މަޅުމަތި ކޮލަމް: ހައިސިއްޔަތު ބަދަލުވުން

އަޅުގަނޑު އިނީ އަތިރިމަތީ، ތޮށިގަނޑުމަތީގައި އިށީނދެގެންނެވެ. އަޅުގަނޑާ ވިއްސަކަށް ފޫޓު ދުރުގައި އިންޑިއާ ބަޔަކު އިށީނދެގެން ތިއްބެވެ. ދުރުން ފެންނަނީ ރައްޔިތުން މަޖިލީހަށް ކުރިމަތިލައްވާފައިވާ މެންބަރަކު އޭނާގެ އާރުކާޓީންގެ ބަޔަކާއެކު ވަޑައިގަންނަވާ ތަނެވެ. އެ ބޭފުޅަކު މަޑު މަޑުން ވަޑައިގެން އަޅުގަނޑާ އަރައި ހަމަ ވެފައި އަޅުގަނޑާވެސް ސަލާން ކޮށްލައްވާފައި، ހާލުއަހުވާލު އޮޅުން ފިލުއްވައި ހެއްދެވިއެވެ. ހިތްޕުޅު ހެޔޮކަމާ އެކީގައެވެ. އޭގެ ކުރިން ދުވަހަކުވެސް އަޅުގަނޑާ ވާހަކަފުޅު ނުދައްކަވާ ކަމީ އެހެން ކަމެއް ނޫންތޯއެވެ؟ އަޅުގަނޑުވެސް ވަރަށް އަދަބުވެރިކަމާއެކު ކޮޅަށް ތެދުވެ، ރަނގަޅޭ ދެންނެވީމެވެ. ދެން އެ ބޭފުޅަކު ވަޑައިގެންނެވީ އެއްކަލަ އިންޑިއާ މީހުންނާ ދިމާއަށެވެ. ވަޑައިގެން އޭގެ ތެރެއިން އެކަކާ ސަލާން ކޮށްލައްވާފައި ހާލުގެ ވާހަކައިން ސުވާލު ކުރެއްވީމާ އޭނާ ޖަވާބު އެރުވި ގޮތުން އެއީ ދިވެހިން ނޫންކަން އެނގިވަޑައިގަތީމާ ޗޮކެއް ކަނޑުއްވާފައި ވިދާޅުވިއެވެ.

 "ހޫނ- މިއީ ދިވެހިންނެއް ނޫން ދޯ-؟"

މިހެން ވިދާޅު ވެފައި ބާކީ ތިބި މީހުންނާ ސަލާން ނުކުރައްވައި ވަޑައިގަތީއެވެ.

   

    * * *

   

އެރޭގެ ވަގުތެއްގައި ރަށުގެ ނުފޫޒު ހުރި ބައެއް މީސް މީހުންނާ އެ ބޭފުޅަކު ބައްދަލު ކުރެއްވިއެވެ. ނުފޫޒޭ މި ދެންނެވީ އެތައް މާނައެއް ހިމަނައިގެންނެވެ. ނުލަފާ ކަމުން މީހުން އެ މީހަކު ދެކެ ބިރު ގަންނަ މީހުންނަކީވެސް ނުފޫޒު ހުރި މީހުން ކަމަށް ބަލައިގެންނެވެ.

 އެރޭގެ ވާހަކަފުޅުގައި އަޅުގަނޑު ވަރަށް އުފާ ކުރި ވާހަކައެއް އޭނާ ވިދާޅުވިއެވެ. ޚުލާޞާ ކޮށްލާފައި އެ ވާހަކަތައް ދަންނަވައިލާނަމެވެ.

"ކޮންމެ ޤައުމެއްގައި ވެސް ޙަޤީޤީ ވެރިންނަކީ ރައްޔިތުންނެވެ. ރައްޔިތުން ބޭނުން ނުވާ ގޮތަކަށް ޤައުމުގެ އެއްވެސް ކަމެއް، އެއްވެސް މީހަކު ކޮށްގެން ނުވާނެ އެވެ. މި ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކައިލާނޭ ފުރުޞަތު ލިބުނީމާ ވަރަށް ބޮޑަށް އުފާ ވެއްޖެ އެވެ. މި ރަށުގެ ރައްޔިތުންނަކީ ވަރަށް ހޭލުންތެރި، ތަޢުލީމީ ބައެކެވެ. ބޭނުންވާ ގޮތް ރަނގަޅަށް ހާމަ ކުރަން ދަންނަ، ވިސްނުންތެރި ބައެކެވެ. އެހެންވީމާ މި ރަށުގެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބުމަކީ އުފާ ކުރަން ޖެހޭނޭ ކަމެކެވެ."

