ޖިބްރޯލްޓާގައި ހިފަހައްޓާފައި އޮތުމަށް ފަހު ދޫކޮށްލި އީރާނުގެ ތެޔޮ ޓޭންކަރު އަދްރިޔާން ދަރްޔާ-1 (ކުރިން ގްރޭސް-1) ތުރުކީގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެކަމަށް ޚަބަރު ފަތުރާ ބައެއް ވަސީލަތްތަކުން ތުރުކީގެ މަސްއޫލުވެރިންނާ ހަވާލާދީ ބުނެފިއެވެ.
ތުރުކީގެ މެރްސިން ބަނދަރުގެ އޮފިޝަލުންނާ ހަވާލާދީ ރަޝިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އެ ޓޭންކަރު މިހާރު ދަތުރުކުރަމުން ދަނީ އެ ބަނދަރާ ދިމާއަށެވެ. އަދި ޓެންކަރުގައި ހުރި 2.1 މިލިއަން ފީފާ ސާފުނުކުރާ ތެޔޮ އެ ބަނދަރަށް ހުސްކުރާނެއެވެ.
އެމެރިކާގެ ފެޑެރަލް ކޯޓަކުން އެ ޓޭންކަރު ހިފަހައްޓަން އަމުރު ނެރެފައިވާއިރު، އެމެރިކާއިން ވަނީ އެއްވެސް ގައުމަކުން އެ ޓޭންކަރަށް ޚިދުމަތް ފޯރުކޮށްނުދިނުމަށް ގޮވާލާފައެވެ. އަދި އެފަދަ ގައުމަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އަދްރިޔާން ދަރްޔާ-1 ޖިބްރޯލްޓާއިން ފުރައިގެން ފުރަތަމަ މިސުރާބު ޖެހީ ގްރީސްގެ ކަލަމާޓާ ބަނދަރާ ދިމާއަށެވެ. އެހެންނަމަވެސް، އެމެރިކާގެ އިންޒާރަށް ފަހު ގްރީސްއިން ވަނީ އެ ޓޭންކަރަށް އެ ގައުމުގެ ސަރަހައްދަށް ނުވަދެވޭނެ ކަމަށް ބުނެފައެވެ. އެމެރިކާއިން ބުނެފައި ވަނީ އެ ޓޭންކަރަށް އެއްވެސް އެހީތެރިކަމެއް ދިން ގައުމަކީ ޓެރަރިޒަމަށް އެހީވާ ގައުމެއް ކަމުގައި ބަލާނެ ކަމަށެވެ.
ތެޔޮ ޓޭންކަރުގައި ހުރީ ސީރިޔާއަށް ގެންދާ ތެޔޮކަމަށް އެމެރިކާއިން ބުނި ނަމަވެސް، މި ހަފުތާގެ ކުރީކޮޅު އީރާނުން ބުނެފައިވަނީ އޭގައި ހުރި ތެޔޮ ބަޔަކަށް ވިއްކާލާފައިވާ ކަމަށާއި، އެ ތެލާމެދު ހަދާނެ ގޮތެއް އެނގޭނީ އެ ތެޔޮ ގަތް ބަޔަކަށް ކަމަށެވެ.
އެމެރިކާއިން ތެޔޮ ޓޭންކަރު ހިފަހައްޓާނެ ކަމުގެ އިންޒާރު ދިނުމުން އީރާނުން ވަނި އެ ޓޭންކަރާއި ގާތް ނުވުމަށް އިންޒާރު ދީފައެވެ. އަދި އީރާނުގެ ކަނޑުގެ ސިފައިންގެ ކޮމާންޑަރު ވަނީ ތެޔޮ ޓޭންކަރުގެ ހިމާޔަތުގައި އީރާނުގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކުން ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވެފައެވެ.
ފާއިތުވި ޖުލައި މަހުގެ 4 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ދަށުގައި އޮންނަ ސަރަހައްދެއް ކަމަށްވާ ޖިބްރޯލްޓާއިން އަދްރިޔާން ދަރްޔާ-1 ހިފެހެއްޓީ ޔޫރަޕިއަން ޔުނިއަންގެ އެންގުމާ ޚިލާފަށް ސީރިޔާއަށް ތެޔޮ ގެންދާކަމަށް ބުނެއެވެ. އެހެންނަމަވެސް، ޖިބްރޯލްޓާގެ ސުޕްރީމްކޯޓުން ވަނީ މި މަހު 15 ގައި އެ ޓޭންކަރު ދޫކޮށްލާފައެވެ.
ޖިބްރޯލްޓާއިން އަދްރިޔާން ދަރްޔާ-1 ހިފެހެއްޓުމާ ގުޅިގެން އީރާނުން އިނގިރޭސި ތެޔޮ ޓޭންކަރު ސްޓެނާ އިމްޕެރޯ ހިފެހެއްޓިއެވެ. އެ ޓޭންކަރު އީރާނުން އަދިވެސް ދޫނުކުރެއެވެ