އިސްރަށްވެހިންނަކީ އަގު ބޮޑު ރައުސްމާލެއް!

Photo credit: hani-amir.com

 ޢުމުރުން ދުވަސް ވުމަކީ ނުވަތަ މުސްކުޅި ޙާލަތަކީ  ދުނިޔޭގައި ހުރި ކޮންމެ އިންސާނަކުމެ، ކުރިންމަތިލާން ޖެހޭނެ ހަޤީޤަތެކެވެ. މިއަދު އަޅުގަނޑުމެންގެ މާމެންނާއި ކާފަމެންނާއި މައިންބަފައިނަކީ އަޅުގަނޑުމެން ދުނިޔެއަށް އަމުގެ އަޞްލެވެ. އެބައިމީހުންނެތި އަޅުގަނޑުމެނެއް ނުތިބޭނެއެވެ. އެއީ ފިޠުރަޠުގެ އުޞޫލެވެ.

މިއަދު އަޅިގަނޑުމެންގެ ޤައުމުގެ އިސްރަށްވެހިންނަކީ ނުވަތަ ޢުމުރުން ދުވަސްވީ މީހުންނަކީ އިއްޔެ އަޅުގަނޑުމެންގެ ޤައުމު ހިންގެވި ޒުވާންޖީލެވެ. އެމީހުންގެ ހަކަތަ ހުސްކޮށް ފައި ވަނީ އަޅުގަނޑުމެންނަށްޓަކައި އެމީހުންގެ ދަރީންނާއި ދަރީންގެ ދަރީންނަށްޓަކައި މިޤައުމުގެ ކަންކަން ރަނގަޅު ކުރުމަށެވެ. މިޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށެވެ. ތަރައްޤީއާއި ކުރިއެރުން ހޯދައި ދިނުމަށެވެ. އެބައި މީހުން އެފަދަ ބުރަ މަސައްކަތެއް ނުކުރިނަމަ މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢަށް އާދެވިފައިވާ ހިސާބަށް ނާދެވުނީސް ކަންކަށަވަރެވެ. އަޅުގަނޑުމެންގެ އިޤްތިޞާދާއި މަސައްކަތް ތެރިކަން ކުރިއަރައި ނުދިޔައީހެވެ. އެބައެއްގެ ހުރިހާ ވަގުތެއް އަޅުގަޑުމެނަށް ވަނީ ޤުރުބާންކޮށްފައެވެ. ޢުމުރުގެ ސަބަބުން އެބައި މީހުން ކުރަމުންދިޔަ މަސައްކަތަކުން ވަނީ މުސްކުޅި ކުރެވިފައެވެ. ފަސް ހާސް ރުފިޔާ ދީފައި ގޭގައި ބޭއްތިބުމަކުން އެމީހުންގެ އަގު ވަޒަން ކުރެވުނީ ކަމަކަށް ނުވާނެއެވެ. އެމީހުންގެ ބޭނުން ހެޔޮ ގޮތުގައި އަޅުގަނޑުމެން ހިފަންޖެހެއެވެ. އެއީ އަޅުގަނޑުމެންނަށް ލިބިފައިވާ އަގުބޮޑު ރައުސްމާލެކެވެ.

އެބައެއްގެ ބޭނުން ހެޔޮގޮތުގައި ހިފިދާނެ އެތައް ބަޔަކު ވަނީ ބާކީ ކުރެވިފައި!

ޢުމުރުން ދުވަސްވީ ކޮންމެ މީހަކީ ބަލިކަށި ހިރިނުލެވިފައި ތިބި ބައެއް ނޫނެވެ. ޢުމުރުން ދުވަސްވުމުން މީހާގެ ހަށިގަނޑުގެ ބާރުދެރަވެ ޒުވާނުންނާ އެއްވަރަށް އެމީހުންގެ ހަކަތަ ނުހުރެދާނެއެވެ. ޢުމުރުން ދުވަސް ވުމަކީ އެމީހުން ބާކީ ވާން ޖެހޭ ސަބަބެއް ވެސް ނޫނެވެ. ޤާނޫނީ ގޮތުން އެމީހުން މަސައްކަތުން އެކަހެރިކުރަން ނުވަތަ ރިޓަޔަރ ކުރުމަކީ އެމީހުންނަށް ލިބިފައިވާ ޢިލްމާއި ހުނަރާއި ތަޖުރިބާ މުސްކުޅިވެ ބޭނުން ނުކުރެވޭ ޙާލަތަށް ދިޔައީ ކަމަށް ބެލުމަކީ ވަރަށް ބޮޑު ގޯހެކެވެ.

