ޢުމުރުން ދުވަސް ވުމަކީ ދުނިޔޭގައި ހުރުމުގެ ނަޞީބް ލިބިއްޖެ ހަމަ ކޮންމެ އިންސާނަކަށް ވެސް ކުރިމަތިލާން ޖެހޭނެކަމެކެވެ. ޢުމުރުން ދުވަސްވީ މީހުން ނުވަތަ މުޖުތަމަޢުގެ އިސް ރަށްވެހިންނަކީ މުޅި މުޖުމަތަޢުގެ ލޯތްބާއި އަޅާލުން ލިބެންޖެހޭނެ ބައެކެވެ. ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވާއިރު އަޅުގަނޑުމެންގެ ކިބައިގައި މިސިފަ ކޮންމެހެން ހުންނަންޖެހެއެވެ. ނަމަވެސް ހިތާމައާއެކު ޤަބޫލު ކުރަންޖެހޭ ހަޤީގަތަކީ އަޅުގަނޑުމެންގެ މި މުޖުތަމަޢުގައިވެސް ތަފާތު އަނިޔާ ލިބެމުންދާ އިސްރަށްވެހިން އުޅެމުންދާކަމެވެ. އެއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދިރިއުޅޭ ކޮންމެވެސް އަޚެއް ނުވަތަ އުޚުތެއްގެ މަންމަ ނުވަތަ ބައްޕައެވެ. ނުވަތަ ކާފާ ނުވަތަ މާމާއެވެ. ނުވަތަ ތިމާގެ ކޮންމެވެސް މީހެކެވެ.
އުމުރުން ދުވަސް ވީމީހުންނަށް ލިބޭ އަނިޔާ
ރާއްޖޭގައިވެސް ޢުމުރުން ދުވަސްވީ މީހުނަށް ތަފާތު އަނިޔާތައް ލިބެމުން އަންނަކަނަށް ދޭތެރެދޭތެއިން ޚަބަރުތަކުގެ ސުރުޙީތަކުން އިވިގެންދެއެވެ. ޢުމުރުން ދުވަސް ވީމީހުންނަށް ލިބޭ އަނިޔާތަކުގެ ތެރޭގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުނަނާއި އިހުމާލު ވުމުގެ ސަބަބުން ލިބޭ އަނިޔާތައް ހިމެނެއެވެ. އަދި މާލީ ނުވަތަ އިޤްތިޞާދީ ގޮތުން ލިބޭ އަނިޔާތައް ވެސް ހިމެނެއެވެ.
ޢުމުރުން ދުވަސް ވީމީހުންނަށް ކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައިން ހުށަހެޅެނީ އިހްމާލުވުމުގެ މައްސަލަތައްކަމަށް ކަމާބެހޭ މުއައްސަސާތަކުން ފާހަގަކުރައްވައެވެ. އިހުމާލު ވުމުގެ މައްސަލަތަކުގެ ތެރޭގައި އާއިލާގެ ތެރެއިންނާއި މުޖުތަމަޢުގެ ތެރެއިންވެސް ވެވޭ އިހްމާލްތައް ހުރިކަން ޖެންޑަރ މިނިސްޓްރީން ވަނީ ފާހަގަ ކުރައްވައިފައެވެ.
ޢުމުރުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން އަޅާލުމާއި އޯގާތެރިކަން ބޭނުންވާ މީހުންގެ މައްސަލަތަކުގެ ގޮތުގައި 2017 އިން ފެށިގެން މިއަހަރު މިހާތަނަށް 236 މައްސަލަ ވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅިފައެވެ.
ދާންމަތިވެފައިވާ ބަލީމީހުންގެ ގޮތުގައި އާއިލާއިން ބަލަހައްޓަމުންގެންދާ 65 އަހައަރުން މަތީގެ 55 މީހުނަށް ގޭގައި ބައިތިއްބައިގެން ޚާއްޞަ ފަރުވާ ދެމުން ދާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ. އެއީ މާލޭގައި 42 މީހުން އަދި ހުޅުމާލޭގައި 13 މީހެކެވެ.
ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އިހްމާލު ވެފައިވާ މައްސަލަތަކަށް ބަލާއިރު ދާންމަތިވެފައިވާ ފަރާތްތަކާމެދު އިޙްމާލުވާ މައްސަލަ ގިނަކަން ފާހަގަ ކުރެވޭކަމުގައެވެ. 2014 ވަނަ އަހަރުގެ އޮކްޓޫބަރ 14 ވަނަ ދުވަހުން ފެށިގެން ޚާއްޞަ ނިޒާމެއްގެ ދަށުން އެފަދަ ބަލި މީހުންނަށް ފަރުވާދީ މޮނިޓަރ ކުރަމުންދާކަން ޖެންޑަރ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
ޢުމުރުން ދުވަސްވީ މީހުން ބަލަހައްޓަން ހަވާލުކޮށްފައިވާ ބައެއް ފަރާތްތަކުގެ އިހްމާލުންވެސް ތަފާތު ނޭދެވޭ ކަންކަން ދިމާވާކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަކުރައްވައިފައެވެ.
