މިސްކިތުން ބަންގި ގޮވާ އަޑު އިވުމުން ނަމާދު ކުރުމުގެ ވަގުތު ވެއްޖެކަން އަޅުގަނޑުމެންނަށް އެނގެއެވެ. އަދި މިސްކިތަށް ގޮސް ނަމާދުގެ ފަރްޟު އަދާ ކުރުމަށް އަވަސްވެގަންނަމުއެވެ. ﷲ ތަޢާލާއަށް އަޅުކަން ކޮށްގެން ލިބޭނޭ ހެޔޮ ދަރުމައަށް އެދެމުންނެވެ. ހަމައެފަދައިން ރޯދަމަހުގެ ހަނދު ފެނުމުން ރޯދަ ހިފުމުގެ ދުވަސްވަރު އަތުވެއްޖެކަން އަޅުގަނޑުމެންނަށް އެނގެއެވެ. އަދި ރޯދަ ހިފުމަށްޓަކައި ވާންވީ ތައްޔާރުތަކާ ކުރިމަތިލަމުއެވެ. ﷲ ތަޢާލާ އަށް އަޅުކަންކޮށްގެން ލިބޭނޭ ޘަވާބާއި ނިޢުމަތަށް އެދެމުންނެވެ.
މިގޮތަށް ބަލާއިރު ކެތްތެރިވުމަކީވެސް އަޅުކަމެކެވެ. ވަރަށް މަތިވެރި އަޅުކަމެކެވެ. އެތަކެއް ޘަވާބާއި ނިޢުމަތް ލިބޭނޭކަމަށް ﷲ ތަޢާލާ އަންގަވާފައިވާ އަޅުކަމެކެވެ. އެހެންކަމާއެކު ރޯދައަށް ހުރުމުގައިވެސް، އަދި ނަމާދު ކުރުމުގައިވެސް، އަދި ޙައްޖުގެ އަޅުކަން އަދާ ކުރުމުގައިވެސް، އަދި މިނޫންވެސް ތަފާތު އަޅުކަމުގެ އަމަލުތަކުގައި ކެތްތެރިވުމުގެ ބައި ވަރަށް ބޮޑަށް ހިމެނިފައިވާކަން ދޭހަވެއެވެ. އަދި އެކަންކަމުގެ އިތުރަށްވެސް ﷲ ތަޢާލާގެ ރުއްސެވުން ލިބެނިވި ގޮތުގައި ދެމިހުރުމަށްޓަކައި ކެތްތެރިވާންޖެހޭ ވަގުތުތަކެއް އިންސާނުންގެ ދިރިއުޅުމުގެ ދަތުރުގައި ކުރިމަތިވަމުންދާކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެފަދަ ވަގުތެއް ދިމާވެއްޖެނަމަ އެއީ ކެތްތެރިވުމުގެ މަތިވެރި އަޅުކަން އަދާ ކުރުމުގެ ވަގުތު އައީއެވެ. އެއަޅުކަމަކީ އެއަޅުކަން އަދާކުރާ މީހުންނަށް މިންވަރު ނުކުރެވޭފަދަ ދަރުމަ ދެއްވާނޭކަން ﷲ ތަޢާލާ އަންގަވައިފައިވާ އަޅުކަމެވެ. (ޒުމަރު ސޫރަތުގެ 10 ވަނަ އާޔަތް) އަދި އެ އަޅުކަމުގައި ދެމިތިބޭ މީހުންނާ އެކުގައި ﷲ ތަޢާލާ ވޮޑިގެންވާނޭ ކަމުގައި އަންގަވާފައިވާ އަޅުކަންވެސްމެއެވެ. (ބަޤަރާ ސޫރަތުގެ 249 ވަނަ އާޔަތް)
އިންސާނެއްގެ ދިރިއުޅުމުގައި ކުރިމަތިވެދާނޭ ކެތްތެރިވުމުގެ އަޅުކަން އަދާކުރަންޖެހޭ ވަގުތުތަކުގެ މިސާލެއްގެ ގޮތުން ބައެއް ވާހަކަ ދަންނަވާލާނަމެވެ. ކޮންމެވެސް މީހަކު ކަލާއާ ޖައްސާލައިގެން އުޅެނީއެވެ. ކަލާއާ ބެހޭ ގޮތުން ހުތުރު ވާހަކަތައް ދައްކައި ކަލާއާ ދިމާއަށްވެސް އެއްޗެތިކިޔާ ހަދަނީއެވެ. ނަތީޖާއެއްގެ ގޮތުން ކަލާގެ ހިތުގައިވެސް ރުޅިވެރިކަން އުފެދި އެމީހަކާ ދިމާކުރުމުގެ ޖަޒްބާތު އުފެދެމުން ދަނީއެވެ. އެފަދަ ވަގުތެއްގައި ޢަމަލު ކުރުމަށް ﷲ ތަޢާލާ އަންގަވާފައި ވަނީ ކިހިނެއްތޯއެވެ؟ ކަލާ އޭނާއަށް ޖަވާބު ދިނުމުގެ ގޮތުން ރުޅި އިސްނުކުރުމަށެވެ. އަދިކީއްތޯއެވެ؟ އެކަމުގެ މައްޗަށް ކެތްތެރިވުން އިޚްތިޔާރު ކޮށްގެން އެމީހާއަށް މަޢާފު ކުރުމަށެވެ. (ޝޫރާ ސޫރަތުގެ 37 ވަނަ އާޔަތް) މިކަމުން އެނގެނީ އެއްވެސް މީހެއްގެ ހިތުގައި ރުޅިވެރިކަން އުފެދޭގޮތް ދިމާވެއްޖެނަމަ އެއީ އެމީހަކު ކެތްތެރިވުމުގެ އަޅުކަން އަދާކުރުމުގެ ވަގުތު އައީކަމެވެ. މިއަޅުކަމަކީވެސް ހަމަ އެހެނިހެން އަޅުކަން އަދާކުރާ ފަދައިން އެކަމުގެ ވަގުތުގައި އެކަން އަދާކުރަން އޮންނަ ގޮތަށް އަދާކުރަން ޖެހޭނޭ އަޅުކަމެއްކަމާ މެދަކު ޝައްކެއް ނެތެވެ.
އިންސާނުންގެ ހިތުގައި އުފެދޭ މިނޫންވެސް އެކިއެކި ނަހީކުރެވިފައިވާ ޖަޒުބާތުތަކާމެދު ކަން އޮތީ ހަމަ މިގޮތަށެވެ. ކޮންމެވެސް މީހެއްގެ ނުބައިކަމުގެ ސަބަބުން މީހެއްގެ ހިތުގައި ނަފްރަތު އުފެދިދާނެއެވެ. ބަދަލު ހިފުމުގެ ޝުޢޫރުތައް ހިނގައިގެންފާނެއެވެ. ޙަސަދަވެރިކަމުގެ އަލިފާން ރޯވެދާނެއެވެ. މިކަހަލަ ނަހީކުރެއްވިފައިވާ ޖަޒުބާތުތައް އުފެދުމަކީ ޙަޤީޤަތުގައި ކެތްތެރިވުމުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ވަގުތު އަތުވެއްޖެކަން އިޢުލާން ކުރެއްވުމެކެވެ. ﷲ ތަޢާލާގެ ރުއްސެވުމާއި ފުއްސެވުމަށް އެނބުރިލުމުގެ ފުރުޞަތެއް ލިބިއްޖެކަން އިޢުލާން އަންގާލުމެވެ. އެވަގުތު ކެތްތެރިވެ ތިމާ އަމިއްލައަށް އަނެއްމީހާއާ ދޭތެރޭގައި ރީތި އަޚްލާޤެއް ސާބިތުކޮށްދޭންވީއެވެ. އަދި އެނުބައި ކަންތައް ކުރި މީހާއަށްވުރެ ހެޔޮކަން ބޮޑު މާތް މީހެއް ކަމުގައި ވުމުގެ ޙައްޤު ލިބިގަންނަންވީއެވެ. އޭރުން ކެތޗތެރިވުމުގެ މާތް އަޅުކަމުގެ ބަދަލުގައި ﷲ ތަޢާލާގެ ޙަޟްރަތުން މަތިވެރި ޘަވާބާއި ނިޢުމަތް ޙައްޤުވެގެންވާ އަޅަކު ކަމުގައި ވެގެންދާނެއެވެ.
މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ކެތްތެރިވުމުގެ ތައުފީޤް ދެއްވާށިއެވެ.
- މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމަކުން މަޢުލޫމާތު ނަގާފައި