މަސައްކަތުން މުސްކުޅި ކޮށްފައިވާ މީހުންގެ ތެރޭގައި އެބައެއްގެ މަޢުލޫމާތާއި ޖަރުބާ އަޅުގަނޑުމެންގެ ޤައުމު ބިނާ ކުރުމުގެ ކަންކަމުގައިވެސް ބޭނުން ކުރެވިދާނެ އެތައް ބަޔަކު އެބަ ތިއްބެވެ. ޢުމުރުން ދުވަސް ވީ މީހުންނަކީ ގިނަދުވަހު ދުނިޔޭގައި އުޅެ ގިނަ ތަޖްރިބާ ތަކެއް ލިބިފައިވާ ބައެކެވެ. އެފަދަ އެތައް މުދައްރިސުންނާއި ޞިއްޙީ ޚީދުމަތްތެރިންނާއި ފަންނުވެރި މަސައްކަތްތެރިންނާއި ޤާނޫނީ އަދި ސިޔާސީ ތަޖްރިބާކާރުން، އެހެން ގޮތަކަށް ދަންނަވާނަމަ އެކްސްޕާރޓް އަޅުގަނޑުމެންގެ ޤައުމުގައި އެބަ ތިއްބެވެ. އެމީހުންގެ ތަޖްރިބާއާއި ޢިލްމުގެ ބޭނުން އަޅުގަނޑުމެން ހިފަންއެބަ ޖެހެއެވެ.

އިސް ރައްވެހިން ބާކީ ނުކުރައްވައި އެބައި މީހުންނަށް އަޅާލައި އެބައި މީހުންގެ ބޭނުން ހިފުމަށް އިސްރައްވެރހިންގެ ޖަމްޢިއްޔާގެ ރައީސް ކުރީގެ ވަޒީރު އަދި ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުޞައިން ވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ އިސްރަށްވެރިހިންގެ ޖަމްޢިއްޔާއެއް އުފެއްދެވުމުގެ ބޭނުމަކީ ވެސް އިސްރަށްވެހިން ގެއްލިގެންދިޔަ ނުދީ އެއްތަން ކުރެއްވުން ކަމަށެވެ. ނަމަވެސް ޖަމްޢިއްޔާގެ ކަންކަން ހިންގުމުގައި މާލީ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަ ކުރެއްވިއެވެ. އެޖަމްޢިއްޔާއިން، ޢުމުރުން ދުވަސްވީ މީހުންނަށް އެއްތަންވެވި އެމީހުންގެ ޚިޔާލު ބަދަލުކޮށް ހަދާލެވޭނެ ފަދަ ރެކްރިއޭޝަން ޙަރަކާތްތަކެއް ފެށުމަށް މަސައްކަތް ކުރެވި ނަމަވެސް އެކަމަށް ބޭނުންވާ ވަޞީލަތްތަކާއި މާލީ އެހީތެރިކަން ލިބިފައި ނުވާތީ އެކަން ވަނީ މަޑުޖެހިފައެވެ.