ޑައިލެސިސް ފަދަ ޚާއްޞަ ޞިއްޙީ ފަރުވާ ދޭންޖެހޭ ޢުމުރުން ދުވަސްވީ މީހުންގެ ފަރުވާގެ ކަންކަންވެސް އާއިލާގެ ފަރާތުން އިހުމާލުވުމުން ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ފުލުހުންނަށް ކުރަންޖެހޭކަމަށްވެސް އެމުއައްސަސާއިން ފާހަގަކުރެއްވިއެވެ. ޢުމުރުން ދުވަސް ވީމީހުންގެ ކަންކަމަކީ މުޢައްސަސާތަކުން ކުރަންޖެހޭ ކަންކަމުގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކޭކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ. "އާއިލާގެ ކޮންމެވެސް އެއްފަރާތަކުން ޒިންމާ އުފުލައިގެން އުޅޭ ޙާލަތްތަކުގައިވެސް، އާއިލާގައި ދެން ތިބޭ އެހެން މީހުންގެ ފަރާތުން އެހީތެރިކަމާއި އެއްބާރު ނުލިބޭ، ބަލަހަށްޓާފަރާތަށް ބުރަ ބޮޑުވުމުން ވެސް އިޙުމާލުވުމުގެ މައްސަލަ ކުރިމަތިވޭ" ފުލުސް އޮފިސަރ މުޙައްމަދު ޝަރީފު ވިދާޅުވިއެވެ.
ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި 2017 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ދޮށީ ޢުމުރުގެ 35 މީހުން ބަލަހަށްޓަމުން ގެންދެއެވެ. އޭގެތެރޭގައި ހިމެނެނީ ޚާއްޞަ އެހީއަށް ބޭނުންވާ 33 މީހުންނާއި ސިނކުޑީގެ އުނިކަން ހުންނަ ދެ މީހުންނެވެ. މަރުކަޒުގައި ބަލަހަށްޓާ މީހުންގެ ތެރެއިން ގިނައީ ފިރިހެނުންނެވެ. އެމަރުކަޒުގައި މިހާރު ބަލަހަށްޓަމުންގެންދާ މީހުންގެ ތެރޭގައި ހިމެނެނީ 27 ފިރިހެނުންނާ 8 އަންހެނުންނެވެ.
ގުރައިދޫގައި ހުންނަ މަރުކަޒުގައި ދައުލަތުގެ ފަރާތުން ބަލަހަށްޓަމުންދާ މީހުންގެ އާއިލާތަކުން އެމީހުންގެ ޙާލުބާލާ ނުހަދާ ކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ. އެމަރުކަޒަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް އެކަމުގެ ޝަކުވާ ކެނޑި ނޭޅި އެމީހުންދަނީ އުފުލަމުންނެވެ.
ގައި ބާރުދޫވެ އަޅާލުން ބޭނުންވެ އެތަނުގައި މިހާރު ތިބެންޖެހިފައިވާ މީހުންނަކީވެސް، އެމީހުންގެ ޒުވާން ކަމުގެ ހަކަތަ ދަރިންނަށްޓަކައި ހޭދަކޮށްފައިވާ މަންމަ ނުވަތަ ބައްޕައެކެވެ. އެމީހުންނަށް ދަރިންގެ ލޯތްބާއި އަޅާލުން އެންމެ ބޭނުންވި ދުވަހު އެ މަންމަ ނުވަތަ ބައްޕަ ގެއިން ބޭރުކޮށްލުމަކީ ދައްކަން ލަދުވެތި ވާހަކަ ތަކެކެވެ.
މާލީ އިނާޔަތް ވެސް ނާޖާއިޒު ގޮތުގައި ބޭނުންކުރުން
ޢުމުރުން ދުވަސްވީ މީހުންނަށް ލިބޭ މާލީ އިނާޔަތް ނާޖާއިޒްގޮތުގައި ބޭނުން ކުރަމުންދާކަމުގެ މައްސަލަތައްވެސް ކަމާބެހޭ ދާއިރާތަކަށް ދަނީ ހުށަހެޅެމުންނެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރ ޝިފާނާ ވިދާޅުވީ ޢުމުރުން ދުވަސް ވީމީހުންނަށް ލިބޭ މާލީ އިނާޔަތަކީ އެފަދަ މީހުން ބަލަހަށްޓާ މީހުންނަށް ލިބެންޖެހޭ އެއްޗެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ދެކެމުންދާކަމުގައެވެ. މާލީ އިނާޔަތާ ހެދި އާއިލާގެ ތެރޭގައި އަރައިރުންވެ މަސްލަހަތު ގެއްލި ޢުމުރުން ދުވަސްވީ މީހުންނަށް އިތުރު ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހޭކަން ވެސް ޝިފާނާ ވިދާޅުވިއެވެ.
