ބޭރު ގައުމުތަކާ ގުޅުން އުފައްދާއިރު ރާއްޖޭގެ ގަދަރާއި ޝަރަފު ހިފެހެއްޓުމަކީ މުހިއްމު ކަމެއް: ރައީސް

ފޮޓޯ: ރައީސް އޮފީސް

ތަރައްގީގެ ކަންކަމުގައި ބޭރު ގައުމުތަކާ ގުޅުން އުފައްދާއިރު ރާއްޖޭގެ ގަދަރާއި ޝަރަފު ހިފެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށާއި ރާއްޖޭގެ ކަންތައްތައް ބައްޓަންކުރާންވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދާ އެއްގޮތަށް ރައްޔިތުންނަށް ފައިދާ ހުރި ގޮތްތަކަށް ކަމަށެވެ. އެ މަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ މިއަދު ފެށި ދިވެހި ސަފީރުންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ރައީސް ވިދާޅުވިގޮތުގައި "ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ޙިމާޔަތްކޮށް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން" ކަމަށެވެ. އަދި އެހެން ގައުމުތަކާއެކު ގުޅުން އުފައްދައި ދަމަހައްޓާނީ އަމިއްލަ މިނިވަން ކަމާއި އަމިއްލަވަންތަކަމަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގނަޑު އަސާސަކީ އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ވުން ކަން ފާހަގަކުރެއްވިއެވެ. އަދި އަދުލުވެރިކަމާއި ހަމަޔާއި އިންސާފަށް އަޑު އުފުލުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިއްމު ރުކުން ކަމުގައެވެ. ހަމައެހެންމެ ބޭރު ދުނިޔޭގައި ރާއްޖޭގެ ހައިބަތު އުފުލައިދެނީ ރާއްޖެއިން ގެންގުޅޭ ހަރުދަނާ ޑިޕްލޮމެސީގެ ސަބަނުން ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަކީ ނިސްބަތުން ކުޑަ ޤައުމެއް ނަމަވެސް، ސާބިތުކަމާއެކު ގޮންޖެހުންތަކާ ކުރިމަތިލާ، ޢަޒުމް ވަރުގަދަ ޤައުމެއް. ޤައުމީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގައިވެސް ރާއްޖެއިން ވަކާލާތުކުރަނީ، ޤާނޫނުގެ ބާރު ނަގަހައްޓައި، ހަމަޔާއި އިންސާފު ދަމަހައްޓަން. ދިވެހިރާއްޖޭގެ ޑިޕްލޮމަސީގެ އަސާސްތަކަކީ މިއީ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހި ޤައުމުގެ ހައިބަތު އުފުލައިދެނީ، މި ދެންނެވި ހަރުދަނާ ޑިޕްލޮމަސީ. މި ޤައުމުގެ ދިފާޢަކީ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން. ތިޔަ ސަފީރުންނަކީ، ޑިޕްލޮމަސީ ހިންގަވަން ތިއްބެވި ފަހުލަވާނުން. ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހިކުރުމުގައި، ތިޔަބޭފުޅުންގެ ދައުރު ވަރަށް މުހިންމު." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުކަން ވެސް ފާހަގަކުރެއްވިއެވެ. "ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު މަތިވެ، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުވެއްޖެ. ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ދުނިޔެއަށް ހާމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް މި އަންނަނީ ކުރަމުން." ރައީސް ވިދާޅުވިއެވެ.

ނަމަވެސް މިހާރަށްވުރެ ހާލަތު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ގިނަކަން ފާހަގަކުރެއްވިއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.