" އަޅުގަނޑަކީ ވަރަށް މީހުންނާ ގުޅިގެން އުޅޭ ކޮންމެ މީހަކާވެސް ހޮޅުއަށިތަކުގައިވެސް ވާހަކަ ދެކެވޭ މީހެއް. އެހެންނަމަވެސް އެކި މީހުންގެ މިޒާޖާ ކަންކަން ތަފާތުވާނެ. އެގޮތަށް އުޅުމަކީ ބައެއް މީހުންގެ މިޒާޖުގައިނެތް ކުރަން އުދަނގޫ ކަންކަމަށްވެދާނެ. އަޅުގަނޑުމެންގެ ތެރޭގައި، ނުހަނު ހުނަރުވެރި މީހުން ރިޓެޔަރކުރުމަށްފަހު ދެން ނުވެއްފެނޭ، އެހިސާބުންގެއްލެނީ. އެހެންނުވެ ވާނެ ގޮތެއް ވޭތޯ، އަޅުގަނޑުމެން މިސައްކަތް ކުރަނީ. ސިފައިންގެ ތެރޭގައި ވަރަށް ރަނގަޅު އުޞޫލެއް އޮވޭ، ރިޓެޔަރ ކުރުމަށްފަހުވެސް އެތަނުގެ ރެކްރިއޭޝަން ޙަރަކާތްތަކުގައި ބައިވެރިވެވޭ. އަޅުގަނޑުމެންވެސް އެބަ ބޭނުންވޭ އެފަދަ އިންތިޒާމެއް ހަމަޖެހެން." ޢަބްދުއްރަޝީދު ހުޞައިން ވިދާޅުވިއެވެ.

ޢުމުރުން ދުވަސް ވުމަކީ އަޅުގަނޑުމެންގެ އިސްރަށްވެހިންނަށް ދޭންޖެހޭ ލޯތްބާއި އިޙްތިރާމާއި އަޅާލުން ކުޑަކުރަން ޖެހޭ ކަމެއް ނޫނެވެ. އެފަދަ ގޮތަށްކަށް އެމީހުންނަށް އިޙްސާސްވިޔަ ދިނުމަކީ ވެސް އެމީހުންގެ ނަފްސާނީ ދުޅަޖެހެޔޮކަމަށްވެސް އެކަމުން ނޭދެވޭ އަސަރުކޮށްފާނެކަމެކެވެ. އެމީހުންނަކީ އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެން ބުނުމަކާ ނުލައި އެނގޭނެ ބައެކެވެ. އެއީ އެޢިލްމާއި ތަޖްރިބާ އެމީހުން އަޅުގަނޑުމެނަށްވުރެ ކުރިން ހޯދައި ލިބިގަނެފައި ވާތީއެވެ.

އިސްރައްވެހިންގެ ޖަމްޢިއްޔާގެ ނާއިބް ރައީސް އަދި އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް އަދި ކުރީގެ ވަޒީރު އަނީސާ އަޙްމަދު ވިދާޅުވީ ޢުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ވެސް، ވަރަށް ހުނަރުވެރި ފަންނުވެރި މަސައްކަތްތައް ކުރައްވައިފައިވާ ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. އެހެންކަމުން ޤައުމުގެ ތަރައްޤީއަށް ކުރެވެމުންދާ ކަންކަން ރާވައި ހިންގުމުގައި އެބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

 

ދޮށީޢުމުރުގެ މީހުންނަށް ކުރެވޭ އަނިޔާއާއި އިހްމާލު ހުއްޓުވަންޖެހޭ

ޢުމުރުން ދުވަސްވީ މީހުންނަށް ލިބޭ އަނިޔާތަކުގެ ތެރޭގައި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުނަނާއި އިހުމާލު ވުމުގެ ސަބަބުން ލިބޭ އަނިޔާތައް ހިމެނެއެވެ. އަދި މާލީ ނުވަތަ އިޤްތިޞާދީ ގޮތުން ލިބޭ އަނިޔާތައް ވެސް ހިމެނެއެވެ.