ޢާއިލާގެ ފަރާތުން ޢުމުރުން ދުވަސްވީ މީހާ ބަލަހައްޓާ ފަރާތްނޫން އެހެން ފަރާތްތަކަށް މާލީ އިނާޔަތުގެ މަންފާ ލިބޭކަން ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު ފާހަގަކުރެވޭ ކަމަށް ޕެނަލް ގައި ވާހަކަ ދެއްކެވި ފުލުސް އޮފިސަރ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ޢުމުރުން ދުވަސްވީ މީހުންނަށް ލިބޭ މާލީ އިނާޔަތް ދެވެނީ އެންމެ އެކަށީގެންވާ ފަރާތްތަކަށްތޯވެސް ދެނެގަންނަންޖެހޭކަމަށް ފުލުހުން ފާހަގަ ކުރެއްވިއެވެ. ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައިވެސް އިހްމާލު ވުމުގެ މައްސަލަތައް ކަންބޮޑުވާން ޖެހޭ މިންވަރަށް ފާހަގަކުރެވޭކަމަށް އެ މުއައްސަސާ އިން ފާހަގަކުރެއްވިއެވެ.
ރައްކާތެރިކަން ޤާނޫނަކުން ކަނޑައެޅުން
އެންމެ ފަހުގެ ބޯހިމެނުމުގެ ނަތިޖާ ދައްކާ ގޮތުން ޢުމުރުން 65 އަހަރުން މަތީގެ އާބާދީ އަކީ 16491 އެވެ. އެއީ ރާއްޖޭގެ އާބާދީގެ ފަސް އިންސައްތައެވެ. ޢުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ އާބާދީ އަކީ 18643 ކެވެ. މިއީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ދޮށީ ޢުމުރުގެ މީހުންގެ އާބާދީ އިތުރު ވަމުންދާނެ ކަމުގެ ހެއްކެވެ. މިހާރު ރާއްޖާގެ އާބާދީގައި އެންމެ ބޮޑު ހިއްސާ އޮތް ޒުވާނުންގެނިސްބަތް މީގެ 30 ނުވަތަ 40 އަހަރު ފަހުން ތިބޭނީ ދޮށީ ޢުމުރުގެ އާބާދީގެ ގޮތުގައެވެ. އެހެންކަމުން ދޮށީ ޢުމުރުގެ މީހުންނަށް ވަރަށް ހަރުދަނާ ސިޔާސަތު ތަކެއް މިހާރުއްސުރެ ކަނޑައެޅެން ޖެހެއެވެ. ނުނީ ދޮށީ ޢުމުރުގެ މީހުންނަށް ދިމާވާ މައްސަލަ ތަކަކީ ޤައުމީ ބޮޑެތި މައްސަލަތަކަކަށް ވެގެން ހިނގައި ދާނެއެވެ.
ދޮށީ ޢުމުރުގެ މީހުނާ ބެހޭ ވަކި ޙާއްޞަ ޤާނޫނެއް މިހާތަނަށް ރާއްޖޭގައި ނެތެވެ. ނަމަވެސް ވަރަށް އަވަހަށް އެފަދަ ޤާނޫނެއްގެ ރައްކާތެރިކަން ދޮށީ ޢުމުރުގެ މީހުންނަށް ލިބިގެންދާނެ ކަމުގެ އުފާވެރި ޚަބަރު އިސް ރައްވެހިންގެ ޖަމްޢިއްޔާ އިން ވަނީ ދެއްވައިފައެވެ. އެޖަމްޢިއްޔާގެ މެމްބަރ އަދި ކުރީގެ ޖެންޑަރ މިނިސް އަނީސާ އަޙުމަދު ވިދާޅުވީ މިހާރު ޑްރާފަޓް ކުރަމުން ގެންދާ ޤާނުގެ ބިލްގައި ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ހަރުދަނާ އޮޑިގަނޑެއް އެކުލަވާ ލެއްވޭނެކަމުގައެވެ. ޢުމުރުން ދުވަސްވީމީހުންގެ ތަޖްރިބާއި މަޝްވަރާ ކަންކަމުގައި ހޯދޭނެ ގޮތްތަކެއް ޤާނޫނުގެ ބިލްގައި ކަނޑައެޅިގެން ދާނެކަމަށް ވެސް އަނިސާ ފާހަގަ ކުރެއްވިއެވެ.
