މަހާތީރު ބިން މުހައްމަދަށް ރައީސް ޔާމީން މަރުހަބާ ވިދާޅުވެއްޖެ

ޑރ. މަހާތީރު ބިން މުހައްމަދު

މެލޭޝިޔާގެ ބޮޑު ވަޒީރު ކަމަށް ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދު އަލުން އިންތިޚާބުވެ ވަޑައިގެންނެވުމުން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.

މަހާތީރަށް މަރުހަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ މެލޭޝިޔާގެ 14 ވަނަ އާންމު އިންތިޚާބުގައި ހޯއްދެވި ކާމިޔާބީއާ ގުޅިގެން ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޑޮކްޓަރ މަހާތީރަށް މަރުޙަބާއާއި ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ.

ޑޮކްޓަރ މަހާތީރަށް މިލިބިވަޑައިގެންނެވި ކާމިޔާބީއަކީ، އެމަނިކުފާނުގެ ހިންގެވުންތެރިކަމާއި، ޤައުމު ބިނާކުރެއްވުމަށް ދެއްވާފައިވާ އަހަންމިއްޔަތުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައިވެސް އެމަނިކުފާނު އެޤައުމު ތަރައްޤީގެ އާހަރުފަތްތަތަކަށް ގެންދަވާނެކަމުގެ އިތުބާރާއި ޔަޤީންކަން މެލޭޝިޔާގެ ރައްޔިތުންނަށް އޮތްކަން ހާމަވެގެންދާކަމެއް ކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިއާއަކީ އަބަދުވެސް ދިވެހިރާއްޖެއާ ގާތް ގުޅުމެއް އޮންނަ ރަޙުމަތްތެރި ޤައުމެއްކަމާއި ތަރައްޤީގެ ބައިވެރިއެއްކަން ފާހަގަކުރައްވާފައެވެ. އަދި، ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެޤައުމަށް އަދި ދެޤައުމުގެ ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް އެއްބާރުލެއްވުންދެއްވައި، ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.