ޢުމުރުން ދުވަސް ވީމީހުންނަށް ކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައިން ހުށަހެޅެނީ އިހްމާލުވުމުގެ މައްސަލަތައްކަމަށް ކަމާބެހޭ މުއައްސަސާތަކުން ފާހަގަކުރައްވައެވެ. އިހުމާލު ވުމުގެ މައްސަލަތަކުގެ ތެރޭގައި އާއިލާގެ ތެރެއިންނާއި މުޖުތަމަޢުގެ ތެރެއިންވެސް ވެވޭ އިހްމާލްތައް ހުރިކަން ފާހަގަ ކުރެވެއެވެ. ޢުމުރުން 65 އަހަރުން މަތީގެ މީހުންގެ ތެރެއިން އަޅާލުމާއި އޯގާތެރިކަން ބޭނުންވާ މީހުންގެ މައްސަލަތަކުގެ ގޮތުގައި 2017 އިން ފެށިގެން މިދިޔަ އަހަރުގެ މެދެއްހާ ހިސާބަށް 236 މައްސަލަ ވަނީ ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅިފައެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އިހްމާލު ވެފައިވާ މައްސަލަތަކަށް ބަލާއިރު ދާންމަތިވެފައިވާ ފަރާތްތަކާމެދު އިޙްމާލުވާ މައްސަލަ ގިނަކަން ފާހަގަ ކުރެވޭކަމުގައެވެ. 2014 ވަނަ އަހަރުން ފެށިގެން ޚާއްޞަ ނިޒާމެއްގެ ދަށުން އެފަދަ ބަލި މީހުންނަށް ފަރުވާދީ  މޮނިޓަރ ކުރަމުންދާކަން ޖެންޑަރ މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ޑައިލެސިސް ފަދަ ޚާއްޞަ ޞިއްޙީ ފަރުވާ ދޭންޖެހޭ ޢުމުރުން ދުވަސްވީ މީހުންގެ ފަރުވާގެ ކަންކަންވެސް އާއިލާގެ ފަރާތުން އިހުމާލުވުމުން ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ފުލުހުންނަށް ކުރަންޖެހޭކަމަށްވެސް އެމުއައްސަސާއިން ފާހަގަކުރެއްވިއެވެ. ޢުމުރުން ދުވަސް ވީމީހުންގެ ކަންކަމަކީ މުޢައްސަސާތަކުން ކުރަންޖެހޭ ކަންކަމުގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކޭކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.

"އާއިލާގެ ކޮންމެވެސް އެއްފަރާތަކުން ޒިންމާ އުފުލައިގެން އުޅޭ ޙާލަތްތަކުގައިވެސް، އާއިލާގައި ދެން ތިބޭ އެހެން މީހުންގެ ފަރާތުން އެހީތެރިކަމާއި އެއްބާރު ނުލިބޭ، ބަލަހަށްޓާފަރާތަށް ބުރަ ބޮޑުވުމުން ވެސް އިޙުމާލުވުމުގެ މައްސަލަ ކުރިމަތިވޭ" ޢުމުރުން ދުވަސްވީ މީހުންނަލިބޭ އަނިޔާތަކަށް ހޭލުންތެރިކުރުމަށް މިދިޔަ އަހަރު ބޭއްވި ފޯރަމެއްގައި ފުލުސް އޮފިސަރ މުޙައްމަދު ޝަރީފު ވިދާޅުވިއެވެ.

ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ދައުލަތުގެ ފަރާތުން ބަލަހަށްޓަމުންދާ މީހުންގެ އާއިލާތަކުން އެމީހުންގެ ޙާލުބާލާ ނުހަދާކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ. އެމަރުކަޒަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ވެސް އެކަމުގެ ޝަކުވާ ކެނޑި ނޭޅި އެމީހުންދަނީ އުފުލަމުންނެވެ.

ގައި ބާރުދޫވެ އަޅާލާނެ މީހަކު ނެތި ދައުލަތުގެ ބެލުމުގައި ތިބި މީހުންނަކީ އެމީހުންގެ ޒުވާން ކަމުގެ ހަކަތަ ދަރިންނަށްޓަކައި ޤުރުބާންކޮށްފައިވާ މަންމަ ނުވަތަ ބައްޕައެކެވެ. އެމީހުންނަށް ދަރިންގެ ލޯތްބާއި އަޅާލުން އެންމެ ބޭނުންވި ދުވަހު އެ މަންމަ ނުވަތަ ބައްޕަ ގެއިން ބޭރުކޮށްލުމަކީ މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ތިބެމެ ދައްކަން ލަދުވެތި ވާހަކަ ތަކެކެވެ.