ޤާނޫނެއް ނެތްކަމުގައި ވިއަސް ދޮށީ އުމުރުގެ މީހުންނާ ބެހޭ ޤައުމީ ސިޔާސަތެއް ވަނީ ކަނޑައަޅުއްވައިފައެވެ. މިސިޔާސަތުގެ ދަށުން އެކްޝަން ޕްލޭނެއް އެކުލަވާލެއްވުމުގެ މަސައްކަތް ޖެންޑަރ މިނިސްޓްރީން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. މިއެކްޝަން ޕެލޭނަށް މިއަހަރު ތެރޭގައި ޢަމަލުކުރަންފެށޭނެކަމަށް ޖެންޑަރ މިނިސްޓ ސިދާތާ ޝަރީފު އުއްމީދުކުރައްވައެވެ. ޓައިމްލައިންތަކެއް ކަނޑައެޅި ވަރަށް ބާރަށް އެމަސައްކަތްތައް ކުރެވެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މަސައްކަތް ކުރަމުން މިދަނީ ސޯޝަލް ސާރވިސްގެ މަސައްކަތްތައްވެސް ބައްޓަންކުރުމުގައި ޢުމުރުން ދުވަސްވީމީހުންނާއި ނުކުޅެދުންތެރިކަން ހުރި މީހުންނަށް ވީހާވެސް އަވަހަށް، ސީދާ ޚިދުމަތް ލިބޭނެގޮތަށް އަދި އެމީހުންގެ ޙާލަތު ޤަވާޢިދުން ބެލޭނެ ގޮތަށް އެކަން ކުރިއަށް ގެންދިއުމަށް" ޖެންޑަރ މިނިސްޓްރ ވިދާޅުވިއެވެ.
ފާހަގަކުރެއްވިކަންކަމުގެ ތެރެއިން ވަގުތުން ޙައްލުކުރެވެން ހުރިކަންކަ ހައްލުކުރެއްވޭތޯ މަސައްކަތްކުރައްވާނެކަމަށް ވިދާޅުވި
ދޮށީ ޢުމުރުގެ މީހުންގެ މައްސަލަތަކަކީ އެއްރެއަކުން އެއްދުވަހުން ހައްލުކުރެވޭނެ ކަމެއް ނޫންކަން ޖެންޑަރ މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ. އުމުރުން ދުވަސްވެ އަޅާލާނެ ފަރާތެއް ނެތިގެން ދައުލަތަކުގެ ރައްކާތެރިކަމަށް ނެގި ކަމުގައި ވިއަސް އާއިލީ ޒިންމާއެއް ނުކެނޑޭނެކަން ފާހަގަ ކުރައްވާ ޝިދާތާ ވިދާޅުވީ އެއީ ދީނީ ގޮތުންޝަރުޢީ ގޮތުންވެސް އެމީހުންގެ ބޮލުގައި އެޅިފައި އޮންނަ ޒިންމާއެކެވެ.
"އެކަން އަޅާލަންޖެހެނީ ކުރަންޖެހޭނީ ޤާނޫނަކުން ކަންކަން މަނާކޮށް އަދަބު ކަނޑައަޅައިފައިވާތީއެއްނުން. އަޅުގަނޑުމެންނަށް ޤާނޫނެއްގައި ނުލިޔެވޭނެ އަމިއްލަ މުސްކުޅި މައިންބަފައިންދެކެ، ޢާއިލާ މީހުންގެ ދެކެ ލޯބިވާންޖެހޭނެއެކޭ ނުވަތަ އަޅާލަންޖެހޭނެއޭ އޯގާތެރިވާން ޖެހޭނެއެކޭ، އެއި އެމީހަކު އަމިއްލައަށް އަމިއްލަ ނަފަސަށް ހަދާ ޤާނޫނެއްގެ ތެރެއިން ކުރެވޭނެކަމެއް. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގެ ތެރެއިން އެކަންކަން ބަދަލުވެގެންދާނެ" ސިދާތާގެ ކަންބޮޑުވުންތައް ހާމަކުރައްވަމުން ވިދާޅުވިއެވެ.
ޤާނޫނެއް ނެތްކަމުގައިވިއަސް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ޢުމުރުން ދުވަސްވީ މީހުންނަކީ ޚާއްޞަ ރައްކާތެރިކަމަކާއި އަޅާލުން ދޭންޖެހޭ ބައެއް ކަމުގައެވެ.
ޚާއްޞަ ޙާލަތެއްގައި ތިބި ބަޔަކަށްވާތީ އާޢިލާގެ ފަރާތުނާއި މުޖުތަމަޢުގެ ފަރާތުންނާއި އަދި ދައުލަތުގެ ފަރާތުންވެސް ޚާއްޞަ އަޅާލުމާއި ލޯބި ދޮށީ ޢުމުރުގެ މީހުންނަށް ލިބެންޖެހެއެވެ.