މި އަހަރުގެ ތެރޭގައި ރާއްޖޭގެ މައި ހޮސްޕިޓަލުގައި ކެންސަރު ބައްޔާބެހޭ ޓެސްޓުތައް ހެދޭނެ ވަޞީލަތް ޤާއިމުކުރެވިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ފުވައްމުލައް ސިޓީއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭ ފުވައްމުލަކުގައި އޮތް ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުވައްމުލައް ސިޓީގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރެވިގެން ދިއުމުން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަށް ހައްލު ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން، ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ވެގެންދާނީ އެފަދަ އެންމެ ބޮޑު މަޝްރޫޢުއަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަންނަ އަހަރުތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރުމަށް ރާއްޖެއިން ބޭރުން ގެންނަން ހަމަޖެހިފައިވާ ކުނި ނައްތާލުމުގެ ނިޒާމު ފުވައްމުލައް ސިޓީގައި ޤާއިމުކުރެވުމަށްފަހު އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ޒުވާނުން ބާރުވެރުކުރުވުމާ ޒުވާނުން ގެދޮރުވެރިކުރުންވުންކަމަށްވާއިރު، މާލެ އާ ހުޅުމާލެއާ ދެމެދު ބްރިޖު އެޅުންފަދަ އަދި އެއަރޕޯޓް ތަރައްޤީކުރުން ފަދަ މަޝްރޫޢުތަކަކީ ކުރިމަގަށް ކުރެވޭ އިންވެސްޓްމަންޓްތައްކަމަށް ވިދާޅުވިއެވެ. މިގޮތުން، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމިގެންދިއުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު 6 މިލިއަނާ 8 މިލިއަނާ ދެމެދުގެ ޢަދަދަށް އިތުރުވެގެން ދިއުމުން ޒުވާނުންނަށް 90 ހާހަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން މިސަރުކާރުގައި ޞިއްޚީ ދާއިރާ ކުރިއެރުވުމަށް ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވާ ރާއްޖޭގައި ތިބެގެން ހިތުގެ ބަލިތަކަށް ފަރުވާ ހޯދޭނެގޮތް ރައްޔިތުންނަށް ތަނަވަސްވެގެން ދިއުމަކީ ޞިއްޚީ ދާއިރާއަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ކުރިއެރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤް އިބްރާހީމްއާއި، މިނިސްޓަރ އޮފް ހެލްތް އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމްއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފްއާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙު މުޙައްމަދާއި، ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲއާއި، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ޝާހާއި، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލްފާޟިލް ޢަލީ ފަޒާދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެފެއާޒް އަލްފާޟިލް ޣައްސާން މައުމޫން ބައިވެރިވެވަޑައިގެންނެވިއެވެ.