 

ޢުމުރުން ދުވަސްވީ މީހުންނަށް ލިބެނީ އެކަށީގެންވާ މާލީ އިނާޔަތެއްތޯ؟

ޢުމުރުން ދުވަސް ވީ މީހުންނަށް ދެވޭ މާލީ އިނާޔަތަކީ އެންމެ އެކަށީގެންވާ އިނާޔަތްތޯއެވެ؟ މަހަކު ފަސް ހާސް ރުފިޔާ މާލީ އިނާޔަތުގެ ގޮތުގައި ލިބުމަކީ އެއްވެސް އާމްދަނީއެއް ނުލިބި ތިބި ބަޔަކަށް ވަރަށް ބޮޑު އެއްޗަކަށް ވެދާނެއެވެ. ނަމަވެސް ދައުލަތުގެ އިސްމަޤާމުތައް އަދާކުރުމަށްފަހު ޤާނޫނު ލާޒިމުކޮށް ވަޒީފާއިން މުސްކުޅި ކުރެވޭ މީހުންނަށް ވެސް ހަމައެކަނީ ފަސް ހާސް ރުފިޔާގެ އެލެވަންސެއް ދިނުން އެއީ އެންމެ ރަނގަޅު ގޮތްތޯއެވެ؟ ދައުލަތުގެ އިސްމަޤާމުތައް ފުރުއްވައިފައިވާ ބައެއް ފަރާތްތަކަށް މުސްކުޅި އެލަވަންސްދެނީ އެމީހުންނަށް ކުރިންސުރެ ލިބެމުން ދިޔަ ޕެންޝަނާއެކު ފަސް ހާސް ރުފިޔާކަމީ ފެންނަން އޮތް ޙަޤީޤަތެވެ. މިއީ އެބައެއް ޢުމުރުގެ ބޮޑުބައި ޤައުމަށްޓަކައި ހޭދަކުރުމުން އަޤުވަޒަން ކުރަންވީ ގޮތްބާއެވެ.

ޢުމުރުން ދުވަސްވީ މީހުންނަށް ލިބޭ މާލީ އިނާޔަތް ނާޖާއިޒްގޮތުގައި ބޭނުން ކުރަމުންދާކަމުގެ މައްސަލަތައްވެސް ކަމާބެހޭ ދާއިރާތަކަށް ދަނީ ހުށަހެޅެމުންނެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ މެމްބަރ ޝިފާނާ ވިދާޅުވެފައި ވަނީ ޢުމުރުން ދުވަސް ވީމީހުންނަށް ލިބޭ މާލީ އިނާޔަތަކީ އެފަދަ މީހުން ބަލަހަށްޓާ މީހުންނަށް ލިބެންޖެހޭ އެއްޗެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ދެކެމުންދާކަމަށެވެ. މާލީ އިނާޔަތާ ހެދި އާއިލާގެ ތެރޭގައި އަރައިރުންވެ މަސްލަހަތު ގެއްލި ޢުމުރުން ދުވަސްވީ މީހުންނަށް އިތުރު ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހޭކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޢާއިލާގެ ފަރާތުން ޢުމުރުން ދުވަސްވީ މީހާ ބަލަހައްޓާ ފަރާތްނޫން އެހެން ފަރާތްތަކަށް، މާލީ އިނާޔަތުގެ މަންފާ ލިބޭކަން ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު ފާހަގަކުރެވޭ ކަމަށް ފުލުހުންވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޢުމުރުން ދުވަސްވީ މީހުންނަށް ލިބޭ މާލީ އިނާޔަތް ދެވެނީ އެންމެ އެކަށީގެންވާ ފަރާތްތަކަށްތޯވެސް ދެނެގަންނަންޖެހެއެވެ.

 

ޢުމުރުން ދުވަސް ވިޔަސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެވިދާނެ!

ޢުމުރުން ދުވަސް ވިކަމުގައި ވިއަސް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެވިދާނެއެވެ. ނަމަވެސް މިކަން ކުރެވެނީ ޢުމުރުން ދުވަސް ވީމާ އެކަމުގައި އުޅެގެނެއް ނޫނެވެ. އެމީހެގެ ޢުމުރުގެ ފަހުބައިގައި ދުޅަހެޔޮ ޞިއްޙަތެއް ހޯދުމަށް މަސައްކަތް ކުރަންޖެހެނީ ޒުވާން ޢުމުރުގައެވެ. އެގޮތުން ދިރިއުޅުމުގެ އާދާކާދަތައް ޖެހޭނީ އެކަމަށް މަގުފަހިވާ ގޮތަށް ބައްޓަންކުރާށެވެ. ކަސްރަތުކޮށް ހެލި ފެލިވެ އުޅެން ޖެހެއެވެ.

މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ކޯވިޑްގެ ބަލިމަޑުކުގައިވެސް ބަލީގެ އެންމެ ނުރައްކާ ބޮޑު އެއް ބަޔަކީ ޢުމުރުން ދުވަސްވީ މީހުންނެވެ. އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ ޢުމުރުން ދުވަސް ވުމުގެ އިތުރުން ކޮންމެވެސް ތަފާތު އެހެން ބައްޔެއް ނުވަތަ ބަލިތަކެއް ތަޙައްމަލު ކުރަމުންދާ މީހުންނެވެ. އެހެން ކަމުން އެޙާލަތުގައި ކޯވިޑް ފަދަ ނުރައްކާތެރި ވައިރަހަކާ ޙަނގުރާމަ ކުރުމުގެ ބާރެއް އެބައި މީހުންގެ ދިފާއީ ނިޒާމުގައެއް ނުހުރެއެވެ. އެހެންކަމުން މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވެފައިވާ ގިނަ ދިވެހިންނަކީ ޢުމުރުން ދުވަސް ވީ މީހުންނެވެ. އަދި ހާލުބޮޑުވެ ވެންޓިލޭޓަރަށް ލާންޖެހޭ ހިސާބަށް ޙާލާތު ގޯސް ވަނީ ވެސް އެފަދަ މީހުންނެވެ. އެހެންކަމުން އެމީހުން ރައްކާތެރި ކޮށްދިނުމަކީ އެންމެންގެ ޒިންމާއެކެވެ.

ޢުމުރުން ދުވަސްވީ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ މަޑުލު މުޙައްމަދު ވަޙީދު ވިދާޅުވި ގޮތުގައި ކޯވިޑް ފަދަ ނުރައްކާތެރި ރޯގާއަކުން ރައްކާތެރި ވުމަށް ދަރިންގެ ބަސް އަހައިގެން ގޭގައި ތިބުމަކީ ޢުމުރުން ދުވަސްވީ މީހުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަމަ އެހެންމެ ކަސްރަތު ކުރުމަކީ ދުޅަހެޔޮ ޞިއްތެއްގައި ހުރުމަށް ކޮންމެހެން ބޭނުންތެރިކަމެއްކަމަށް ވަހީދު ފާހަގަ ކުރެއްވިއެވެ.

ގޭގައި ތިބި އަޅުގަނޑުމެންގެ މަންމަ ނުވަތަ މާމަ ނުވަތަ ބޮޑުބޭބެއާއި ބޮޑު ދައިތަ ނުވަތަ ޢުމުރުން ދުވަސްވީ އާއިލާގެ މެމްބަރުން ކޯވިޑުން ރައްކާތެރި ކުރުމުގައި ޒުވާނުންގެ ދައުރު ވަރަށް ބޮޑެވެ. ޒުވާނުންގެ ތެރެއިން ގިނަ މީހުންނަކީ ކޮވިޑް ޖެހި އޭގެ އަލާމާތެއް ނުފެނި ރަނގަޅުވާ މީހުންނެވެ. ޞިއްޙީ މާހިރުން ފާހަގަ ކުރައްވާ ގޮތުގައި ބަލިޖެހޭ މީހުންގެ ތެރެއިން އަލާމާތް ފެންނަނީ ފަންސާސް އިންސައްތަ މީހުންގެއެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން ޒުވާނުންނަށް ބަލި ޖެހި އެކަން ނޭނގި ތިބެ އާއިލާގައި ތިބި ދޮށީ ޢުމުރުގެ މީހުންނަށް ބަލި ޖައްސާ ބަޔަކަށް ވެގެން ނުވާނެއެވެ. ނޫންނަމަ އަޅުގަނޑުމެންގެ އާބާދީގައި އެންމެ މުހިންމު އެއްޖީލު ނެތި ހިނގައިދާނެކަމުގެ ބިރު އޮންނާނެއެވެ.