މި ނޫނަސް އެތައް ވާހަކައެއް އެ ބޭފުޅަކު ދެއްކެވިއެވެ. އެކަމަކު އަޅުގަނޑަށް އެންމެ ފާހަގަ ކުރެވުނު ވާހަކައަކީ މިއީއެވެ.

   

    * * *

   

އެ ބޭފުޅަކު ވަރަށް ފަސޭހައިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރައްވައިފިއެވެ. އޭގެ ފަހުންވެސް ތަމްސީލު ކުރައްވާ އަތޮޅުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވައެވެ. ގިނައިން މާލޭގައެވެ. އެއް ދުވަހަކު އެއްކަލަ ރަށުގެ ބަޔަކާ ދިމާވެގެން ދެއްކެވި ވާހަކަފުޅެއް އަނެއްކާވެސް ޚުލާޞާ ކޮށްލާނަމެވެ.

"އަހަރެމެން މަޖިލީހުގައި މި މަސައްކަތް ކުރަނީ ރައްޔިތުންގެ ޙައްޤުގަ އެވެ. ރައްޔިތުންނަށް މޮޅު ގޮތް ގޮތް ހޯދައިދޭން ވެގެންނެވެ. ކަލޭމެންގެ ތާއީދު އަބަދުވެސް އަހަރެމެން ބޭނުން ވެއެވެ. ރަށުގެ ރައްޔިތުންނަކީ ބަންދު މާޙަވްލެއްގައި އުޅެފައިވާ ބަޔަކަށް ވާތީ ސިޔާސީ މަސްރަޙް އޮންނަ ގޮތާއި، ޢާއްމުކޮށް އެންމެންނަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައި ކަމެއް އެންމެންނަކަށް ނޭނގެއެވެ. އަހަރެމެން މަޖިލީހުގައި ކުރާ ކަމެއް ކުރަނީ ރައްޔިތުންގެ ފައިދާއަށްޓަކައެވެ. މިހާރު އަހަރެމެން މި މަސައްކަތް ކުރަނީ ރައްޔިތުން ހޭލުންތެރި ކުރުވާށެވެ."

   

    * * *

   

އަޅުގަނޑުމެން ރައްޔިތުންނަކީ ވަރަށް ނަސީބު ގަދަ ބަޔަކީމުއެވެ. އެކި ދުވަސްވަރު އެކި ފެންވަރުގައި އުޅުމުގެ ފުރުޞަތު ލިބުމަކީ ވަރަށް ބޮޑު ނަޞީބެއް ނޫންތޯއެވެ؟ ބައެއް ފަހަރަށް އަޅުގަނޑުމެންނަކީ ވަރަށް މޮޅު ބަޔަކަށް ވެއެވެ. އަނެއް ބައި ފަހަރަށް އަޅުގަނޑުމެންނަކަށް އެކައްޗެއްވެސް ނޭނގެއެވެ. ބައެއް ފަހަރަށް އަޅުގަނޑުމެން ވަރުގެ ހޭލުންތެރި، ވިސްނުން ރަނގަޅު ބަޔަކު މި ދުނިޔޭގެ އެއްވެސް ތަނެއްގައި އުޅޭ ކަމަކަށް ނުވެއެވެ. އަނެއް ބައި ފަހަރު އަޅުގަނޑުމެން ވަނީ ގަމާރުންނަށެވެ.

އަޅުގަނޑުމެން ރައްޔިތުންނަކީ ވަރަށް ނަސީބު ގަދަ ބަޔަކީމުއެވެ. އަޅުގަނޑުމެންގެ މަންދޫބުން ނުވަތަ ވަކީލުންނަކީ އަދި މާ ނަސީބު ގަދަ ބައެކެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ ފަދަ އާދައިގެ ހައިސިއްޔަތަކުން ވަރަށް މޮޅު ހައިސިއްޔަތަކަށް ހަމަ އެންމެ ދުވަހަކުން އެ ބޭފުޅުން ވަޑައިގަނެއެވެ. އެ ބޭފުޅުންގެ ހައިސިއްޔަތު ބަދަލު ކޮށް ދެނީ އަޅުގަނޑުމެންނެވެ. އޭގެ ބަދަލުގައި އެ ބޭފުޅުން ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑުމެންނަށްޓަކައި މަސައްކަތް ކޮށް ދެއްވައެވެ. އަޅުގަނޑުމެންނަށްޓަކައި އެ ބޭފުޅުން ކޮށް ދެއްވާ އެންމެ ބޮޑު ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެން އެ ބޭފުޅުންގެ ޙައިސިއްޔަތު ބަދަލުކޮށްދިން ފަދައިން، އަޅުގަނޑުމެންގެ ޙައިސިއްޔަތު ބަދަލުކޮށް ދެއްވުން ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.