓްކްލަބްތަކަށް ދިއުމާއި ދެބަ އޮޑުވުމާއި އެހެން މީހުންނަށް މަލާމާތް ކުރުން، މި ހުރިހާ ކަމެއް ކަލެއަށް ހުއްދަ. މި ނޫން ހުރިހައި ކަމަކުން ކަލޭ ވަރަށް ދީންވެރި. ކަލޭގެވެސް ތުނބުޅި އެއް ހުރޭ. ދީނީ ވާހަކަ ދައްކައިގެން މީހުންގެ އިހްތިރާމް ހޯދަމު. ނަމާދުކުރަމު. އެހެން މީހުންނަށް ނަސޭހަތްތެރިވޭ. ކޮންމެ ވާހަކައަކަށް ވެސް ދީން ވައްދާ، އެތަނުން އާޔަތެއް މިތަނުން ހަދީސެއް... އެކަމަކު އަހަންނާ ކަލެޔާ ހުރި ތަފާތެއް ބުނެބަލަ."
"ފަތުވާ ދޭ މީހުން ސުވަރުގެއަށް ގޮސްފައިި އަހަރުމެން ޖަަހައްނަމައަށް ދިއުމުގެ އިތުރުން، ނަމާދުކޮށްގެން މީހެއްގެ ދިރިއުޅުމަށް އައި އިންގިލާބެއް ބުނެބަލަ؟ ކަލޭގެ އަމަލާއި ބަހާ ދިމާނުވާކަން އަހަރެން ލޮލުން ފެނި އަތުން ނުހިފުނު ނަމަ ކަލެޔާ ދިމާއަށް މި ވާހަކަ ދައްކަން ނުޖެހުނީސް. އަހަރެން އެދޭ އެދުމެއް އެބައޮތް، ދީނުގެ ވާހަކަ ދެއްކުން ހުއްޓާލާ، އަހަންނަކަށް ހިއެއްނުވޭ ކަލެއަށް ވެސް ދީން އެނގޭހެނެއް."
"ހިތް ބަރުނުކުރާތި." ސާލާރްގެ ވާހަކަ ނިންމައިލިއެވެ. ސާދްގެ ބަސް ހުއްޓިއްޖެއެވެ.
(ނުނިމޭ)
Aneh bayah inthizaaru kurann...luv dis