 

ދޮށީ ޢުމުރުގެ މީހުންނަށްބެހޭ ޤައުމީ ސިޔާސަތު ތަންފީޒު ކުރެވެނީ ކިހާވަރަކަށް!

 އެންމެ ފަހުގެ ބޯހިމެނުމުގެ ނަތިޖާ ދައްކާ ގޮތުން ޢުމުރުން 65 އަހަރުން މަތީގެ އާބާދީ އަކީ 16491 އެވެ. އެއީ ރާއްޖޭގެ އާބާދީގެ ފަސް އިންސައްތައެވެ. ޢުމުރުން 55 އަހަރާއި 65 އަހަރާ ދެމެދުގެ އާބާދީ އަކީ 18643 ކެވެ. މިއީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ދޮށީ ޢުމުރުގެ މީހުންގެ އާބާދީ އިތުރު ވަމުންދާނެ ކަމުގެ ހެއްކެވެ.

މިހާރު ރާއްޖާގެ އާބާދީގައި އެންމެ ބޮޑު ހިއްސާ އޮތް ޒުވާނުންގެނިސްބަތް މީގެ 30 ނުވަތަ 40 އަހަރު ފަހުން ތިބޭނީ ދޮށީ ޢުމުރުގެ އާބާދީގެ ގޮތުގައެވެ. އެހެންކަމުން ދޮށީ ޢުމުރުގެ މީހުންނަށް ވަރަށް ހަރުދަނާ ސިޔާސަތު ތަކެއް މިހާރުއްސުރެ ކަނޑައެޅެން ޖެހެއެވެ. ނުނީ ދޮށީ ޢުމުރުގެ މީހުންނަށް ދިމާވާ މައްސަލަ ތަކަކީ ޤައުމީ ބޮޑެތި މައްސަލަތަކަކަށް ވެގެން ހިނގައި ދާނެއެވެ.

ދޮށީ ޢުމުރުގެ މީހުންނާބެހޭ ޤައުމީ ޞިޔާސަތެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި އެކުލަލައި އިޢްލާން ކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކާ ޙަވަލާދެއްވައި މިސިޔާސަތުގައި ފާހަގަ ކޮށްފައި ވަނީ 2045 ވަނަ އަހަރު، އުމުރުން 45 އަހަރުން މަތީގެ އާބާދީ، އެއަށްވުރެ ދަށުގެ އުމުރުފުރާގެ އާބާދީއާ އަޅާބަލާއިރު އިތުރުވާނެކަމަށް ލަފާކޮށްފައި ވާކަމަށެވެ. އަދި ކުރިއަށް އޮތް 25 އަހަރުދުވަހުގެ ތެރޭގައި، އުމުރުން 65 އަހަރުން މަތީގެ އާބާދީ އިތުރުވެ 65 ހާހަށް އަރާނެކަމަށް ލަފާކޮށްފައި ވާކަމަށެވެ.  ފާއިތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ދޮށީ އުމުރުގެ މީހުންގެ އާބާދީ ހަލުއިމިނެއްގައި އިތުރުވަމުންދާކަންވެސް ވަނީ ފާހަގަކުރައްވައިފައެވެ.

ޤައުމުގެ އާބާދީއަށް އަންނަ މި ބަދަލާ ގުޅިގެން ދިވެހި މުޖުތަމަޢުވެސް ދަނީ އެ ބަދަލާ އެއްގޮތަށް ބައްޓަންވަމުންކަން އެސިޔާސަތުގައި ފާހަގަ ކުރެއެވެ. ދޮށީ އުމުރުގެ މީހުންނަކީ ޚާއްޞަ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ބަޔަކަށްވާހިނދު، ދޮށީ އުމުރުގެ މީހުންނާމެދު ނޭދެވޭ ނަޒަރަކުން މުޖުތަމަޢުން ދެކޭގޮތްވުމުގެ ސަބަބުން ނުވަތަ "އޭޖިޒަމް" ގެ ސަބަބުން، ދިވެހިރާއްޖޭގައިވެސް ދޮށީ އުމުރުގެ މީހުން މުޖުތަމަޢުން އެކަހެރިވަމުންދާކަން ވަނީ ފާހަގަކުރައްވައިފަވެ.

އިންސާނުން ދުނިޔޭގައި އުޅޭ އުމުރު ދިގުވުމާގުޅިގެން، އާބާދީއަށް އަންނަ ބަދަލާއެކު ގިނަ ފުރުސަތުތައް ފަހިވަމުންދިޔަނަމަވެސް، އިޖުތިމާޢީ ދާއިރާތަކާއި، އިޤްތިޞާދީ ދާއިރާތަކުން ގިނަ ގޮންޖެހުންތަކެއް ވަކިވަކި ފަރުދުންނާއި މުޖުތަމަޢަށް ކުރިމަތިވަމުންދާކަން ޤައުމީ ސިޔާސަތުގައި ފާހަގަ ކޮށްފައިވެއެވެ.

ޤައުމީ ސިޔާސަތުގެ ތަޞައްވުރަކީ، ދޮށީ އުމުރުގެ މީހުންނަށް ރައްކާތެރި، އަޅާލާ، އޯގާތެރި ވެށްޓެއް މުޖުތަމަޢުގައި ބިނާކުރުމާއި، ދޮށީ އުމުރުގެ މީހުންނަކީ މުޖުތަމަޢުގައި ބައިވެރިވާ ބަޔަކަށް ހެދުމެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއްގައި މިނިވަންކަމާއެކު ދިރިއުޅެވޭނެ ބަޔަކަށް ހެދުމެވެ. ހަމަ އެހެންމެ މަޤްޞަދުތަކުގެ ތެރޭގައި ދޮށީ އުމުރުގެ މީހުންނަށް އިޖުތިމާޢީގޮތުންނާއި، އިޤްތިޞާދީގޮތުން ދިމާވާ ގޮޖެހުންތައް ދެނެގަނެ ރައްކާތެރިކަން ހޯދައިދިނުން ހިމެނެއެވެ. މުޖުތަމަޢުގައި ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުމާއި، މުޖުތަމަޢުގައި ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުން ވެސް ހިމެނެއެވެ. ޢާއިލާގެ ތެރޭގައްޔާއި، މުޖުތަމަޢުގައި ޒިންމާދާރު މެންބަރުންގެގޮތުގައި ފާގަތި، އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތްތަކަށް މަގުތައް ތަނަވަސްކޮށްދިނުމަކީވެސް ޤައުމީ ސިޔާސަތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަންކަމެވެ. އެމަޤްޞަދުތައް ޙާޞިލްކުރުމަށް ޙައްޤުތަކަކާއި ލަނޑު ދަނޑިތަކެއްވެސް ކަނޑައަޅައިފައިވެއެވެ.

ދިވެހިރާއްޖޭގައި ދޮށީ އުމުރުގެ މީހުންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ރިޢާޔަތްކުރާނީ އެކަމަށްޓަކައި އެކުލަވާލައިފައިވާ  ޤައުމީ ސިޔާސަތުގައި ހިމެނޭ ކަންކަމަށް، ކަމަށް ޤައުމީ ސިޔާސަތުގައި ވެއެއެވެ. މިސިޔާސަތުތައް އެކުލަވާލައިފައި ވަނީ ޤާނޫނޫއަސާސީއާއި ބައިނަލް އަޤްވާމީ މުއާހަދާތަކަށް ރިޢާޔަތް ކޮށެވެ.

ޤާނޫނުއަސާސީގައި ބުނަނީ ދޮށީ ޢުމުރުގެ މީހުންނަކީ ހިމަޔާތް ލިބިގެންވާ ބައެއް ކަމަށެވެ. ނަމަވެސް އެ ހިމާޔާތާއި ރައްކާތެރި މަކަމަކީ ހަމައެކަނި ދެލިގަނޑުގައިލިޔެފައިވާ އެއްޗަކަށްނުވެ ތަންފީޒުކުރެވޭ އެއްޗަކަށް ވާންޖެހެއެވެ. 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.